(14 އޯގަސްޓް 2022 ގެ ބަޔާ ގުޅޭ)
ދިރިހުއްޓަސް ވަޅުލެވިފައި
އެއްދުވަހެއްގެ ހެނދުނުގެ ވަޤުތެވެ. އަޅުގަނޑުމެން ރިޔާޛަށް އެނބުރި ދިއުމަށްއޮތީ ކުޑަދުވަސްކޮޅެކެވެ. މަހާ އައިސް ހުއްޓުމެއްނެތި އަޅުގަނޑަށް ގޮވަން ފެށިއެވެ. ހީވީ ޤިޔާމަތްވެގެން އުޅެނީ ހެންނެވެ.
"މަންމާ އެވެ! އަވަހަށް ތެދުވާށެވެ! ބޮޑުބޭބެ ޢަލީ މަރުވަނީއެވެ!" މަހާ އެއްނޭވައިން ހުރިހާ ވާހަކައެއް ކިޔައިދީ އަޅުގަނޑުގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ.
"ދަރިފުޅާއެވެ! ތިކިޔަނީ ކީކޭ ހެއްޔެވެ؟" އަޅުގަނޑަށް ލިބުނު ސިހުމާއެކު ބުނެލެވުނެވެ.
"ބޮޑުބޭބެ ޢަލީގެ ގަޔަށް ވިހަ ހަރުފައެއް ވިހަލައިފިއެވެ. މިހާރުވެސް ފަހުނޭވާ ދޫކޮށްނުލާކަމެއް ނޭނގެއެވެ." މަހާ ހާސްވެފައިހުރެ ބުންޏެވެ.
"ނޫން! ޔާ ﷲ އެވެ!" އަޅުގަނޑަށް ބުނެވުނެވެ. މަތިންލާ ހެދުމެއް ހިފައިގެން ވަގުތުން އަޅުގަނޑުގެ ނޯކަރު އައެވެ. އަދި އަޅުގަނޑުގެ ގަޔަށް ހެދުން ވައްޓާލަ ދިނެވެ. ދޮރުމަތީ ކަރީމް ބަހައްޓާފައިހުރި އޭނާގެ ފައިވާނަކަށް ފައިކޮށްޕާލައިގެން އަޅުގަނޑު ދުއްވައިގަތީމެވެ.
ޢަލީގެ ފޭލިގެ ބޭރުގައި ގިނަ ޢަދަދެއްގެ ނޯކަރުންނާއި މުއައްޒަފުން އެއްވެފައި އޮތެވެ. މަހާއާއި އަޅުގަނޑު އެމީހުންގެ ތެރެއިންލާފައި ފޭލިގެޔަށް ވަތްއިރު އެމީހުން އެކިވާހަކަ ދައްކާ އަޑުއިވުނެވެ.
"ޢަލީއަށް ފޭލިގެޔާ އެހާދުރަކަށް ނުދެވެއެވެ. ވިހަގަދަ ބޮޑު ހަރުފައެއް، އައިނުއައިތަނެއް ނޭނގި އައިސް، ޢަލީގެ އަތުގައި ދަތްއަޅައި ވިހަލީއެވެ." ފިލިޕީންސް ޚާދިމަކު ބުނިއަޑު އިވުނެވެ.
"އެއީ ދޫންޏެއްފަދައިން އުދުހިގެންދުވާ ވައްތަރު ހަރުފައެކެވެ." މިޞްރުގެ ޚާދިމަކު ބުންޏެވެ.
"ޔާޔިމްގެ ވިހައިން ބޮޑުމީހަކުވެސް ސަލާމަތެއް ނުވާނެއެވެ." ސޫދާނު ޚާދިމަކު ބުންޏެވެ.
