އަމީރާ ސުލްޠާނާގެ ނާރެސް - 40

(29 މެއި 2022 ގެ ބަޔާ ގުޅޭ)

"ޢަފާފު! ކިހިނެއްވީ އެކޮއެ! ބަލިވެ އުޅެނީތަ؟" ސާރާ، ޢަފާފުގެ ކޮނޑުމަތީ އަތްބާއްވާލަމުން ބުނެލިއެވެ. ޢަފާފުގެ މޫނުމަތިން ފެންނަނީ ބިރުވެރިކަމެވެ. އޭނާ ވާހަކަ ދައްކަން ވަރަށް މަސައްކަތް ކުރިއެވެ. އެހެނަސް އަނގައިން ބަހެއް ނުނުކުތެވެ. އެންމެފަހުން ލިބީ، ފެންތައްޓެއްހިފައިގެން އައިސް ޢަފާފުގެ ތުނބުގައި ޖައްސާލައި ކޯވަރެއް ބޯލުމަށް އެދުނެވެ. ޢަފާފު ފެންފޮދެއް ބޯލިއެވެ.

"ރޮވުނީތީ ވަރަށް ބޮޑަށް މަޢާފެވެ. މައިސަރާގެ ވާހަކަތަކުން އަޅުގަނޑަށް އަސަރުކުރިލެއް ބޮޑުކަމުން ރޮވުނީއެވެ. އަޅުގަނޑުމެންގެ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަށް އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން، އެ މަކަރުވެރިން އެބަ ޖެއްސުން ކުރެއެވެ." ޢަފާފަށް އަނެއްކާވެސް ރޮވުނެވެ.

"ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުތައް އެމީހުން ބޭނުންކުރަނީ ހަތިޔާރަކަށް ހަދައިގެންނެވެ. އަދި އޭގެ އެންމެ ނުބައި ގޮތުގައެވެ. އެކަލޭގެފާނަށް އެކަމުން އެއްވެސް ނުބައި އަސަރެއް ނުކުރާނެއެވެ. އެކަމަކުއަޅުގަނޑުމެން ދިރިތިބީން އެކަމާ ހިތާމަ ކުރަމެވެ." ޢަފާފުގެ ބަސްތަކަށް ސާރާ ބޯތަޅުވާލިއެވެ.

ޢަފާފު ރޮމުންދިޔައިރު އަޅުގަނޑުވެސް ހުރީ ހަދާނެގޮތްބޮޑުވެފައެވެ. މައިސަރާގެ ވާހަކަތަކުން އަސަރުކޮށް ލޮލުން ކަރުނަ ނާންނާނެ އެއްވެސް މުސްލިމަކު ނުހުންނާނެއެވެ. ޢަފާފަކީ، އަފްޣާނިސްތާނުން އައިސްހުރި ރެފިއުޖީއެކެވެ. ހަނގުރާމައިގެ ސަބަބުން އޭނާއަށް ލިބުނު ބިރުވެރިކަމާ އަދި އުޅެންޖެހުނު ޙަލަތުގެ ސަބަބުން ކޮށްފައިވާ އަސަރުތައް އަދިވެސް މުޅިން ފިލައިގެންނެއް ނުދެއެވެ. ނަޞީބު ކަންދިމާކުރިގޮތުން، ޢަފާފަށް ފިލައިގެން އައުމުގެ ފުރުޞަތު ލިބުނީއެވެ. ޢަފާފުގެ ޢާއިލާގެ އެންމެން އެއްކޮށް ވަނީ މަރުވެފައެވެ. ތާލިބާނުން ވެރިކަމަށް އައިސް މިދިޔަ ދުވަސްތަކުގައި އޭނާގެ ބައްޕައާއި ބޭބެވަނީ މަރުވެފައެވެ. ސަލާމަތްވީ ޢަފާފާއި އޭނާގެ ހަނގުކޮށްކޮ އެކަންޏެވެ. ތާލިބާނުންގެ ވެރިކަމުގެ ނިޒާމުގައި އަންހެނުންނަށް އެއްވެސް ރައްކާތެރިކަމެއް ނޯވެއެވެ. އަދި، ރައްކާތެރިކަމެއް ނޯންނަތާނގައި، ލިބެނީ އަނިޔާއެވެ. އެކަނިވެރި އަންހެނުންނަށް އަމްދުން އެއްވެސް ރައްކާތެރިކަމެއް ނޯވެއެވެ. ދީނީގޮތުން ޙައްދުފަހަނަޅާފައިވާ ވެރިކަމުގައި އެކަނިވެރި އަންހެނުން ބޭނުންކުރެވެނީ އެމީހުންގެ އަޅުންގެ ގޮތުގައެވެ.

