
ސްޓެލްކޯގެ ޖެނެރަލް މެނޭޖަރުގެ މަޤާމަށް އަހްމަދު އަކްރަމް ހަމަޖައްސައިފިއެވެ.
އަކުރަމް އެކުންފުނީގެ ޖެނެރަލް މެނޭޖަރުކަމުގެ މަގާމަށް ހަމަޖައްސާފައިވަނީ އިންޓަރވިއުކޮށް އުސޫލުގެ ތެރެއިން ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އޭނާ ވަޒީފާއަށް ނިކުންނަވަން ފައްޓަވާފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.
އަކްރަމް އެ މަގާމަށް ހަމަޖައްސާފައިވާއިރު، އީސީގެ ކުރީގެ ރައީސް އަހުމަދު ޝަރީފް ވެސް ވަނީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމަށް ސަރުކާރުން އައްޔަން ކުރައްވާފައެވެ. ޝަރީފް އެ މަގާމަށް ހަމަޖައްސަވާފައިވަނީ، ޖޭޕީގެ ސްލޮޓްގައި އެމަގާމުގައި ހުންނެވި، ހަސަން މުޣުނީ އެމްޑީކަމުގެ މަގާމުން ވަކި ކުރައްވާ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށް ފަހުއެވެ.
2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ އަހަރުގެ ނިޔަލަށް އީސީގެ ނާއިބު ރައީސްކަމާއި ކޮމިޝަންގެ މެމްބަރުކަން އަކުރަމް ކުރައްވާފައިވާ އަކްރަމް އިލެކްޝަންސް ކޮމިޝަނުން އަމިއްލައަށް މަގާމުން އިސްތިއުފާ ދެއްވީ މަގާމުގައި ހުންނަވަނިކޮށް ކުރެވިގެންދިޔަ ތުހުމަތުތަކަކާއި ގުޅިގެންނެވެ.