އަމީރާ ސުލްޠާނާގެ ނާރެސް - 15

(15 އޭޕްރީލް 2022 ގެ ބަޔާ ގުޅޭ)

ޝައިޠާނާ ކަސްތޮޅު އެޅުވުން

ރޯދަހިފުމަކީ، އިސްލާމްކަމުގެ ފަސް ރުކުން ތަކުތެރޭ ހިމެނޭ ރުކުނެކެވެ. އަދި ބާލިޣުވެ ތަޞައްރުފް ފުދިއްޖެކޮންމެ މީހެއްގެމައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. ރާބުއިމާއި ޑްރަގް ބޭނުންކުރުންފަދަ، އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ކަންކަން ސިއްރިޔާތުގައި ހިނގަމުންދާ، ޤައުމެއްގައި ދިރިއުޅޭބަޔަކަށް އެއީ މާބޮޑު ކަމަކަށް ނުވާނެއެވެ. އެހެންނަމަވެސް، ރަމަޟާންމަހަކީ، އިސްލާމީ އުއްމަތަށް އަންނަ ވަރަށް މުހިންމު މައްސަރެކެވެ. އެއީ އެމަހުގައިކުރާ  ހެއޮޢަމަލުތައް އެތައް ގުނަޔަކަށް އުފުލިގެންދާ އަދި ﷲ ގެ ރަޙުމަތާއި ބަރަކާތް، ފުއްސެވުމާއި ދިންނެވުން އެމަހަކަށް ޚާއްޞަކުރެވިފައިވާ މަތިވެރި މައްސަރެކެވެ. ކާފަރުންނަކަށް ރަމަޟާންމަހެއް، ޞަފަރުމަހެއް ނޯންނާނެއެވެ. އެހެނަސް، މުސްލިމުންނަށް އެއީ، ހުރިހައިގޮތަކުންވެސް ޚާއްޞަވެފައިވާ މައްސަރެކެވެ. އެމައްސަރުގައި ހިނގައިގޮސްފައިވާ ދީނާގުޅޭ އެތައްކަމަކާއެކު، އިސްލާމީ ތާރީޚުގެ ކުލަގަދަ ޞަފްޙާތައް އެމަހާ ގުޅިފައި ވެއެވެ. ކީރިތި ޤުރުއާނުގެ އަލްބަޤަރާ ސޫރަތުގެ 183 ވަނައާޔަތުގައި، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވައި އަންގަވައިފައި ވެއެވެ.

يٰأَيُّهَا ٱلَّذِينَ آمَنُواْ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެމީހުންގެ މައްޗަށް ފަރުޟުކުރެއްވިފަދައިން، ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވއިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ."

ރަމަޟާންމަހުގެ ތެރޭގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުކޮޅުތައް ބަންދު ކުރެވޭނެކަމަށް ދީނުގެ އިމާމުން މަޢުލޫމާތު ދޭވާހަކަ އަޅުގަނޑު އަހަމެވެ. އެކަން އޭގެ އަޞްލު ޒާތުގައި އޮންނާނެގޮތް ހިތށްއަރާފައި ކޮންމެވެސްވަރެއްގެ ހަމަޖެހުމެއް، ހިތަށް ގެނެސްދެއެވެ. ރަމަޟާންމަހު، ޝައިޠާނާ ކަސްތޮޅު އެޅުވޭނެއެވެ. އަދި ނުބައިކަންކަން ކުރުމަށް ވަސްވާސްދިނުމަށް އެސޮރުކުރާ މަސައްކަތަށް ހުރަސް އެޅޭނެއެވެ. ރަމަޟާންމަހާ އަދި ރޯދައާބެހޭ މަޢުލޫމާތު، ކިޔަވަންއުޅުނުއިރު އަޅުގަނޑަށް އެނގިފައި އޮތަސް، އަޅުގަނޑަކީ، ރޯދަމަހަށް ޚާއްޞަވެގެން ވަކިކަމެއް ކޮށްއުޅޭ މީހަކީމެއްނޫނެވެ. އަޅުގަނޑަކީ، އަޅުގަނޑުގެ މަންމައާއި ދައްތައިންގޮތަށް، ވަރަށް މުއްސަނދި އަގުބޮޑު ދިރިއުޅުމެއް އުޅެން ބޭނުންވާ މީހަކީމެވެ. އެހެންނަމަވެސް، ކުޑައިރު ދަސްވެފައިވާ، ރޯދަމަހުއަދާކުރަންޖެހޭ ވާޖިބުތައް އަޅުގަނޑު ހަނދާން ނައްތައެއް ނުލަމެވެ. އެހެންނަމަވެސް، އެކަންކަން އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށް އަޅުގަނޑަށް ފަރުވާކުޑަކުރެވިފައިވާ ކަމުގައި އަޅުގަނޑު އެއްބަސްވަމެވެ.