1994 ގައި ތާލިބާނުން، އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާއެކު، އަންހެނުންނަކީ ދިރިއުޅުމުގެ އެއްވެސް ޙައްޤެއް އެބައިމީހުންނަށް އޮންނަ ބައެއްނޫނެވެ. ޢަފާފުގެ ފަރާތުން އަޅުގަނޑަށް އެނގުނުގޮތުގައި، އަޅުގަނޑުމެންގެ މި ޤައުމު ސުޢޫދީ ޢަރަބިއްޔާގައި އަންހެނުންނާމެދު ކަންކުރެވޭގޮތަށްވުރެ، އަފްޣާނިސްތާނުގައި އަންހެނުންނަށް ކުރިމަތިވާ އަނިޔާއާއި އިހާނެތިކަން މާބޮޑެވެ. ތާލިބާނުންގެ ހަރުކަށި ފިކުރަކީ، ސުޢޫދީއަށްވުރެ މާ ނުރައްކާ ވިސްނުމެކެވެ. އެވިސްނުމާއި ފިކުރުގައި ހަމައެކަނި ނުރައްކާއޮތީ އަފްޣާނިސްތާނުގެ އަންހެނުންނަށް އެކަންޏެއްނޫނެވެ. މުޅިހަށިގަނޑު ނިވާކުރުމާއި މޫނުނިވާކުރުމަކީ މަޖުބޫރު ކަމެކެވެ. އަދި ބާރަށް ހުނުމާއި ބާރަށް ވާހަކަ ދެއްކުމަކީ މަނާކަމެކެވެ. ބުރުގާއަޅައި މޫނުނިވާކުރިނަމަވެސް، އަންހެނުންގެ އަޑަކީވެސް ފިރިހެނުންގެ ހިތްދަމައިގަންނަ އެއްޗެއްކަމަށް ތާލިބާނުން ބުނެއެވެ. އުސްފައިވާނަށް އެރުމާއި ތުންފަތުގައި ކުލަޖެއްސުން އަދި ގަހަނާ އެޅުމާއި އަންހެންކުދިން ސްކޫލަށްގޮސް ކިޔެވުމަކީ އަންހެނުންނަށް މުޅިން މަނާކަންކަމެވެ. ޢާންމު ދިރިއުޅުމުގެ އެންމެހައި ކަންކަމުން އަފްޣާން އަންހެނުންވަނީ، މަޙުރޫމްކުރެވިފައެވެ. ފޮތްކިއުމާއި ޓީވީބެލުން އަދި ކުޑަކުދިން ބުދާކުޅުމަކީވެސް މަނާކަންކަމެވެ.

