ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯ މުވައްޒަފުންނަށް ހާއްސަކޮށްގެން ތަރައްގީކޮށްފައިވާ ދެ ޓަވަރުން މިހާތަނަށް ނުވިކި ހުރި އެޕާޓްމެންޓުތައް އެހެން މުވައްޒަފުންނަށް ދިނުމަށް ގުރުއަތުލުން ބާއްވައިފި އެވެ.
“ބްލޫ ރިޖް” ގެ ނަން ދީފައިވާ މި ދެ ޓަވަރުގައި އިމާރާތް ކޮށްފައިވަނީ އެއް ކޮޓަރި އާއި ދެކޮޓަރީގެ 360 އެޕާޓްމެންޓެވެ.
ސްޓެލްކޯއިން ބުނީ އެއް ކޮޓަރީގެ 17 އެޕާޓްމެންޓުގެ ގުރުއަތު ނަގާފައިވާ ކަމަށާއި އެ ކެޓަގަރީއަށް ޝަރުތު ހަމަވާ 75 މުވައްޒަފުން ތިބި ކަމަށެވެ. އަދި ދެކޮޓަރީ އާއި މެއިޑް ރޫމުގެ ނުވިކި ހުރީ 16 އެޕާޓްމެންޓު ކަމަށާއި އެތަންތަނަށް ޝަރުތު ހަމަވާ 235 މުވައްޒަފުން ތިބި ކަމަށެވެ.
ގުރުއަތުލުން ބޭއްވީ ޝަރުތު ހަމަވާ މުވައްޒަފުންގެ ލިސްޓެއް ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ފޮނުވުމަށް ފަހު ކަމަށާއި ޝަރުތު ހަމަވާ ހުރިހާ މުވައްޒަފުންނަށް ގުރު ނެގުމުގެ ފުރުސަތު ދެވިފައިވާނެ ކަމަށް ސްޓެލްކޯ އިން ބުނެފައި ވެއެވެ. އަދި ހާޒިރު ނުވެވުނު މުވައްޒަފުންނަށް އެހެން މުވައްޒަފުން ގުރު ނަގައިދީފައިވާ ކަމަށް ވެސް ބުންޏެވެ.
މި ހަފްލާގައި އެ މުވައްޒަފުންނަށް ލިބުނު ޔުނިޓު ވެސް ގުރު ނަގާފައިވާއިރު، ކޮންމެ ކެޓަގަރީއަކުން ވެސް އިތުރު 15 ސްޓާފެއްގެ ނަން ވެއިޓިންގ ލިސްޓްގެ ގޮތުގައި ނަގާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
މިރެއަކީ އެއްބަޔަކަށް އުފާވެރި ރެއެއް. އަނެއްބަޔަކަށް އުފާވެރިނުވިނަމަވެސް ހިތްހަމަޖެހުމެއް ލިބިގެންދާނެ ރެއެއް. އެ ހިތްހަމަ ޖެހުން ލިބެނީ ދެފުއްފެންނަ، އެއްވެސް އޮޅުވާލުމެއްނެތި އެންމެންގެ ކުރިމަތީގައި ގުރުއަތު ނެގިގެންދާތީ." ރޭ ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވި އެވެ.
ސްޓެލްކޯގެ “ބްލޫ ރިޖް”ގައި ހުންނަނީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) 288 އެޕާޓްމަންޓެވެ.