ކުޑައިރު، އަޅުގަނޑަށް ދަސްކޮށްދެވިފައިވަނީ، ރޯދަމަހު އަނގަމަޑުންލައިގެން ހުރުމަށެވެ. ދޮގު ނުހެދުމަށެވެ. އަދި އަނގައިން ނުބައި ބަސްތައް ބޭރުނުކުރުމަށެވެ. އަޑުގަދަކޮށް ހީންނުގޮވުމަށާއި މީހުންނެތްތާނގައި އެމީހުންގެ ވާހަކަ ނުދެއްކުމަށެވެ. އަޅުގަނޑުގެ ކަންފަތް ހުންނަންވާނީ، ނުބައިބަސްތަކަށް ބަންދުކުރެވިފައެވެ. އަތުންފައިން ގޯސް ކަންތައްތައް ނުކުރުމަށެވެ. ހަމައެކަނި ފަތިހުއްސުރެ އިރުއޮއްސުމަށްދާނދެން، ނުކައި ނުބައި ހުރުމަކުން ރޯދައެއް ނުލިބޭނެކަން އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑުމެންނަށް އިންޒާރު ކުރެވިފައި އޮންނަނީ، އޮޅިގެންވެސް ފެންފޮދެއް ބޮއެގެން ނުވާނެކަމަށެވެ. އަދި ރޯދަޔަށް ހުންނަންޖެހޭނީ ހިތުން ރުހުމުން އެކަމަށް އެދިގެންނެވެ. އެނމެހައި ގޯސްކަންތައްތަކުން ދުރުހެލިވުމާއެކު، ﷲ ގެ ރަސްކަންފުޅު ހަނދުމަކުރުމަށެވެ. އަދި ﷲ ގެ މަތިން ހަނދުމަނެތިދާނެ އެންމެހައި ކަންތައްތަކުން ދުރުހެލިވުމަށެވެ.

އަޅުގަނޑު، އެންމެފުރަތަމަ ރޯދަޔަށް ހުންނަންފެށިއިރު، ރޯދަޔަށް ހުރެގެން ކުރަންޖެހޭނެ އެންމެހައި ކަންކަން ފުރިހަމަކުރުމަށް ބާރުއެޅިފައި ވެއެވެ. ކީރިތި ޤުރުއާނުގެ އަލްމާއިދާ ސޫރަތުގެ 89 ވަނައާޔަތުގައި ﷲ ވަޙީކުރައްވައިފައި ވެއެވެ.

لاَ يُؤَاخِذُكُمُ ٱللَّهُ بِٱللَّغْوِ فِيۤ أَيْمَانِكُمْ وَلَـٰكِن يُؤَاخِذُكُم بِمَا عَقَّدتُّمُ ٱلأَيْمَانَ فَكَفَّارَتُهُ إِطْعَامُ عَشَرَةِ مَسَاكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ فَمَن لَّمْ يَجِدْ فَصِيَامُ ثَلاَثَةِ أَيَّامٍ ذٰلِكَ كَفَّارَةُ أَيْمَانِكُمْ إِذَا حَلَفْتُمْ وَٱحْفَظُوۤاْ أَيْمَانَكُمْ كَذٰلِكَ يُبَيِّنُ ٱللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَشْكُرُونَ

