އަމީރާ ސުލްޠާނާގެ ނާރެސް - 64

(28 އޯގަސްޓް 2022 ގެ ބަޔާ ގުޅޭ)

އެއީ، ސާރާ ބިންމައްޗަށް ވެއްޓުނު އަޑު އަސަދަށް އިވުނު ފުރަތަމަ ފަހަރެވެ. ސާރާއަށް އަނިޔާއެއް ނުލިބޭވާހަކަ އަޅުގަނޑަށް ނުބުނެވެނިސް، އަސަދު، ޠާހިރު އެއްފަރާތަކަށް ހޫރާލާފައި، ސާރާ ހޯދުމަށްޓަކައި އަޙްމަދު ދުއްވައިގަތެވެ. ތަހާނީ އަޑުން އަޑުނަގާ ރޯން ފެށިއެވެ. ދުނިޔާގެ ހެޔަށް ގޮތްވެގެން ޙާއިފާގެ ގައިމައްޗަށް ވެއްޓުނެވެ.

"ރޭޕް ކުރެވުނީ ކޮން އަންހެނެއް ހެއްޔެވެ؟" ޙައިފާ ސުއާލުކުރިއެވެ.

"އެއީ ކޮން ކުއްޖެއްކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެއީ މީހެއްގެ ޅަ ކުއްޖެކެވެ." ނޫރާ ބުންޏެވެ.

"އެކުއްޖާގެ ނަމަކީ ވީނާ އެވެ. އަހަރެންނަށް ޤަބޫލުކުރެވޭގޮތުގައި އެއީ ދުނިޔާގެ ޚިދުމަތުގައިވާ އޭނާގެ އެއް ޚާދިމާއެވެ." އަޅުގަނޑު ސާފުކޮށްދިނީމެވެ.

"އެ އަންހެންކުއްޖާ މަސައްކަތްކުރަނީ އަހަރެންގެ މަންމަގެ ޚިދުމަތުގައެއް ނޫނެވެ. އެކުއްޖާއަކީ އަހަރެންގެ އަޅެކެވެ." ފުރަތަމަ ފަހަރަށް ޝާދީ ވާހަކަ ދެއްކިއެވެ. އޭނާގެ އަޑުގައިވަނީ އެމީހުން އެކުރީ ގޯސްކަމެއްނޫންކަން ދެއްކުމުގެ އަސަރެވެ.

"ޝާދީ އެބުނީ ރަނގަޅަށެވެ. އެއީ ޝާދީގެ އަޅެކެވެ." ދުނިޔާ ވާހަކަ ދައްކަން ފެށިއެވެ.

"އަހަރެން އެކުއްޖާގަތީ އަހަރެން މިފަހަރު ޕާކިސްތާނަށް ކުރި ދަތުރުގައެވެ. އެއީ، އަހަރެން ބޭނުންކަމެއްކުރަން އަހަރެންގަތް އަޅެކެވެ." ޝާދީގެ އަޑުގައިވަނީ ގޮތްދޫނުކުރުމާއި ހަރުކަށިކަމެވެ.

