އަމީރާ ސުލްޠާނާގެ ނާރެސް - 58

(2 އޯގަސްޓް 2022 ގެ ބަޔާ ގުޅޭ)

ހަނަފަސް ވެލީގެ ރާޅުބާނިތައް

ސަހަރާގައި ފޭލިގެތަކުގައި ހޭދަކުރެވުނު ދުވަސްތަކަކީ، އަޅުގަނޑުމެންގެ ޢާއިލާއަށް އެންމެ އުފާވެރިކަން ލިބިގެންދިޔަ ދުވަސްތަކެވެ. ފިރިހެންވެރިން އެބައިމީހުންގެ ޖަމަލުތަކުގައި ޝިކާރަކުރުމަށް ދާއިރު، ކުދިވެރިން ފޭލިގެތަކުގައި އެކއެކި ކުޅިވަރުތައް ކުޅެ މުނިފޫހި ފިލުވަމުން ގެންދިޔައެވެ. އަޅުގަނޑުމެން އަންހެނުން، ފޭލިގެތައް ވަށައިގެން ހިނގައި ކުޑައިރުގެ އުފާވެރި ހަނދާންތަކުގެ ވާހަކައިން ހިތްއުފައު ކުރަމުން ގެންދިޔައެވެ.

ސަހަރާގައި ފޭލިގެޖެހި ފުރަތަމަ ދުވަހު، އަޅުގަނޑުމެންގެ ފޭލިގެޔަށް ޒިޔާރަތްކުރި ބަދަވީން އޮތީ އެމީހުންގެ ސަރަޙައްދަށް ޒިޔާރަތްކުރުމަށް ދަޢުވަތު ދީފައެވެ. އެކަން އަޅުގަނޑުމެންގެ ފިރިން، ހަނދާނެއް ނުނެތެވެ. ބަދަވީންގެ ކަންތައްތައް ހުންނަ ނުހުންނަގޮތް ބަލައިލުމަށްޓަކައި އަޅުގަނޑުމެން ހުރިހާ އަންހެންވެރިން ތިބީ ކެތްމަދުވެފައެވެ.

ދުނިޔާ ފިޔަވައި ހުރިހާ އަންހެނުން ދާން ނިންމިއެވެ. އެދަތުރުގައި ބައިވެރިވުމަށް ދުނިޔާ، ކަނޑައެޅިގެން އިންކާރު ކުރިއެވެ. ދުނިޔާގެ މައްސަލަޔަކަށްވީ، ބަދަވީންގެ ފޭލިގެތައް ހަޑިކޮށް މުޑުދާރުކޮށް ހުރެއްޖެނަމަ، އޭނާއަށް އެކަމަށް ކެތްނުކުރެވޭނެކަމެވެ. އެހެންކަމުން އަންހެން ޚާދިމާއިންނާ އަދި ކުދިންނާއެކު ދުނިޔާ މަޑުކުރީ ފޭލިގޭގައެވެ.

