އެޗްއާރްސީއެމް އިން އިންތިހާބު އޮބްޒާވް ކުރުމަށް 78 އޮފިޝަލުން ހަރަކާތްތެރިވާނެ

އޭޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 އޮބްޒަރވް ކުރުމުގެ ގޮތުން އެޗްއާރްސީއެމް އިން ހަރަކާތްތެރިވާނެ ކަަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެޗްއާރްސީއެމް އިން ބުނީ އެ ކޮމިޝަންގެ ފަރާތުން މާލޭގެ އިތުރުން 18 އަތޮޅެއްގެ 21 ރަށެއްގައި ކޮމިޝަންގެ 78 މުވައްޒަފެއް ހަރަކާތްތެރިވާނެ ކަމަށެވެ. އަދި ވޯޓުފޮށި އޮބްޒަރވްކުރުމުގެ މަސައްކަތް ކޮމިޝަންގެ މުވައްޒަފުން ހެނދުނު 6:30 އިން ފެށިގެން ވޯޓުލާ ނިމުމާ ހަމަޔަށް ކުރިއަށް ގެންދާނެއެވެ.

އެގޮތުން، މާލެ ސަރަހައްދުގައި ވޯޓުލާ ދުވަހުގެ އެކި ގަޑިތަކުގައި 208 ފޮށްޓެއް އޮބްޒަރވްކުރުމުގެ އިތުރުން، އަތޮޅުތެރޭގެ 21 ރަށެއްގައި ޖުމްލަ 104 ފޮށްޓެއް އޮބްޒަރވްކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މީގެއިތުރުން، ކ. މާފުށި ޖަލުގައި ކޮމިޝަންގެ އޮބްޒަރވަރުން ހަރަކާތްތެރިވަމުންދާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އެޗްއާރްސީއެމް އިން ވަނީ އިންތިޚާބުތަކުގައި ބައިވެރިވުމާއި، ވޯޓުލުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ މުހިންމު އަސާސީ ޙައްޤެއްކަން ހަނދާންކޮށްދީފައެވެ. އަދި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވޯޓުލުމުގެ ޙައްޤު އަދާކޮށް، ޤައުމުގެ ކަންކަން ރާވާ ހިންގުމާ، ޤައުމުގެ މުސްތަޤްބަލް ބިނާކުރުމުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ގޮވާލާފައިވެއެވެ.

މީގެއިތުރުން ތިމާ ދޭ ވޯޓަކީ އެހެންފަރާތެއްގެ ނުފޫޒެއްނެތި ތިމާ ބޭނުންވާ ކެންޑިޑޭޓަކަށް އަމިއްލަ އިޚްތިޔާރުގައި ދެވޭ ވޯޓަކަށް ހެދުމަށާއި، ވޯޓުލުމަށް ލިބިދީފައިވާ ޙައްޤަށް ހުރިހާ ފަރާތަކުންވެސް ފުރިހަމައަށް އިޙްތިރާމް ކުރުމަށް ވެސް ގޮވާލިއެވެ. ކެންޑިޑޭޓުންނާއި ވޯޓުލާ މީހުންގެ ޙައްޤުތަކަށް ހުރަސް އެޅޭނޭ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ވެސް ކޮމިޝަނުން ގޮވާލައެވެ.

މުޖްތަމައުގައި އެކަކު އަނެކާއާ ސިޔާސީގޮތުން ހިޔާލު ތަފާތުވުން ހުރިކަމުގައި ވީނަމަވެސް އަމާންކަމާއި ސުލްހަވެރިކަން އިސްކޮށް ޤާނޫނުގެ ވެރިކަމުގެ ތަރަހައިގެ ތެރެއިން ޙައްލުތައް ހޯއްދެވުމަށް ކޮމިޝަނުން އެދެއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.