އަމީރާ ސުލްޠާނާގެ ނާރެސް - 44

(12 ޖޫން 2022 ގެ ބަޔާ ގުޅޭ)

އަޅުގަނޑު ލަދުންގޮސްމޯޅިވެ، ހަލާކުނުވީ ކިރިޔާއެވެ.

"އާނއެކެވެ! ލޯބިވާ އެވެ! އަހަރެންބޭނުންވާ ހުރިހާ އެއްޗެއް ގަތީމެވެ. ވަރަށް ހިތްހަމަޖެހޭ ވަގުތުތަކެކެވެ. ޢާއިލާގެ މީހުންނަށް ތިހާ ހެޔޮ މީހަކު ދުނިޔޭގައި ނުހުންނާނެއެވެ." އަޅުގަނޑު، ލޯތްބާއެކު ބުނެލީމެވެ. އަޅުގަނޑުގެ އެ ލޯބިބަސްތަކުން ކަރީމް ވަރަށް ހިތްހަމަޖެހުނުކަން އެނގުނެވެ.

އަނބިންނާއި ދަރިން ބޭނުންވާ ތަކެތި ހޯދައިދިނުމަކީ ސުޢޫދީ ފިރިން ފަޚުރުވެރިވާ ކަމެކެވެ. އަދި އަމްދުން އަލްސަޢުދު ޢާއިލާގެ ތެރޭގައި ފަޚުރަކަށްވުރެބޮޑަށް އެކަމުގެ ވާދަ ވަރަށް ބޮޑަށް އޮވެއެވެ. ކޮންމެ ފިރިޔަކުވެސް އެކަކަށްވުރެ އަނެކަކު ވާދަކޮށް އަގުބޮޑު ގަހަނާއާއި ސެންޓާ ޖަވާހިރު، އެމީހެއްގެ އަނބިންނާއި ދަރިންނަށް ގަނެދޭނެއެވެ. ފިރިހެންކުދިންނަމަ، އަގުބޮޑު އަސް ނުވަތަ ކާރުފަދަ ތަކެތި ހޯދައިދިނުމުގައި ޝާހީއާއިލާގެ މީހުން އެކަކު އަނެކަކަށް ވާދަ ޖަހާނެއެވެ.

މިވޭތުވެދިޔަތާނގައި، އަގުބޮޑުހެންހީވާ ތަކެތި ގަނެހެދުމަކީ، އަޅުގަނޑުގެ ކަށީގައި ހިފާފައިހުރި ކަމެކެވެ. އެއީ ކަރީމުގެ އަތްނބެއްގެގޮތުން ސިއްރިޔާތުގައި އަޅުގަނޑަށް ލިބެމުންދިޔަ އުފާވެރިކަމެކެވެ. އެހެންނަމަވެސް އަޅުގަނޑުގެ އާދަޔަށް ބަދަލުތަކެއް އަތުވެއްޖެއެވެ. އަޅުގަނޑަށް ޤަބޫލުކުރެވުނުގޮތުގައި، އަގުބޮޑުހެން ހީވާ ތަކެތި ސުމާރެއްނެތި ގަނެ އެއްކުރުމަކީ، ނަފުސާނީގޮތުން އިންސާނާއަށްޖެހޭ ބައްޔެކެވެ. އެކަމަކު، އަދިވެސް އަޅުގަނޑު މިއުޅެނީ އެއާދަޔާ ދުރަށް ނުދެވިގެންނެވެ.

އަޅުގަނޑަށް މިވަނީ ކިހިނެއްބާވައެވެ ؟ މާއިސާ ކަހަލަ މީހަކަށް އަޅުގަނޑު ބަދަލުވަނީ ބާވައެވެ؟ އަޅުގަނޑަށް ވިސްނައި ލެވުނެވެ. އެކަހަލަ ޝަޚުޞަށް ނިސްބަތްވާ ބަދަލަކުން، އަޅުގަނޑުމެންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ގިނަކަންތައްތަކަކަށް އަސަރު ފޯރާނެއެވެ. އަގުބޮޑު ރަނާއި ޖަވާހިރާއި ގަހަނާއާއި ހެދުމަށް ދެވިހިފާފައި ހުރި އަންހެނަކަށް އެކަންކަމުން ދުރުހެލިވުމުން ވާނެގޮތް ކަރީމަށް އިޙުސާސެއް ނުކުރެވޭނެއެވެ. އަޅުގަނޑުގެ ފިރިމީހާއާއި އަޅުގަނޑާ ދެމެދު އެއްވެސް މައްސަލައެއް އުފެދި ހަމަނުޖެހުމެއްގެ ތެރެޔަށް ދާކަށް އަޅުގަނޑެއް ނޭދެމެވެ. އެންމެފަހުން، އަޅުގަނޑަށް މިއަންނަމުންދާ ބަދަލުތައް ކަރީމާ ޙިއްޞާ ކުރަން ޖެހޭނެކަމަށް އަޅުގަނޑަށް ޤަބޫލުކުރެވުނެވެ. އެކަމަކު މިއަދަކު ނޫނެވެ. މިއަދު އަޅުގަނޑުމެން ދެމީހުންވެސް މިތިބީ ވަރުބަލިވެފައެވެ.

