ﷲ ގެ ޙަޟުރަތުން މިންވަރުކުރައްވައިފައިވާ ނިޢުމަތެއް ގެއްލިދާހިނދު، އެކަމަށް ޝުކުރު ކުރާށެވެ. އޭގެ ބަދަލުގައި އެއަށްވުރެ މާ މަތިވެރި ނިޢުމަތެއް، އެކަލާނގެ ތިބާއަށް މިންވަރު ކުރައްވާނެއެވެ. އެހެންނަމަވެސް އެކަމުގައި ތިބާގެ ކެތްތެރިކަން އިސްކޮށް، އެކަލާނގެޔަށް ޝުކުރުކުރުމާއެކު ވަކީލު ކޮށްގެންނެވެ. އެކަލާނގެ ރަޙުމަތަށް އަދި ދެރަގޮތެއް މިންވަރު ނުކުރައްވާނެކަން ހިތުގެ އަޑިން ކަށަވަރު ކުރުމުންނެވެ.
ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސް ކުރައްވައިފައި ވެއެވެ. މީހެއްގެ ލޮލުގެ އަލިކަން ގެއްލޭ ހިނދު، އެކަމަށް ކެތްތެރިވެ، ﷲ އަށް ޝުކުރު ކުރުމުން، އޭނާގެ ހިތް ސާފުކޮށްފިނަމަ، އޭގެ ބަދަލު ސުވަރުގެއިން އޭނާއަށް ދެއްވާނެތެވެ. އެހެންކަމުން، ހިތާމައެއް ނުވަތަ ބަދުނަޞީބެއް ކުރިމަތިވާ ހިނދު، އެކަމަށް ކެތްތެރިވުމުން، އޭގެބަދަލު، އެކަލާނގެ، ސުވަރުގެއިން އެމީހަކަށް ދެއްވާނެތެވެ. ކީރިތި ޤުރުއާނުގެ އައްރަޢުދު ސޫރަތުގެ 24 ވަނައާޔަތުގައި، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވައިފާ ވެއެވެ.
سَلاَمٌ عَلَيْكُم بِمَا صَبَرْتُمْ فَنِعْمَ عُقْبَىٰ ٱلدَّارِ
"(އެބޭކަލުން ވިދާޅުވާނެތެވެ.) ތިޔަބައިމީހުން ކެތްތެރިވިކަމަށްޓަކައި، ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުއްޓެވެ. ފަހެ، އާޚިރަތުގެ އުފައުވެރި ގޮވަތީގެ މޮޅުކަމާއެވެ!" އަދި، ހަމައެއާއެކު، އަލް ބަޤަރާ ސޫރަތުގެ 157 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވައިފައި ވެއެވެ.
أُولَـٰئِكَ عَلَيْهِمْ صَلَوَاتٌ مِّن رَّبِّهِمْ وَرَحْمَةٌ وَأُولَـٰئِكَ هُمُ ٱلْمُهْتَدُونَ
"އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟުރަތުން މަޣުފިރަތާއި ރަޙުމަތް، އެއުރެންގެ މައްޗަށްހުރި މީހުންނެވެ. އަދި، ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެއުރެންނެވެ."
ދިރިއުޅުން ދަތިވެފައިވާ މީހާ، ކެތްތެރިވެ ﷲ އަށް ޝުކުރުކުރުމުން، އޭނާއަށް ގެއްލޭނެ އެއްޗެއް ނެތެވެ. އޭގެ ބަދަލުގައި، އާޚިރަތުގައި އޭނާގެ މައްޗަށް ﷲ ގެ ރަޙުމަތްފުޅު ތަނަވަސްވެގެން ވެއެވެ.