ޢަރަބިއްޔާގެ އަސްލު ނޭނގޭ މީހުންނަށް ޤަބޫލު ކުރެވިފައި އޮންނަނީ ޢަރަބިއްޔާއަށް ނިސްބަތްވާ އެންމެންނަކީ ބަދަވީން ކަމުގައެވެ. ޙަޤީޤަތަށް ބަލާއިރު، ތަހުޒީބީ އަވަށްތަކުގައި ދިރިއުޅޭ ޢަރަބީންނާއި ސަހަރާގައި ދިރިއުޅޭ ބަދަވީންނަކީ އެއްވިސްނުމެއްގައި ދިރިއުޅޭ ބައެއްނޫނެވެ. ތެލާއި ފެނާ އެކުނުވާގޮތަށް މިދެބައިމީހުންނަކީ އަބަދުވެސް ޚިޔާލުތަފާތުވެފައި މައްސަލަތައް ޖެހޭ ދެބަޔެކެވެ. ތަހުޒީބީ އަވަށްތަކުގައި ދިރިއުޅޭ ޢަރަބީން ދެކޭގޮތުގައި ސަހަރާގައި ދިރިއުޅޭ ބަދަވީންނަކީ ނާތަހުޒީބު ވިސްނުންކޮށި ބަޔެކެވެ. ބަދަވީން ދެކޭގޮތުގައި އަވަށްތަކުގައި ދިރިއުޅޭ ޢަރަބީންނަކީ ކުށާއި ފާފައިގެ އަހުލުވެރިންނެވެ. ވަރަށް ފަހަކާ ޖެހެންދެންވެސް، ބަދަވީން އަވަށްތަކަށް އަންނައިރު، އެމީހުންގެ ގައިންދުވާ ނުބައިވަސް ފޮރުވުމަށްޓަކައި ގައިގާ ފޮތިއޮޅައި އަތަރު ހާކައިގެން އައިސްފައި އެބަހުއްޓެވެ. އޭގެ އަނެއް ބޭނުމަކީ، އަވަށްތަކުގައި ދިރިއުޅޭ މީހުންގެ ވަސް ބަދަވީންގެގައިގާ ނުޖެހުމެވެ.

މިހުރިހާ ކަމަކާއެކުވެސް، ބަދަވީންގެ ފޭލިގެތަކަށް ޒިޔާރަތްކުރާ އަވަށް އަވަށުގެ މީހުންނަށް، އެމީހުން އިޙްތިރާމްކޮށް މެހެމާންދާރީ އަދާކުރެއެވެ. އެކަމަކު، އެއީ ވަރަށް ކުޑަ ހިދުކޮޅަކަށެވެ. އަޅުގަނޑު ކުޑައިރު، ބަދަވީންގެ ވަރަށްގިނަ ފޭލިގެތަކަށް ދިޔައިމެވެ. އެހެންކަމުން، އެމީހުންގެ ނާތަހުޒީބު ދިރިއުޅުމަށް، މިފާއިތުވެދިޔަ އަހަރުތަކުގައި އެއްވެސްކަހަލަ ހެޔޮ ބަދަލެއް އައިސްފައިވޭތޯ ބަލައިލަން ހުރީ ކެތް މަދުވެފައެވެ. އެބައިމީހުންގެ ކުނިބުނި ފޭލިގެތަކުގައި ބަހައްޓައިގެން އެތަކެތި ކުނިވާއިރުވެސް އުކައިނުލާ ބަހައްޓާފައިހުރިތަން އަޅުގަނޑު ދުށީމެވެ. އެކަމަކު އެއީ ވަރަށް ކުރިއެވެ. މިހާރު، އެކަހަލަ ކަންކަމަށް ހެޔޮބަދަލެއް އައިސްފައިވެސް އޮވެދާނެއެވެ.