ނަފްސާނީގޮތުން އަޅުގަނޑު ކަންބޮޑުވެ ދެރަވާ ކަންކަމާމެދު ކަރީމް ވަރަށް ހާސްވާނެއެވެ. އަޅުގަނޑުގެ ގޮތް ކަރީމަށް ރަނގަޅަށް އެނގޭނެއެވެ. ކަރީމް އަވަދިނެތި އުޅުނީ ވިޔަފާރީގެ ބައްދަލުވުންތަކުގައެވެ. އެހެންކަމުން، ދަތުރުގެ ދެން އޮތްދުވަސްތަކުގައި ރޭވިފައިވާ ކަންކަމާމެދު ވިސްނުމަށް އަޅުގަނޑަށް ހަނދާންކޮށްދިނުމަށް، ސާރާގާތު ކަރީމް އެދުނެވެ. ނިއުޔޯރކް ސިޓީން އަޅުގަނޑުމެން ބޭނުންވާހާ ތާކަށްގޮސް މަޖާކުރުމަށް ސާރާ ބާރުއެޅިއެވެ. އަދި އަޅުގަނޑުމެން ތަންތަނަށް ގޮސް ވަރަށް މަޖާކުރީމެވެ. ދުނިޔޭގެ ނަން މަޝްހޫރު ރެސްޓޯރަންޓް ތަކާއި، ނިއުޔޯރކްސިޓީގެ މިއުޒިއަމްތަކަށް އަޅުގަނޑުމެން ދިޔައިމެވެ.

އަޅުގަނޑުމެން ފުރަން އޮތްދުވަހުގެ ކުރީ ދުވަހު، އަޅުގަނޑުގެ ރައްޓެހި އޭން ފޮނުވި ޕާރުސަލެއް އަޅުގަނޑަށް ލިބުނެވެ. ހުޅުވާލުމަށްފަހު، އޭގައިވާ އެއްޗިއްސަށް އަޅުގަނޑު ބަލައިލީމެވެ. އެކުޑަކުޑަ ހައިދީގެ ކުލަ ފޮޓޯއެއް އޭގެތެރޭގައި އޮތެވެ. އެ ތުއްތުކުއްޖާ ވަރަށް ރީއްޗެވެ. ވަރަށްފުރިހަމަ، ސުޢޫދީ އެމެރިކާގެ މަސްހުނި އުފެދުމެކެވެ. އެކުއްޖާ ހުރީ ވަރަށް ނަލަކޮށް ހިނިތުންވެފައެވެ. ވަރަށް ގިނަ މަޢުލޫމާތު ކަރުދާސްތައް އޭގެތެރޭގައި ހުއްޓެވެ. ސުޢޫދީ ފިރިހެނުން އެމީހުންގެ އަނބިންނަށް ލިބިފައިވާ ކުދިންގެ ތެރެއިން ހުއްދަ ނެތި ކުރިން ގެންގޮސްފައިވާ ކުދިންނާއި އެކުދިންގެ މައިންބަފައިންގެ މަޢުލޫމާތުވެސް އޭގެތެރޭގައި ހިމެނެއެވެ. ދިހަވަރަކަށް ހާސް ކުދިން ސުޢޫދީއަށް ގެންދެވިފައި ވެއެވެ. އޭގެތެރޭގައި އެމެރިކާ މަންމައިންގެ ދެހާސް އަންހެނުން ހިމެނެއެވެ. އެހުރިހާ ކުދިންނަކީ، އެމެރިކާގައި ސުޢޫދީ ފިރިހެނުންނަށް ލިބިފައިވާ ކުދިންނެވެ. އެހުރިހާކުދިންވެސްވަނީ، އެކުދިންގެ މައިންގެ އަތުން އަތުލައިގެން، ސުޢޫދީ ބައްޕައިން ޤާނޫނާ ޚިލާފަށް ސުޢޫދީއަށް ގެންގޮސްފައެވެ. އަދި އެހުރިހާކުދިން ގެންގުޅެވެނީ، އެކުދިންގެ މަންމައިންގެ އަތުން ގަދަކަމުން ގެންދެވި ސުޢޫދީގެ އެތަންމިތަނުގައެވެ.