މިމީސްމީހުންގެ ވާހަކަތަކުން، އަޅުގަނޑަށް ހިނގަން އުނދަގޫވާވަރަށް ފައިތުރުތުރު އަޅައިގެން ދިޔައެވެ. ޔާޔިމް އެވެ ކިޔޭ ހަރުފަ ވިހަލާފައިވާނަމަ، ޢަލީ އޮންނާނީ މިހާރު މަރުވެފައެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ޔާޔިމްގެ ވެނޮމްއެވެކިޔޭ ބާވަތަކީ ވަރަށް ވިހަގަދަ ހަރުފައެކެވެ. އެންމެ ބާރުގަދަ ވިހަޔަށްވުރެވެސް ވިހަގަދަވާނެއެވެ. ޔާޔިމް އަކީ ކޯބްރާ ޢާއިލާއަށް ނިސްބަތްވާ ވިހަގަދަ ތިންބާވަތުގެ ތެރެއިން އެއްބާވަތެކެވެ.
ޢަލީގެ ޙަރަކާތާއި ޢަމަލުން ޢަލީގެމައްޗަށް ނަފުރަތާއި ފޫހިކަން އަޅުގަނޑުގެ ހިތުގައި އުފެދިފައިއޮތަސް، ޢަލީ މަރުވުމަކީ، އަޅުގަނޑު އެދޭނެކަމެއްނޫނެވެ. އެހެންނަމަވެސް، ޢަލީގެ ނުބައި ޚުލްޤު ބަދަލުވާނެ ޙާލަތެއް އުފެދި އުފަންވެގެންދިއުމަކީ، އަޅުގަނޑަށް އަބަދުވެސް އެދެވޭ ކަމެކެވެ. މިއަދު ޢަލީ މަރުވެއްޖެނަމަ، އޭނާ މަރުވެގެންދާނީ ފާފައާއި ގޯސް ޢަމަލުތަކާއެކުގައެވެ. މިފަދަ ގޯސްވަސްވާސްތަކުން އަޅުގަނޑުގެ ހިތް ތަޣައްޔަރުވަމުން ދިޔަވަގުތު، އެއީ އަޅުގަނޑުގެ މަރުޙޫމު މަންމަ އެދޭނެގޮތެއް ނޫންކަން އިޙްސާސް ވިއެވެ.
އަޅުގަނޑަށް ފޭލިގެތެރެޔަށް ވަދެވުނުއިރު، ޢަލީއޮތީ ބިންމަތީ ގޮދަޑިއެއްގައި ބޭއްވިފައެވެ. ދިރިހުރިކަމުގެ އެއްވެސް އަސަރެއް ނުފެނެއެވެ. އޭނާގެ ހަތަރު އަނބިން ވަށާލައިގެން އިށީނދެ ތިއްބެވެ. އެމީހުން މިހާރުވެސް ހިތާމަފާޅުކުރަމުން ގެންދަނީ ކަހަލައެވެ. އޭނާ މަރުވެއްޖެއޭ ބުނެ އަޅުގަނޑަށް ހަޅޭއްލަވައިގަނެވުނެވެ. އެވަގުތު ކަރީމް އައިސް އަޅުގަނޑު އަތުލަފިކޮށްގެން ޢަލީއާ ހަމަޔަށް ގެންދެވޭތޯ މަސައްކަތްކުރަމުން ގެންދިޔައެވެ.
"ސުލްޠާނާއެވެ! ޢަލީގާތަށް ސުލްޠާނާ ގެނެސްދޭން ޢަލީ އެދޭތާ ކިތަންމެ އިރެއް ވެއްޖެއެވެ." ކަރީމް ބުންޏެވެ.
"ފުރާނަ އެބަހުރި ހެއްޔެވެ؟" ޙައިރާންކަމާއެކު އަޅުގަނޑަށް ސުއާލުކޮށްލެވުނެވެ.