ބަދަވީންގެ ޢާންމު ޙަޔާތްފެށެނީ ތުއްތުއިރުގެ ސަލާމަތާއި ރައްކާތެރިކަމުގެ މައްސަލަތަކުންނެވެ. ވިހާތަނުން ދިރިއުޅެން ފުރުޞަތުލިބޭ ކުދިން އުޅޭނީ ހުސްފައިގައެވެ. އެއްވެސް މިންވަރަކަށް ތަޢުލީމެއް ނުލިބޭނެއެވެ. ތާހިރެއް  ނުވާނެއެވެ.  ބަދަވީންގެ އަންހެނުން ދިރިއުޅެމުން ގެންދާނީ، އަވަށްތަކުގެ އަންހެނުންނަށްވުރެވެސް ނިކަމެތި ޙާލުގައެވެ. އަޅުންގެ ގޮތުގައެވެ. ހުރިހާ ބުރަމަސައްކަތެއް ކުރާނީ އަންހެންވެރިންނެވެ. ކޮންމެ ވަގުތަކަށްވެސް ފިރިންގެ އިންތިޒާރުގައި ދެމިތިބުމާއި ލިބޭހުރިހާ ކުދިންތައް ބެލުމުގެ އިތުރަށް، ދިރިއުޅޭ ފޭލިގެތައް ރޫޅައި އަލުން އެތުރުމަކީ އަންހެނުންގެ ކަމެކެވެ. ވަޅުގަނޑުތަކުން ފުރިފައިވާ މަގަކުން ދަތުރުކުރަމުންދިޔައިރު، މިހުރިހާ ޚިޔާލުތަކެއް އަޅުގަނޑުގެ ސިކުނޑިއަށް ޖަމާވަމުން ދިޔައެވެ. އެކަމަކު އެކަން އެއްވެސް މީހަކަށް ނާންގަމެވެ. ނަޞީބަކުން އަޅުގަނޑުމެންނަށް ދަތުރުކުރެވުނީ ވަރަށްކުރުމަގަކުންނެވެ. 15 ވަރަކަށް ކިލޯމީޓަރަށްވުރެ އެމަގު ދިގެއްނުވާނެއެވެ. ފޭލިގެތަކުން އަރާ ދުމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ. އޭގެކުރިން، އެހިސާބުން އަރަމުންދިޔަ ހިރަފުހުން، ދާންވީތަން ކައިރިވެއްޖެކަން، އަޅުގަނޑުމެންގެ ފިރިންނަށް އޮތީ އެނގިފައެވެ. ވިއްސަށްވުރެ ގިނަ ބަދަވީން ޖަމަލުމަތީ އަޅުގަނޑުމެންނާ ކުރިމަތިލައިގެން ތިއްބެވެ. އެހިސާބަށްގޮސް އަޅުގަނޑުމެންގެ އުޅަނދުތައް މަޑުކޮށްލިއެވެ.

އަޅުގަނޑުމެންނަށް މަރުޙަބާކިއުމަށް ބަދަވީންގެ ބަޔަކު ނުކުތެވެ. އޭގެތެރެއިން އެކެއްގެ ގައިގާ އަޅުގަނޑު އަޅައިގަތެވެ. ލޮލުގެ ކުލަ ކަޅު، ބުރަސޫރަ ރީތި ޒުވާނެކެވެ. ބޮލުގައި އަޅާފައިއޮތް ފަގުޑީގެ ފަހަތުން ދޫވެފައިއޮތް ފޮތިގަނޑުގެ ދިގުމިނުން އޭނާއަކީ ޚާއްޞަމީހެއްކަން އަންގައި ދެއެވެ. އޭނާ އަރާއިނީ، ޅަ އަދި ވަރުގަދަ އަންހެން ޖަމަލެއްގެ މަތީގައެވެ. އޭނާގެ ބަދަވީ ނަޒަރު ދަހިވެތިކަމުގެ އަސަރާއެކު އަޅުގަނޑުމެން އަންހެންވެރިންގެ މައްޗަށް ހުއްޓުނެވެ. ނުދަންނަ މެހެމާނުންތަކެއްގެ ކުރިމަތީ މަރުޙަބާކިޔަން އައިސްހުރިއިރު، އޭނާގެ ތުންފަތަށް ހިނިތުންވުމެއް ނާދެއެވެ. އެކަމަކު، އަޅުގަނޑަށް ފާހަގަ ކުރެވުނުގޮތުގައި، އޭނާ އަރާއިން އަންހެންޖަމަލުގެ އަނގަމަތި ހުރީ ކުރެހުންއަޅައި ހިނިތުންވުމަކަށް ފުދޭގޮތަށް ތައްޔާރު ކޮށްފައެވެ. އޭނާ އަޅުގަނޑުމެންގެ ގާފިލާގެ ވަށައިގެން އެއްފަހަރަށްވުރެ ގިނަފަހަރު ބުރު އެޅިއެވެ. ސަލާމަތާއި ރައްކާތެރިކަމަށް ވިސްނައިގެން ކަމަށް ވެދާނެއެވެ. ސުއާލެއް ނުކުރިނަމަވެސް، އެމީހާއަކީ އެޤަބީލާގެ ވެރިމީހާކަން އަޅުގަނޑަށް އެނގުނެވެ. ބަދަވީންނަކީ ވަރަށް ފަޚުރުވެރި ބަޔެކެވެ. އެއްވެސް ބަޔަކުދެކެ އެމީހުން ޖެހިލުމެއްނުވާނެއެވެ. ޚުދު ޝާހީ ޢާއިލާގެ މީހުންދެކެވެސް އެމީހުން އެއްވެސް މިންވަރަކަށް ޖެހިލުމެއް ނުވާނެއެވެ. އަޅުގަނޑުމެންނަށް ކިޔޭ މަރުޙަބާއަކީ އޭނާގެ ހުއްދައާއެކު ކިޔޭނެ އެއްޗެއްކަން އޭނާގެ ޢަމަލުން ދައްކައިފިއެވެ.