ޢަލީއާއި އޭނާގެ ފިރިހެންކުދިންގެ ޢަމަލުތައް ކުރިންތަޖުރިބާކުރެވިފައިވާ ގޮތަށްބަލައި، އަޅުގަނޑު ރުޅިއައިސްރަތް ވިއެވެ. އެމީހުން، ޕާކިސްތާނާއިއިންޑިއާ އަދި ފިލިޕީންސާއި ތައިލޭންޑަށްގޮސް، ކަސްބީ އަންހެނުންގަނެ އެމީހުންބޭނުންކުރާކަން އަޅުގަނޑަށް އެނގެއެވެ. އެކަމަކު، މިއީ އަޅުގަނޑުގެ ދުރުތާ ތިމާގެ ޒުވާންކުދިންވެސް އެޤައުމުތަކަށްގޮސް، ޖިންސީގުޅުން ހިންގާ އަޅުންގެ ގޮތުގައި ކުދިންގަނެގެން ސުޢޫދީ ޢަރަބިއްޔާގެ ފަސްގަނޑަށް ގެނައިވާހަކައެހި ފުރަތަމަ ފަހަރެވެ. މިއީ ސުޢޫދީ ޢަރަބިއްޔާގައި އާކަމެއްނޫނެވެ. އެހެންނަމަވެސް، އެނުބައި ޢަމަލަކީ، އަޅުގަނޑުގެ ދުރުތާތިމާގެ ޝާހީޢާއިލާގެމެންބަރުން، ޚާއްޞަކޮށް ފަޟްލުފަދަ މީހުން ޢާންމުގޮތެއްގައި ކުރުމަށް ދެވިހިފައި އެމީހުންގެ އާދަޔަކަށް ހަދާފައިވާ ކަމެކެވެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ފިރިންނާއި އަމިއްލަދަރިން އެފަދަކަމަކަށް އަރައިގެންފައިވާކަމަކަށް އަދި އަޑެއްނީވެއެވެ. ހަމަގައިމުވެސް މިރެޔާހަމަޔަށް އެކަހަލަ ވާހަކައެއް އަޅުގަނޑެއް ނުއަހަމެވެ. އަޅުގަނޑުމެންނަށް އަޑުނީވުނަސް، ޢަލީމެންފަދަ ވަޙުޝީ މީހުން އެކަންނުކުރާކަމެއްވެސް ނުމެ އެނގޭމެއެވެ.

ޝާދީއާ ދިމާއަށް އަޅުގަނޑު ކަޅިއަޅައިގަތީމެވެ. އަޅުގަނޑުގެ ދެބެންގެ ދެދަރި ކުއްޖެއްގެ ވަޙުޝީ ޢަމަލުތައް ހުއްޓާލާނެ އެއްވެސްގޮތެއް ނުފެނެއެވެ. އަލަށް ލިބުނު މިމަޢުލޫމާތާގުޅިގެން، އަޅުގަނޑުމެންގެ ފިރިންގެ ނުތަނަވަސްކަން ކުޑަވެގެން ދިޔަތަން ފެނުނެވެ. އެއީ، ނުވުމަށްވުރެ ވުން، އެކަށީގެންވާކަމެއްގެ ގޮތުގައި އެމީހުންގެ ވިސްނުން ބަދަލުވިއެވެ. ޝާދީ ހިފަހައްޓައިގެންހުރީ ކަރީމެވެ. ކަރީމް ދެއަތް ފޮޅާލައި ޝާދީ ދޫކޮށްލިއެވެ. ރާޝިދުގެ އުނަގަނޑުގައި ދެއަތުން ބައްދައިގެންހުރި އަޙްމަދުގެ އަތްދޫވެގެންދިޔައެވެ.

ހަމަ އެވަގުތު، އަޅުގަނޑުމެންގެ ފިރިންނަށް ވެގެންއުޅޭގޮތް އަޅުގަނޑު ދެނެގަތީމެވެ. ޠާހިރާއި ރާޝިދު އަދި ޝާދީއާ ތިންކުދިން، ފިރިހެނުން އެއްގޮތަކަށްވެސް ވަނުން މަނާކުރެވިފައިވާ އަންހެނުންގެ ފޭލިގެޔަށް ވަތް ހެއްޔެވެ ؟ އެހެންކަމަށްވާނަމަ، އެމީހުންނަށް އަދަބުދޭނެ ސަބަބެއް އެއޮތީ އުފަންވެފައެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ފިރިންގެ ވިސްނުމުގައި މުޅި މަންޒަރު މިހާރުވަނީ ބަދަލުވެފައެވެ. އަނިޔާކޮށް ރޭޕްކުރެވުނު ޅަ އަންހެންކުއްޖަކީ، ޝާދީ ގަނެގެން ގެނައި ޝާދީގެ އަޅެކެވެ. އެއަންހެންކުއްޖާއަށް ކިތަންމެ އަނިޔާއެއްލިބިފައިވިޔަސް އެމީހުންގެ ނަޒަރުގައި، މުޅި މަންޒަރު ބަދަލުވެއްޖެއެވެ. މަޖުބޫރު ޙާލަތުގައި ގޮތެއްނެތް އިންސާނަކު ގަނެގެން ގެނެސް، ވަނުންމަނާތަނަކަށް ވަދެ އެކުއްޖާއަށް އަނިޔާކޮށް ރޭޕްކުރުމަކީ، އަޅުގަނޑުމެންގެ ފިރިންގެ ނަޒަރުގައި މިހާރު، ކުށަކަށް ނުވެއެވެ. އެމީހުންގެ ވިސްނުމުގައި، އެޙާދިސާއަކީ، އަންހެނަކާ އޭނާގެ ވެރިމީހާއާ ދެމެދުގެ ކަމެކެވެ. އެކަމުގެ ތެރެޔަށް ވަނުމުގެ އެއްވެސް ޙައްޤެއް އެހެންމީހަކަށް ލިބިގެންނެއް ނުވެއެވެ. މާތްކަލާކޯއެވެ ! މިއީ ކޮންފަދަ އިންޞާފެއްތޯއެވެ؟