"އާނއެކެވެ! އަދި ފުރާނަ އެބަހުއްޓެވެ. އެކަމަކު މިއީ އެންމެ ފަހު ވަގުތުކޮޅުކަމަށްވެސް ވެދާނެއެވެ. ހިތްވަރު ކުރާށެވެ!" ކަރީމް އަޅުގަނޑު މަސަލަސް ކުރަމުން ބުންޏެވެ. އަޅުގަނޑަށް ކޮޓަރީގެ އެތަންމިތަނަށް ބަލައިލެވުނެވެ. ވަކިމީހެއްނޫނެވެ. ހަމަ، ކޮންމެ މީހަކުވެސް ކޮންމެވެސްކަމެއްގައި އަވަދިނެތި އުޅެއެވެ. ނޫރާއާއި ޙައިފާ އަދި ސާރާވެސް ފަތްތަކެއް އެއްކޮށްގެން ކޮށުމުގެ މަސައްކަތުގައި އަވަދިނެތި އުޅެއެވެ. އެފަތަކީ، ހަރުފަ ވިހަލުމުންދޭ ފަރުވާއެއްގެ ގޮތުގައި ބަދަވީން ބޭނުންކުރަމުން އަންނަ ފަތެކެވެ. އެފަތުން ސައިހަދައިގެން ބޯނީއެވެ. އެއީ ބަދަވީންގެ ޢާންމު ކަމެކެވެ. ޢަލީގެ އަޖަލުހަމަވާ ދުވަހަކީ މިއަދުކަމަށްވަންޏާ، ޢަލީގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އަޅުގަނޑުގެ ދައްތަމެންނަށް ކުރެވޭނެ އެއްވެސްކަމެއް ނޯންނާނެއެވެ. ކޮންމެ އިންސާނަކު އުފަންވާއިރުވެސް އަޖަލުހަމަކުރައްވާ ދުވަސް އޮންނަނީ ލިޔުއްވާފައެވެ. ﷲ ގެ އެނިންމެވުން އެއްވެސް އިންސާނަކަށް ބަދަލެއް ނުކުރެވޭނެއެވެ.
"ﷲ އެވެ! މިއަޅާ ސަލާމަތް ކުރައްވާދޭވެ! އިބް ﷲ އަށް މިއަޅާ އަޅުދާސްވަމެވެ." ޢަލީ ރޮއިގަތެވެ.
އަޅުގަނޑު އަތުލަފިކުރަމުން، ކަރީމުގެ މަސައްކަތުން އަޅުގަނޑު ގެންގޮސް ޢަލީގެ ބޯލާކޮޅުގައި ބޭންދިއެވެ. ޢަލީގެ ތުންފަތްވަނީ ނޫވެފައެވެ. މުޅިމީހާއޮތީ ދާހިއްލާ ފޯވެފައެވެ. ހީވާގޮތުގައި، ބޭބެއަށް އޮތީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ. ޢަލީގެ އަނބިން ދުރަށްޖެހިލައި އަޅުގަނޑަށް ތަން ދެއްކިއެވެ.
"ޢަލީއެވެ! މިއީ ޢަލީގެ ކޮއްކޮ ސުލްޠާނާއެވެ!" ޢަލީއަށް ގޮވާލާފައި އަޅުގަނޑު މަޑުމަޑުން ބުނީމެވެ. އެހެންނަމަވެސް، ޢަލީގެ އެއްވެސް ޙަރަކާތެއް ނެތެވެ. އޭގެ އިތުރަށް ނޭވާލުމަށްޓަކައި އެވަގުތުވެސް އޭނާ ތަކުލީފު އުފުއްލަމުން ގެންދިޔައެވެ. ނޭވާ ތާށިވެ ނޭވާ އުފުރިގެންދާފަދަ އުނދަގޫތަކެއް އޭރުވެސް ޢަލީއަށް ލިބެމުން ދެއެވެ. އަޅުގަނޑު، ޢަލީގެ އަތުގައި ހިފާ ފިތައިލީމެވެ.