ތާލިބާނުން، އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާއެކު،ޢަފާފުގެ ދިރިއުޅުން މުޅިންބަދަލުވެގެން ދިޔައެވެ. އޭނާއަކީ ވަރަށްކުރީއްސުރެ، ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ މީހެކެވެ. ނަމަވެސް، ތާލިބާނުންގެ ވެރިކަމުގައި އަންހެނުން ކިޔަވައިދިނުމަކީ މަނާކަމެކެވެ. ޢަފާފުގެ ބޮލުގެ އިސްތަށިގަނޑު ކުރިން ބަހައްޓަމުން އައީ ކުރުކޮށެވެ. އެކަމަކު އަންހެނުންގެ އިސްތަށިގަނޑު ކޮށައި ބުރިކުރުމަކީ ހަރާންކަމެކެވެ. ތާލިބާނުން ވެރިކަމަށް އައިސް، ދުވަސްކޮޅެއްވީތަނާ، އޭނާގެ ކޮއްކޮ ހައްޔަރުކުރިއެވެ. އެއީ އޭނާ ނުވެސް ދަންނަ ފިރިހެނަކާ ވާހަކަދައްކަންހުއްޓާ ފެނިގެންނެވެ. ޢަފާފުގެ ކޮއްކޮ ވާހަކަދެއްކީ އަވަށްޓެރިޔަކާއެވެ. ހަމައެކަނި އޭނާގެ މުސްކުޅި މައިންބަފައިންގެ ޙާލުއަޙުވާލު އަހައިލީއެވެ. މިތަން ފެނުނީ، ޒުވާން ފިރިހެންކުދިންތަކަކަށެވެ. އެކުދިން މިވާހަ ރިޕޯރޓްކުރުމާއެކު، އެމަންޖެ ހައްޔަރުކޮށް، އޭނާވާހަކަދެއްކީ ތިމާގެކަމުގެ ގުޅުން އޮތްމީހެއްކަމުގެ ހެކިދައްކަން ޖެހުނެވެ. އެހެނަސް އެފަދަ ހެއްކެއް ނުދެއްކުނެވެ. އެހެންކަމުން އޭނާގެގައިގާ 50 އެތިފަހަރުން ޖަހައި އަދަބު ދެވުނެވެ. ޢަފާފުގެ ކޮއްކޮ ގެންގޮސް މުޑިއެއްގައި ބަނދެ ހަން ދުއްރަޔަކުން ތަޅާތަން ބެލުމަށް ޢަފާފަށް މަޖުބޫރުކުރެވުނެވެ.

ޢަފާފުގެ ކޮއްކޮގެ ޒަޚަމްތަކަށް ފަރުވާދިނީ ޢަފާފެވެ. އޭނާ ހޮސްޕިޓަލަކަށް ނުގެންދެވެއެވެ. އަންހެނުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނުމަކީ ތާލިބާނުންގެ ވެރިކަމުގައި މަނާކަމެކެވެ. އެންމެފަހުން، އެކަމުގެ ތެރޭގައި ހިތަށް އުނދަގޫވެގެންގޮސް ޢަފާފުގެ ކޮއްކޮ، ކޮކަޑިކައިގެން އަމިއްލަޔަށް މަރުވީއެވެ. ޢަފާފަށް އިތުރަށް ގެއްލޭނެ އެއްވެސް އެއްޗެއް ނެތެވެ. ވަރަށް ހިތްވަރުކޮށްފައި ފިލައިގެން އޭނާ ޕާކިސްތާނާ އަފްޣާނިސްތާންގުޅޭ ސަރަޙައްދަށް ދިޔައެވެ. ޕާކިސްތާނަށް އެތެރެވުމަށްފަހު، ޢަފާފަށް  މަސައްކަތެއްލިބުނެވެ. އެމަސައްކަތް ލިބުނީ އަސަދު ދަންނަ ބަޔެއްގެ ކައިރިންނެވެ. އެމީހުން މަސައްކަތްކުރަނީ ސުޢޫދީ ޢަރަބިއްޔާގައި މަސައްކަތްކުރުމަށް، ޕާކިސްތާނުން މީހުން ހޯދާށެވެ.

"މުރުތައްދުވެ މަގުގެއްލިފައިތިބޭ މީހުން، އަންހެނުންގެ އަބުރުކަތިލައި އަނިޔާވެރިކަން އިސްކުރުމަށްޓަކައި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައިގެ ތަޞައްވުރު ބޭނުންއެކުރަނީ ގޯސްކޮންނެވެ." ޢަފާފު އޭނާގެ މޫނު މަތީއަތްއަޅައި މާނޭވާއެއްލަމުން ބުނެލިއެވެ.