އަޅުގަނޑުގެ މޫނުމައްޗަށް ވެރިވެފައިވާ ރުޅިވެރިކަމުގެ އަސަރުފެނިފައި، އަޙްމަދު އޭނާގެ ބަސް އިއްވިއެވެ.

"ކަލޭމެންކުދިން ތިތިބީ، ކަލޭމެންގެ ބޮޑުދައިތަމެންނަށް އިހާނެތިކޮށްހިތާފައެވެ. ވަކިވަކިން ކޮންމެ މީހަކު، އެއިން ކޮންމެ ދައްތައެއްގެ ކިބައިން މަޢާފަށް އެދޭށެވެ!" އަޙްމަދު އަމުރު ކުރިއެވެ.

ޝާދީގެ ތުންފަތް ހުރީ ފިތި ދަތްކުނޑިވިކިފައެވެ. އެއްޗެކޭ ބުނަން އަނގަހުޅުވައިލެވޭވަރަށްވުރެ އޭނާހުރީ  ރުޅިގަދަވެފައެވެ.

"އާނއެކެވެ! އަހަރެންގެ އަމިއްލަދަރިން އެމީހުންގެ ބޮޑުދައިތައިންނަށް އަނިޔާއެއް ލިބިދާނެކަމެއް ކޮށްގެން ނުވާނެއެވެ." ދުނިޔާވެސް އަޙްމަދާ ބައިވެރިވަމުން ބުންޏެވެ. އެވަގުތު، ދުނިޔާއާ އަޅުގަނޑު ކުރިމަތިލީމެވެ. ދައްތަ ދުނިޔާ މިހާރުހުރީ ހަމަޖެހިފައެވެ. އެއީ، އަޅުގަނޑުމެންގެ ފިރިން އެކަމުގައި ދެކޭގޮތް ބަދަލުވީމައެވެ. އެމީހުންގެ ވިސްނުން މިހާރު ބަދަލުވެފައިއެވަނީ، އެކުދިންކުރި ޖިނާޢީ ކުށަށްވުރެ ބޮޑަށް އެކުދިންގެ ނުސިޔާސަ ޢަމަލެއް ހިނގައިގެން އުޅޭ ބީދަޔަކަށެވެ. ކުށަކަށްވުރެ، އަޚުލާޤީގޮތުން ދަށް ޢަމަލެއްކުރެވިގެން އުޅޭ ގޮތަށެވެ.

"އާނއެކެވެ! އަހަރެން މަޢާފަށް އެދެމެވެ." ޝާދީގެ ތުނިދެތުންފަތް ޖައްސައިގެންހުރެ ގަދަކަމުން ބުނެލިއެވެ.

"އަދި، އަހަރެންވެސް މަޢާފަށް އެދެމެވެ." ނުބައިފާޑެއްގެ ހިންޏެއް އައިސްހުރެ ރާޝިދުވެސް ބުންޏެވެ.