ބޭބެ ލޯހުޅުވައިލިއެވެ. އަދި ބޯ އަނބުރައިލުމަށްފަހު ސީދާ އަޅުގަނޑުގެ މޫނަށް ބަލަހައްޓައިގެން އޮތެވެ. ޢަލީގެ އެ ބަލައިލުމުންވެސް އޭނާގެ ހަށިގަނޑުގެ އެތެރެހަށީގައި ދައުރުވަމުންދާ ވިހައިން ލިބެމުންދާ ވޭން އިޙްސާސްވާވަރު ވެއެވެ. ސުލްޠާނާއޭ ބުނެ ޢަލީ ގޮވައިލުމުން، އަޅުގަނޑު އާއެނކޭބުނެ ޖަވާބު ދިނީމެވެ. ޢަލީ އެއުޅެނީ އޭނާއަށް ކުރެވިފައިވާ ކުށްތަކަށް، ޚާއްޞަކޮށް އަޅުގަނޑަށާއި އެހެން އަންހެނުންނަށް ދީފައިވާ އިހާނެތިކަމަށް މަޢާފަށް އެދުމަށްކަމުގައި އަޅުގަނޑު ހީކުރީމެވެ. ހަމަ އެވަގުތު ނޫރާ ޢަލީގާތަށް އައެވެ. އޭނާ އައީ ފުނޑާފައިހުރި ތަށްޓެއް ހިފައިގެންނެވެ.
"ޢަލީއެވެ! އަނގަހުޅުވާފައި މިފަތްކޮޅު ދިރުވާލާށެވެ!" ނޫރާ ޢަލީގެ މޫނުގައި އަތް ކާއްތާލަމުން ބުންޏެވެ. ނޫރާދިން ސައިތަށި ޢަލީ ބޯލިއެވެ.
"ފުރާނަ ސަލާމަތް ކުރެވޭތޯ ހިތްވަރުކުރަން ވާނެއެވެ." ޢަލީގެ ކަންފަތްދޮށުގައި، ނޫރާ ބުނެލިއެވެ.
"އާނއެކެވެ! ނޫރާއެވެ. އަހަރެން ހިތްވަރު ކުރާނަމެވެ." ޢަލީ ވަރަށް މަޑުމަޑުން ތުންފަތް ތަޅުވައިލަމުން ބުންޏެވެ.
ޢަލީ މަރުވާކަށް އަޅުގަނޑެއްވެސް ބޭނުމެއްނޫނެވެ. ފަހަރެއްގައި މިފަދަ ނުރައްކާތެރި ޙާދިސާއަކާގުޅިގެންވެސް އެއްޗެއް ވިސްނި، ހެޔޮލަފާ މީހަކަށް، ޢަލީ ބަދަލުވެދާނެއެވެ. ރަނގަޅު ބައްޕަޔަކަށެވެ. އަދި ރަނގަޅު ފިރިޔަކަށެވެ.
"ސުލްޠާނާއެވެ! ތިއީ ސުލްޠާނާ ހެއްޔެވެ؟" އަޅުގަނޑާދިމާއަށް ބަލަހައްޓައިގެން އޮވެ، ޢަލީ ބުންޏެވެ. އަޅުގަނޑުވެސް އާނއެކޭ ބުނީމެވެ. "މިއީ ޢަލީގެ ކޮއްކޮ ސުލްޠާނާއެވެ!"
