ފަޅިމޫނު - 66

(13 އޭޕްރީލް 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އިންޖިނޭރުބޭބެ ރުޚްސާނާއާ ދިމާއަށް ބަލައިލިއެވެ. އެޔަށް ފަހު ބާދްޝާއާއި ރުޚްސާނާއާ ދެމީހުންގެ ދެމެދުން ލައިފައި ކޮޓަރިން ނުކުންނާން ހިނގައިގެންފިއެވެ. ދޮރާ ހަމައަށް ގޮސްފައި ހުއްޓިފައި އެނބުރި ބަލައިލިއެވެ. "ކަލޭމެން ދެމީހުންނާ ޒުވާބު ކުރާކަށް އަހަރެން ބޭނުމެއް ނޫން. ކަލޭމެންނަށް ވާހަކަ ދެއްކޭނީ ކަލޭމެންގެ ބުއްދި ފޯރާ ހަމައެއްގައި. އަމިއްލަ ކުށް ފޮރުވާން ވެގެން ތިޔަ ކުރާ ކަމަކީ އަހަރެންގެ ބޮލުގައި އިލްޒާމު އެޅުވުން. އެކަމަކު މިގެއިން ދިއުމުގެ ކުރިން ވާހަކައެއް ބުނެލާން ބޭނުން. ފަނަރަ ދުވަހުގެ ވަގުތު އެބައޮތް. ވިސްނާފައި ރަނގަޅު ގޮތަކަށް ކަންތައް ކުރޭ. އަހަރެން މިއީ ރުޚްސާނާގެ ދުޝްމިނަކީމެއް ނޫން. އަހަރެން ބޭނުންވަނީ ތިޔަ ދެކުދިންގެ ކާވެންޏަކީ ސައްހަ ނޫން ކާވެންޏެއް ކަމުގައި ވަނީވިއްޔާ ކާވެނި ސައްހަ ވާނޭ ގޮތެއް ހަދަން. ކާވެނި ނުބައި ކަމަށް ވަންޏާ ދެވަނަ ފަހަރަށް ކާވެނި ކުރެވިދާނެ. އަހަރެން ބޭނުންވަނީ އެ މަގު ފަހިކުރަން. އަހަންނަކީ މާ ބޮޑަށް ދީން ދަންނަ މީހެއް ނޫން. އެކަމަކު ދަންނަބޭކަލުންނަށް ދީން އެނގޭނެތާ. ނުބައިކޮށް ވެފައި އޮތް ކަމެއް ރަނގަޅު ކުރެވޭނީ ދަންނަބޭކަލުންނާ މަޝްވަރާ ކޮށްގެން. ދެން އަހަރެން އަންނާނީ ފަނަރަ ދުވަސް ފަހުން."

އިންޖިނޭރުބޭބެ ހިނގައްޖެއެވެ. ރުޚްސާނާ ބާދްޝާގެ މޫނަށް ބަލާން ފަށައިފިއެވެ. އޭނާ ގޮނޑިއެއްގައި ހަމަޖެހިލައިގެން އިށީނދެގެން އިނދެ ސިނގިރޭޓު ބޮނީއެވެ. މަޑުމަޑުން ގަޑި ހިނގަމުން ދަނީއެވެ. ރުޚްސާނާ އިންތިޒާރު ކުރަނީއެވެ. އޭނާ ބޭނުން ވަނީ ބާދްޝާ ނިންމާ ގޮތެއް ބަލާށެވެ. މަންމަވެސް އިރުކޮޅަކު ހުރެފައި ކުޑަ ދަރިފުޅު ގޮވައިގެން ކޮޓަރިން ބޭރަށް ނުކުމެއްޖެއެވެ.

އެންމެ ފަހުން ރުޚްސާނާ ބުންޏެވެ. "އަހަރެން އެބަ ބިރުގަނޭ. ކޮންމެވެސް އެއްޗެކޭ ބުނެބަލަ."

"އަހަރެން ބުނާނީ ކީކޭ؟"

"އިންޖިނޭރުބޭބެ ދެއްކި ވާހަކަޔާ ބެހޭ ގޮތުން އެއްޗެކޭ ބުނެބަލަ."