މަޢާފަށް އެދުނުނަމަވެސް، އެދެމީހުންވެސް އަޅުގަނޑުމެންގެ މޫނަށް ބަލާކަށް ނުކެރުނެވެ. ޠާހިރުވެސް މަޑުއަޑަކުން މަޢާފަށް އެދުނެވެ. އެވަގުތު ސާރާއާއި އަސަދުވެސް ފޭލިގެޔަށް އައެވެ. ސާރާއަށް އެއްވެސް ގެއްލުމެއްނުލިބޭކަން ކަށަވަރު ކޮށްދިނެވެ.

"އަދި އެއްފަހަރު، މަޢާފަށް އެދޭށެވެ. ކަލޭމެންގެ ދައްތަ ސާރާއަށް ބިންމައްޗަށް ވައްޓައިލުމުން، އަނިޔާނުވީ ނަޞީބަކުންނެވެ." ޢަލީ އިތުރަށް ބުންޏެވެ. ތިންމީހުންވެސް ސާރާގެ ކިބައިން އަވަސް އަވަހަށް މަޢާފަށް އެދުނެވެ. ސާރާ އެމީހުން މަޢާފަށް އެދުނަސް އެކަމަކަށް އަޅައެއްނުލައެވެ. އަދި އަޅުގަނޑު އޭނާގެ ނަޒަރަށް އަންނަންދެން ވަށައިގެން ބަލައިލިއެވެ.

"އެކުއްޖާ، ވީނާގެ ހަށިގަނޑުންވަނީ ވަރަށްގިނަލޭ ފައިބައިފައެވެ. ކުރިމަތިފަރާތަށް ލިބިފައިވާ އަނިޔާގެ ވޭނުން އެފަކީރު އެއޮތީ މަރަށް ތެޅިތެޅިއެވެ. އަވަސް އަދި ކުއްލި ޞިއްޙީ ފަރުވާ އޭނާއަށް ބޭނުން ވެއެވެ." ސާރާ ބުންޏެވެ.

ލިބުނު ކުއްލި ޝޮކުން އަޅުގަނޑުގެ އަނގަމަތީ އަތް އެޅުނެވެ. ލޮލަށްޖަމާވެފައިހުރި ކަރުނަތައް ހޯސްލާފައި އޮހިގަތެވެ. އެ ރޭޕްގެ ތެރޭގައި އެކުއްޖާފުޅު ތެޅިފޮޅޭނެ ޙާލަތު، އަޅުގަނޑުގެ ލޮލަށް ސިފަކުރެވިގެންދިޔައެވެ. އެއްވެސް މީހަކު އަނގަޔަކުން ނުބުނެއެވެ. އެހެންނަމަވެސް، ޝާދީއަކަށް މަޑެއްކޮށެއް ނުހުރެވުނެވެ.

"އެ އަންހެންކުއްޖާވަނީ އަހަރެންގެ ޒިންމާގެ ތެރޭގައެވެ. އަހަރެން އެކުއްޖާ އަނބުރާ ސިޓީއަށްގެންދާނަމެވެ." ޝާދީ ބުންޏެވެ.  އެހެންމީހަކު، އަނގައިންބުނުމުގެ ކުރިން އަޅުގަނޑު ފެށީމެވެ. ޝާދީ، އެކުއްޖާ ސިޓީތެރެޔަށް ގެންގޮސްފިނަމަ ، އެކުއްޖާފުޅުގެ ރޭޕްގެ އަނިޔާވެރިކަން، އަޅުގަނޑުމެންގެ ޢާއިލާއިން ހުއްދަކުރީއެވެ. އެކަން އެހިސާބުން އަބަދަށްޓަކައި އެނިމުނީއެވެ. އެކުއްޖާފުޅަށް އިތުރަށް އަނިޔާކޮށް ޖިންސީގޯނާކުރުމަށް، ޝާދީއާއި އޭނާގެ ރައްޓެހިންނަށް މަގުފަހިވީއެވެ. އޭގެފަހުން، އެކުއްޖާދެކެ އެމީހުން ފޫހިވާވަރަށް ޖިންސީ އަނިޔާކޮށް ވަޙުޝީ ޢަމަލުތައް ދިއުމުން އެކުއްޖާ ބަދަލުކުރާނީ ގޭގެ ނޯކަރަކަށެވެ.

