ސީރިޔާގެ 1 މިލިއަން ރެފިއުޖީން ގައުމަށް ފޮނުވާލުމުގެ މަޝްރޫއެއް ތުރުކީން ފަށަނީ

ސީރިޔާގެ ރެފިއުޖީނަށް ސީރިޔާގެ އުތުރުގައި ތުރުކީން ބިނާކޮށްފައިވާ ގެތަކެއް

ތުރުކީގައި ތިބި ސީރިޔާ ރެފިއުޖީންގެ ތެރޭން 1 މިލިއަން މީހުން އެމީހުންގެ ގައުމަށް އަނބުރާ ގެންދިއުމަށް މަގުފަހިކުރާ މަޝްރޫއެއް ފަށަން ތުރުކީން ނިންމަައިފިއެވެ. މިކަން ހާމަކުރައްވާފައި ވަނީ ތުރުކީގެ ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާންއެވެ.

ސީރިޔާގެ އިދްލިބްގައި ތުރުކީން ބިނާކުރި އާ ގެތަކެއް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ޓެލެކޮންފަރެންސް މެދުވެރިކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސު އެރްދޮޣާން ވިދާޅުވީ ރެފިއުޖީން އަނބުރާ އެމީހުންގެ ގައުމުގައި އާބާދުކުރުމުގެ މަޝްރޫއު ތުރުކީއާއި ބައިނަލްއަގުވާމީ އެންޖީއޯތަކުގެ އެހީގައި އެ މަޝްރޫއު ވަރަށް އަވަހަށް ހަގީގަތަކަށް ވާނެކަމުގައެވެ.

"އަހަރުމެން މިހާރު މި ރާވަނީ ތުރުކީ ސިފައިންނާ، ގުޅިފައީ އިއްތިހާދުގެ ސިފައިން ގުޅިގެން އުތުރު ސީރިޔާގައި ރައްކާތެރިކަން ކަށަވަރުކޮށްފައިވާ ސަރަހައްދަށް 1 މިލިއަން އަޚުންނާއި އުޚުތުން އަމިއްލަ އިޚްތިޔާރުގައި އެނބުރި ދާނެގޮތް ހަަދައިދޭނެ މަޝްރޫއެއް ފަށަން." އެރްދޮޣާން ވިދާޅުވިއެވެ.

ރައީސު އެރްދޮޣާން ފާހަގަކުރެއްވި ގޮތުގައި ސީރިޔާގެ ރެފިއުޖީން އެމީހުންގެ ގައުމުގައި އާބާދުކުރުމަށް 2016 ވަނަ އަހަރު ތުރުކީން ފެށި މަޝްރޫއުގެ ދަށުން 5 ލައްކަ ރެފިއުޖީން މިހާތަނަށް ގައުމަށް އެނބުރި ގޮސްފައިވާ ކަމުގައެވެ. އަދި 50 ހާސް އާއިލާއެއް 57 ހާސް ގޭގައި ދިރިއުޅެން ފަށާފައިވާ ކަމުގައެވެ.

ތުރުކީގައި މިވަގުތު ރަޖިސްޓަރީވެފައި ތިބި ސީރިޔާގެ 3.7 މިލިއަން ރެފިއުޖީންގެ ހަތަރުބައިކުޅަ އެއްބައިހާ މީހުން ގައުމަށް އަނބުރާ ގެންދިއުމުގެ މަޝްރޫއެއް ފަށްޓަވަން އެރްދޮޣާން ނިންމެވިއިރު، އަންނަ އަހަރުގެ ޖޫން މަހުގައި އެގައުމުގައި ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އަދި އާއްމު އިންތިޚާބުގެ ކުރިން އިދިކޮޅު ޕާޓީތަކުން ދަނީ އެރްދޮޣާންގެ ސަރުކާރުން ރެފިއުޖީންގެ މައްސަަލައިގައި ގެންގުޅޭ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ސީރިޔާގެ ރެފިއުޖީންގެ ގިނަ ބަޔަކު ހިތުން ރުހުމުން ގައުމަށް އެނބުރިދާން އެއްބަަސް އެއްބަސްކުރުވާނީ ކޮންގޮތަކަކަށް އަދި ނޭނގުނަސް މިފަދަ މަޝްރޫއެއް ވެގެންދާނީ ތުރުކީ މީހުންގެ ވޯޓު އެރްދޮޣާންއަށް އިތުރުވާނެ މަޝްރޫއެކެެވެ. ތުރުކީގެ ހޮސްޕިޓަލްތަކާއި، ސްކޫލްތަކުން ތުރުކީ މީހުންނާ ތަފާތުކުރުމެއް ނެތި ރެފިއުޖީންނަށް ޚިދުމަތް ދޭތީ އެތަންތަނުގައި ޚިދުމަތް ހޯދާ މީހުންގެ ކިޔު ދިގުވުމުގެ ޝަކުވާއަކީ މިހާރު ގިނަ ބަޔަކު ކުރާ ޝަކުވާއެކެވެ.

ސީރިޔާގެ އިތުރަށް އިރާގާއި އަފްޣާނިސްތާނުގެ ތުރުކީއަށް ގޮސްފައިވާ 6 މިލިއަނެއްހާ ރެފިއުޖީން އެގައުމުގައި ދިރިއުޅޭއިރު، އެމީހުންގެ ބޯހިޔާވަހިކަމަށާއި، ސިއްހި ފަރުވާއަށާއި، ތައުލީމަށް ފާއިތުވި 11 އަހަރުގެ ތެރޭގައި ތުރުކީ ސަރުކާރުން ވަނީ 100 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.