ކަރުދާސްތައް ހާވަމުންދަނިކޮށް، ހައިދީގެ ބައްޕަކަމަށްބުނާ ޢަބްދުލްބާޞިތު އަލްޢުމަރީގެ ފޮޓޯއެއްވެސް ފެނުނެވެ. އެއީ އެހާ ރީތިމީހެއްނޫނެވެ. އަޅައިގަންނަ ކަހަލަ އެއްވެސް ސިފައެއް އޭނާގެ ކިބަޔަކު ނެތެވެ. އަދި  ބަލާބެލުމަށް އިޙްތިރާމް ލިބޭފަދަ އެއްވެސް ސިފައެއްވެސް ފާޅެއްނުވެއެވެ. އެއްވެސް ގޮތަކުން އެމީހާއާހަމަޔަށް އަޅުގަނޑަށް ދެވިއްޖެނަމަ، އެކުއްޖާ އޭނާގެ މަންމަގާތަށް އެމެރިކާއަށް ފޮނުވަން އާދޭހާއެކު އެދެވިދާނެއެވެ. އަޅުގަނޑަށް ކޮށްދެވޭނީ އެނޫންކޮންކަމެއްތޯއެވެ؟ ނަސީބު ދެރަކަމުން، މާރގްރެޓަކަށް އޭނާގެ ފިރިމީހާގެ އެޑްރެހެއް އަދި ފޯނު ނަންބަރެއްވެސް ނުހޯދުނެވެ. އެހެންކަމުން، ހައިދީ ހޯދުމަށް ކުރެވޭނެ އެއްވެސް ކަމެއް މާރގްރެޓަށް ތަނަވަސް ވެފައެއް ނުވެއެވެ.

އެމެރިކާއިން އަޅުގަނޑުފުރީ، ވަކިސަބަބެއްނޭނގޭ ހިތްދަތިކަމަކާ ހިތްނުތަނަވަސްކަމަކާ އެކުގައެވެ. ޢާއިލާއާއި ރައްޓެހިންނާއެކު، އަޅުގަނޑުމެންގެ އަމިއްލަ ޖެޓެއްގައި ދަތުރުކުރިއިރުވެސް، އަޅުގަނޑުގެ މިޒާޖުވަނީ ހަމަހިމޭންކަމާއި ފޫހިކަމާ ގުޅިފައެވެ. ކުރެވޭ ނުކުރެވޭކަމެއް ނޭނގި، އަޅުގަނޑުގެ އަމިއްލަ ނަފްސު އެހެންމީހުންނާ ދުރުގައި އެކަނިވެފައި އިނދެވުނެވެ. ސާރާ ދުރުގައި އިނދެ އަޅުގަނޑާދިމާއަށް ބަލައިލިއެވެ. އެކަމަކު، އެމީހުންގެ ތެރެޔަށް އަޅުގަނޑު ގެންދާކަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ. ހުދާއަށް ބަލައިލިއިރު، އޭނާ އުޅެނީ ނިއުޔޯރކްގެ މަޝްހޫރު ފަރަންސޭސި ރެސްޓޯރަންޓަކުން އޭނާ ކޭ ކެއުމެއްގެ ދިގުވާހަކަ ކިޔައިދިނުމުގާ އަވަދިނެތިއެވެ. ހުދާގެ ކެއުމުގެ ވާހަކަތަކަކީ، އަޅުގަނޑު އެހާ ގަޔާވާނެ ވާހަކައެއްނޫންކަން ސާރާއަށް އެނގޭނެއެވެ. އެމީހުންގެ ތެރެޔަށް އަޅުގަނޑު ގެންދަން، ސާރާ މަސައްކަތްނުކުރި ސަބަބަކީ އެއީކަމަށް ވެދާނެއެވެ. އެންމެން މަޖާކޮށް ހީސަމާސާކޮށް އަޑުގަދަކުރަމުން ގެންދިޔައިރު، އަޅުގަނޑު އިނީ، އެމެރިކާގެ މައިންއަތުން ސުޢޫދީ ފިރިހެނުން ދަމައިގަނެގެން ގެންގޮސްފައިވާ ކުދިންގެ ކަންތަކުގާ އަމިއްލަ ޚިޔާލުތަކެއްގެ ތެރެޔަށް ގެއްލިފައެވެ.