އަޙްމަދު އޭނާގެ އިސްއުފުލާލައި، ޤަބީލާގެ ވެރިމީހާއާ ދިމާއަށް ސަލާމުގެ ޢިޝާރާތުން ޙަރަކާތްކޮށްލިއެވެ. ޤަބީލާގެ ވެރިމީހާވެސް އޭނާގެ ނަމަކީ ޝައިޚު ފަހުދުއޭ ބުނެ، އެންމެފަހުން އޭނާގެ މޫނުމަތިން ހިނިތުންވުން ފާޅުވިއެވެ. އަދި ﷲ ގެ ރަޙުމަތަށް އެދެމުން ގުގުރިއެއްފަދަ ބަރު އަދި ބާރު އަޑަކުން އޭނާ ސަލާމް ކޮށްލިއެވެ. އެއަށްފަހު، ދެއަތުން ޢިޝާރާތްކޮށް އަޅުގަނޑުމެން ދާންވީ މަގު ދެއްކިއެވެ. ހަމައެއާއެކު ބަދަވީންގެ އެހެންމީހުންވެސް މަރުޙާބާގެ އަޑުން އަޑުގަދަކޮށް، އަޅުގަނޑުމެންގެ އުޅަނދުތަކުގެ ދެފަރާތުން ޖަމަލުމަތީ ތިބެގެން ދަތުރުކުރިއެވެ.

ރަސްމީގޮތުން އަޅުގަނޑުމެންނަށް މަރުޙަބާކިޔައިފިކަން، ޝައިޚު ފަހުދު އިޢުލާންކުރުމާއެކު ފޭލިގެތަކަށް ދިރުން ލިބިގެން ދިޔައެވެ. އެތަން މިތަނުން މީހުން ނުކުންނަން ފެށިއެވެ. އަތްމައްޗަށް ކުދިންތައްލައިގެން ތިބި އެތައް އަންހެނުންނެކެވެ. ހެދުން ނުލާ ބަރަހަނާގައިތިބި ތުއްތު އެތައް ކުދިންނެކެވެ.

