އަމީރާ ސުލްޠާނާގެ ނާރެސް - 28

(28 އޭޕްރީލް 2022 ގެ ބަޔާ ގުޅޭ)

ފުރިހަމަ ނާސިގެ

އަނެއްދުވަހު ހެނދުނު ހޭލެވުނުއިރު، އެނދުގައި އަޅުގަނޑު އޮތީ އެކަންޏެވެ. ނިދީ ކަރީމާ ދެމީހުން އެކުގައެވެ. ކަރީމުގެ ނަމުން އަޅުގަނޑު ގޮވައިވައިލީމެވެ. ޚަބަރެއް ނުވެއެވެ. އަޅުގަނޑުގެ ސިކުނޑި، ބުމަރެއްހެން އެނބުރިގަތެވެ. އެނބުރިގަތްލެއް ބާރުކަމުން، ކުރީ ދުވަހު ހިނގި ކަންކަން ތަރުތީބުކޮށްލަންވެސް ވަގުތުކޮޅެއް ނެގިއެވެ. އަމާނީއާއި ދޫނިތައް،،،،،  އެއީ، ކަރީމް އެހައި އަވަހަށް އެނދުން ތެދުވަން މަޖުބޫރުކުރުވިކަން ކަމުގައި ވެދާނެއެވެ. ފަޟްލާއެކު، ދޫނިތަކުގެ މައްސަލަ ވަކިގޮތަކަށް ނިންމުން އެއީ، މިއަދު އެންމެ އަވަހަށް ކުރަންޖެހޭ  މުހިންމުކަމަށް ވާނެކަން ކަށަވަރެވެ. އަވަސް އަވަހަށް، ނިދާހެދުން ވައްޓާލައިގެން ކޮޓަރިން ނުކުމެއްޖައިމެވެ. އެންމެ ފުރަތަމަވެސް ބަލައިލަން ބޭނުންވީ މަހާގެ ޙާލަތެވެ. އެންމެ ކައިރީ ހުންނަނީ އޭނާގެ ކޮޓަރިއެވެ. ދޮރުކައިރީ މަޑުކޮށްލީމެވެ. އެތެރެއިން، އަޑެއް ބަޑެއް ނީވެއެވެ. އެއީ ރަނގަޅު ފާލެކެވެ. މަހާ ހޭލައި އުޅޭނަމަ، ބުންއަޑުކިޔާ މިއުޒިކްގެ އަޑު ކޮޓަރި ތެރެއިން އަބަދުވެސް އިވޭނެއެވެ. މަހާއަށް ހެނދުނާ ހަމަޔަށް ނިދައިލެވުނުކަމަށް އަޅުގަނޑު އުއްމީދު ކުރީމެވެ.

ފަޟްލު ވަގަށް ގެނެސް ފޮރުވައިގެން އެގެންގުޅޭ އަންހެންކުދިން އެއީ، ޤާނޫނާ އަދި ދީނާ ޚިލާފަށް އޭނާ ކޮށްގެން އުޅޭ ކަމެކެވެ. އެކަމުގައި އަޅާނެ ޤާނޫނީ ފިޔަވަޅަކާމެދު ގޮތެއް ނިންމުމަކީ ވަރަށް އުނދަގޫކަމަކަށް ވާނެއެވެ. އަޅުގަނޑުމެންގެ ޢާއިލާއިން އަނެއްކާވެސް ފަޟްލުގެ މައްޗަށް ޤާނޫނީ އަދި ދީނީ ކަމަކާމެދު ތުހުމަތުކޮށް، މައްސަލައެއް އުފެއްދެނީއެވެ. އެކަމަށް އެންމެ އެކަށީގެންވާ ޤާނޫނީ ޙައްލެއް ހޯދުމަށް އެޅޭނެ ފިޔަވަޅެއް ހޯދުމަކީ އުނދަގޫ ކަމަކަށްވާނެއެވެ. ޝާހީ ޢާއިލާގެ ތެރޭގައި ފިތުނައާއި ފަސާދަ އަދި ޤާނޫނާޚިލާފު ކަންކަމާއި ދީނާޚިލާފު ޢަމަލުތައް ހިނގަމުންދާއިރު،  އެކަހަލަ ވާހަކައެއް ދައްކަންޖެހޭނީ ވަރަށް ވިސްނާފައެވެ. އެއިން ކޮންމެ ކަމަކީ، އެވާހަކެއް ދައްކާ ޢާއިލާއެއްގެ އަތުގައި ބާރާއި މުއްސަނދިކަން ހުންނަ މިންވަރަކުން،  އެކަހެރިކޮށްލެވި ބާކީވެ ދިރިއުޅުމަށް އެތައް ހުރަހެއް އެޅިގެންދާފަދަ ނުރައްކައުތެރި ކަމެކެވެ.

