ފަޅިމޫނު - 163

(9 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެންމެން ކޮޅަށް ތެދުވެއްޖެއެވެ. އެންމެންގެ ނަޒަރު ހުއްޓިފައި ހުރީ ބާދްޝާއާ ދިމާއަށެވެ. އޭނާ ހުރީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އެތައް ދުވަހެއް ވާންދެން ފިކުރުކުރުމާއި ވިސްނުމުގައި އުޅެފައި ހުރިކަން އެނގެއެވެ. ބޯ ހުރީ ދިގުވެފައެވެ. ހޭވިފައެވެ. ތުނބުޅިވެސް ހުރީ ދިގުވެފައެވެ. ލޯ ހުރީ ވަޅުވަދެފައެވެ. ހީވަނީ އެތައް ޒަމާނެއް ވާންދެން ބަލި އުޅެފައިވާ މީހެއް ހެންނެވެ.

ބާދްޝާ ފެނުމާއެކު ރުޚްސާނާ ތެދުވެއްޖެއެވެ. ޖާނީއޭ ގޮވައިލުމަށް ފަހު ކުރިއަށް ފިޔަވަޅެއް އެޅިއެވެ. އެކަމަކު ބާދްޝާ ހުރި ގޮތަށް ހުއްޓިގެން ހުރީއެވެ. ރުޚްސާނާ އަނެއްކާވެސް ކުރިއަށް ފިޔަވަޅެއް އަޅައިފިއެވެ. ބާދްޝާ ޖެހި ބުދެއްހެން ހުރީއެވެ. ރުޚްސާނާ އަނެއްކާވެސް ކުރިއަށް ޖެހިލިއެވެ. އެކަމަކު ހުރީ ވަރަށް ބިރުންނެވެ. ބާދްޝާ ކުއްލިއަކަށް ރުޅި އައިސްގެން ކަމެއް ކޮށްފާނެތީއެވެ. އޭނާގެ ރުޅި ހުންނަ ގޮތް ރުޚްސާނާ ވަރަށް ރަނގަޅަށް ދަނެއެވެ. އޭނާ ޖެހިލުންވެފައި ހުރެގެން ބާދްޝާގެ އަތުގައި ހިފައިލިއެވެ. އަދިވެސް ބާދްޝާ ހަރަކާތެއް ނުކުރެއެވެ. އަނގަޔަކުންވެސް ނުބުނެއެވެ. ރުޚްސާނާއާ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ.

ބާދްޝާ ހުރި ގޮތް ފެނިފައި އެންމެ ބޮޑަށް ބިރުގަތް އެކަކީ ފަރުޒާނާއެވެ. އޭނާ ހުރީ ކުޑަކޮށް ތުރުތުރުއަޅައަޅައެވެ. އޭނާއަށްވެސް ބާދްޝާގެ މިޒާޖު ވަރަށް ރަނގަޅަށް އެނގެއެވެ. އޭނާގެ އަތުން އެތައް ފަހަރަކު ހުރީ އަނިޔާވެސް ވެފައެވެ. ބާދްޝާ ތަޅައިގަންނަ ހަނދާން ވުމާއެކު ގައިގައި ރިއްސަން ފަށައެވެ.

ރުޚްސާނާ މަޑުމަޑުން އަހައިލިއެވެ. "ޖާނީ. އަހަރެންގެ ގައިގައި ޖަހަން ބޭނުންތަ؟ ތަޅައިގަނޭ. އަހަރެން މަރައިލާ. އެކަމަކު އަހަރެން ދައްކާ ވާހަކަ ގަބޫލުކުރޭ. ގަބޫލު ކުރުމާއެކީ ޖާނީގެ އަތުން މަރުވާން އަހަރެން އުފަލާއެކު ތައްޔާރަށް ހުންނާނަން. ޖާނީ. އަހަރެން މިއީ ހަމައެކަނި ޖާނީގެ ހައްގެއް. ކުރިންވެސް އަދި މިހާރުވެސް. ކޮންމެ ތަނެއްގައި އުޅުނަސް އަހަރެންގެ ގަޔަކު އެއްވެސް މީހަކު އަތެއް ނުލާ. އަހަރެން ﷲ ގަންދީ ހުވައި ކުރަން އަހަރެން މި ދައްކާ ވާހަކައިގައި ދޮގެއް ނުހިމެނޭނެ. ޖާނީ އަހަންނާ ދިމާއަށް ބުނޭ. ރުޚްސާނާއޭ ކަލެއަކީ ދޮގުވެރިއެކޭ، މަކަރުވެރިއެކޭ، އިތުބާރު ކުރެވޭ ވަރުގެ މީހެއް ނޫނޭ. އެކަމަކު ލަދުހަޔާތް ކުޑަ މީހެއް ނޫނޭ، އަބުރު ރައްކާތެރި ކުރަން ދަންނަ މީހެކޭ. މިހެން ބުނެލުމާއެކު އަހަރެން އުފަލާއެކު އަމިއްލައަށް މަރުވެގެންފާނަން."