އަޅުގަނޑު، ވަގުތު ބަލާފައި ޖީޕުން ފޭބީމެވެ. ބާރުގަދަ ނުބައި ކުނިވަހެއް އަޅުގަނޑުގެ ނޯށުގައި ޖެހުނެވެ. އެއީ ކައިރި ހިސާބެއްގައި ގެންގުޅޭ ޖަނަވާރުގެ ވަހާއި އެތަކެތި ކަތިލީމަ ފައިބާ ލޭކުނިވެގެން އުފެދޭނެ ވަހެއްކަން އަޅުގަނޑަށް އެނގުނެވެ. ޖީޕުން ފުންމާލުމަށްފަހު، ބިމުގައި ވަރަށް ބަލައިގެން ފިޔަވަޅުއަޅަން ފެށީމެވެ. މުޅިތަނުގައި އޮތީ ޖަނަވާރުގެ ނަޖިހެވެ. އެއާއެކު އުފެދިފައިވާ ބޯ ހިރަފުހެވެ. އެހިސާބުން ކުއްލިޔަކަށް އަޅުގަނޑު ހަނދާންވީ ދުނިޔާގެ މަތިންނެވެ. އޭނާ ނައިކަން ހަމަ ނަޞީބެވެ. އެހިސާބުގަނޑު ސާފުވާނެ އޮންނަނީ އެންމެ ގޮތެކެވެ. އެއީ ބޯކޮށް ވާރޭވެހުމެވެ. ވާރެއިން ނޫންގޮތަކަށް ބަދަވީން ދިރިއުޅޭ ތަންތަން ސާފެއް ނުވާނެއެވެ. އެމީހުންނަކީ ދިރިއުޅޭތަން ސާފުކުރާ ބައެއްނޫނެވެ. ވާރޭނުވެހޭތާ އޭރު އެތައް ދުވަހެއް ވެއްޖެއެވެ. އެހެންކަމުން މުޅިތަން އޮތީ ނަޖިސްވެފައެވެ. ދުވާވަހުންވެސް ނޯށްދަމާލަން ނުކެރެއެވެ.

ދިހަވަރަކަށް އަންހެނުން އަޅުގަނޑުމެން އަންހެނުންނަށް މަރުޙަބާ ކިއުމަށްޓަކައި އަޅުގަނޑުމެންނާ ދިމާއަށް އަންނަތަން ފެނުނެވެ. އެމީހުން ތިބީ އެކިކުލަކުލައިގެ ފޮތި އެއްކޮށްގެން ހެދުންފަހައި ބަދަވީ އަންހެނުން އަޅާ ބުރުގާވެސް އަޅައިގެންނެވެ. ހީވަނީ ކަރާޗީ ލޮރީ އެއްހެންނެވެ. އެމީހުންގެ ހެދުމުގައި ނެތްކުލައެއް ނެތީމައެވެ. ބަދަވީންގެ އާދަކާދަ ހުންނަގޮތުން އަންހެނުން ލޯނިވައެއް  ނުކުރާނެއެވެ. އެހެނަސް އަވަށުގައި ދިރިއުޅޭ އަންހެނުން މޫނުއެއްކޮށް ނިވާކުރާނެއެވެ. އެމީހުން އައިސް އަޅުގަނޑުމެންނަށް މަރުޙަބާ ކިޔެވެ. އެމީހުންގެ ލޮލުން ހިތްހެޔޮ ކަމާއި ހިނިތުންވުމުން އޯގާތެރިކަން ފައުޅުވެގެން ދިޔައެވެ.

ހުރިހާ ފިރިހެނުން ދިޔައީ ޝައިޚާއެކު ސައިބުއިމަށްޓަކައި އޭނާގެ ފޭލިގެޔަށެވެ. އަޅުގަނޑުމެން އަންހެންވެރިން ގެންދެވުނީ އަންހެނުންގެ ފޭލިގެއަކަށެވެ. އަޅުގަނޑުމެންނާއެކު އުޅުނު އެންމެ ދިގުކޮށްހުރި އަންހެންކުއްޖާއަކީ ޝައިޚުގެ ހަތަރު އަނބިންގެ ތެރެއިން ޝައިޚު އެންމެ ގަޔާވާ އަނބިމީހާކަމުގައި، ވަރަށް ފަޚުރުވެރިކަމާއެކު، އޭނާ ބުންޏެވެ. އޭނާގެ ނަމަކީ ފާތެން އެވެ. އަޅުގަނޑުމެން ގެންދެވުނީ، އޭނާއަށް ޚާއްޞަކުރެވިފައިހުރި ފޭލިގެޔަށެވެ. އިސްލާމީ ޢާންމު އުޞޫލުތަކާ އެއްގޮތަށް ބަދަވީންވެސް ކޮންމެ އަނތްބަކަށް ވަކިފޭލިގެޔެއް ތައްޔާރު ކޮށްދެއެވެ. އަވަށުގައި، ކޮންމެ އަނތްބަކަށް ވަކިން ގަނޑުވަރެއް ތައްޔާރު ކޮށްދެއެވެ.