ހައިދީގެ މައްޗަށް އަޅުގަނޑުގެ ޚިޔާލުތައް ދޫކޮށްލެވުނެވެ. އެ ތުއްތު އެކަނިވެރިކުއްކާގެ މުސްތަޤްބަލް އޮންނާނީ ކޮންގޮތަކަށް ބާވައެވެ. އެކުއްޖާ އުޅެ ބޮޑުވާނީ، ހަރުކަށި ފިކުރުތަކެއްގެ ހަރުކަށި ޢަމަލުތަކެއްގެ ވެށްޓެއްގައި މުސްލިމް ގެއެއްގައެވެ. ދާދި އަވަހަށް އެކުއްޖާއަށް މޫނުބުރުގާ އަޅައި މޫނުނިވާކުރަން އެންގޭނެއެވެ. އަޅުގަނޑުމެންގެ ޤައުމުގައި، އަންހެންކުދިން ބޮޑުނުވަނިސް ބުރުގާ އަޅުވާ، ބުރުގާއަށް ހާނުވާނެއެވެ. އަދި ބާލިޣުވުމާއެކު ލަސްނުކޮށް ނުވެސް ދަންނަ މީހަކާ އިނދެ، ކައިވެނީގެ ޙަޔާތެއްގައި އެކުއްކާގެ ނަފުސަށް އެތައް އަނިޔާއެއް ލިބިގެންދާނެއެވެ.

އެޚިޔާލުތައް ދޫކޮށްލައި ކުޑަކޮށް ނިދާލެވޭތޯ އަޅުގަނޑު ބެލީމެވެ. އެހެންނަމަވެސް، ވަރުބަލިކަން އިޙުސާސްވިޔަސް، އަޅުގަނޑުގެ ހާސްވެފައިވާ ސިކުނޑި އެކަމަށް މަގެއް ނުދެއްކިއެވެ. އެތައްއިރަކު، ފުރޮޅި އެނބުރި އަޅުގަނޑުގެ ގޮނޑީގައި ހަމަޖެހިލެވޭތޯ ބެލީމެވެ. އެކަހަލަގޮތަކަށް އުޅެނިކޮށް ސާރާ އައިސް، ކުޑައިރުކޮޅަކުން ބޯޓު ޖައްސާނެވާހަކަ ބުނެލިއެވެ. ސުޢޫދީއަށް ދިއުމުގެކުރިން، އެރޭ އަޅުގަނޑުމެން މަޑުކޮށްލަނީ ލަންޑަނުގައެވެ. ސުޢޫދީއަށް ދާނީ އެރޭ ލަންޑަނުގައި ނިދާފައެވެ.

ސުޢޫދީގައި ހިނގަމުންދާ ކޯޓުކޭސް އަކާބެހޭ ޚަބަރުތައް އިނގިރޭސިވިލާތުގެ މީސްމީޑިއާގައި އެނބުރެމުންދާކަން އެނގުނުނަމަ، އަޅުގަނޑުމެން ލަންޑަނުގައި މަޑުކޮށްލި ކުޑަވަގުތުކޮޅުގެ ތެރޭގައި، އެގަތް ލަދު ގަތުމާ ކުރިމަތިލާކަށް ނުޖެހުނީހެވެ. އަދި ލަންޑަނުގައި މަޑުނުކޮށް ޕެރިހަށް ދާން އަޅުގަނޑުމެންގެ ޕައިލެޓުންނަށް އެންގުމަށް އެދި ކަރީމަށް އަޅުގަނޑު އާދޭސް ކުރީމުހެވެ.

ބޯބުރިކުރުން

ލަންޑަނުގެ ވައިގެ ބަނދަރަށް ޖެއްސުމާއެކު، އަޅުގަނޑުމެންނާ ކުރިމަތިވީ، ނޫސްތަކުގެ ޙައިރާންވާފަދަ ފަލަ ޝުރުޚީތަކެކެވެ. އެންމެ ފަލަ ޝުރުޚީތަކަކަށް އޮތީ ދެ ޖުމްލައެކެވެ.  "ސުޢޫދީ ޢަރަބިއްޔާ" އާއި "ބޯބުރިކުރުން" އެވެ.

"މިވަނީ ކިހިނެއް ހެއްޔެވެ؟" ކަރީމް ކުރެން އަޅުގަނޑު އަހާލީމެވެ. އަޅުގަނޑުގެ ޢާއިލާއާ މެދު ކަންބޮޑުވިއެވެ.