"ޤަސްދަކާ ނުލައި ބުނާ ބަސްތަކުން، ﷲ ތިޔަބައިމީހުންނަށް ޢުޤޫބާތެއް ނުދެއްވާނެތެވެ. ( އެބަހީ : އާދައިގާ ވާހަކަދައްކައިއުޅޭއިރު، ހުވާ ކުރުމުގެ ޤަސްދެއްނެތި، ހުވާގެ ގޮތުގައި ބުނެވޭބަހެއް، ބޭނުންކުރުމަކީ ކުށެއްނޫނެވެ. ) އެހެނެއްކަމަކު، ޤަސްދުކޮށްގެންކުރާ  ހުވާތަކާމެދު، އެކަލާނގެ ތިޔަބައިމީހުންނަށް ޖަޒާ ދެއްވާނެތެވެ. ފަހެ، ހުވާގެ ކައްފާރާއަކީ، ތިޔަބައިމީހުންގެ އަނބިދަރިންނަށް ކާންދީއުޅޭ މެދުމިނުން، ދިހަ މިސްކީނުންނަށް ކާންދިނުމެވެ. ނުވަތަ އެއުރެންނަށް އަންނައުނު ދިނުމެވެ. ނުވަތަ އަޅަކު މިނިވަން ކުރުމެވެ. ފަހެ، ( އެއިންކަމެއްކުރަން ) ނުލިބުނުމީހާ، ތިންދުވަހު ރޯދަޔަށް ހުރުމެވެ. އެއީ ތިޔަބައިމީހުން ހުވާކޮށްފި ހިނދެއްގައި، ( އެބަހީ : ހުވާކޮށް އެހުވަޔާ ޚިލާފުވެއްޖެ ހިނދެއްގައި ) ތިޔަބައިމީހުންގެ ހުވާގެ ކައްފާރާއެވެ. އަދި، ތިޔަބައިމީހުންގެ ހުވާތަކަށް ރައްކައުތެރިވާށެވެ ! ތިޔަބައިމީހުން ޝުކުރުކުރުމަށްޓަކައި، ﷲ، އެކަލާނގެ އާޔަތްތައް ތިޔަބައިމީހުންނަށް އެފަދައިން ބަޔާންކޮށް ދެއްވަތެވެ."

އަޅުގަނޑައި ކަރީމުގެ ކައިވެންޏަށްފަހު، އައި ރޯދަމަސްތަކުގައި، ކާނެއެއްޗެއް އަދި އުނުއޮރިޔާން ނިވާކުރުމަށްބޭނުންވެފައިވާ އެތައްބަޔަކަށް އެހީތެރިވެދީފައި ވާނެއެވެ. ޢަދަދެއްވެސް ނާނގެއެވެ. ކޮންމެ އަހަރެއްގެ ރޯދަމަސް އަންނަންވާއިރަށް، އެރޯދަމަހަކީ އަޅުގަނޑުގެ ޙަޔާތުގެ އެންމެ ރަނގަޅު ރޯދަމަސްކަމުގައި ހެދުމަށް ޢަޒުމް ކަނޑައަޅަމެވެ. އަޅުގަނޑުގެ ޢާއިލާއާއެކު، ރޯދަމަހުގެ އަޅުކަން އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށް ނިޔަތް ގަންނަމެވެ. ސާރާ އޭނާގެ އަމިއްލަ ގަނޑުވަރަށް ދިއުމަށް ނައްޓައިލުމާއެކު، ކުރިޔަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމަށްޓަކައި، ކީރިތި ޤުރުއާން ކިޔައި ޤުރުއާނުގެ ޢިލްމުން ހެޔޮޢަމަލަށް މަގުފަހިކޮށްދޭނެ ދިރާސާ ކުރަމެވެ.

10 ދުވަސް ފާއިތުވެ ހިނގައްޖެއެވެ. ކައިރީގައިހުރި މިސްކިތުން، ރޯދަޔަށް ހަނދުފެނިއްޖެކަން އިޢުލާންކުރިއެވެ. ހަނދުފެނުނީ މިޞްރުގެ ކުޑައަވަށެއްގެ ޒުވާން ކުދިންކޮޅަކަށްކަންވެސް ހާމަކުރިއެވެ. ދުނިޔޭގެ މުސްލިމުންދިރިއުޅޭ ހުރިހައި ޤައުމެއްގައި މިއުފައުވެރި ޚަބަރު  އިޢުލާންކުރާނެކަން އަޅުގަނޑަށް އެނގެއެވެ. ރަޙުމަތުން ފުރިގެންވާ ބަރަކާތްތެރި ރަމަޟާން މަސް މުސްލިމުންނަށްޓަކައި އަތުވެއްޖެކަން އިޢުލާންވެގެންދިއުމުން، އެމައްސަރުގެ މަތިވެރިކަމުން މުސްލިމުން ޙާޞިލްކުރަންޖެހޭ އަޅުކަމުގެ ވާޖިބުތަކުގެ މަތިން ހަނދާންކޮށްދޭނެ އެވެ.