އަޅުގަނޑުގެ ތިމާގެ ޒުވާނާގެ ޝިކާރަޔަކަށް ވާން އެކުއްޖާ އަޅުގަނޑު ދޫކޮށްނުލާނެކަން، އަޅުގަނޑުގެ ހިތުގައި ކަށަވަރުކުރީމެވެ. އެކުއްޖާގެ ދިފާޢުގައި ކޮންމެވެސް މީހަކު ތެދުވެ، އެކުއްޖާ ސަލާމަތްކުރަން އެބަޖެހެއެވެ. އަޅުގަނޑުގެ ޢާއިލާގެ އެންމެންގެ މޫނުމަތިން ފެނުނު މަންޒަރުން، އެކުއްޖާ ސަލާމަތްކުރުމަށް ކުރިމަތިލާންހުރީ އަޅގަނޑުކަމުގައި ނިންމީމެވެ. އެއިން އެއްވެސްމީހެއްގެ މޫނުމަތިން ދެރަވުމުގެ އަސަރެއް ފާޅެއްނުވެއެވެ. ޚާއްޞަކޮށް ފިރިހެނުންގެ މޫނުމަތިންނެވެ.

"ނޫނެކެވެ! ޝާދީ އެކަންކުރަން ފުރުޞަތެއް ނުދެވޭނެއެވެ. އަހަރެންނާ ކަރީމާ ދެމީހުން، އޭނާ ސިޓީއަށް ގެންގޮސް ޑޮކްޓަރަށް ދައްކައި ފަރުވާދީފާނަމެވެ." އަޅުގަނޑުގެ ބާރުއަޑަށް އެންމެން ސިހިގެންދިޔައެވެ.

"ސުލްޠާނާއެވެ! މިއީ އަހަރެމެންނާ ބެހޭކަމެއްނޫނެވެ." ކަރީމުގެ ޖަވާބުން އަޅުގަނޑަށް އިތުރު ޙައިރާންކަމެއް ލިބުނެވެ. އެހެންނަމަވެސް، އަޅުގަނޑު ދެންބުނި އެއްޗަކުން ކަރީމް ހަނުހިމޭންވިއެވެ.

"ކަރީމުއެވެ! އެކުއްޖާ ގަންނަން ޝާދީ ހޭދަކުރީ ކިހާ ފައިސާއެއްކަން އަހަރެން ސާފުކުރާކަށް ބޭނުމެއްނޫނެވެ. އެއްވެސް އަންހެނެއްގެ ނުރުހުމުގައި އޭނާއަކީ އެހެން ފިރިހެނެއްގެ މިލްކެއްނޫނެވެ. އަދި އެއަންހެނާ ރޭޕްކޮށް، ޖިންސީ އަނިޔާދިނުމުގެ ޙައްޤެއް އެއްވެސް ފިރިހެނަކަށް ލިބިގެންނެއް ނުވެއެވެ." އަޅުގަނޑު، ހަރުއަޑުން ބުނީމެވެ.

"މީގެފަހުން އަންހެނަކަށް ލިބޭއަނިޔާއަށް އަހަރެން ހިމޭނަކުން ނުހުންނާނަމެވެ." ފިރިހެންވެރިންނާ ދިމާއަށް އެނބުރުމުގެ ކުރިން، ސާރާއާ ދިމާއަށް އަޅުގަނޑު ބަލައިލީމެވެ. އަދި އަޅުގަނޑުގެ ދެކޮނޑުގައި ދެއަތުން ބައްދާލައި އަޅުގަނޑުގެ ޢަޒުމަށް އިތުރު ހަރުދަނާކަމެއް ގެނުވީމެވެ.