"ބޭބެ ބުނީ ކީކޭ؟"

"ނޭނގޭ ކަމަށް ހެދިގަތީ ކީއްވެގެން؟ ދެންމެ ބޭބެ ދެއްކި ހުރިހައި ވާހަކައެއް އަޑުއަހާފައި ޖަވާބުވެސް ދިނީމެއްނު؟ ނިކަން ބުނެބަލަ... އަހަރެމެން ދެމީހުންނަށް ވާނީ ކިހިނެއް؟ ފަނަރަ ދުވަހަށް ވަކިވާނީތަ؟ ޖާނީ. އެކަހަލަ ގޮތެއް ނުހަދާތި."

"ރުޚްސާނާ ބޭނުން ގޮތެއް ހަދާނީ. އަހަންނާ ވަކިން ރުޚްސާނާ އުޅެން ބޭނުން ނޫނިއްޔާ ވަކިވާންވީ ކީއްވެގެން؟ އަހަރެމެން ތިބޭނީ މި ގޭގައި."

ރުޚްސާނާ އޭނާގެ ގާތަށް ޖެހިލިއެވެ. "ހަމަ ތެދެއްތަ؟ އިންޖިނޭރުބޭބެ ބުނި ގޮތަކަށް ނުހަދާނަންތަ؟"

"ރުޚްސާނާ. އަހަރެން މިއީ މާ މޮޅަށް ކިޔަވައިގެން ހުރި މީހަކީމެއް ނޫން. އެހައި ވިސްނުން ތޫނު މީހަކީމެއްވެސް ނޫން. އެކަމަކު އަހަރެންގެ ކުޑަކުޑަ ސިކުނޑިއަށް ވިސްނޭ ގޮތުގައި ރުޚްސާނާ ރޮއްވުމަކީ އަހަރެން ކޮށްގެން ވާނޭ ކަމެއް ނޫން. އަނބިމީހާގެ ކަރުން ފޮހެ ދިނުމަކީ ހެޔޮ ކަމެކޭ ބުނާއަޑު އަހަރެން އަހަން. އެ ހެޔޮކަން އަހަރެން ކުރާނަން. ރުޚްސާނާއާ ދުރަކަށް ނުދާނަން."

ވީ އުފަލެއްގެ ބޮޑުކަމުން ރުޚްސާނާއަށް ރޮވިއްޖެއެވެ. ބާދްޝާ ތެދުވެއްޖެއެވެ. "ކަރުނަ ފޮހެދޭނަމޭ ބުނީމާ އެވީ ރޯންތަ؟"

ރުޚްސާނާ ބާދްޝާގެ ގައިގައި ބައްދައިލިއެވެ. "ޖާނީ. ތަގުދީރަކީވެސް އަޖައިބެއް ކަހަލަ އެއްޗެއް. ކުޑަކޮށް ރޮއްވައިފައި ކުޑަކޮށް ހެއްވައިފައި ހަދާތާ މިހާރު އެތައް ދުވަހެއް ވެއްޖެ. އިންޖިނޭރުބޭބެ އެ މައްސަލަ ޖެއްސީމާ ރޮވެނީ. ޖާނީގެ ގާތަށް އައީމާ ވައުދާއި ލޯބީގައި ޖެހި ހެވެނީ. ސީދާ ތެދަށް ބުނަންތަ؟ ޖާނީ ކަހަލަ ފިރިއަކު ލިބޭނީ ނަސީބުވެރި އަންހެނަކަށް. ފިރިއެއްގެ ޝަރަފުވެރިކަމާއި ގަދަރުވެރިކަން އުފުލެނީ އަނބިމީހާގެ ކަރުނަ ފޮހެދިނުމުގެ އިތުރަށް ތުންފަތްމައްޗަށް ހިނިތުންވުން ވެރިވާ ގޮތްވެސް ހެދީމާ."