"ސުލްޠާނާއެވެ! ފަހަރެއްގައި އަހަރެން މިހިނދުން މިހިނދަށްވެސް މަރުވެދާނެއެވެ." އަޅުގަނޑުގެ ބޯ ހޫރާލެވުނެވެ. ޢަލީގެ ބަހަށް އެއްބަސް ނުވުމުގެ ޢިޝާރާތެއްގެ ގޮތުންނެވެ. އެހެންނަމަވެސް، މިއަދަކީ ޢަލީގެ އަޖަލު ހަމަވާން އޮތް ދުވަސްކަމަށް ވަންޏާ، ﷲ ގެ އެނިންމެވުމަށް ގޮންޖެހޭނީ ކޮން ނަފުސަކަށް ހެއްޔެވެ ؟ އަޅުގަނޑު ތަންކޮޅެއް ފުންކޮށް ޢަލީގެ މޫނަށް ބަލައިލީމެވެ. އޭނާގެ ތުންފަތުގައި ކުރިންހުރި ގަދަ ނޫކުލަ މިހާރު އެވަނީ މަޑުވެފައެވެ. ފަހަރެއްގައި، ނޫރާމެން އެދިން ބޭހުގެ އަސަރު ކުރަނީކަމަށް ވެދާނެއެވެ. އަޅުގަނޑު އެއްޗެކޭ ބުނަންދެން، ޢަލީ މަޑުކޮށްލައިގެން އޮތްކަން އަޅުގަނޑަށް އެނގުނެވެ. އެންމެ ފަހުން، އަޅުގަނޑު އެއްޗެކޭ ނުބުނުމުން ޢަލީ ވާހަކަދައްކަން ފެއްޓެވެ.
"ސުލްޠާނާއެވެ! އަހަރެން މިވަނީ ކަށްވަޅަށް ދިއުމުގެ ދަތރުރމަތީގައެވެ. ފަހަރެއްގައި ސުލްޠާނާ، އަހަރެންގާތު ބުންނަންވެފައި މުހިންމު ވާހަކައެއް އޮވެދާނެއެވެ." ޢަލީ ބުންޏެވެ. ޢަލީ އެބުނި އެއްޗަކުން އަޅުގަނޑަށް އޮޅިއްޖެއެވެ.
"ޢަލީއެވެ! ﷲ ގެ ހެޔޮ ރަޙުމަތާއި ނިޢުމަތް ޢަލީއަށް މިންވަރު ކުރައްވާށިއެވެ!" އަޅުގަނޑު ބުނީމެވެ. ޢަލީގެ މޫނުމައްޗަށް ވެރިވެގެންދިޔަ ނުތަނަވަސްކަން އަޅުގަނޑަށް ފެނުނެވެ. ބޭބެ އަޅުގަނޑުގެ ކިބައިން އެ ބޭނުންވަނީ ކޮންކަމެއްބާވައެވެ.
"ސުލްޠާނާއެވެ! ފަހަރެއްގައި ސުލްޠާނާ އަހަރެންގެ ކިބައިން މަޢާފަށް އެދިފާނެކަމަށް އަހަރެން ހީކުރަމެވެ." ހުއްޓެމުން ހުއްޓެމުން ޢަލީ ބުންޏެވެ. އަޅުގަނޑަށް ލިބުނު ޙައިރާންކަމުގައި އަޑަށް ލެވުނު ބާރުވެސް އިޙްސާސެއް ނުކުރެވުނެވެ.
"މަޢާފޭ ހެއްޔެވެ؟" އަޅުގަނޑަށް ހަރުއަޑުން ބުނެވުނެވެ. އަޅުގަނޑު ދޭނެޖަވާބަށް ޢަލީ މަޑުކޮށްލައިގެން އޮތެވެ. އޭނާއަށް ރަނގަޅުވަމުން އަންނަ ކަމުގެ ނިޝާންތައް ފެންނަން ފެށިއެވެ. އަޑުގައިވެސް ސާފުކަން އިތުރުވާން ފެށިއެވެ.
"އާނއެކެވެ! ސުލްޠާނާއެވެ! އަހަރެންގެ މުޅި ޙަޔާތުގައި އަހަރެންނަށް ކުރިހާ ޖެއްސުމަކަށް، ސުލްޠާނާ އަހަރެންގެ ކިބައިން މަޢާފަށް އެދެން ޖެހޭނެއެވެ."