"ޝާދީ، އެކުއްޖާގެ ކަމަކާ އިތުރަށް ބެހެންބޭނުންނަމަ، އެންމެ ފުރަތަމަ ޖެހޭނީ އަހަރެން މަރާލާށެވެ." އަޅުގަނޑު ބުނީމެވެ.

"އެގޮތަށް ޝާދީއަށް އެކަން ކުރެވޭނީ އަހަރެންވެސް މަރައިލާފައެވެ." ސާރާ ކުރިޔަށް ޖެހިލައި އަޅުގަނޑުގެ ގާތަށް އައިސް، އަޅުގަނޑުގެ އަތުގައި ހިފިއެވެ.

"މާތް ކަލާކޯއެވެ! އަޅަމެންނަށް އެހީތެރިވެވޮޑިގެންފާނދޭވެ!" ދުނިޔާ ރޮއިގަތެވެ.

"ސުލްޠާނާއާއި ސާރާ އެބުނީ ރަނގަޅަށެވެ. ﷲ ރުހިވޮޑިގެންނުވާކަމަކަށް އަހަރެމެން އެއްބާރުލުމެއް ނުދޭނަމުއެވެ." ނޫރާވެސް، އަޅުގަނޑުގެ ގާތަށްޖެހިލައި ބުނެލިއެވެ.

ތަހާނީއާއި ޙައިފާވެސް އަޅުގަނޑުގެ ގާތަށްޖެހިލައި އަޅުގަނޑާ އެއްބައިވިއެވެ.

"އަހަރެންވެސް މިހުރީ އަހަރެންގެ ކޮއްކޮމެން އަދި ދައްތަމެންނާ އެކުގައެވެ." ޙައިފާ ބުންޏެވެ.

ތަހާނީ އޭނާގެ ދަރިފުޅު، ޠާހިރާދިމާއަށް ބަލަހައްޓައިގެންހުރިއިރު، ލޮލުން ކަރުނަތައް ފައިބައެވެ.

"އަހަރެމެންގެ އަމިއްލަދަރިން، އެއަރައިގަތީ ޖިނާޢީ ކުށަކަށެވެ. އަހަރެންވެސް، ސުލްޠާނާގެ ނާރެސް އާ މިގުޅުނީއެވެ." ތަހާނީ ރޮމުން ރޮމުން ބުންޏެވެ.

"ކަލޭމެންގެ އަނބިން، ކަލޭމެންނަށް ކޮންޓްރޯލެއް ނުކުރެވޭދޯއެވެ؟" ޢަލީ ނުރުހުމުގެ ކަޅިއެއްއަޅައި ފިރިހެނުންނާ ދިމާއަށް ބުނެލިއެވެ. ކަރީމް ހާސްވެފައި އަނގައިންވެސް ބުނަން ނޭނގިފައި ހުއްޓެވެ. އަޙްމަދުވެސް ބުނާޏެ އެއްޗެއް ނޭނގި މަޑުން އިނެވެ.

"އަހަރެމެންގެ އަނބިން އެބުނަނީ ރަނގަޅު ވާހަކައެކެވެ. އަހަރެމެން، އެކަހަލަ އަނިޔާވެރި ޢަމަލުތަކަށް ތާއީދުކޮށްގެން ނުވާނެއެވެ. އަހަރެމެންގެ ދަރިން ޖިންސީ އެދުންފުއްދަން އެދޭނަމަ، ހިތުންރުހުމުން އެކަންކޮށްދޭނެ މީހުން ތިބޭނެއެވެ. އެއީ، އަނިޔާވެރި ވަޙުޝީ ޢަމަލުން ކުރަން އޮންނަކަމެއްނޫނެވެ. ގަދަކަމުން، އަހަރެމެންގެ ކުދިން އަންހެންކުދިންގެ ޢިއްފަތްތެރިކަން ނަގާލައިގެން ނުވާނެއެވެ." އެންމެފަހުން އަސަދުވެސް އަޅުގަނޑުމެންނާ ބައިވެރިވިއެވެ.