އަޅުގަނޑުމެން އެފޭލިގެޔަށް ގެންދެވި ދޮރުމައްޗަށް އެރުމާއެކު، ފާތެން ވަރަށް ފަޚުރުވެރިކަމާއެކު ބުނެލިއެވެ.

"ޝައިޚު ފަހުދުގެ އެންމެ މަޤްބޫލު އަނބިމީހާގެ ޙައިޞިއްޔަތުން، އަޅުގަނޑުގެ ފޭލިގެޔަށް ތިޔަ އެންމެހައި މެހެމާނުންނަށް މަރުޙަބާ ކިޔަމެވެ." އެ ފޭލިގޭގައި ތަކެތި ބެހެއްޓިފައިހުރީ އެއްވެސް ތަރުތީބެއްނެތިއެވެ. ވަރަށް އަނދިރިވެފައި ހުތްވަހެއް ދުވައެވެ. އަޅުގަނޑުގެ ކުޑައިރު ތަޖުރިބާ ކުރެވުނު، ބަދަވީންގެ ފޭލިގެތަކާ އެއްވެސް ތަފާތެއް ނެތެވެ. ފޭލިގޭގެ މެދުގައި ކޮފީހަދަން މޭޒެއް ބެހެއްޓިފައި ހުއްޓެވެ. އަދި އެތާ ކައިރީގައި ބަރިބަރިޔަށް އެޅިފައި ހުދުއަޅިތަކެއް ހުއްޓެވެ. އެކިކުލައިގެ ކުޝަންސް ބިންމަތީ ބެހެއްޓިގައިހުރި ބޯ ގޮދަޑިތަކުގެ ބިއްދޮށްފަރާތުގައި އަތުރާފައި ހުއްޓެވެ. ކައްކަން ބޭނުންކުރާ ތެއްޔާއި ތަވަޔާ އަދި ކާނާގެ ބައެއްބާވަތްތަކާއި ފަތްޖަހާފައިހުރި އެކިކުލައިގެ ފޮތިކޮޅުތައް އެތަންމިތާނގައިތަރުތީބެއްނެތި ބެހެއްޓިފައި ހުއްޓެވެ.

ފޭލިގޭގެ ނުތާހިރުކަމުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. މުޅިތަނުން ދުވަނީ އެކިބަލިތަކުގެ ނުބައި ވަހެވެ. އެއަށްވުރެ ބޮޑަށް އަޅުގަނޑު ކަންބޮޑުވީ އެތާނގައި ދިރިއުޅޭ ކުޑަކުދިންނާ މެދުއެވެ. ކުޑަކުދިންތަކުން އެފޭލިގެއޮތީ ފުރިފައެވެ. ވިހޭތާ މާގިނަދުވަހެއްނުވާ ތުއްތުކުދިން އުރަށްލައިގެންވެސ ބަޔަކު ތިއްބެވެ. އެތާއިން ހަތަރުއަހަރުވެސްނުވާ ކުޑަފިރިހެން ކުއްޖެއްގެ މައްޗަށް އަޅުގަނޑުގެ ނަޒަރު ސީދާވިއެވެ. އެކުއްޖާފުޅު ހުރީ ވަރަށް ހަޑިމުޑުދާރުކޮށެވެ. އެކުއްޖާފުޅުގެ ގައިގާ ފެންފޮދެއް ޖެހުނު ދުވަހެއްވެސް ނޭނގެއެވެ. އެކުއްޖާގެ ފަޔަށް ހުރީ އަނިޔާލިބި، ނުކުޅެދޭ ކުއްޖަކަށް ވެފައެވެ. އަޅުގަނޑު އެކުއްޖާގާތަށް ޖެހިލައި އުރާލަން އުޅުނު ވަގުތު، އެކުއްޖާ ބިރުން ދުރަށް ޖެހިލިއެވެ. އެތަނުން އެއް އަންހެނަކު، އެކުއްޖާގެ ގާތަށްޖެހިލައި ފައިގާ އެތިފަހަރެއް އެޅިއެވެ. އެކުއްޖާ އިތުރަށް ބިރުގަނެ ފޭލިގޭގެ އެއްކަނަކަށް ޖެހިލައި ފިލަން އޮތެވެ. ހީވާގޮތުން އެއީ އެކުއްޖާގެ މަންމައެވެ.