ބާދްޝާ އަދިވެސް އަނގަޔަކުން ނުބުނެއެވެ. ހީވަނީ ބީރު މީހެއް ހެންނެވެ. މަންމަނެއް ހެންނެވެ. ރުޚްސާނާ ލޯތްބާއެކު އޭނާގެ އަތުގައި ހިފަހައްޓައިގެން ހުރެ ވާހަކަދައްކަމުން ދިޔައެވެ. "އަހަރެންގެ ވާހަކަތަކަށް ޖަވާބެއް ނުދޭނަންތަ؟ ނިކަން ބަލައިލަބަލަ. އަހަރެން މިއީ އެ މީހެއްގެ ކުރިމައްޗަށް ނުކުމެވުނީމާ ޖާނީ ހަރު ހިލަގަނޑަކުން މަޑު ކަފަކޮޅަކަށް ބަދަލުވެގެންދާ މީހާ. އެންމެ ކުޑަމިނުން ކާމީ ވީ ތަނެއް ބުނެލަބަލަ."

ފުރަތަމަ ފަހަރަށް ޖާނީގެ ހަށިގަނޑަށް ކުޑަކުޑަ ލޮޅުމެއް އެރިއެވެ. އޭނާ ތުންފަތް ހަރަކާތް ކޮށްލިއެވެ. އޭނާ އަމުރުވެރި ރާގަކަށް ބުންޏެވެ. "ކާމީ ނުލިބޭނެ. ބޭނުމިއްޔާ ކޯޓަށް ދޭ."

ރުޚްސާނާ ފިޔަވަޅެއް ފަހަތަށް ޖެހިލުމަށް ފަހު ދެއަތް ޖޯޑުކޮށްލިއެވެ. "ޖާނީ. އަހަރެން ދުވަހަކުވެސް ކާމީ ހޯދާކަށް ނޫޅޭނަން. ޖާނީ އަހަރެން ދޫކޮށްލިޔަސް އަހަރެން މުޅި އުމުރުދުވަހު ހުންނާނީ ޖާނީގެ އަނތްބެއްގެ ގޮތުގައި. އަހަރެން ބޭނުން ވަނީ ޖާނީގެ ދުލުން އެންމެ ވާހަކައެއް ބުނެލާ އަޑު އަހަން. އެއީ އަހަރެން މިއީ ހަޔާތްކުޑަ މީހެއް ކަމަށް ގަބޫލު ނުކުރަމޭ ބުނެލާ އަޑު."

"ގަބޫލު ކުރިއްޔާ އަހަންނަށް ކުރެވޭނީ ކޮން ކަމެއް؟ އަހަރެން ދާ ކޮންމެ ތަނަކުން ދިމާވަނީ ރުޚްސާނާގެ ދިފާއުގައި ވާހަކަދައްކާ މީހުންނާ. ސުވާލެއްކޮށްލާ ކޮންމެ މީހަކު ބުނަނީ ރުޚްސާނާއަށް މާފުކުރާށޭ. ދަންނަބޭކަލެއްގެ ފަތުވާވެސް އަހަރެން ހޯދައިފިން. އޭނާ ބުނީ ވަކި ގޮތެއް ނިންމުން އޮތީ އަހަރެންގެ އިޚުތިޔާރުގައޭ. އަހަރެން ބޭނުމިއްޔާ ވަރިކޮށްފައި ފޮނުވައިލެވިދާނެއޭ. ބޭނުމިއްޔާ ވަރިނުކޮށް އުޅެވިދާނެއޭ. އެންމެ ރަނގަޅު ގޮތަކީ ސުލްހަވެރިވެ މާފުކުރުމޭ. އޭރުން އެކަމުގެ ހެޔޮ ބަދަލު ލިބޭނެއޭ. އެކަމަކު އަހަންނަށް މި ލިބެނީ ކޮން ކަހަލަ ބަދަލެއް؟ އެއް ފަހަރަކު ނޫން. ކޮންމެ ފަހަރަކުވެސް ކުރިމަތިލާން ޖެހެނީ މަކަރާ. ދަންނަބޭކަލުންގެ ފަތުވާވެސް ހޯދާނީ ކިހައި ވަރަކަށް؟"