ބަދަލުވަމުންދިޔަ ޙާލަތަށް ޝާދީ ހިތްހަމައެއް ނުޖެހުނެވެ.

"ކަލޭމެން ތިބެހެނީ އަހަރެންގެ އަމިއްލަ މިނިވަންކަމާއެވެ. އެއަންހެނާއަކީ އަހަރެންގެ މިލްކެކެވެ. ކަލޭމެންނަށް ކުރެވޭނެ ކަމެއް ނޯންނާނެއެވެ. ހަދާނީ އަހަރެން ބޭނުން ގޮތެކެވެ." ޝާދީ ހަޅޭއްލަވައިގަތެވެ. ދުނިޔާ ހުރީ ކުޑަކޮށް ހަމަޖެހިފައެވެ. އަދި އޭނާގެ ދަރިފުޅު ޝާދީގާތަށް ގޮސް އަޅުގަނޑުމެންނާ ދިމާއަށް ބަލައިލިއެވެ.

"ދައްތަމެންނޭވެ! ކަމުގެ އަޞްލާއި ޙަޤީޤަތް ދައްތަމެންނަކަށް ނުވިސްނެއެވެ. އެކުދިންގެ ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށްޓަކައި، އަހަރެމެންގެ ދަރިންނަށް އަންހެނުން ބޭނުންވެއެވެ. އެހެންނޫނިއްޔާ އެކުދިންގެ ހަށިގަނޑުން ބައެއް އުނިވާނެއެވެ. އެއާގުޅިގެން އެކުދިން ބަލިވާނެއެވެ." ދުނިޔާ ބުނަމުން ގެންދިޔައެވެ.

"ދުނިޔާއެވެ! ތިދައްކަނީ ބޭކާރު ވާހަކައެވެ." ނޫރާ ދުނިޔާގެ ވާހަކަޔަށް ނުރުހުންވެ ބޯހޫރާލަމުން ބުންޏެވެ.

"އެ އަންހެންކުއްޖާ ގަނެފައިވަނީ އެކުއްޖާގެ ބައްޕައަށް ލާރިދީފައި އޭނާގެ ބައްޕަގެ އަތުންނެވެ. ފަސް އަހަރުން، އެމުސްކުޅިޔާއަށް ނުލިބޭވަރަށް ފައިސާދީފައެވެ. އޭނާހުރީ އުފަލާއެކު އެކުއްޖާ ވިއްކައިލުމަށް ތައްޔާރަށެވެ. އަހަރެން މިބުނަނީ ނޫންހެއްޔެވެ ؟ އަހަރެންގެ ދަރިފުޅު ގޯސްކަމެއް ނުކުރެއެވެ." ދުނިޔާ އިތުރަށް ވާހަކަ ދެއްކިއެވެ.

އަޅުގަނޑު، އަޅުގަނޑުގެ އަމިއްލަ ދައްތަޔާ ދިމާއަށް ބަލައިލަންވެސް ހުރީ ލަދުންނެވެ.

"ދުނިޔާ އެބުނީ ރަނގަޅަށެވެ. އަހަރެމެންގެ ކުދިން ޖިންސީ އެދުންފުއްދަން އަންހެނުން ނުލިބޭނަމަ މީހުންނާ ނީންނަ، އެކުދިން ބަލިވާނެއެވެ." އެންމެފަހުން، ޢަލީވެސް ދުނިޔާއާ ބައިވެރިވިއެވެ.

"އެހެންކަމަށްވަންޏާ، އަހަރެމެންނަކީ ޖަނަވާރުން ހެއްޔެވެ؟" އަސަދު، އަޑަށް ބާރުލާފައި ބުންޏެވެ.

"އަހަރެމެން ފިރިހެނުން ﷲ ހައްދަވާފައިވަނީ އެފަދައިންނެވެ. އަސަދުއެވެ." ޢަލީ، ހެއްދެވިފަރާތަށް  ނިސްބަތްކޮށް ބަދުބަސް ބުނަން ފެށިއެވެ.