އަޅުގަނޑަށްވެސް ޢަފާފުގެ ޙާލަތު ފެނިފައި، އޭނާއާއެކު ރޯނީއޭ ހިތަށްއެރިއެވެ. ޢަފާފަކީ އަޅުގަނޑަށް ފެނުނުތަނުގައި، ދުނިޔޭގައި ތިބި ހިތްދަތިމީހުންކުރެ އެކެކެވެ. އޭނާއަކީ ދުނިޔޭގައި އެކަނިވެރި އަންހެނެކެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅު، ލާދީނީމީހުން ބޭނުންކުރަމުން އެގެންދަނީ، ކަނޑައެޅިގެން ބަދަލުކޮށްގެން އެމީހުންބޭނުންވާގޮތަކަށް، އަންހެނުންގެ ބޭނުންފުއްދުމަށްޓަކައެވެ.

އަޅުގަނޑު، މަޑުމަޑުންގޮސް، ވިންޑޯޝީޓްގައި ޖައްސައިލީމެވެ. އަދި ދޮރުގެ ބިއްލޫރިގަނޑުގައި އަޅުގަނޑުގެ ބޯ ޖައްސައިލީމެވެ. ރަޖަޔަކުން ހަށިގަނޑުނިވާކޮށްލުމަށްފަހު، ލޯމަރައިލީމެވެ. އަފްޣާނިސްތާނު ފިޔަވައި ސުޢޫދީ ޢަރަބިއްޔާގައި އަޅުގަނޑަށް ދިރިއުޅުމުގެ ނަޞީބު ލިބުނީތީ އުފާކުރީމެވެ. ސުޢޫދީ ޢަރަބިއްޔާގައި އަންހެނުންނަށް އޮންނަ ދަރަޖައާ ހަރުކަށިކަމާމެދު ކުޑަކޮށް ހިނިއަންނަގޮތްވެސް ވިއެވެ. އެއީ  އެހާބޮޑުކަމެއްނޫންކަމުގެ އިޙްސާސާ އެކުގައެވެ. އަފްޣާނިސްތާނު ފަދަ އެހެން ޤައުމުތަކުގައި މާހަރުކަށިކަން އޮންނާނެކަމުގެ ވިސްނުމާވެސް އެކުގައެވެ. އެހެންނަމަވެސް، އަޅުގަނޑުގެ އަމިއްލަ ޤައުމުގައިވެސް، ބާރުގަދަ ފިރިހެނުންނަށް އަންހެނުންގެ ޙަޔާތް ކޮންޓްރޯލްކޮށް، ނަރަކަޔަކަށް ބަދަލުކޮށްލުމުގެ ކުޅަދާނަކަން ލިބިގެންވެއެވެ.

މީގެ ދެއަހަރެއްހާ ދުވަސްކުރިން ހިނގައިދިޔަ ހާދިސާއަކަށް އަޅުގަނޑުގެ ވިސްނުންގޮސް ހުއްޓުނެވެ. ހުއްސާހަކީ މަހާގެ ސްކޫލް ރަޙުމަތްތެރިއެކެވެ. ވަރަށްރީތި ލޯބި ކުއްޖެކެވެ. ސުޢޫދީ ފިރިހެނުން ދީނުގެ ނަމުގައި، އަންހެނުން ބޭނުންކުރުމުގެ މައްސަލަ ހުއްސާހުގެ ސަމާލުކަމަށް އޮތީ އައިއްސައެވެ. ހުއްސާހަކީ، ހެދިހުރި ހަށިގަނޑެއްގެ ނަލަ ވިދުވަރެއްފަދަ ރީތި ކުއްޖެކެވެ. ވަރަށްތޫނުފިލި ކުއްޖެކެވެ. ކިޔެވުމަށް އެހާ މޮޅެވެ. ހުއްސާހަކީ ވަރަށް ފަސޭހައިން ކުދިންނާ ރައްޓެހިކަން އުފައްދާ ކުއްޖެކެވެ. އޭނާއާ ރައްޓެހިނޫން ކުއްޖަކު އެސްކޫލްގައި އުޅޭނެކަމަކަށް ނުފެނެއެވެ. އަޅުގަނޑުމެންގެޔަށްވެސް އެއްފަހަރަށްވުރެ ގިނަފަހަރު، ހުއްސާހުވަނީ ޒިޔާރަތް ކޮށްފައެވެ. އަޅުގަނޑުގެ ހިތުގައިވެސް ހުއްސާހަށް ޚާއްޞަކަމެއް ދެވުނެވެ. އޭނާގެ މަންމަ މިދިޔައަހަރު ނިޔާވުމާއެކު، ހުއްސާހަށް އަޅުގަނޑުގެ ހިތުގައި އުފެދެމުންއައި ލޯބި އިތުރުވެގެންދިޔައެވެ. އަދި ވަކިންބޮޑަށް، ހުއްސާހުގެ ދޮންމަންމަ އޭނާދެކެ ފޫހިވާކަން އެނގުމުން އެ ލޯބި އިތުރުވިއެވެ. އެހުރިހާކަމަކާ އެކުވެސް، ހުއްސާހު ހުންނަނީ އަބަދުވެސް ހިނިތުންވެފައި އުފާވެރި މިޒާޖެއްގައެވެ.