ހަގު އަންހެންދަރިފުޅު، އަމާނީގެ ކޮޓަރިއާދިމާއަށް  ހިނގަމުންދިޔައިރު، އެހުރިހައި ޚިޔާލުތަކެއް ހިތުން ދޫކޮށްލާށޭ އަޅުގަނޑުގެ ނަފްސު ގޮވަމުން ގެންދިޔައެވެ. ކޮޓަރީގެ ދޮރުހުރީ ތަޅުނުލައެވެ. ލޮލަށ އެތެރެ ފެންނަވަރަށް ކުޑަކޮށް ދޮރު ހުޅުވައިލީމެވެ. އަމާނީ އޮތީ ގަދަޔަށް ނިދާފައެވެ. އަމާނީ ބަލަހައްޓަން ހޭލައި އަޅުގަނޑު ބޭންދި ޚާދިމާ އެނދުގެ އެއްފަރާތުގައި އިށީނދެލައިގެން އިނެވެ. އޭނާއާ ޙަވާލުކުރި މަސައްކަތް ވަރަށް ރަނގަޅަށް ކުރިކަން އޭނާ އަންގައިލިއެވެ.

"ސާހިބު ކަމަނާއެވެ! ކަމަނާގެ ދަރިފުޅު، ރޭ އެއްކޮށް އޮތީ ވަރަށް އަރާމުގައި ނިދާފައެވެ." އެހެންނޫނަސް، އަޅުގަނޑުމެން ގެންގުޅޭ 6 ޚާދިމުންނަކީވެސް ވަރަށް ހީވާގި އަދި ކަމަށް ކަމޭހިތައިގެން، މަސައްކަތްކުރާ ބައެކެވެ. ކަމަކަށް ކަމެއް ކުރުމުގެ ބަދަލުގައި، ކޮންމެ ކަމެއްވެސް ކުރާނީ ކުރާހިތުންނެވެ. އެމީހުންކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރައިގެ އިތުރަށް، އެމީހުންނަށް އަޅުގަނޑުމެން ހަދިޔާވެސް ދެމެމެވެ. އެއީ ގާތްކަމެއް އުފެއްދުމަށްޓަކައެވެ. އެމީހުން އަޅުގަނޑުމެންގެ ބޭނުންތައް ފުއްދައިދޭއިރު، އަޅުގަނޑުމެންވެސް އެމީހުންނާ އަޅައިލާކަން އަންގައިދިނުމަށްޓަކައެވެ. އަޅުގަނޑުމެން ޚާދިމުން ގެންނަނީ މިޞްރުންނާ އަދި ފިލިޕީންސުންނެވެ.

ހެނދުނުގެ ނާސްތާއަށް އޯޑަރުކުރުމުގެ ކުރިން އަޅުގަނޑުގެ ކޮޓަރިއަށް ވަދެލީމެވެ. އިއްޔެގެ ކަންތައްގަނޑަށްފަހު، މީރުއެއްޗެއް ކާލާހިތްވެފަ ހުންނަތާ ކިތަންމެ އިރެކެވެ. އެކަމަކު، އެކަނިވީމަ ކަންނެތްވެފަ  ކޮފީބޯލެވެނީ، ޓެރަސްގަ އިނދެއެވެ. ކޮފީބޯން އިންނައިރު އެފެންނަ، ރެޑްސީގެ ހިތްގައިމު މަންޒަރުން ހިތުގައިހުންނަ އެންމެބަރު އުދާސްތައްވެސް ނައްތައިލައެވެ. އެއީ ރީތި ހިތްގައިމު ދުވަހެކެވެ. އުޑުގެ އަޞްލުކުލަ، ނޫކުލަ ފެންނަނީ މަދުދިމާއަކުންނެވެ. ވަރަށްގިނަ ވިލާތައް އުފެދި ނޫކުލަ ހުދުކޮށްލައެވެ. އެހައި ހޫނެއްނޫނެވެ. ވަގުތުގެ ގޮތުންކަމަށްވެސް ވެދާނެއެވެ. އިރުގެ ވިހަ ދޯދިތަކުގެ ގަދަ ހޫނުއަދި ނުއުފެދެއެވެ. އެކަމަކުވެސް، މިހާރު އެއަންނަނީ ޖައްވުގައި ހޫނުކަން އުފެދެމުންނެވެ. މަޑުމަޑުން ޙަރަކާތްތެރިވަމުންދާ ރާޅުތައް، ކަނޑުގެ ޞަޠަޙައިގެ މަތިން ދަތުރުކޮށް، ދުރުން އޮބިގެންދާ މަންޒަރަކީ އާދަޔާ ޚިލާފަށް ރީތި މަންޒަރެކެވެ. ދުނިޔޭގައި ހުންނަ ހުރިހާ ދުވަހެއްވެސް ،މިފަދަ އުފާވެރި ހިތްގައިމު އިޙުސާސްތަކަކާއެކު، ނިމިގެންދާނެނަމަ ކޮންފަދަ ތޯއެވެ؟