"މީގެ ފަހުން އެހެންނެއް ނުވާނެ. އަހަރެން ލައްވައި ކިތަންމެ ބޮޑު ހުވައެއް ކުރުވިޔަސް ހެޔޮ. ދުނިޔޭގައި ލެއްވި އެންމެ ބޮޑު އަދަބު އަހަންނަށް ދީ. ކޮންމެ ފަދަ އިމްތިހާނަކާ ކުރިމަތި ކުރުވިޔަސް ހެޔޮ. އަހަރެންގެ އަނގައިން އެންމެ ކުޑަމިނުން ވައި އަޑެއްވެސް ނުނުކުންނާނެ. ޖާނީ ދިން ކޮންމެ އަދަބެއް ހިތުން ރުހުމުން ގަބޫލެއް ނުކުރާނަން. ނިކަން ވިސްނައިލަބަލަ. އަހަރެން މިއީ ހަޔާތްކުޑަ މީހެއް ނަމަ، ދަހިވެތި މީހެއް ނަމަ ޖާނީގެ އަދަބާ ކުރިމަތިލާން އެނބުރި އަންނަންވީ ކީއްވެގެން؟"

ޖާނީ އޭނާޔާ ދިމާއަށް ބަލައިލާފައި ވިސްނައިލިއެވެ. "ރުޚްސާނާގެ މައްސަލައިގެ ފައިސަލާ ކުރާނީ މިގެޔަކު ނޫން. އަހަރެންގެ ގޭގައި."

ރުޚްސާނާ އުފާވެފައި ބުނެލިއެވެ. "ހިނގާ. ހަމަ މިހާރު ހިނގާ."

"ތިޔަހެންނެއް ނޫން. ފައިވާން ބާލާ."

ރުޚްސާނާ ހައިރާންވެފައި ސުވާލުގެ ނަޒަރަކުން އޭނާޔާ ދިމާއަށް ބަލައިލިއެވެ.

ބާދްޝާ ހަރުކަށިކަމާއެކު ބުނެލިއެވެ. "އަޑު އިވިއްޖެތަ؟ ފައިވާން ބާލާ."

ރުޚްސާނާ ގޮނޑިއެއްގައި އިށީނދެ ފައިވާން ބާލައިފައި ކޮޅަށް ތެދުވީމާ ބާދްޝާ ބުންޏެވެ. "އަހަރެން ދާނީ ކާރުގައި. ރުޚްސާނާ އަންނާނީ ކާރުގެ ފަހަތުން ހިނގާފައި. ހުސް ފަޔާ. އަހަރެންގެ ގެޔާ ހަމައަށް ދާން ވާނީ އެހެން. ހިތްވަރާއި ހަކަތަ ހުރިއްޔާ މި ބުނި ގޮތަށް ހިނގާފައި އަހަރެންގެ ގެޔާ ހަމައަށް ހިނގާ."

"ޖާނީ ބުނި ކޮންމެ ގޮތަކަށް އަހަރެން ހަދާނަން."

މަންމަ ކުރިއަށް ޖެހިލާފައި ބުންޏެވެ. "ދަރިފުޅު ތިޔަހުރީ ހަމަހޭގައިތަ؟ މިއަދުގެ ހޫނުކަން ހުރި ވަރު އެނގޭތަ؟ މަގުމަގުން އެހެރަގެން އަރަނީ އަލިފާން. އެހެރީ ދުން ބުރަބުރައި. މަގު އެ އޮތީ އަނގުރުގަނޑެއްހެން. މި ހޫނުގައި ހިނގާފައި ނާގިންޗޯރަންގީއާ ހަމައަށް ދާނީތަ؟ އެ ހިސާބަށް ދެވެންދެން ފުރާނަ ނުނުކުމެ ހުންނާނެތަ؟"