ހުއްސާހަށް އެންމެ ތިން އަހަރުގައި، އޭނާގެ ޢާއިލާ މިޞްރަށް ބަދަލުވިއެވެ. އަދި 10 އަހަރުވަންދެން މިޞްރުގައި ދިރިއުޅުނެވެ. ސުޢޫދީ ޢަރަބިއްޔާގައި އޮންނަ ހަރުކަށިފިކުރުގެ ދިރިއުޅުމުން ދުރުހެލިވެ، މިޞްރުގެ މިނިވަން މާހައުލުގައި ދިރިއުޅުމުގެ ނަޞީބު ހުއްސާހަށް ލިބުނެވެ. އެހެންނަމަވެސް، ސުޢޫދީ ޢަރަބިއްޔާއަށް އެނބުރި އައިސް، އެތަނުގެ ހަރުކަށި ފިކުރާގުޅިފައިވާ ދިރިއުޅުންވެސް ހުއްސާހަށް މައްސަލަޔަކަށް ނުވިއެވެ. ޢާންމު ތަންތަނަށް ނުކުންނައިރު މޫނުބުރުގާ އަޅައި ކަޅުހެދުންލުމަކީވެސް ހުއްސާހަށް އެއްވެސް މައްސަލައެއްނޫނެވެ. ސުޢޫދީގައި އަންހެނުންނަށް މަނާކުރެވިފައި އޮންނަ އެހެންކަންކަންވެސް ހުއްސާހަށް މައްސަލައެއް ނޫނެވެ. އެކަންކަމަށް އޭނާ އުފަލާއެކު އިޙްތިރާމް ކުރެއެވެ.

ހުއްސާހު ދިރިއުޅޭ ގޭގައި އޭނާގެ ޢައިލާއާއެކު އުޅޭއުޅުމުގައި އޭނާއަކީ ޒަމާނީ ކުއްޖެކެވެ. ލައިއުޅޭނީ ޖީންސާއި ޓީޝާރޓެވެ. ވަރަށްގިނައިރު ރައްޓެހިންނާ ވާހަކަ ދައްކަން ފޯނުގައި ވަގުތު ހޭދަކުރާނެއެވެ. އަދި އެގޭގައި އޮންނަ ޕޫލުގައި ޢާންމުކޮށް ވަރަށްގިނައިރު ފަތާނެއެވެ. އެކިއެކި ކުޅިވަރުގެ ޙަރަކާތްތަކަށް ލޯބިކުރާނެއެވެ. އިންޓަރނެޝަނަލް އޮލިމްޕިކްސްފަދަ މުބާރާތްތަކުގައި ސުޢޫދީ އަންހެނުންނަށް ވާދަނުކުރެވޭތީ އެކަމާ ވަރަށް މައްސަލަ ޖައްސާނެއެވެ. އެއީ ސުޢޫދީ އަންހެނުންނަށް ހުވަފެނުންވެސް ފެންނާނެ ދުވަހެއްނޫނެވެ. އެހެންކަމުން، ހުއްސާހުގެ ފެތުންއެއީ އޭނާގެ އަމިއްލަ އުފަލަށްޓަކައި ކުރާކަމެއްގެގޮތުގައި އޮންނާނެއެވެ.