"ތިޔަ ކިޔައި ދނީ ފިރިމީހާގެ ޝަރަފާއި ގަދަރުގެ ވާހަކަ. އަނބިމީހާގެ ޝަރަފުވެރިކަމާއި ގަދަރުވެރިކަން އުފުލެނީ ކިހިނެއް ހެދީމާ؟ އިރުއިރުކޮޅާ ފިރިމީހާއަށް ދޮގު ހެދީމާތަ؟ ފިރިމީހާގެ ހިތާމައިގައި ބައިވެރިވެފައިމެ، ތިމާގެ ހިތާމައިގައި ފިރިމީހާ ބައިވެރި ނުކުރީމާތަ؟ ދެމަފިރިން ވެގެން ހައްލު ކުރަން ޖެހޭ މައްސަލަތައް އެކަނިމާއެކަނި އިނދެގެން ރޮއިރޮއިފައި އަމިއްލައަށް ހައްލުކުރާން އުޅުނީމާތަ؟"

"ޖާނީ. އަހަރެން އިތުރަށް ލަދުނުގަންނަވާ."

"ފުރަތަމަ ދުވަހު އަހަންނާ އިނދެގެން އައިސް އަހަންނަށް ދޮގު ހެދި ވަގުތުވެސް ރުޚްސާނާ އިނީ ލަދުން. އަހަންނަށް ކަންތައްތައް ސިއްރު ކުރާއިރުވެސް އިންނަނީ ލަދުން. ފަހުންވެސް ލަދު ގަންނާނެ."

"ނޫން. ނޫން. މީގެ ފަހުން ދުވަހަކުވެސް ޖާނީއަށް ދޮގެއް ނުހަދަން އަހަރެން ވައުދުވަން. އެއްވެސް ކަމެއް ސިއްރެއް ނުކުރާނަން. އަހަންނަށް މިހާރު ޖާނީ ދަސްވެއްޖެ. މުޅި ދުނިޔެއާ ދެކޮޅު ހެދިޔަސް އަހަންނާ ދެކޮޅުވެރި ނުވާނެކަން އެނގިއްޖެ. އަހަންނާ ދެކޮޅަށް މީހަކު ބުނާ އެއްޗެއްގެ އަޑު ނާހާނެކަންވެސް އެނގިއްޖެ. އަހަރެން ދޫކޮށް ނުލާނެކަންވެސް ކަށަވަރުވެއްޖެ."

ޖާނީ ކުޑަދޮރުން ބޭރު ބަލައިލިއެވެ. "އަހަރެން އުޅުނީ ހެނދުނު ތެދުވެގެން މަސައްކަތު ނުކުންނަން. މިހާރު އެހެރަގެން ބާރަ ޖެހީ. ދެން ކުރެވޭނީ ކޮން މަސައްކަތެއް؟"

"މިއަދު ދެން ދާނެ ކަމެއް ނެތް. މިއަދު ދެމީހުން ވާހަކަދައްކަން ތިބޭނީ. އެހެން ނޫނީ ބޭރަށް ހިނގައިލާން ދާނީ."

* * *

ބާދްޝާ ރުޚްސާނާއާއެކު ވަގުތު ހޭދަކުރާތާ ދެ ދުވަސް ވެއްޖެއެވެ. ބޭރަށް ނުކުމެ ހިނގައިވެސް އުޅެވިއްޖެއެވެ. އޭނާގެ ހިތަށް އެރިއެވެ. މަސައްކަތު ނުކުންނަންވީއެވެ. ކާރު ނުދުއްވައި އާމްދަނީއެއް ނުލިބޭނެއެވެ. އެކަމަކު މިއަދު އޭނާގެ ހިތުގައި އޮތީ އާމްދަނީ ހޯދުމުގެ އެދުމެއް ނޫނެވެ. ހަމައެކަނި ދުއްވައިލުމުގެ އެދުމެވެ. އެއީ ކީއްވެގެން ހިތަށް އެރި އެއްޗެއް ކަމެއް އެއްގޮތަކަށްވެސް ނޭނގެއެވެ. އެއްވެސް ކަމަކާ ނުލައި ދުއްވާންވީ ކީއްވެގެން ހެއްޔެވެ؟