އެކުއްޖާގެ ޙާލަތު ފެނިފައި އަޅުގަނޑުގެ ހިތަށް އުނދަގޫ ވިއެވެ. އެހެން ޢަރަބީންނާ ޚިލާފަށް ބަދަވީ ޢަރަބީންނަކީ އެމީހުންގެ ތެރޭގައި ހިމެނޭ ނުކުޅެދޭކުދިންނަށް އިހާނެތިކޮށް ހިތާ ބަޔެކެވެ. ބަދަވީން ޤަބޫލުކުރާގޮތުގައި ދުޅަހެޔޮ ޞިއްޙަތެއްގައި ތިބޭ ކުދިންނަކީ އަގުބޮޑު ބަޔެކެވެ. ނުކުޅެދޭ ކުދިންނަކީ ޢާއިލާއަށް ބަދުނަޞީބު ގެނެސްދޭނެ ބަޔެކެވެ.  އަޅުގަނޑަށް ފެނުނު ނުކުޅެދޭ ފިރިހެންކުއްޖާއަށް ޞިއްހީފަރުވާއެއް ނުލިބޭކަން އެއީ ޔަޤީންކަމެކެވެ. އެކުއްޖާގެ ޢުމުރު އެހާ ދިގުނުވެ ހިނގައިދާނެއެވެ. އެއީ ބަދަވީން އެދޭނެގޮތްވެސް މެއެވެ.

އަޅުގަނޑާއެކު އެކުއްޖާ ގެންދަން ބޭނުންވިއެވެ. އެހެންނަމަވެސް އެއީ އަޅުގަނޑުމެންގެ ޤައުމުގައި އެކަށީގެންވާ ކަމެއްނޫނެވެ. އެކުއްޖާ ކޮންމެ ޙާލެއްގައިވިޔަސް، އެކުދިންގެ ޢާއިލާއާވަކިކޮށް އެހެންތާކަށް ގެންދިއުމަކީ މިޤައުމުގައި ކޮށްއުޅޭކަމެއްނޫނެވެ.

އަޅުގަނޑުގެ އަތުގައި އަންހެނަކު ހިފާލައި ތަށްޓެއް ދިއްކޮށްލިއެވެ. ސައިތަށިހުރީ ކުރިން އެތައްފަހަރަކު ބޭނުންކޮށް ނުދޮވެއެވެ. ދެވަނަ އަންހެނަކު އައިސް އަޅުގަނޑު ހިފައިގެންހުރި ތަށްޓަށް ހޫނުސައި އަޅައިދިނެވެ. އެސައިތަށި ބުއިންނޫންގޮތެއް ނެތެވެ. ނުބޮއެފިނަމަ އެމީހުންނަށް އެކުރެވެނީ ވަރަށް ބޭއަދަބީ ކަމެކެވެ. ސައިބޮއެ ނިމުމާއެކު، އަޅުގަނޑުމެންނަށް މަރުޙަބާ ކިޔުނުކަމުގެ އިޙުސާސުގައި ފާތެންގެ ބުރުގާ ނެގިއެވެ. އޭނާގެ ރީތިކަމާއި ޅަކަމުގެ ފަޚުރާއެކު ފާތެންގެ މޫނު އަޅުގަނޑުމެންނަށް ދެއްކިއެވެ. އޭނާއަކީ، ޅަ ޒުވާނެކެވެ. އަށާރަ ނުވަތަ ނަވާރަ އަހަރުގެ ކުއްޖެކެވެ. އަޅގަނޑުގެ މަހާއާ އެއް ޢުމުރެއްގެ ކުއްޖެކެވެ.