ހުއްސާހުގެ އުފާވެރިކަން ހިތާމަވެރި މުޞީބާތަކަށް ބަދަލުވެގެންދިޔައީ، އޭނާގެ ހިތުގައި ފެތުމަށް އޮތްލޯތްބެއްގެ ސަބަބުންނެވެ. ފަތާއިރު، ހުއްސާހުލަނީ ބިކިނީއެވެ. އޭނާގެ ޅަބާޅަ ތުނިހަށިގަނޑުގެ ރީތިކަން ބިކިނީގައި ހުންނައިރު ވަކިންބޮޑަށް ފާޅުވެއެވެ. ނަޞީބު ކަންދިމާކުރިގޮތުން ޖެހިގެންހުންނަ ގޭގައި ދިރިއުޅެނީ ދީނީގޮތުން ހައްދުފަހަނަޅާފައިވާ ބަޔެކެވެ. އެގޭގެ އެންމެ ދޮށީ ފިރިހެންކުއްޖާއަށް، ހުއްސާހު ފަތާހެދުމުގައި ބިކިނީގައި ހުރިތަން ފެނުނު ވަގުތަކީ، ހުއްސާހުގެ ދިރިއުޅުން ބަދަލުވެ އަނދިރިވެގެންދިޔަ ވަގުތެވެ.

ސުޢޫދީގެ ގޭގޭގެ ފާރު އުސްކޮށްހުރިނަމަވެސް، ޖެހިގެން ހުންނަ ގޭގެ މަތީބުރިން އަނެއްގޭގެ ބަގީޗާ ފެންނާނެއެވެ. ހުއްސާހު ދިރިއުޅެނީ އެއްބުރިޔަށް ހަދާފަހުންނަ ގެޔެއްގައެވެ. ޖެހިގެންހުންނަގެ ހަދާފައި ހުންނަނީ ތިންބުރިޔަށެވެ. ތިންވަނަބުރީގެ ކޮޓަރިތަކުގެ ކުޑަދޮރުތަކުން، ހުއްސާހުމެންގޭގެ ބަގީޗާއާއި ފަތާފެންގަނޑު ފެންނާނެއެވެ. އަބުރުވެރި މުސްލިމުންގެ ގޭގޭގައި އެގޮތަށް ހުންނަނަމަ، ކުޑަދޮރުތައް ހުންނާނީ ބޭރުނުފެންނަގޮތަށް ހަދާފައެވެ. އެހެންނަމަވެސް، ހުއްސާހުމެންގެޔާ ޖެހިގެންހުންނަ ގޭގައި ބޭރުނުފެންނަގޮތް ހަދާފައެއް ނުހުރެއެވެ.

