
ދިރުވާލައިގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު މީހަކު ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
މިތަކެތި އަތުލައިގަނެފައިވަނީ މެއި މަހުގެ 30 ވަނަ ދުވަހު ސްރީލަންކަން އެއަރލައިންސްގެ UL115 އިން ރާއްޖެއައި ފަސިންޖަރެއްގެ ޢަމަލުތައްހުރިގޮތުން، އެތެރެހަށީގައި ރައްކާކޮށްގެން މަސްތުވާތަކެތި ގެނެސްފައިވާކަމާމެދު ކަސްޓަމްސް އޮފިސަރުންނަށް ޝައްކުވެގެން ބަލާ ފާސްކޮށް، އިތުރަށް ސްކޭންކުރުމުންނެވެ. މީނާގެ އެތެރެހަށިން 80 ބުލެޓް ނެގިފައިވާއިރު މިތަކެތިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައެވެ.
މި މައްސަލާގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންއާއިއެކު 852 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 1,062,444.00 (އެއް މިލިއަން ފަސްދޮޅަސް ދެހާސް ހަތަރުސަތޭކަ ސާޅީސް ހަތަރު) ރުފިޔާއަށް އަރައެވެ. މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ހަވާލުކުރެވިފައެވެ.
މިދިޔަ ޖަނަވަރީ މަހު ފަހުކޮޅު ކަސްޓަމްސްގައިވަނީ މަސްތުވާތެކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތައް ހަރުދަނާކޮށް އިތުރަށް ފުޅާކުރުމަށް ސްޕެޝަލް އޮޕަރޭޝަންސްގެ ޓެކްޓިކަލް ޓީމެއް ތައާރަފްކޮށް މާލެއާ ރީޖަނަލް ކަސްޓަމްސްތަކުގައި ހަރަކާތްތެރިވާން ފަށާފައެވެ.