އެހިސާބުން އެހެންއަންހެނުންވެސް އެބައިމީހުންގެ ބުރުގާ ނެގިއެވެ. އެއެންމެންނަކީވެސް ފާތެންއަށްވުރެ ދުވަސްވީ އަދި ހުތުރު ބަޔެކެވެ. އެހެންކަމުން ޝައިޚުގެ އެންމެ މަޤްބޫލު އަންހެނުންނަށް ފާތެންވުމަކީ ޙައިރާންވާންވީ ކަމެއްނޫނެވެ. ތަފާތަކީ ފާތެން އަދި ކުދިންތަކެއް ނުވިހާކަމެވެ. އަދި ސަހަރާގެ ބަދަވީ އަންހެނުންގެ އަޞްލު ދިރިއުޅުން އޭނާއަށް ފެނިފައި ނެތުމެވެ.

ފާތެން، އެއަށްފަހު އޭނާއަށް ޝައިޚުދީފައިވާ ހަދިޔާތައް އަޅުގަނޑުމެންނަށް ދައްކައިލިއެވެ. އަދި ފަޚުރުވެރިކަމާއެކު ހިނިތުންވެލަމުން ބުންޏެވެ.

"އަހަރެންނާ ކައިވެނިކުރުމަށްފަހު، ޝައިޚު އޭނާގެ އެހެން އަނބީންގާތަކަށް ނުދެއެވެ." ކައިރީގައިތިބި ޝައިޚުގެ ތިން އަނބިންނަށް ޢީޝާރާތް ކޮށްލަމުން ފާތެން ބުންޏެވެ. ފާތެންގެ ބަސްތަކުން އެތިން އަންހެނުންނަށް ލަދުވެތިކަން ވެރިވިއެވެ. އަޅުގަނޑާއި ދައްތަމެންވެސް ލަދުވެތިކަމާއެކު އިސްދަށަށް ޖަހާލެވުނެވެ.

އެތަނުން ދުވަސްވީ އަންހެނަކު، އަޅުގަނޑުމެންގެ ބުރުގާވެސް ނެގުމަށް ބާރުއެޅިއެވެ. އަދި އަޅުގަނޑުމެން ހުރިހާމީހުންވެސް ބުރުގާ ނެގީމުއެވެ. ފާތެންއަށް ސާރާގެ ރީތިކަން ފެނިފައި އަންތަރީސް ވިއެވެ. ޙަޤީޤަތުގައިވެސް ސާރާއަކީ ރީތި އަންހެނެކެވެ. ސާރާވަރުގެ ރީތިއަންހެނަކު މަދުވާނެއެވެ. މޫނުބުރުގާ ނާޅާއުޅޭ ޤައުމެއްގައިނަމަ ސާރާއަކީ، ރީތީގެ ރާނީއެއްގެގޮތުގައި މަޝަހޫރުވެގެންދާނެއެވެ. އެހެންހުރިހާ އަންހެނުންވެސް ސާރާގާތަށް ޖެހިލިއެވެ. އަދި، ސާރާގެ މޫނުގައްޔާއި އިސްތަށިގަނޑުގައި ފިރުމާ ހެދިއެވެ. އަދި އެތަނުން އެކަކު ބުންޏެވެ. ޝައިޚު ފަހުދަށް ސާރާ ފެނިއްޖެނަމަ އެހެން އަނބިން ދޫކޮށްލާފައި ސާރާ ގާތަށް އަންނާނެކަން ޔަޤީނެވެ. އެހެން އަންހެނުންވެސް އެކަމަށް އެއްބަސްވިއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.