ޖެހިގެންހުރި ގޭގެ އެންމެ ދޮށީފިރިހެންކުއްޖާއަށް، ފަތާފެންގަނޑުގައި ހުއްސާހު އުޅޭ މަންޒަރު ފެނުމާއެކު، ބާރުގަދަ ލެންސްތަކާއެކު، މޮޅު ކެމެރާއެއް ގަތެވެ. އަދި އެކިދުވަސްމަތިން، ހުއްސާހުގެ އޮރިޔާން ހަށިގަނޑު ފޮޓޯނަގަމުން ގެންދިޔައެވެ. އެއްދުވަހަކު، ފެންގަނޑުގައި ހުއްސާހު  އުޅުމުގެތެރޭގައި އޭނާގެ ބިކިނީގެ މަތީބައި ދޫވެގެން ވެއްޓުނެވެ. އެމަންޒަރު ފޮޓޯނެގުމުގެ ފުރުޞަތު އެއްކަލަ ކުއްޖާއަށް ފަހިވިއެވެ. އަދި ހުއްސާހު އަމިއްލަޔަށް، އޭނާއަށް ދެއްކުމަށްޓަކައި އޮރިޔާންވީކަމުގައި، އަވަށު އޮފީހަށް ރިޕޯރޓް ކުރިއެވެ. އަދި ކަނޑައެޅިގެން އޭނާއަށް ދެއްކުމަށްޓަކައި ހުއްސާހު ކުރިކަމެއްކަމަށް ދެއްކިއެވެ. އެކަމާގުޅިގެން، އޭނާއަށް ނުބައި ހުވަފެންފެނި ނަފްސާނީ ބައްޔެއްޖެހިފައިވާކަމުގައިވެސް ބުންޏެވެ. އަދި އެއީ ހުއްސާހުކުރިފާފަވެރި ޢަމަލަކަށްވާތީ، ހިލައިންތަޅައި ހުއްސާހު މަރަންޖެހޭކަމުގައި އޭނާ ދަޢުވާކުރިއެވެ. މިކަމަށް އަވަށުއޮފީހުން އެއްބަސްވިނަމަ، ހުއްސާހު ހިލައިންތަޅައި މަރާލީހެވެ. އެޙާދިސާއަކީ، ކުޅިވަރުކުޅުމާއި މަޖާކުރުމަކީ އަންހެނުންނަށް ހުއްދަ ނުވާނެކަމެއްކަން ސާބިތުކޮށްދިނުމަށް، ހަރުކަށި ފިކުރުގެ ސުޢޫދީންނަށް ލިބުނު އިތުރު ފުރުޞަތެކެވެ. އެހެންނަމަވެސް، އެމައްސަލައިގާ ހުއްސާހަށް އަދަބެއްދޭން އަވަށު އޮފީހަކުން ނުނިންމައެވެ. އަވަށުއޮފީހަށް ހުއްސާހުގެ ބައްޕަގެންގޮސް، ހުއްސާހަށް ވިސްނައިދީ އެކަހަލަ ކަންކަމުން ދުރުވެހުރުމަށް ނަޞޭޙަތްދިނުމަށްފަހު ހުއްސާހާ މެދު ހަރުކށިވުމަށް އަންގައި އެމައްސަލައޮތީ ނިންމާފައެވެ. އެހެންނަމަވެސް، އެކަމާގުޅިގެން، ހުއްސާހު، ސްކޫލުން ވަކިކުރިއެވެ. ފެތުންވެސް މަނާކުރެވުނެވެ. އެންމެ ބާރުގަދަ ހަރުކަށި އަމުރަކަށްވީ، އެއްމަސްދުވަހުގެ ތެރޭގައި ހުއްސާހު މީހަކާ އިނުމަށް ކުރެވުނު އަމުރެވެ. އެއަމުރުގައި އެންމެ ހެއްވާކަމަކަށް އައިސްފައިއޮތީ، ހުއްސާހު އިންނަންވާނީ މުސްކުޅިޔަކާކަމަށް އޮތް އޮތުމެވެ.