"އޭ ޢަލީއެވެ! މަޑުން އިންނާށެވެ. ކަލޭހީކުރަނީ އަހަރެމެން ފިރިހެނުންނަކީ ބަލިކަށި މޮޔައިން ކަމަށް ހެއްޔެވެ؟" އެންމެފަހުން އަޙްމަދަށްވެސް ނީނދެވިގެން ބުނެލިއެވެ. ޢަލީގެ މޫނުމަތި ރަތްވެގެންދިޔައެވެ. އެކަމަކު، އަޙްމަދުގެ ބަސްތަކުން އޭނާ ހިމޭންކޮށްލިއެވެ. އަޅުގަނޑު ހިތްހަމަޖެހުމުގެ ނޭވާއެއްލީމެވެ. އަދި ސާރާއާ ދިމާއަށް ބަލައިލުމަށްފަހު، އެ ފޭލިގެއިން ނުކުންނަން ހިނގައިގަތީމެވެ. ހަނގުރާމަ މިފެށުނީއެވެ. އަޅުގަނޑު މިކަމުގައި ގޮތްދޫކޮށްފިނަމަ، އިތުރު އަންހެންކުއްޖެއްގެ މުޅި ޙަޔާތް ބަރުބާދުވެގެންދާނެއެވެ. އެންމެ ފަހުފަހަރަށް އަޅުގަނޑު ޝާދީއަށް ގޮންޖެހީމެވެ.

"ޝާދީއެވެ! އަހަރެން މިދަނީ އެއަންހެން ކުއްޖާ، ވީނާގާތަށެވެ. ކަލޭ އޭނާތިހާ ބޭނުންނަމަ އަހަރެން މަރައިލާށެވެ. އޭރުން، އޭނާއަކީ ކަލޭގެ މިލްކެކެވެ." އަޅުގަނޑު ޝާދީއާދިމާއަށް ގަދައަޑުން ބުނެލީމެވެ.

"އަހަރެންވެސް ސުލްޠާނާއާ އެއްބައެވެ." ސާރާ އެއްވެސް ޖެހިލުމެއްނެތި އަޅުގަނޑާ ބައިވެރިވިއެވެ.

"އަހަރެންވެސް ސުލްޠާނާއާ އެއްކޮޅެވެ." ތަހާނީއަށްވެސް މަޑެއްކޮށެއް ނުހުރެވުނެވެ.

"ސުލްޠަނާއެވެ! އަހަރެންވެސް މިއަންނަނީއެވެ." ޙައިފާވެސް އަޅުގަނޑުމެންނާ ބައިވެރިވިއެވެ.

"ޝާދީއެވެ! ކަލޭގެ ދައްތަމެން، ވީނާ ސަލާމަތްކުރުމަށްޓަކައި ނާރެސް އެއް ނުވަތަ އިއްތިޙާދެއް އުފެއްދީއެވެ. ކަލޭ އެގުޅުން ރޫޅައިލުމަށް މަސައްކަތް ނުކުރުމަކީ އަހަރެންގެ އެދުމެކެވެ." ނޫރާ ގެބަސް ސާފުވެފައި ސާދާއެވެ.

"ސުލްތާނާގެ ސަލާމަތީ ނާރެސް." ތަހާނީގެ އަޑަށް ބާރުލާފައި ބުނެލިއެވެ.

ދުނިޔާ ފިޔަވައި އަޅުގަނޑުގެ ހުރިހާ ދައްތައިން، އަޅުގަނޑާ ބައިވެރިވިއެވެ. އަޅުގަނޑު އެފޭލިގެއިން ނުކުތީ ހިތްހަމަޖެހުމުގެ ނޭވާއަކާ އެކުގައެވެ. ސާރާ ނުކުންނަން ފެށީމަ އަސަދުވެސް ސާރާއާއެކީ ނުކުތެވެ. އެހެން ފިރިހެނުންނަށް ލިބުނު ސިހުމުގައި ހިރިލާންވެސް ނޭނގިފައި ފޭލިގެތެރޭގައި ތިއްބެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.