ކަރީމް ރަށަށްއައީ ރަމަޟާންމަހުގެ ހަދުވަހު، އަޅުގަނޑުމެން ރޯދަހިފި ފަހުންނެވެ. އޭނާއައީ، ރިޔާޛުގައި އޮތް، އޭނާގެ ޢާއިލާގެ ދީނީ އަޅުމަކެއްގައި ބައިވެރިވުމަށްޓަކައެވެ. ކަރީމްގާތުގައި އަޅުގަނޑު ރާބޯވާހަކަ ނުބުނާނެކަމުގައި، ސާރާގާތު، އަމާނީ އޮތީ ވަޢުދުވެފައެވެ. އެދުވަހުންފެށިގެން، އަމާނީއަށް ފެންނަ ހިސާބުގައި ރާނުބޯން އަޅުގަނޑު ޢަޒުމް ކަނޑައެޅީމެވެ. ހުރިހައިކަމެއްވެސް ރަނގަޅުވާނެކަމަށް އުއްމީދު ކުރުމާއެކުގައެވެ.

ރޯދަމަހަކީ، ޢާންމުކޮށް އަޅުގަނޑުމެންގެ ދިރިއުޅުމުގައި އާދަވެފައިހުންނަ ކަންކަން ބަދަލުވާ މަހެކެވެ. އެހެންޏާ ތެދުވާވަރަށްވުރެ، ލަސްވެގެން 1 ގަޑިއިރުކުރިން ފަތިހު ހޭލަންޖެހެއެވެ. ތެދުވެގެން ވުޟޫ ކުރާނެއެވެ. ކީރިތި ޤުރުއާން ކިޔަވާނެއެވެ. އަދި ދަމުނަމާދު ކުރާނެއެވެ. އެހިސާބަށްދާއިރު އަޅުގަނޑުމެންގެ ނާސްތާ ހުންނާނީ ތައްޔާރުވެފައެވެ. ޢާންމުކޮށް ހުންނާނީ، ޗީޒާ ކުކުޅުބިސް އަދި ޔޯގަޓާއި ކިރު، އަދި ބަނަހާއި ތާޒާ މޭވާއެވެ. ކާންބޭނުންވާ އެއްޗެއް، ފަތިހުގެ އަލިކަން ފައުޅުވުމުގެކުރިން ކައި ނިންމަންވާނެއެވެ. އެކަން އަޅުގަނޑުމެން ޔަޤީންކުރަން ޖެހެއެވެ. އެއަށްފަހު، ފަތިސްވަގުތުވުމުން ސުންނަތްކޮށް ފަތިސްނަމާދު ކުރާނެއެވެ.

ރޯދައަށްހުރެ، ދުވާލުގެ ގަޑީގައި އެއްވެސް އެއްޗެއް ނުކެވޭނެއެވެ. އަދި ނުބޮވޭނެއެވެ. އަދި ޖިންސީ އެއްވެސް ގުޅުމެއްވެސް ނުހިންގޭނެއެވެ. މުޅިދުވަސް ހޭދަކުރަންޖެހޭނީ، ނަމާދުކޮށް، ކީރިތި ޤުރުއާންކިޔަވައި އަޅުކަން ކުރުމުގައެވެ. ރަމަޟާންމަހުގެ ގިނަދުވަސްދުވަހަށް، އަޅުގަނޑުމެންގެ ޢާއިލާގެ އެންމެން ސާރާގެ ގަނޑުވަރަށް، ރޯދަވީއްލުމަށް ޙާޟިރުވަމުއެވެ. އަދި ރަމަޟާން މަސްނިންމައި، ޢީދުދުވަސް އަންނާނެވަގުތަކަށް އިންތިޒާރު ކުރެވެއެވެ. އެއީ ޢީދުގެ އުފަލަކީ، އަޅުގަނޑު ވަރަށް ގަޔާވެގެން ޢީދުކުޅިވަރުތަކުގައި ބައިވެރިވަމެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.