"އެއީ އިނގިރޭސިވިލާތުގެ ދެނަރުހުންގެ ކޯޓްކޭޝް އާބެހޭ ކަންތައްގަނޑެވެ. ހީވާގޮތުން، އެދެނަރުހުން، މީހަކުމެރިކަން ސާބިތުވީއެވެ." އަޅުގަނޑުމެންނަށް މަގުދައްކަމުން، ކަރީމް ވައިއަޑުން މަޑުމަޑުން ބުނެލިއެވެ.

"އެހެން ދޯއެވެ!" އަޅުގަނޑު ކުއްލިޔަކަށް ހަނދާންވިއެވެ. އެދެނަރުހުންގެ ވާހަކަ ބޭރުޤައުމުތަކުގައި އޮތީ ނޫސްތަކުގެ ފަލަ ޝުރުޚީއަށް އަރާފައެވެ. އެދެނަރުހުންގެ އަމިއްލަ ޤައުމު އިނގިރޭސިވިލާތުގައި އަދި ކިހާވަރެއް ހުންނާނެ ހެއްޔެވެ؟

އެއީ މީގެ ދެއަހަރެއްހާ ދުވަސްކުރިން ހިނގި ޙާދިސާއެކެވެ. އިނގިރޭސިވިލާތުގެ ޑެބޯރާ ޕެރީއާއި ލޫސިލީ މެކްލޯޗްލަން އާ ދެނަރުހުން ވެގެން އޮސްޓްރޭލިއާގެ ނަރުހެއްކަމުގައިވާ ޔޫނީ ގިލްފޯރޑް މަރާލި ޙާދިސާއެވެ. މިހާރު އެއުޅެނީ އެ ޤަޟިއްޔާގެ ޙުކުމާ ހަމަޔަށް ގޮހެވެ. އަޅުގަނޑުމެން ރަށުން ފުރިތަނާއެވެ. އިނގިރޭސި ވިލާތުގެ އެދެނަރުހުންވެގެން އޮސްޓްރޭލިއާގެ ނަރުސް މަރާލިކަން ސާބިތުވީކަމަށް ސުޢޫދީ ކޯޓަކުން ޙުކުމް ކުރީއެވެ. އިނގިރޭސިވިލާތަކީ، މަރުގެ އަދަބުދިނުމާ މާކުރީއްސުރެ ދެކޮޅުހަދަމުން އަންނަ ޤައުމެކެވެ. އެހެންނަމަވެސް، މިއަދުވެސް ސުޢޫދީ ޢަރަބިއްޔާގައި މީހަކު މަރައިފިމީހެއްގެ ޙުކުމަކީ މެރުމެވެ. މަރަށް މަރުހިފައި މަރުގެ ޙުކުމް ތަންފީޛު ކުރުމެވެ. އަޅުގަނޑުމެން މިވަންނަނީ، ސުޢޫދީ ޢަރަބިއްޔާގެ ޖައްލާދަކު އެސިޓީއަކަށް ނިސްބަތްވާ ދެރައްޔިތެއްގެ ބޯކަނޑަން ތައްޔާރުވެފައިއޮތް ސިޓީއަކަށެވެ.

އަޅުގަނޑަށް ހިންދިރުވާލެވުނެވެ. މީހަކު މަރައިފި މީހެއްގެ ޙުކުމަކީ މަރަށް މަރުކަމުގައި އަޅުގަނޑަށްވެސް ޤަބޫލުކުރެވެއެވެ. އެކަމަކު މީހުންމަރާއިރު ބޯބުރިކުރުމަކީ ތަންކޮޅެއް އަނިޔާވެރިގޮތެއްކަމުގައި އަޅުގަނޑަށް ވިސްނެއެވެ. އަޅުގަނޑުމެންގެ އިޖްތިމާޢީ ޢަދްލުގެ ނިޒާމަކީ ގިނަބަޔެއްގެ ނަޒަރުގައި ހަރުކަށި އަދި އަޖައިބުވާފަދަ ނިޒާމެކެވެ. ސުޢޫދީ ޢަރަބިއްޔާގައި އިޖްތިމާޢީ ޢަދްލުގެ ޤާނޫނު، ޤާއިމްކުރެވިފައިއޮންނަނީ އިސްލާމީ ޤާނޫނު ނުވަތަ އިސްލާމީ ޝަރީޢާގެ މައްޗަށެވެ. އިސްލާމީ ޝަރީޢާގެ މައިގަނޑު ބިނާވެފައި އޮންނަނީ، ކީރިތި ޤުރުއާނާއި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް ނުވަތަ އެކަލޭގެފާނު ޢަމަލުކުރެއްވި ގޮތެއްގެ މައްޗަށެވެ. ހުޅަނގުގައި ޢަމަލުކުރާ އުޞޫލާތަފާތުކޮށް، ސުޢޫދީގައި ޢަމަލުކުރާނީ، ވަކިވަކި ފަރުދުންގެ ޙައްޤުތައް ކަށަވަރުކުރުމަށްވުރެ ބޮޑަށް، ޖަމާޢަތުގެ ޙައްޤުތައް ކަށަވަރުކުރުމުގެ މައްޗަށެވެ.

