(22 މާރިޗު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ރުޚްސާނާ ބޭރަށް ނުކުމެއްޖެއެވެ. ބާދްޝާވެސް އައިސް ދޮރުމައްޗަށް އަރައިފިއެވެ. އޭނާ ރުޚްސާނާގެ ގައިގައި ބައްދައިލިއެވެ. އަދި ދަރިފުޅުގެ ބޮލުގައި ފިރުމައިލުމަށް ފަހު ބުންޏެވެ. "އަހާނ... ބައްޕަގެ ދަރިފުޅު ހޭލާތަ؟ ބައްޕަގެ އިންތިޒާރުގައި ދޯ؟"
ރުޚްސާނާ ބުންޏެވެ. "އެސޮރު ރޭއްސުރެ އިންތިޒާރު ކުރަނީ. ކޮންތާނކުން ތިޔަ އައީ؟"
"މި ވަގުތު ސުވާލު ނުކުރޭ. ބޮޑު މުސީބާތެއްގެ ތެރެއަށް ވަދެވުނީ. ހަމަޖެހިލައިގެން ކިޔައިދޭނަން. ހިނގާ އެތެރެއަށް."
ރުޚްސާނާ ދުރަށް ޖެހިލަން އުޅުނީމާ ބާދްޝާ އޭނާގެ ގައިގައި އަނެއްކާވެސް ހިފަހައްޓައިލިއެވެ. "ކިހިނެއްވީ؟ ލޯ ތެމިފައި ހުރީ ކީއްވެގެން؟ މޫނުވެސް ދުޅަހެން އެބަ ހީވޭ. ރުއީތަ؟ މީހަކު އެއްޗެކޭ ކީތަ؟ ރޮއްވީ ކާކު؟ ބުނޭ. އެ މީހަކުގެ..."
ވާހަކަ ދައްކަދައްކައި ހުރެފައި ބާދްޝާ ހުއްޓައިލިއެވެ. ރުޚްސާނާ އޭނާޔާ ދިމާއަށް ލޯތްބާއެކު ބަލަހައްޓައިގެން ހުރިތަން ފެނުނީމާ ބުނެފިއެވެ. "އޯހ. މިހާރު އެނގިއްޖެ. އެ ގޮލަޔަކީ އަހަރެން ދޯ؟ އަހަރެން ދޯ ރުޚްސާނާ ރޮއްވީ. އަހަންނަށް ލަޢުނަތް ހުރި."
ރުޚްސާނާ އޭނާގެ އަނގައިގައި އަތް އެޅިއެވެ. "ލަޢުނަތް ހުރީ އަހަރެމެންގެ ދުޝްމިނުންނަށް. ޖާނީ ދުވަހަކުވެސް އަހަރެން ނުރޮއްވާނެ."
"އެހެން ވެއްޖެއްޔާ ރޮއްވި މީހަކު ބުނެބަލަ."
އޭނާ ފުން ނޭވައެއް ލިއެވެ. "އަހަރެން ރޮއްވަނީ ތަގުދީރު. އެ ވާހަކަ ބާއްވާފައި އެތެރެއަށް ހިނގާ."
ދެމީހުން އެކީގައި ހިނގައިފައި ގޮސް ކޮޓަރިއަށް ވަންއިރު އެތާނގައި މައިދައިތަ އިނެވެ. އޭނާ ފެނުމާއެކު ތުން އަނބުރައިލާފައި އަނެއް ފަރާތަށް އެނބުރިއްޖެއެވެ. "އަހަރެން މިއީ ފެނުމާއެކު އަނެއް ފަރާތަށް އެނބުރޭ ވަރުގެ ވިޔާނުދާ މީހަކީތަ؟"
ރުޚްސާނާ ބުންޏެވެ. "ނޫނޭ. އަނެއް ފަރާތަށް އެނބުރުނީއެއް ނޫން. މަންމަވެސް ލަދު ގަންނާނެއެއްނު؟"
ބާދްޝާ ހޫނއޭ ކިޔައިލުމަށް ފަހު ޖީބުން ފިސްތޯލައެއް ނަގައިފިއެވެ. ފިސްތޯލަ ފެނުނީމާ ރުޚްސާނާ ހައިރާންވެފައި އަހައިލިއެވެ. "ތިޔައީ ކޮން ތަނަކުން ގެނައި ފިސްތޯލައެއް؟ ތިޔަހައި ނުރައްކާތެރި ހަތިޔާރު ގެންގުޅެނީ ކީއްކުރަން؟"
ފިސްތޯލައޭ ބުނި އަޑު އިވުމާއެކު މައިދައިތަ އެނބުރި ބަލައިލިއެވެ. ބާދްޝާ މައިދައިތަޔާ ދިމާއަށް ފިސްތޯލަ ދިއްކޮށްފައި އަހައިލިއެވެ. "ލަދުހަޔާތް މިހާރު ގޮސް ވަނީ ކޮން ތަނަކަށް؟ އަހަންނާ ދިމާއަށް ބަލާކަށް މިހާރަކު ލަދެއް ނުގަނޭ ދޯ؟"
ރުޚްސާނާ ބުންޏެވެ. "ޖާނީ. މަންމަޔާ ޖާނީއާ ދެމީހުން ދުވަހަކު އެއްގަލަކަށް ނާރާނީތަ؟ ހީވަނީ ތެލާއި ފެން އެކުނުވާ ގޮތަށް ދުވަހަކުވެސް ދެމީހުން އެކުނުވާނެހެން. މަންމަޔަށް ސަމާލުކަން ނުދީ އަހަންނާ ދިމާއަށް ބަލާބަލަ. އެނދުގައި ޖައްސައިލާ. އަހަރެން ކާ އެއްޗެހި ހިފައިގެން އެބަ އަންނަން."