"ޢަލީއަށް ދުޅަހެޔޮ ޞިއްޙަތެއް ދެއްވުން އެދި އަހަރެން، ﷲ އަށް ދުޢާ ދަންވަމެވެ. އެއަށްވުރެވެސް މުހިންމު ކަމެކެވެ. ޢަލީއެވެ! ޢަލީގެ ނުބައި ނުލަފާކަމާއި އަދަބާޚިލާފު ޚުލްޤު ހެޔޮކުރުމުގެ ވިސްނުންދެއްވުންއެދި ޢަލީ ދުޢާ ކުރަން ޖެހެއެވެ." ޢަލީއަށް ލިބުނު ޙައިރާންކަން ފެނުނެވެ.. އެއާއެކު، ޢަލީގެ ޖަވާބަކަށް މަޑުނުކޮށް އަޅުގަނޑު އެތަނުން އެނބުރިލީމެވެ. އަޅުގަނޑުގެ ބޭބެގެ އޯގާތެރިކަމާއި ހިތްހެޔޮކަން އަޅުގަނޑުގެ މައްޗަށް އޮތްމިންވަރު، މިއަދު ފުރަތަމަ ފަހަރަށް އިޙުސާސް ކުރެވުނެވެ. އަޅުގަނޑުމެންގެ ދެބެންގެ މެދުގައި އޮތް ފޫއްސާއި ނަފުރަތަށް އެއްވެސް ބަދަލެއް ނާންނަކަން މިއަދު ޔަޤީންކުރެވުނެވެ. އެހެންނަމަ، މަރުގެ ތުންފަތްމަތީ އޮތް ޢަލީ، އޭނާގެ ޙާލަށް އަދި އަމިއްލަ ނަފުސަށް ވިސްނީހެވެ. އަދި އަޅުގަނޑަށާއި އެހެން އަންހެނުންނަށް އޭނާގެ ފަރާތުން ލިބިފައިވާ ހިތްދަތިކަމާއި އަނިޔާއަށް ހިތާމަ ކުރީހެވެ. އަޅުގަނޑުގެ ހިތް ޢަލީގެ މައްޗަށް ނުބައެއްނޫނެވެ. އޭނާއަށް ހަމްދަރުދީވުން ފިޔަވައި އެހެންކަމެއް އަޅުގަނޑުގެ ހިތަކު ނެތެވެ.
ޢާއިލާގެ އެހެން މެންބަރުންނާއެކު ދެންކުރިމަތިވެދާނެކަމަކަށް މަޑުކޮށްލައިގެން ޢަލީގެ ފޭލިގޭގައި އަޅުގަނޑުވެސް މަޑުކޮށްލައިގެން ހުރީމެވެ. ޢަލީގެ ހަށިގަނޑުގައި އަޅާވޭން ލުއިކޮށްދެއްވުންއެދި ﷲ އަށް ދަންނަވާއަޑު އިރުއިރުކޮޅުން އިވެމުން ދެއެވެ. ބައެއްފަހަރަށް، ފުރާނަ އެދަނީއޭ ހީވާހިސާބަށްވެސް ދެއެވެ. އަދި އަނެއްބައިފަހަރަށް، ދެވަނަ ދުވަހަކަށް އިރުއަރަންދެން އަދި އޭނާ ދުނިޔޭގައި އޮވެދާނޭ ހިތަށް އަރާފަހަރު އާދެއެވެ.
ޢަލީގެ ގައިގާ ދަތްއަޅައި ވިހަލީ ހަރުފަ، އެތައްބަޔެއްގެ މަސައްކަތުން ހޯދައި އަތުލައިގަތެވެ. އޭތިއޮތީ ފޭލިގޭގެ އެއްކަނަކަށް ވަދެ ބޮނދައިގެންނެވެ. ހިތަށް ހަމަޖެހުން ލިބުނު އެއްކަމަކީ، ކުރިން ބެލެވިފައިވާގޮތަށް އެ ހަރުފަޔަކީ ޔާޔިމް އެއްނޫންކަމެވެ. އެއީ ޙައްޔާހް އެވެކިޔޭ ހަނަފަސް ބިމުގައި އުޅޭ ވައިޕަރ އެކެވެ. ޙައްޔާހްއަކީވެސް ވިހަގަދަ ހަރުފައެކެވެ. އެހެންނަމަވެސް، ޔާޔިމް ޢާއިލާގެ ހަރުފަޔަށްވުރެ ވިހަ މަޑުވާނެއެވެ. ކިތަންމެ ވޭނެއް އަޅާފައި ނަމަވެސް ޙައްޔާހް ވިހަލާ މީހުން ގިނަފަހަރަށް ރަނގަޅުވާނެއެވެ. ޢަލީ ރަނގަޅުވާނެކަމުގެ އުއްމީދުގައި އެންމެންވެސް ތިބީ ހިތްހަމަ ޖެހިފައެވެ. އަދި ޢަލީއަށްވެސް އެ ޚަބަރު ދިނެވެ.