އިސްލާމީ ޝާރީޢާއާ ޚިލާފު ޢަމަލުތަކަށް ދެވޭ އަދަބު ހަރުކަށިވެފައި، އެފަދަ އަދަބުގެ ޙުކުމް އަވަސްވާނެއެވެ. މީހަކުމެރިކަން ސާބިތުވެއްޖެ މީހާ ނުވަތަ ގަދަކަމުން ޖިންސީގުޅުން ހިންގައިފި މީހެއްގެ އަދަބަކީ ބޯ ބުރިކުރުމެވެ. ޒިނޭކޮށްފިމީހެއްގެ އަދަބަކީ ހިލައިންތަޅައި މެރުމެވެ. ވައްކަންކޮށްފިނަމަ އަތް ކެނޑުމެވެ. އެހެނިހެން އަދަބުގެ ތެރޭގައި ޢާންމުތަނެއްގައި ހައްދު ޖެހުމާއި ޖަލަށްލުން އަދި ޖޫރިމަނާކުރުންވެސް ކަނޑައެޅިފައި އޮވެއެވެ. މިހަރުކަށި އަދަބުތައް އެއީ އަނިޔާވެރި އަދަބުތަކެއްނަމަވެސް، ޢާންމުގޮތެއްގައި، ހުޅަނގާއަޅާބަލާއިރު މުސްލިމް ޤައުމުތަކުގައި ކުށްކުރާ މީހުންގެ ޢަދަދު މަދެވެ.

ލަންޑަނުގެ ސަހަރުތެރެޔަށް ވަދެގެން އަޅުގަނޑުމެން ދިޔައިރު، އަޅުގަނޑުމެންނަކީ ސުޢޫދީއަށް ނިސްބަތްވާ ބަޔަކަށްވާތީ އަޅުގަނޑުމެންނާ ދިމާއަށް އެންމެންގެ ނަޒަރު ހުއްޓޭނެކަން އެނގެއެވެ. އަޅުގަނޑުމެންނަށް ނައިޓްސްބްރިޖް އެޕާރޓްމަންޓް ހޮޓަލަށް ދެވުމާއެކު، ކަރީމާއި އަސަދު އަވަސްވެގަތީ ސުޢޫދީ އެމްބަސީއަށް ގޮސް ވެގެން އުޅޭގޮތެއް ސާފުކުރުމަށެވެ. އަޅުގަނޑުމެން ހުރިހާ އަންހެންވެރިން އެޕާރޓްމަންޓްގައި ހަމަޖެހިލުމަށްފަހު، އަޅުގަނޑުމެންގެ ސަމާލުކަން ހުސްވެގެންދިޔައީ، އެއަރޕޯރޓުންގަތް ނޫސްތަކުގައިވާ އަޅުގަނޑުމެންގެ ޤައުމާބެހޭ ޚަބަރުތަކަށެވެ. ނޫސްތަކުގެ ފުރަތަމަ ޞަފުޙާ ޚާއްޞަކުރެވިފައި މުޅިންވެސް ހުރީ، އިނގިރޭސިވިލާތުގެ ދެނަރުހުންގެ ޚަބަރުތަކަށެވެ. ސުޢޫދީ ޢަރަބިއްޔާގެ މުޅި ޝަރުޢީ ނިޒާމް އޮރިޔާންކޮށް ދެކޮޅުވެރިކަމުގެ އޭތިމީތި ލިޔެފައި ހުއްޓެވެ. މަރަން ޙުކުމްކުރާމީހުންގެ ޢާއިލާގެ ބަހެއް އޮވެގެން އެޙުކުމް ބަދަލުވުމާބެހޭގޮތުންވެސް އެތައް ވާހަކައެއް ލިޔެފައި ހުއްޓެވެ.

