މޫސުމީ ނާޒުކުކަމަކީ ދިވެހިރާއްޖޭގެ ކުރިމަގު އެކަމެއްގެ މައްޗަށް ބިނާކުރެވޭނެކަމެއްނޫން: ރައީސް

މޫސުމީ ނާޒުކުކަމަކީ ދިވެހިރާއްޖޭގެ ކުރިމަގު އެކަމެއްގެ މައްޗަށް ބިނާކޮށް، ކަނޑައަޅާނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކަލުން ދިވެހިރާއްޖޭގެ ރަށްތަކާއި ރައްޔިތުން ސަލާމަތްކުރުމަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ އަޒުމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަކުރާރުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި އަޒުމް ތަކުރާރުކުރައްވާފައި ވަނީ، ޔުނައިޓެޑް ނޭޝަންސް ގްލޯބަލް ސެންޓަރ ފޯރ ކްލައިމެޓް މޮބިލިޓީ (ޖީ.ސީ.ސީ.އެމް)އިން، ތުރުކީވިލާތުގައި ކުރިއަށްގެންދިޔަ 'ސީ-ލެވެލް ރައިސް: މަލްޓި-ލެވެލް އެކްޝަން ފޯރ ކޯސްޓަލް ރެޒިލިއަންސް' ސެޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ސެޝަންގައި އެމަނިކުފާނު ވަނީ، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ތަރައްޤީއަށް އޮތް ވަގުތީ ގޮންޖެހުމެއްގެ އިތުރުން ދިވެހިރާއްޖޭގެ ދެމިއޮތުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ރަށްތަކަކީ ހަމައެކަނި ބިމެއް ނޫންކަމަށާއި، އެއީ ދިވެހިންގެ ގޯތިގެދޮރާއި، ތާރީޚާއި، އަމިއްލަވަންތަކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ބިމުން ކުޑަ މިންވަރެއް ގެއްލިގެން ދިޔުމަކީވެސް ރާއްޖޭގެ އިސްތިޤްލާލާއި، ތަރިކައާއި، މުސްތަޤްބަލަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއްކަމަށާއި، ދިވެހިން، ދިވެހީންގެ ރަށްތަކުގައި ދިރިއުޅުމުގެ ޙައްޤު ރައްކާތެރިކުރުމަކީ ޤައުމީ ފެންވަރެއްގައި އިސްކަމެއްދޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ޤުދުރަތީ ގޮތުން ރަށްތައް ހިމާޔަތްކޮށްދޭ ފަރުތަކާއި ކުޅިތައް ރައްކާތެރިކުރުމަށާއި، ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރަށު ފެންވަރުގައި ކުރެވޭ މިފަދަ މަސައްކަތްތަކަށް ބޭނުންވާ މަޢުލޫމާތާއި މާލީ އެހީތެރިކަން މުޖުތަމަޢުތަކަށް ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޤައުމީ ފެންވަރުގައި، ހުޅުމާލެއަކީ އުސްކޮށް ހިއްކާފައިވާ ރަށެއްކަމަށާއި އެއީ ދިވެހިރާއްޖޭގެ މޫސުމީ ސަލާމަތަށްޓަކައި ކުރެވިފައިވާ މުހިންމު ވުނަކުރުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ، ކާބަން މަދު އިކޯ-ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރަމުންދާ ރަސްމާލެއަކީ ކުރިމަގުގައި ކަނޑުގެ ލޮނުގަނޑު އުފުލޭނެކަމަށް ލަފާކުރާ މިންވަރަށްވުރެ އުސްކޮށް ހިއްކަމުންދާ ރަށެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި މަސައްކަތްތަކަކީ 2040 ވަނަ އަހަރު އަންނަންވާއިރަށް، މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން ޤައުމީ ތަރައްޤީގެ ތެރޭގައި ހިމަނައިގެން، ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވުރު ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. ކާރިސާތަކާ ގުޅިގެން ފިޔަވަޅު އެޅުމުގެ ބަދަލުގައި، މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމުގެ މަސައްކަތްތައް ތަރައްޤީގެ ޕްލޭންތަކުގެ ތެރޭގައި ހިމެނުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށް އެކުލަވާލާ ޕްލޭންތަކުގައި 'ކްލައިމެޓް މޮބިލިޓީ' ހިމެނުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެކަށީގެންވާ، ދެމެހެއްޓެނިވި އަދި ފަސޭހައިން ލިބޭނެ މާލީ އެހީތެރިކަމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށް ދެވޭ އެހީތެރިކަމަކީ ޚައިރާތެއްގެ ގޮތުގައި ދެވޭ އެއްޗެއްގެ ބަދަލުގައި އެއީ ހިލޭ އެހީގެ ގޮތުގައި ދެވޭ އެއްޗަކަށް ވާންޖެހޭނެކަން ފާހަގަކުރައްވައި، އެމަނިކުފާނު އެކަން ސިފަކުރެއްވީ އެއީ މޫސުމީ އިންސާފާއި ގުޅުންހުރި މައްސަލައެއްގެ ގޮތުގައެވެ.

ވާހަކަފުޅު ނިންމަވާލައްވަމުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، އަންނަން އޮތް ޖީލުތަކަށް، ކާބަފައިންގެ ބިމުގައި ދިރިއުޅެ، ދިރުޅުން ބިނާކޮށް، ކުރިއެރުން ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ރާއްޖޭގެ ރަށްތައް ހިމާޔަތްކުރުމަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ އަޒުމް ތަކުރާރުކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.