"ޚަބަރުދާރު މަންމާ. އަހަރެމެން ދެމަފިރިންގެ ދެމެދަށް މީގެ ފަހުން މަންމަ ވަދެގެން ނުވާނެ. އަހަރެންގެ ހާލަތު މިހެން ބަދަލުވީ މަންމަގެ ނަސޭހަތުގެ އަޑު އެހީމާ. އަހަރެން ދިރިހުއްޓަސް މަރުވިޔަސް ފިރިމީހާގެ އަމުރަށް ކިޔަމަންތެރިވާނަން. އޭނާ ދޭ ކޮންމެ އަދަބެއް ގަބޫލު ކުރާނަން."

ރުޚްސާނާ ބޭރަށް ނުކުމެއްޖެއެވެ.

ރަޖަބް ޢަލީ ބުންޏެވެ. "ޖާނީ. ތިޔަ ދެމަފިރިންގެ ކަންތައްތަކުގެ ތެރެއަށް ވަނުމަކީ އަހަންނަކަށް އޮތް އިޚްތިޔާރެއް ނޫން. އެކަމަކު އިންސާނިއްޔަތުގެ ނަމުގައި ކަމަކަށް އެދެން ބޭނުން. އަނބިމީހާއަށް ތިޔަހައި ބޮޑު އަދަބެއް ނުދީ. ތިޔައީ އަދަބެއްވެސް ނޫން. އަނިޔާއެއް."

"ދެންމެ އަހަރެން ދެއްކި ވާހަކަ އަޑު އެހިންތަ؟ އަހަރެން ވާހަކަދައްކާ ކޮންމެ މީހަކު ބުނަނީ މާފުކުރާށޭ. އެކަމަކު އަހަރެން ބުނަނީ ކުށް ކުރާ މީހާއަށް ކޮންމެ ފަހަރަކު މާފުކޮށްފައި އަދަބެއް ނުދީ ދޫކޮށްލައިފިއްޔާ މިކަހަލަ ކުށް އާއްމު ވެގެން ހިނގައިދާނެއޭ."

އޭނާ ގެއިން ނުކުންނާން ހިނގައިގެންފިއެވެ. ދޮރާ ހަމައަށް ގޮސްފައި އެނބުރި ފަރުޒާނާއާ ދިމާއަށް ބަލައިލިއެވެ. ދެން ބަލައިލީ ރަޖަބް ޢަލީއާ ދިމާއަށެވެ. "ކަލޭމެންގެ ތިޔަ ހުންނަނީ އިޝްޤީ ޅެންވެރި ގޮތެއް. އަހަރެންގެ އާދައަކީ ހަރުކަށި އަދަބު ދިނުން."

އޭނާ ބޭރަށް ނުކުމެއްޖެއެވެ. ރުޚްސާނާގެ ކައިރިން ލާފައި ބާރަށް ހިނގާފައި ގޮސް ކާރަށް އަރައިފިއެވެ. އޭނާ ފަހަތްބަލާ ލޯގަނޑުން ބަލައިލިއެވެ. ރުޚްސާނާ މަޑުމަޑުން ކާރާ ދިމާއަށް އެބައާދެއެވެ. އޭނާގެ ފަހަތުން ފަރުޒާނާއާއި މަންމައާއި ރަޖަބް ޢަލީއާ ތިން މީހުން އަންނަތަންވެސް ފެނުނެވެ. ބާދްޝާ ކާރުން ފައިބައިފިއެވެ. "އަހަންނާއެކީގައި ދާނީ ހަމައެކަނި ރުޚްސާނާ. އެހެން އެކަކުވެސް އައިސްގެން ނުވާނެ. އެކަކު އަޔަސް ކުޅި ދައްކައިލާނަން."

އޭނާ އަނެއްކާވެސް ގޮސް ކާރަށް އަރައިފިއެވެ. އޭރު ރުޚްސާނާ ހުރީ ކާރުގައި ޖެހޭހައި ހިސާބުގައި، ފަހަތުގައެވެ. އޭނާ މަޑުމަޑުން ކާރު ދުއްވާލައިފިއެވެ. ރުޚްސާނާ ފަހަތުން ހިނގައިގެންފިއެވެ.