ސުޢޫދީ ޢަރަބިއްޔާގައި، މަރަންޙުކުމްކުރާމީހުންގެ ޢާއިލާއިން މަރަށް މަރުހިފުމާއި މަރުގެ ދިޔަލައިދިނުމާބެހޭގޮތުން އެމީހުންނަށް އިޚްތިޔާރީ ޙާލަތެއް އުފަންވެފައި އޮވެއެވެ. މަރުވި މީހާ މަރައިލެވުނުގޮތަށް އެމީހަކު މެރިމީހަކު މެރުމަށް ޢައިލާއިން އެދޭނަމަ އެކަން ކުރަންޖެހޭނީ އެގޮތަށެވެ. މިސާލަކަށް ތަޅައި އަނިޔާކޮށްގެން މީހަކު މަރައިފިނަމަ އެކަންކުރި މީހާ މަރާނީ އެގޮތަށެވެ. ދުއްވާ އެއްޗެއްގެ ދަށުވެގެން މީހަކު މަރުވެއްޖެނަމަ އެކަމުގައި ކުށްސާބިތުވާ މީހާ މަރާނީ ދުއްވާއެއްޗެއްގެ ދަށުލާފައެވެ. އެހެންނަމަވެސް ސުޢޫދީގެ ގިނަ ޢައިލާތަކުން އެދެނީ އެމީހުންގެ ލޯބިވާ މީހުން މަރައިފިމީހެއްގެ ބޯބުރިކޮށްގެން މަރައިލުމަށެވެ. ހަމައެއާއެކު، މަރުވިމީހާ މެރުމުގެ ބަދަލުގައި މަރުގެދިޔައަށް އެދުމުގެ ޙައްޤުވެސް، މަރުވިމީހާގެ ޢާއިލާއަށް ލިބިގެންވެއެވެ. ޖަމަލުންވެސް ތަންކޮޅެއްކުރިން މަރުގެދިޔަ ދީފައި އެބަހުއްޓެވެ. އެހެންނަމަވެސް، މިހާރު މަރުގެދިޔަ ދައްކަންޖެހެނީ ސުޢޫދީ ރިޔާލަ ނުވަތަ އެމެރިކާ ޑޮލަރުންނެވެ. ނަގުދު ފައިސާއިންނަމަ، މަރުގެދިޔައަށް ލައްވަނީ ސުޢޫދީ ރިޔާލައިން 120 ހާސް ( އެމެރިކާ ޑޮލަރުންނަމަ 45 ހާސް ) އާއި 3 ލައްކަ ރިޔާލަ (އެމެރިކާ ޑޮލަރުންނަމަ 80 ހާސް) އާ ދެމެދުގެ ޢަދަދެކެވެ. މަރުގެދިޔަ ލައްވަނީ އަންހެނަކު މަރައިގެންކަމަށްވާނަމަ ނަގަނީ ފިރިހެނަކަށް ނަގާވަރުގެ ދެބައިކުޅަ އެއްބަޔެވެ.

މިހާރު ހިނގަމުންއެދާ މައްސަލައިގާ، އިނގިރޭސިވިލާތުގެ އަންހެން ދެނަރުހުންވެގެން އޮސްޓްރޭލިއާގެ އަންހެން ނަރުހެއްމަރާލިކަން ވަނީ ސާބިތުވެފައެވެ. އިނގިރޭސިވިލާތުގެ ނޫސްތަކުގައި ބުނާގޮތުން، އެޤައުމުގެ ދެނަރުހުން މަރާލި އޮސްޓްރޭލިއާ ނަރުހުގެ ޢާއިލާއިން، މަރުގެދިޔަ ޤަބޫލުކުރޭތޯ ދަނީ މަސައްކަތްކުރަމުންނެވެ. އެއީ ސުޢޫދީ ޤާނޫނުވެސް ހުއްދަކުރާ ކަމެކެވެ. އޮސްޓްރޭލިއާގެ ނަރުހުގެ ޢާއިލާ ދިރިއުޅެނީ އޮސްޓްރޭލިއާގައި ކަމަށްވިޔަސް އެންމެ ރަނގަޅެވެ. އޮސްޓްރޭލިއާގެ ނަރުހުގެ ބޭބެ، ފްރޭންކް ގިލްފޯރޑް ވަނީ އޭނާގެ ކޮއްކޮގެ މަރު، މަރުގެދިޔަޔަށް ވިއްކައިލުމާ ދެކޮޅު ހަދަމުންނެވެ. އަދި މަރުގެދިޔަ ޤަބޫލުކުރުމާމެދު އޭނާ ކަނޑައެޅިގެން ދެކޮޅު ހަދައެވެ.