އަޅުގަނޑަށް ހެނދުނުގެ ސައިބޮއެ ނުނިމިގެން އުޅެނިކޮށް، ކަރީމް ގެޔަށް އަތުވެއްޖެއެވެ. ގޮނޑިއެއް ކައިރިކޮށްލާފައި ކަރީމް އައިސް އަޅުގަނޑާޖެހިގެން އިށީނދެއްޖެއެވެ. އަދި އަޅުގަނޑު ކައިކައި ހުރި ތަށިން، އަތުން ނަގައިގެން ކާންފަށައިފިއެވެ. ތަނަށް ވެރިވެފައިއޮތް ހަމަހިމޭންކަމުގެ ތެރެއިން، ކަރީމްގެ ރީތި މޫނުމަތިން ފެންނަމުންދިޔަ ޖާޒުބީ އަސަރު ނިތްކުރިން ފެށިގެން ދަތްދޮޅިން ފައިބައިގެންގޮސްފައި ވެއެވެ. ޖަޒުބާތީ އެއަސަރުތަކާއެކު ސިއްރު ކުރެވިފައިވާ ބަސްތަކެއް ކަރީމްގެ މޫނުމަތިން ފައުޅުވާން ހުއްޓެވެ. އެކަން ފާހަގަކުރެވުމާއެކު، އެވާހަކަ ހިތުން ބޭރުކޮށްލުމަށް، ކަރީމްގާތު ބުނީމެވެ.

"އެ ފަޟްލު އެއީ ކޮންފަދަ ނުބައިނުލަފާ މީހެއް ހެއްޔެވެ ؟ އެބުނަނީ އެދޫނިތަކާއެކު ޚާއްޞަގުޅުމެއް އުފައްދާފައިވާ ކަމުގައެވެ." ކަރީމް ބުންޏެވެ. އޭނާގެ ދެބުމަ ގޮށްޖެހިގެންދިޔައެވެ. އަދި އެއީ ކަންކަން ޙައްލުކުރުމަށްޓަކައި ވާހަކަ ނުދެއްކޭކަހަލަ މީހެއްކަމަށާ އަދި ބޮޑު މުޞީބާތެއްކަހަލަ މީހެއްކަމަށްބުނެ، ފަޟްލުގެ މައްޗަށް ކަރީމްގެ ހިތުގައި އޮތް ނަފުރަތާއި ރުޅިވެރިކަން ފައުޅުކުރިއެވެ.