އެންމެ ފުރަތަމަ، ހުއްސާހުގެ ބައްޕަ ހުރީ ހުއްސާހާ އެއްކޮޅަށެވެ. އެހެންނަމަވެސް، އޭނާގެ ދޮންމަންމަ ޖެހުނީ ހަރުކަށި ފިކުރުގެ ކޮޅަށެވެ. އޭނާބުނަނީ، ހުއްސާހަކީ ބިކުރުވެރިއެއް ނޫންކަމުގައެވެ. އަދި ހުއްސާހުވަނީ އެޢާއިލާގެ ނަން ޖަމާޢަތުގައި ޚަރާބުކޮށްފައެވެ. އެތައްބަޔެއްގެ އެއްބައިވުމާ އަދި އަންހެނުންގެ ގޮތްދޫނުކުރުމާއި ސަރުކާރުގެ ސިޔާސަތާއި އުޞޫލުތަކަށް ބޯލަނބަން ހުއްސާހުގެ ބައްޕަޔަށް މަޖްބޫރުވިއެވެ. އަދި އެންމެފަހުން ހުއްސާހު މީހަކާ އިންނަން އެއްބަސްވިއެވެ. ހުއްސާހަށް ލިބިފައިއޮތް މިނިވަންކަން، އެއްފަހަރުން ގެއްލިގެންދިޔައެވެ. ހަރުކަށި އުޞޫލުތައް އޭނާގެ ދިރިއުޅުމަށް ތަންފީޒު ކުރެވެމުންދިޔައެވެ. ކައިވެންޏަށްފަހު، ހުއްސާހު އަށް މަހާއަށް ފޯނުކޮށްލުމަށް ލިބުނީ އެންމެ ފުރުޞަތެކެވެ. އެކޯލުގައި ހުއްސާހުގެ އަޑުހުރީ ވޭނާއި ރިހުމުން ފުރިފައެވެ. އޭނާ ވާހަކަ ދައްކަ ދައްކަ ހުއްޓާ އެފޯނު ކަނޑައި ލެވުނެވެ. އޭގެފަހަކުން ހުއްސާހުގެ ޚަބަރެއް މަހާއަކަށް ނުލިބެއެވެ.

މިދެމީހުންގެ ހިތްދަތި ދިރިއުޅުމުގެ ވާހަކަތަކުގެ ހަނދާންތައް އާވުމުން، އަޅުގަނޑުގެ ސިކުނޑި ހާސްވިއެވެ. އަޅުގަނޑުގެ ހިތާ ހިތާ ސުއާލުކުރަމެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ، ﷲ ގެ ރަޙުމަތްފުޅަށް އެދިވަޑައިގެން އަދި ތަވްބާވެވަޑައިގަތުމަށް ވަރުބަލިފުޅުވުމެއްނެތި ﷲ ގެ ޙަޟުރަތަށް ދުޢާކުރައްވާކަން މި ފިރިހެނުން ހަނދާން ނުކުރަނީ ކީއްވެ ހެއްޔެވެ. ކީރިތި ޤުރުއާނުގެ އެންމެ ސޫރަތެއްފިޔަވައި އެހެން ކޮންމެ ސޫރަތެއްވެސް ފެށެނީ ﷲ ގެ އިސްމުފުޅުންނެވެ.

ޤަބޫލުކުރަންދަތި ޙަޤީޤަތަކީ، ޢަފާފުގެ ވާހަކަ ތެދުކަމެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުތައް، ގިނަފިރިހެނުން ބޭނުންކުރަނީ، އެމީހުންގެ އަމިއްލަ ބޭނުންތައް ފުއްދުމަށްޓަކައި  ހަތިޔާރެއްގެ ގޮތުގައެވެ. އަޅުގަނޑުމެން އަންހެނުން ކުރާނީކީއްތޯއެވެ ؟ ޢަފާފާއި ހުއްސާހުއަށް އަށް އެދިމާވިކަންކަމާގުޅޭގޮތުން، އެއިންމީހަކު ޝަކުވާއެއްކޮށްފިނަމަ، ގިނަފިރިހެނުން ބަލާނީ އެއީ ކޮށްގެންވާނެކަމެއްނޫންކަމުގައެވެ. އަދި އެއީ، އިސްލާމީ އުޞޫލުތަކާ އިދިކޮޅު ކަމެއްގެ ގޮތުގައެވެ. އަދި އެކަމަށް އަންހެނުންނަށް އަދަބު ކަނޑައެޅިގެންވެސް ވެއެވެ.

މިޚިޔާލުތަކަށް ގެއްލިފައި އަޅުގަނޑު އިންދާ ހޭވެރިކަންވީ، މާއިސާ ނިދީގައި ރޯންފެށި އަޑަށެވެ. އަޅުގަނޑުގެ މިވިސްނުމަށް ގެނެވުނު ޚިޔާލުތަކަށްވުރެ، މާއިސާއަށް އެފެންނަ ހުވަފެނުގެ  އުނދަގޫ އޭނާއަށް މާބޮޑުވާނެއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.