އޭނާގެ ހިތުގައި އޮތް ސުވާލު ހިތުގައި ބާއްވައިފިއެވެ. އޭގެ ބަދަލުގައި އާމްދަނީ ހޯދުމުގެ ކަންތައް ކުރިއަށް ނެރެފިއެވެ. އޭނާ ބުންޏެވެ. "ރުޚްސާނާ. ގޭގައި ކުލިނިކެއް ހުޅުވާ ވާހަކަ ބުނީމެއްނު؟ އެކަން ކުރެވޭނީ އާމްދަނީ ހޯދައިގެން. ބުރު ޖަހައިގެންނެއް އެކަމެއް ނުކުރެވޭނެ. އަހަރެން ހަދަންވީ ކިހިނެއް؟"

ރުޚްސާނާ ހިނިތުންވެލިއެވެ. "މިހާރު ލޯގަނޑުން މޫނު ފެނުނީމާ ބަލަންވެސް ނުކެރޭ. އަހަރެން ބޭނުން ވަނީ ޖާނީއަށްޓަކައި ރީތި ވާން. އެހެންވީމާ ދެމީހުން އެކީގައި މަސައްކަތް ކޮށްގެން އާމްދަނީ ހޯދާނީ. އަވަހަށް މަސައްކަތު ނުކުމޭ. އެކަމަކު ހަވީރު އަވަހަށް އަންނާތި."

ދެމީހުން ވާހަކަދައްކަމުން ކޮޓަރިން ބޭރަށް ނުކުމެއްޖެއެވެ. "ޖާނީ. ދެމީހުން މިހެން އެކީގައި ހިނގަމުން ދާއިރު އިހުސާސް ކުރެވެނީ ކައިރީގައި އެކަތައިގެ ފާރެއް އެބަހުރި ކަމުގައި. ކޮންމެ ދިމާއަކުން ހަމަލައެއް އަޔަސް އަހަރެމެން ދެމައިން ސަލާމަތް ވާނޭކަމުގެ ޔަގީންކަން އޮވޭ."

ބާދްޝާ ޖީބުން ރުމާލެއް ނަގައި ރުޚްސާނާގެ އަތަށް ދީފައި ބުންޏެވެ. "މި ރުމާ ޖީބުގައި ބާއްވާ. އަހަރެން މިއީ ހަމައެކަނި އެކަތައިގެ ފާރެއް ނޫން. ރުމާލެއްވެސްމެ. އަހަރެން ގޭގައި ނޫޅޭ ވަގުތު ރޮވިއްޖެއްޔާ މި ރުމާލުން ކަރުނަ ފޮހެލާ."

ރުޚްސާނާ ނުރުހިފައި ބުންޏެވެ. "އަނެއްކާ މަލާމާތް ކުރަން ފެށީތަ؟ މީގެ ފަހުން ދުވަހަކުވެސް ނުރޯނަން. އަބަދު ހޭނނީ. ވާގޮތް ބުނަންތަ؟ އަންހެނުންނަކީ އަމިއްލަ ނަފުސަށް އިތުބާރު ކުރަން ދަންނަ ބައެއް ނޫން. ފިރިމީހާ ރަނގަޅު ކަމަށް ގަބޫލު ކުރަން ދަތިވަނީ އެހެން ވެގެން. ރަނގަޅު ފިރިއަކު އިތުރަށް ރަނގަޅު ކުރެވޭނޭ ކަމަކަށްވެސް ޔަގީނެއް ނުކުރެވޭ. އެހެންވީމާ ކުރެވޭ ކަމަކީ ފިރިމީހާ ރަނގަޅު ކުރުމުގެ ބަދަލުގައި ހަލާކު ކުރުން. މީގެ ފަހުން އަހަރެން ޖާނީއަކަށް ޝައްކެއް ނުކުރާނަން. މުސީބާތުގެ ވަގުތުގައި ﷲ ފިޔަވައި ޖާނީ ނޫން އެހީތެރިއަކު ނުހުންނާނޭ ކަމަށް ގަބޫލު ކުރާނަން."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.