"ﷲ އަށް ޙަމްދު ހުއްޓެވެ. ފަތްޕިލާވެލި އެއްކޮށް ޢަލީއަށް ބޭސްފަރުވާދިން، ޢަލީގެ ކޮއްކޮމެންނަށް ޝުކުރު ހުއްޓެވެ." އަސަދު ގޮސް ޢަލީގާތު ބުންޏެވެ. އެއީ ތެދެކެވެ. ދައްތަމެން އެދިން ފަރުވާއިން ޢަލީގެ ގައިގާހުރި ވިހައިގެ އަސަރު ކަނޑުވައިލިއެވެ. އެހެންނަމަވެސް، ޢަލީ އެކަން ޤަބޫލެއް ނުކުރެއެވެ. އަދި އެކަމަށްޓަކައި ދައްތަމެންނަށް ޝުކުރުގެ ބަހެއްވެސް ބުނެ ނުލައެވެ.
"ނޫނެކެވެ! އަސަދު އެވެ! އަހަރެންގެ އަޖަލު އަދި ހަމަނުވަނީއެވެ. އަޖަލު ހަމަވުމުން އަހަރެން ސަލާމަތްކޮށްދެވޭނެ އެކަކުވެސް ނުހުންނާނެއެވެ. އަހަރެންގެ ކޮއްކޮއިންނަށްވެސް އަހަރެން ސަލާމަތްކޮށްދިނުމަށްޓަކައި ކުރެވޭނެކަމެއް ނޯންނާނެއެވެ." ޢަލީ ހިނިތުންވަމުން ބުނެލިއެވެ.
ޢަލީގެ އަނބިންވެސް، އޭނާގެ އެ ގޮތެއްފޮތެއްނެތް ބަސްތަކުން ތިބީ ހިތާނުވެފައެވެ. އެހެންނަމަވެސް ޙާލަތަށް ބަލާ، އެއްވެސް މީހަކު ޢަލީއާ ދިމާއަށް އެއްވެސް އެއްޗެކޭ ނުބުނެއެވެ. ޢަލީއަށް ނޭނގުނަސް، އޭނާ އެ އޮތީ މަރުގެ ތުންފަތްމަތީގައިކަން އެންމެންނަށްވެސް އެނގެއެވެ. ޢަލީގެ ފޭލިގެ ދޫކޮށް އަހަރެމެން ނުކުމެގެން އައީ ކޮންމެ މީހަކުވެސް ޢަލީގެ ގާތަށްޖެހިލައި، އަވަސް ޝިފާޢަކަށް އެދި ހެޔޮދުޢާ ކުރުމަށްފަހުގައެވެ. އަޅުގަނޑު ޢަލީގާތަށް ޖެހިލީމެވެ.
"ސުލްޠާނާއެވެ! ﷲ ގެ ރަޙުމަތުގައި ކަލޭ ދުނިޔެ އުޅޭއިރު އަހަރެންފަދަ މީހަކު ކުށްފާފަތަކައިގެން ﷲ ގެ ޙަޟުރަތަށްދާން އިރާދަ ނުކުރެއްވީއެވެ." ހިނިތުންވެލަމުން ޢަލީ ބުންޏެވެ.
(ނުނިމޭ)