ހެޔޮ ޢަމަލު - 11

އިންސާނާއަކީ ، ﷲ ޚަލްޤުކުރައްވައި އެކަލާނގެޔަށް އަޅުކަންކުރުމަށްޓަކއި މިބިންމައްޗަށް ފޮނުއްވައިފައިވާ ބަޔެކެވެ. ޖިންނީންވެސް މެއެވެ. އިންސާނުންގެ ތެރޭގައިވެސް އަދި ޖިންނީންގެ ތެރޭގައިވެސް ކާފަރުންނާއި މުސްލިމުން އުޅެއެވެ. ﷲ މިންވަރުކުރައްވާފައިވާ ގޮތެއްގެމަތިން މެނުވީ އިންސީންނަށްވެސް އަދި ޖިންނީންނަށްވެސް މިދުނިޔެމަތީގައި އެއްވެސްކަމެއް ލިބިގެންނުވެއެވެ. ކަންމިހެން އޮތްނަމަވެސް ، ﷲ ފިޔަވައި އެހެންފަރާތްތަކަށް އަޅުކަންކުރާ އެތައްބަޔަކު ދުނިޔޭގައި ދިރިއުޅެއެވެ. ﷲ އަށްވެސް އަދި ދީނެއްޤަބޫލުނުކުރާ މީހުންގެ ވިސްނުމުގައި އެއްވެސްމީހަކަށްވެސް ޝުކުރުނުކުރާ އެތައްބަޔަކު އެބައުޅެއެވެ. އެހެންކަމުން ، މީހެއްގެ ފަރާތުން ޝުކުރުވެރިކަމުގެ ބަހެއް ނުލިބުނަސް ، ކޮށްދެވޭކަމެއްބަލައިނުގަތަސް އެއީ މައްސަލަޔަކަށް ނުވެއެވެ. ބައެއްޙާލަތުގައި ، ބަޔަކަށް އެހީތެރިވުމުގެ ސަބަބުން އެއީ ދުޝްމަނަކަށް ބަދަލުވެގެން ދެއެވެ.

ކީރިތި ޤުރުއާނުގެ ތައުބާ ސޫރަތުގެ 74 ވަނައާޔަތުގައި ، ﷲ ސުބްޙާނަހޫ ވަތަޢަލާ ވަޙީކުރައްވައި އަނގަވައިފާ ވެއެވެ.

يَحْلِفُونَ بِٱللَّهِ مَا قَالُواْ وَلَقَدْ قَالُواْ كَلِمَةَ ٱلْكُفْرِ وَكَفَرُواْ بَعْدَ إِسْلاَمِهِمْ وَهَمُّواْ بِمَا لَمْ يَنَالُواْ وَمَا نَقَمُوۤاْ إِلاَّ أَنْ أَغْنَاهُمُ ٱللَّهُ وَرَسُولُهُ مِن فَضْلِهِ فَإِن يَتُوبُواْ يَكُ خَيْراً لَّهُمْ وَإِن يَتَوَلَّوْا يُعَذِّبْهُمُ ٱللَّهُ عَذَاباً أَلِيماً فِى  ٱلدُّنْيَا وَٱلآخِرَةِ وَمَا لَهُمْ فِى ٱلأَرْضِ مِن وَلِيٍّ وَلاَ نَصِيرٍ

"އެއުރެން (ބުނި ނުބައި ބަސްތައް) ނުބުނާކަމަށް ، ﷲ ގަންދީ އެއުރެން ހުވާކުރެތެވެ. ހަމަކަށަވަރުން ، ކުފުރުގެބަސް އެއުރެން ބުނެފައި ވެއެވެ. އަދި ، އިސްލާމްވުމަށްފަހު ، އެއުރެން ކާފަރުވިއެވެ. އަދި ، އެއުރެންނަށް ކާމިޔާބު ނުކުރެވުނު ކަންތައްކުރުމަށް (އެބަހީ ރާވައިގެން ކީރިތި ރަސޫލާ އަވަހާރަކޮށްލުމަށް) ގަސްދުކޮށް އުޅުނޫއެވެ. ﷲ ގެ ފަޟްލުވަންތަކަމުން ، ﷲ އާއި އެކަލާނގެ ރަސޫލާ އެއުރެން (އެބަހީ : މުއުމިނުން) މުއްސަނދިކޮށްދެއްވިކަންނޫން އެހެންކަމަކާމެދު ، އެއުރެން ރުޅިއެއްނާދެތެވެ. ފަހެ ، އެއުރެން ތައުބާވާނަމަ ، އެއުރެންނަށް އެގޮތް ހެޔޮކަން ބޮޑުވެގެން ވެއެވެ. އަދި ، އެއުރެން އެނބުރި ފުރަގަސްދޭނަމަ ، ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޒާބަކުން ، ﷲ އެއުރެންނަށް ޢަޒާބުދެއްވާނެތެވެ. އަދި ، ބިމުގައި އެއުރެންނަށް އެއްވެސް އެހީތެރިޔަކު ، އަދި ނަޞްރުދޭނެމީހަކުވެސް ނުވެއެވެ."

ރައްޓެއްސަކަށް ޤަލަމެއްދޭހިނދު ، އެޤަލަމުން ތިބާއާދެކޮޅަށް ލިޔުމެއްގައި ސޮއިނުކޮށްފާނެކަމަށް ހީނުކުރާށެވެ. ނުހިނގޭމީހަކަށް ހިނގުމަށް އެހީވުމަށް އަސައެއްދޭހިނދު އެއަސައިން ތިބާގެ ގައިގާ ނުޖަހާނެކަމަށް ނުބަލާށެވެ. އިންސާނުންނަކީ މިފަދަ ބަޔެކެވެ. ޝުކުރުކުރާބަޔަކު ޝުކުރުކުރާނެއެވެ. އަދި ޝުކުރު ނުކުރާނެބަޔަކު އެކަމެއްވެސް ނުކުރާނެއެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.