ތަނަވަސްކަމާއި، ރީތިކަން އަދި ދަރިންނާއި ގޯތިގެދޮރު ޢިލްމާއި ހުނަރަކީ ﷲ އިންސާނާއަށް މިންވަރުކުރައްވާ ރަޙުމަތާއި ނިޢުމަތެވެ. ކީރިތި ޤުރުއާނުގެ އަލް އަޢުރާފް ސޫރަތުގެ 144 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
قَالَ يٰمُوسَىٰ إِنِّى ٱصْطَفَيْتُكَ عَلَى ٱلنَّاسِ بِرِسَالاَتِى وَبِكَلاَمِى فَخُذْ مَآ آتَيْتُكَ وَكُنْ مِّنَ ٱلشَّاكِرِينَ
"އެކަލާނގެ ވަޙީކުރެއްވިއެވެ. އޭ މޫސާގެފާނެވެ! ތިމަންރަސްކަލާނގެ ރަސޫލުކަމާއި، އަދި ބަސްވަޙީކުރެއްވުމުން މީސްތަކުންގެ މައްޗަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ޚިޔާރުކުރައްވައިފީމެވެ. ފަހެ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވި ކަންކަމުގައި ހިފަހައްޓަވާށެވެ! އަދި، ޝުކުރުކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ!"
އިސްލާމްދީން އުފެދިގެން އައި ދުވަސްވަރު ދީން ކުރިއަރުވަން އުޅުއްވި ގިނަ އިމާމުންނާއި ޢިލްމުވެރިން އަދި ރަނގަޅު މުސްލިމުންނަކީ، މުއްސަނދިބައެއްނޫނެވެ. ބޮޑެތި އަދި ރީތި ގެދޮރެއް އެބޭކަލުންނަކަށް ލިބިވަޑައިގެން ނުވެއެވެ. އަދި ރީތި މޮޅު އަހާއި މުދާވެސް ލިބިވަޑައިގެންނެއް ނުވެއެވެ. އެހެންނަމަވެސް އެބޭކަލުންނަށް ލިބިވަޑައިގެންނެވި އެއްޗަކުން ލިބިވަޑައިގެންނެވި މިންވަރަކުން ދިރިއުޅުއްވުން ހަމަޖައްސަވަމުން ގެންދަވާފައި ވެއެވެ. އަދި ލިބިވަޑައިގެންވާ ތަކެތި ހެޔޮގޮތުގައި ބޭނުން ކުރައްވާފައި ވެއެވެ. އެހެންކަމުން އެބޭކަލުންގެ ޙަޔާތްޕުޅައި ލިބިވަޑައިގެންނެވި ތަކެތީގައި ﷲ ބަރަކާތް ލެއްވިއެވެ.
މުދަލާއި ދަރިން އަދި ދުނިޔޭގެ އުފަލާއި އަރާމު ލިބިގެންވާ އެތައް ބަޔަކު ދުނިޔޭގައި އެބައުޅެއެވެ. ގިނަފަހަރަށް އެބައިމީހުންގެ ނިމުން ވަނީ އެތަކެއްޗާ އެކުގައެވެ. ދުނިޔޭގެ ނަން މަޝްހޫރު ޔުނިވަރސިޓީތަކުން ތަޢުލީމު ޙާޞިލްކޮށްގެންތިބި އެތައްބަޔަކު ވަޒީފާނެތި އެބައުޅެއެވެ. ހަމައެއާއެކު، ތަޢުލީމެއް ލިބުމުން މަޙުރޫމްވެފައިވާ އެތައްބަޔަކު އެބައިމީހުންނަށް ﷲ މިންވަރުކުރައްވާފައިވާ ޙިލްމާއި ހުނަރުގެ ބޭނުން ހިފައިގެން ވަޒީފާގައި ދިރިއެބަ ތިއްބެވެ. އެބައިމީހުންނާއި ޖަމާޢަތަށް އެބައިމީހުންގެ އަގުހުރި ޚިދުމަތް ލިބެމުން އެބަދެއެވެ.