ފެންނަ މަންޒަރަކީ ހިތާމަވެރި މަންޒަރެއް ކަމުގައި ވިޔަސް އިބުރަތުން ފުރިގެންވީ މަންޒަރެކެވެ. ރުޚްސާނާ މީހަކާ އިނދެެގެން ގެއަށް ދިޔައީ އެ ކާރުގައެވެ. އިއްޒަތާއެކުގައެވެ. މިއަދު އޭނާ އެ ވަނީ އިހަށް އޮތް އިއްޒަތާއި ގަދަރު ގެއްލިފައިވާ މީހަކަށް ވެފައެވެ. ހުސް ފަޔާ ހިނގާފައި ގެއަށް އެ ދަނީ އެހެން ވެގެންނެވެ.

އެގާރަ ޖަހައި ބޮޑު ވެއްޖެއެވެ. އިރުމެދު ޖެހުނީއެވެ. ހޫނުގަދަކަމުން ގޮސް މަގުގެ ތާރުގަނޑު ވިރިގެން އަރާހެން އެބަ ހީވެއެވެ. އެކި ދިމަދިމާއިން ދުން އަރަނީއެވެ.

ރުޚްސާނާ ހިނގަމުން ދިޔައެވެ. ބާދްޝާ ބައެއް ފަހަރު ތަންކޮޅެއް ބާރަށް ކާރު ދުއްވައިފައި މަޑުކޮށްލައެވެ. ދެން ރުޚްސާނާ އައިސް ކާރާ އަރައި ހަމަވީމާ އަނެއްކާވެސް ދުއްވައިލައެވެ. ކުރިއަށް ދާއިރު އިންނަނީ ފަހަތްބަލާ ލޯގަނޑުން ބަލަހައްޓައިގެންނެވެ. ރުޚްސާނާގެ ފަޔާ ދިމާއަށްވެސް އޭނާ ބަލައެވެ. ފައިގައި އަޅާ ވޭން އެނގޭނީ ހަމައެކަނި ހިނގާ މީހާއަށެވެ.

ނާޒިމްއާބާދުގެ ބްރިޖާ ހަމައަށް އާދެވުނީ ބައިގަޑިއިރުންނެވެ. އެއީ މާ ދުރު ނޫން ހިސާބެއް ކަމުގައި ވިޔަސް ކާރުގައި ބާރަށް ދުއްވިޔަސް އެ ހިސާބަށް ފޯރާނީ ދިހަވަރަކަށް މިނިޓުންނެވެ. ރުޚްސާނާގެ ފައިގައި ފޮޅު ނަގައިފިއެވެ. ހަމައެކަނި ފައެއް ނޫނެވެ. މުޅި ހަށިގަނޑު ރަތް ކުލައަށް ބަދަލުވެއްޖެއެވެ. ހޫނުކަމުގެ ސަބަބުން އެތެރެހަށި އަނދަމުން ވިރެމުންދާ ކަމުގެ އިހުސާސް ކުރެވެން ފަށައިފިއެވެ. އޭނާ ގެންދިޔައީ ހިތުގެ އަޑިން ދުޢާ ކުރަމުންނެވެ.

"ޔާ ﷲ. މިއަޅާއަށް ކެތްތެރިކަން ދެއްވާށިއެވެ. ކުޑައިރުއްސުރެ އަޑު އަހާ ގޮތުގައި ގިޔާމަތް ދުވަހު ކޮންމެ މީހަކަށްވެސް ސިރާތުމަގު ގިރާކުރަން ޖެހޭނެއެވެ. ސުވަރުގެ ވަދެވޭނީ އެ މަގުން ލާފައި ގޮހެވެ. ކުށްވެރިއަކު ނުވަތަ ފާފަވެރިއަކު އެ މަގުން ހިނގާފައި ދާނަމަ އަރިއަޅައިލައިގެން ވެއްޓޭނެއެވެ. ވެއްޓިގެން ގޮސް ޖެހޭނީ ޖަހަންނަމައިގައެވެ. މިއަޅާ ވެއްޓޭކަށް ބޭނުމެއް ނޫނެވެ. ޔާ ﷲ. މިއަޅާއަށް ހިތްވަރާއި ކެތްތެރިކަން ދެއްވާށިއެވެ."