އަޅުގަނޑުވެސް، ފްރޭންކް ގިލްފޯރޑާ އެއްބަހެވެ. އޭނާގެ ކޮއްކޮގެ މަރުގެ ބަދަލުގައި މަރުގެދިޔަ ދިނުމާމެދު އަޅުގަނޑުވެސް ދެކޮޅެވެ. މީހެއްގެ ފުރާނައިގެ ބަދަލުގައި ފައިސާއިން އެފުރާނައިގެ އަގުކުރާނީ ކިހިނެއްތޯއެވެ ؟ ހުޅަނގުގެ އަންހެނުންގެ މައްޗަށް ހުޅަނގުގެ ފިރިހެނުންގެ ހިތުގައި އޮންނަ ލޯތްބަކީ، ސުޢޫދީ ފިރިހެނުންގެ ހިތުގައި ސުޢޫދީ އަންހެނުންގެ މައްޗަށްވެސް އޮންނަ ފަދަ ލޯތްބަކަށް ވުމެއް ކޮންމެހެން ލާޒިމެއްނޫނެވެ. ދާދިމިދާކަށްދުވަހު، ސުޢޫދީގައި ހިނގި އެފަދަ ޙާދިސާއަކާއި ގިލްފޯރޑްގެ ބަހަށް އަޅުގަނޑުގެ ނަޒަރު ސީދާވިއެވެ. އެވާހަކަޔަކީ، ބިދޭސީ ޑްރައިވަރަކު ސުޢޫދީ ޢައިލާއެއްގޮވައިގެން ކުރި ދަތުރެއްގައި ސުޢޫދީ ދެއަންހެނަކު މަރުވި ޙާދިސާއެކެވެ. އެ ޙާދިސާގައި ދެކުށެއް ހިމެނެއެވެ. އެއީ ރާބޮއެ މަސްތުވެގެން ހުރެ ކާރުދުއްވުމާއި ދެއަންހެނަކު މަރުވުމެވެ. އެހެންކަމުން ބިދޭސީމީހާ ވަގުތުން ޖަލުގައި ބަންދު ކުރެވުނެވެ. ސުޢޫދީ ޤާނޫނުގެ ދަށުން އެބިދޭސީ މީހާ މަރަންޖެހެއެވެ. އޭނާއަށް ދިރިހުންނަން ލިބެންއޮތް ހަމައެކަނި އުއްމީދަކީ، މަރުވި އަންހެންމީހާގެ ފިރިމީހާ މަރުގެދިޔަ ޤަބޫލުކުރުމެވެ. އެހެންނޫންކަމަށްވާނަމަ، އޭނާގެ ބޯބުރިކޮށްލާނެއެވެ.

ސުޢޫދީގައި ހިނގާފައިވާ އެކަހަލަ އެހެން ޙާދިސާތަކަށްބަލާއިރު، ސުޢޫދީ މީހުން ބޭނުންވާނީ ލޮލަށް ލޮލެވެ. އެހެނެއްކަމަކު، ދިފާޢީ ވަކީލުން ފައިސާގެ ބަދަލު ޤަބޫލުކޮށްދިނުމަށް ހުށަހަޅާނެއެވެ. އަދި ފައިސާއިން އެކަން ހަމަޖައްސާނެއެވެ. ކުރިން ނަންގަނެވުނު މައްސަލަ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅުނުހިނދު މަރުވިމީހާގެ ފިރިމީހާ ޢަމަލުކުރިގޮތުން  އެންމެންނަށްވެސް ޙައިރާންކަން ލިބުނެވެ. މަރުވި ދެއަންހެނުންގެ ފިރިމީހާ، ފަނޑިޔާރުގެ ކުރިމައްޗަށް ޙާޟިރުވެ އޭނާ ބުންޏެވެ.

"ޢިއްޒަތްތެރި ފަނޑިޔާރެވެ! އަޅުގަނޑުގެ ދެއަނބިން އެމީހެއްގެ އަތުން މަރުވި ބިދޭސީ މީހާ ދޫކޮށްލަ ދެއްވާށެވެ! އަޅުގަނޑު، މަރުގެ ބަދަލުވެސް އަދި މަރުގެދިޔަވެސް ބޭނުމެއްނޫނެވެ. މަރުވި ދެއަންހެނުންނަކީ، އަޅުގަނޑުގެ ޒުވާން ޢުމުރުގައި ހޯދި ދެއަނބިންނެވެ. މިހާރު އެދެމީހުންވެސް ވަނީ އަޅުގަނޑަށް ޚިދުމަތްކުރެވޭވަރަށްވުރެ މުސްކުޅިވެފައެވެ."

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.