"ސުލްޠާނާއެވެ! އެހައި ތަފްޞީލުކޮށް ވާހަކަދައްކާކަށް އަހަރެން ބޭނުމެއްނޫނެވެ. އެކަމަކު، އަހަރެމެން މިތިބީ، ފަޟްލުގެ ދޫނިތައް އެއީ  އަހަރެމެންގެ އެއްޗަކަށް ހަދައިގެންނެވެ. ނޫނީ އަމާނީގެ އެއްޗަކަށް ހަދައިގެންނެވެ. ފަޟްލުގެ ފަރާތުން މަޢުލޫމާތު ލިބުނުގޮތުގައި، ލަވަކިޔާ، ރާގުއިއްވާ ދޫންޏަކީ ދެން މިޤައުމަށް އެތެރެކުރެވޭނެ އެއްޗެއްނޫނެވެ. މަށަށްމިހާރު ޔަޤީން ވެއްޖެއެވެ. ފަޟްލަކީ، ސިކުނޑި މުޅިން ހަމަޖެހޭ މީހެއްނޫނެވެ. މަރުނުވަނިސް ސުވަރުގޭގެ ބަގީޗާގައި ދިރިއުޅެވޭކަން އިޙްސާސްވާމިންވަރަށް ދުނިޔޭގައި އެއްވެސް އެއްޗެއް ނުހެދޭނެއެވެ. ސުވަރުގެޔަކީ، އިންސާނާގެ އަތުން އުފައްދައި އެތާނގެ މާޙައުލު މަސްނޫޢީ ތަކެތިން ފުރިހަމަކޮށްގެން ދުނިޔޭގައި ހޯދޭވަރަށްވުރެ މަތިވެރި އަދި ފުރިހަމަ ތަނެކެވެ. އެފަދަ އެއްވެސް ތަނެއް ދުނިޔެމައްޗަކު ނުހެދޭނެއެވެ." ކަރީމްގެ ހިތުގައިހުރި ހުރިހައި އެއްޗެއް އެއްފަހަރާ ބަންޑުން ކޮށްލިއެވެ. އަދި ދެބުމަ ގޮށްޖަހައިގެން އިނދެ، ބޯހޫރުވަމުން ގެންދިޔައެވެ. އަޅުގަނޑު، ކަރީމަށް ބަލައިލަމުން ވަރަށް ފުންކޮށް ހިނިތުންވެލީމެވެ. ކަރީމަށްޓަކައި، އަޅުގަނޑު ފަޚުރުވެރިވަމެވެ. ކޮންމެ ކޮންމެ ބައްޕަޔަކު އަންހެން ދަރިޔެއްގެ އުފަލަށްޓަކައި އެހުރިހައިކަމެއް ފުރިހަމަކޮށެއް ނުދޭނެއެވެ. ހަމަ ގައިމުވެސް އަމާނީގެ މައްސަލަތައް އެ ޙައްލުވީއެވެ. އެކަމުގައި ޢަމަލުކުރާނެ ވަކިގޮތެއް އަޅުގަނޑުމެންނަށް ނިންމުނީއެވެ. އަޅުގަނޑު، ކަރީމާދިމާއަށް ގުދުވެލީމެވެ. އަދި ސަމާސާ ކޮށްލަމުން ތުންފަތުގައި ދޮނެއްދިނީމެވެ.

ކަރީމްގެ އިޙުސާސްތައް އެއަށްވުރެ ނާޒުކްކަމަށް ފެނެއެވެ. އަދި ބުނަންހުރި އެތައްވާހަކައެއް އަދިވެސް އެބަހުއްޓޭ ބުނާކަހަލައެވެ.

"ސުލްޠާނާ! ކަމާކަންފަށާ މިއަދު އެގެޔަށް ދާންވީ ކީއްވެގެން ހެއްޔެވެ؟ އެއީ އެއް ޢާއިލާއެއްކަމަކު އަހަރެމެން ގާތްކަންބާއްވާ ބައެއްނޫނެވެ. އެންމެންގެ ސަލާމަތާއި ރައްކައުތެރިކަމަށްޓަކައި މިއަދުންފެށިގެން، އެމީހުންނާ އެއްވެސް ވަރެއްގެ ގާތްކަމެއް ބާއްވައިގެން ނުވާނެއެވެ." ކަރީމްގެ ހިތުގައި ހުރި އުދާސްތައް ބަންޑުންކޮށްލިއެވެ.

މަހާއެބުނާ، ފަޟްލު ގެންގުޅޭ ނާސިކުދިންގެ ވާހަކަ އަޅުގަނޑު، ކަނޑައެޅިގެން މިވަގުތަށް ކަރީމްގާތު ނުބުނަން ނިންމީމެވެ. އެކުދިންގެ މިނިވަންކަމެއްނެތި، ގަދަކަމުން ހައްޔަރުކޮށްގެން ގެނގުޅުމުގައި އެލިބޭ އަނިޔާތަކަށް އެހީވެ ، އެކުދިން ސަލާމަތް ކުރަން އަޅުގަނޑުވެސް ބޭނުމެވެ. އެކަމަކު މިވަގުތަކީ، އެވާހަކަ ދައްކަން އެންމެ އެކަށޭނަ ގަޑިއެއްނޫނެވެ.

ކަރީމް އަޅުގަނޑުގެ އަތުގައި ހިފައިލިއެވެ. އަދި އަޅުގަނޑުގެ ލޮލަށް ބަލަހައްޓައިގެން އިނދެ، ލޮލުގެ ތެރެޔަށް ފީނައިގަތެވެ. އަދި ބުންޏެވެ.  "ސުލްޠާނާއެވެ! ފަޟްލާ ޚާލިދާއާ ދުރުގައި އުޅޭށެވެ. އެއީ ގާތްވާން ހެޔޮވާވަރުގެ ބައެއްނޫނެވެ. އެނގިއްޖެ ހެއްޔެވެ؟"

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.