އެހައިތަނުން މީސްމީހުންނަށް މަންޒަރު ފާހަގަ ކުރެވެން ފަށައިފިއެވެ. ނުލާހިކު ރީތި އަންހެންކުއްޖަކު ހުސް ފަޔާ އަވީގައި އަރަމުންދާ ހޫނުގައި ހިނގަމުންދާ ތަނާއި ކުރީގައި އޮވެގެން ކުލީކާރެއް މަޑުމަޑުން ދުއްވާފައިދާތަން ފެނި ބައެއް މީހުން ބަލަމުން ގެންދިޔައެވެ. މުސްކުޅި ފިރިހެނަކު ކުޑައެއް ހިފައިގެން ރުޚްސާނާގެ ގާތަށް އައިސް ބުންޏެވެ. "ކޮއިފުޅާ. ތިޔައީ ކޮން ކުއްޖެއް؟ ތިޔަހެން ހިނގާފައި ދަނީ ކީއްވެގެން؟ ކަނބުލޮގެ އަތުގައި ފައިވާނެއް ނެތީތަ؟ ކާރަށް ދައްކާނޭ ކުލި ނެތީތަ؟"

ރުޚްސާނާ އަނގައިންވެސް ނުބުނެ ހިނގަމުން ދިޔައީއެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ކާރަށެވެ. މުޅި މީހާ ހުރީ ދަލުން ތެމިފައެވެ. އަރުތެރެ ހުރީ ހިކިފައެވެ. ވާހަކަ ދައްކަން އުޅުނަސް ދެއްކޭނޭ ކަމެއް ނޭނގެއެވެ.

މުސްކުޅިމީހާ ކުޑަ ހުޅުވައިލިއެވެ. އަދި އޭނާޔާއެކު ހިނގައިގަންނަމުން އަހައިފިއެވެ. "ކަނބުލޮ ވާހަކަ ނުދައްކަނީ ކީއްވެގެން؟ ބޭބެޔާ އެކު ހިނގާ. ގެޔާ ހަމައަށް ގެންގޮސް ދޭނަން. ގެ ހުންނަނީ ކޮންތާކު؟"

ރުޚްސާނާއަށް އިހުސާސް ކުރެވުނީ ހިޔާބޮޑު ގަހެއްގެ ދަށަށް ވަދެވުނު ކަމުގައެވެ. ކުޑަ ވެގެން ދިޔައީ ރަޙްމަތުގެ ފިނިފިނި ވައިރޯޅިއަކަށެވެ. ހަށިގަނޑަށް ހިޔާ އެޅުނު ކަމުގައި ވިޔަސް ފައިގައި އަޅާ ވޭން ހަމަ އެވަރަށް އެބަ އަޅައެވެ. ފައިތިލައަށްވުރެ މައްޗަށް، ތަނބިކަށްޓާ ހަމައަށްވެސް ފޮޅުގެ އަސަރު ކުރަން ފަށައިފިއެވެ.

ކުޑައިގެ ހިޔަލުގައި އޭނާއަށް މާ ދުރަކަށް ނުދެވެއެވެ. ސިހިފައި ކާރާ ދިމާއަށް ބަލަން ފަށައިފިއެވެ. ބާދްޝާ ގެންދިޔައީ އިރުއިރުކޮޅާ ބަރުގޮނު އަޅަމުންނެވެ. އިންޒާރެއް ދެނީ ކަހަލައެވެ. އޭނާ އޮތީ ރުޚްސާނާގެ އާއިލާގެ މީހުން ފަހަތުން އަންނާން ފެއްޓީމާވެސް އިންޒާރު ދީފައެވެ. އޭގެ މާނައަކީ ރުޚްސާނާ އެކަނިމާއެކަނި ހިނގުން ނޫން ގޮތެއް ނެތުމެވެ. އެއްވެސް މީހަކުގެ އެހީތެރިކަމެއް ހޯދުމަކީ މަނާ ކަމެކެވެ. މި ޚިޔާލު ކުރެވުމާއެކު އޭނާގެ ތުރުތުރުއަޅާ އަތަކުން ކުޑަ އެއްފަރާތް ކޮށްލިއެވެ.

މުސްކުޅިޔާ ހައިރާންވެފައި އަހައިލިއެވެ. "ކިހިނެއްވީ؟"

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.