އިދްލިބުގައި ސީރިޔާ ސިފައިން ދިން ހަމަލާއެއްގައި ތުރުކީ ސިފައިންގެ 33 މީހުން މަރުވެއްޖެ

ތުރުކީ ސިފައިން އިދްލިބުގައި ހަރަކާތްތެރިވަނީ

ސީރިޔާ (ސޫރިޔާ) ގެ ހުޅަނގު އުތުރު ޕްރޮވިންސެއް ކަމުގައިވާ އިދްލިބުގައި ތުރުކީ ސިފައިންގެ މަރުކަޒަކަށް ސީރިޔާ ސަރުކާރުގެ ސިފައިން ހަމަލާދިނުމުގެ ސަބަބުން ތުރުކީ ސިފައިންގެ 33 މީހުން މަރުވެ 36 މީހުން ޒަޚަމްވެއްޖެއެވެ. މިކަން ހާމަކުރައްވާފައި ވަނީ ސީރިޔާއާއި އިންވެގެން އޮންނަ ތުރުކީގެ ހާތާއި ޕްރޮވިންސުގެ ގަވަރުނަރު ރަހްމީ ދޯޣާންއެވެ.

މިއީ އިދްލިބް ޕްރޮވިންސަށް ސިފައިން ފޮނުވަން ތުރުކީން ނިންމިފަހުން، ތުރުކީ ސިފައިންނަށް އަމާޒުކޮށް ދެވުނު އެންމެ ވަރުގަދަ ހަމަލާއެވެ. މި ހަމަލާގެ ސަބަބުން މަސްރަހު އިތުރަށް ގޯސްވެ ދެ ފަރާތުން ދޭ ހަމަލާތައް ވަރުގަދަވެގެން ދިއުމުގެ ބިރު މިހާރު ވަނީ އުފެދިފައެވެ.

"އެއްގަމާ ވައިގެ ސިފައިން ބައިވެރިވެގެން އަހަރުމެން މިދަނީ އަހަރުމެންނަށް އެނގޭ ހުރިހާ އަމާޒުފަތްގަނޑަކަށް ހަމަލާދެމުން. އަދި އަހަރުމެންގެ ދިދައަށް ހަމަލާދިން ފަރާތްތަކާ މެދު ފިޔަވަޅު އަޅައި ނިމެންދެން އަހަރުމެންގެ ހަމަލާތައް ކުރިއަށް ގެންދާނަން." މި ހަމަލާއާ ގުޅިގެން އަނަޑޯލޫ ނިއުސް އެޖެންސީއަށް މައުލޫމާތުދެއްވަމުން ތުރުކީގެ ރައީސު އޮފީހުގެ ޑިރެކްޓަރ އޮފް ކޮމިޔުނިކޭޝަންސް ފަޚްރުއްދީން އަލްތުން ވިދާޅުވިއެވެ.

ތުރުކީ ސިފައިން ވަނީ އިދްލިބުގައި ހުރި ސީރިޔާ ސިފައިންގެ މަރުކަޒުތަކަށް ބޮޑުބަޑިން ހަމަލާ ދިނުމުގެ އިތުރަށް، ހަމާ، ނުބްލް އަދި ޒަހްރާގެ ބައެއް ތަންތަނަށް މިސައިލް ހަމަލާދީފައެވެ. އަދި ރަޝިޔާ ސިފައިން މަރުކަޒުކުރެވިފައިވާ ލަޠާކިޔާއަށް ވެސް މިސައިލުން ހަމަލާދީފައެވެ.  

އިދްލިބުގައި ދެވުނު ހަމަލާއަށް ފަހު ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާން ވަނީ ސަރުކާރުގެ އިސްވެރިންގެ ކުއްލި ބައްދަލުވުމުއް ރޭގެ ވަގުތެއްގައި ވެރިރަށް އަންކަރާގައި ބާއްވަވާފައެވެ. މި ބައްދަލުވުމުގައި ސަރުކާރުގެ ހުރިހާ ވަޒީރުންނާއި، ނޭޝަނަލް އިންޓެލިޖެންސް އޯގަނައިޒޭޝަން (އެމްއައިޓީ) ގެ ވެރިޔާ ހާކާން ފިދާން ބައިވެރިވެ ވަޑައިގަތެވެ. މި ބައްދަލުވުން ހަ ގަޑިއިރަށް ދެމިގެން ދިޔަ ކަމަށް ވެއެވެ.

ތުރުކީން ދިން ހަމަލާތަކަށް ފަހު ސިފައިންގެ ޑިރެކްރެޓް އޮފް ކޮމިޔުނިކޭޝަންސް އިން ނެރުނު ބަޔާނެއްގައި ވާގޮތުން، މި ހަމަލާތަކުގައި ސީރިޔާ ސަރުކާރު ސިފައިންގެ 1709 މީހުންގެ ހަތިޔާރު އަތުލައި، 55 ޓޭންކާއި، 3 ހެލިކޮޕްޓަރާއި، 39 އަސްކަރީ އުޅަނދު ވަނީ ހަލާކުކޮށްލެވިފައެވެ.

ރަޝިޔާ ސިފައިންގެ ވައިގެ ބާރުގެ އެހީތެރިކާއެކު ރައީސު ބައްޝާރުލް އަސަދުގެ ސިފައިން އިދްލިބުގައި މިހާރު ފަށާފައިވާ ހަމަލާގައި އާއްމުގެ 1300 މީހުން ވަނީ މަރުވެފައެވެ. އަދި މިލިއަނެއްހާ ރެފިއުޖީން ވަނީ ތުރުކީގެ ސަރަހައްދީ ރޮނގު ކައިރިއަށް ޖަމާވެފައެވެ.

އިދްލިބުގައި ސީރިޔާ ސަރުކާރު ސިފަންއިން ހިންގާ ލާއިންސާނީ އަމަލުތައް ބަލަން ތުރުކީ މަޑުން ނުއޮންނާނެ ކަމުގެ އިންޒާރުވެސް އަލްތުން ވަނީ ދެއްވާފައެވެ.

"ރުވަންޑާއާއި، ބޮސްނިޔާ އެންޑް ހެރްޒެގޮވީނާގައި ހިނގައި ދިޔަ ފަދަ ހާދިސާތައް އިދްލިބުގައި ހިނގާތައް ބަލަން އަހަރުމެން އަތްއުރާލައިގެން ނުތިބެން. އަދި މުސްތަގުބަލުގައިވެސް ނުތިބޭނަން." ފަޚްރުއްދީން އަލްތުން ވިދާޅުވިއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.