އޭނާ ރުޚްސާނާއަށް ފިސްތޯލަ ފޯރުކޮށްލަމުން ބުންޏެވެ. "މި ގެންގޮސް ނުފެންނަ ގޮތަށް އަލަމާރީގައި ފޮރުވާފައި ބާއްވާ."
"މިއީ ކޮން ތަނަކުން ގެނައި އެއްޗެއް؟"
"ނުލަފާ ބަޔަކާ ދިމާވީ. ތިޔައީ އެމީހުންގެ އަތުން ޖަހައިގަތް އެއްޗެއް."
މިހެން ބުނެފައި އޭނާ އެނދުގައި އިށީނދެ ބޫޓު ބާލަން ފަށައިފިއެވެ. ކައިރީގައި އިށީނުމަށް ފަހު ރުޚްސާނާ ބުނެލިއެވެ. "ދެން ބުނާނީ އެމީހުނާ ތޮޅިގެން މޫނަށް އަނިޔާވީއޭތަ؟ މިހާރު ހަދަހަދައިގެން ވާހަކަ ދައްކަނީތަ؟" އޭނާގެ ނިތްކުރީގައި އަތް ޖައްސައިލުމަށް ފަހު ބުންޏެވެ. "އަހާނ... ހުންވެސް އެބަހުރި."
"އާނ. މިއަދު މުޅިއަކުން ރަނގަޅެއް ނޫން. އެސްޕްރިން ގުޅައެއް ކާލައިގެން ނިދައިލީމާ ރަނގަޅު ވެދާނެ. ހުން ފިލައިދާނެ."
"އެސްޕްރިން ކާނެ ކަމެއް ނެތް. ހަނދާން ނެތުނީތަ؟ އަހަރެން މިއީ ޑޮކްޓަރަކީމޭ. ދޭންވާ ބޭސް އެނގޭނީ އަހަންނަށް. މިހާރު އެބަ ހިތަށް އަރާ މިގޭގައި ކްލިނިކެއް ހުޅުވަންވީއޭ. އެ ފަރުޒާނާ..."
ރުޚްސާނާ ވާހަކަ ދެއްކުން ހުއްޓައިލިއެވެ. އޭނާއަށް ބުނެވެން އުޅުނީ ފަރުޒާނާވެސް ކްލިނިކެއް ހުޅުވައިގެން އުޅޭ ވާހަކައެވެ. އަދި އެ ކްލިނިކްގެ ސަބަބުން ލިބޭ އާމްދަނީގެ ވާހަކައާއި އޭނާވެސް ވަކި ފަހަތުގައި ހުންނާން ބޭނުން ނުވާ ވާހަކައެވެ. އެކަމަކު ކުއްލިއަކަށް ވާހަކަ ހުއްޓައިލާފައި ބާދްޝާއާ ދިމާއަށް ބަލާން ފަށައިފިއެވެ.
ބާދްޝާވެސް ސިހިފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. އޭނާގެ މޫނުމަތީން ފެންނާން ހުރި ބިރުގެ އަސަރު ފާހަގަ ކުރެވުނީމާ އަހައިފިއެވެ. "ފަރުޒާނާގެ ކޮންމެވެސް ވާހަކައެއް ބުނަން އުޅެފައި ހުއްޓާލީ ކީއްވެގެން؟"
ރުޚްސާނާ ހަމަޖެހިލިއެވެ. "އާނ... އާނ... އަހަރެން ބުނަން އުޅުނީ... ފަރުޒާނާގެ ނަން ދުވަހަކުވެސް ނުގަންނާނަމޭ އޭނާ ހޯދާކަށްވެސް ނޫޅޭނަމޭ ޖާނީ ބުނީމެއްނު؟ ވައުދުވީމެއްނު؟ އެކަމަކު މިހާރުވެސް އޭނާ ހޯދަން ވެގެން އެތަންމިތާނގައި ހަމަނުޖެހުންވެސް ހިންގަނީއެއްނު؟"
"ދައްކަން އުޅުނު ވާހަކައަކީ ތިޔައެއް ނޫން. ދައްކަން އުޅުނީ ފަރުޒާނާއާ ބެހޭ ކޮންމެވެސް ވާހަކައެއް. އަހަރެންގެ ވާހަކައެއް ނޫން."
"ނޫނޭ. އަހަރެން ދައްކާން އުޅުނު ވާހަކައަކީ އެއީ. ފަރުޒާނާ ނުފެނިގެން ގޮސް ކޮންމެވެސް ހަސްފަތާލަކަށް ވަދެ ހަމަނުޖެހުން ހިންގި ވާހަކައާއި ހައްޔަރު ކުރި ވާހަކަ ނޫހުގައި ޖަހާފައި އެބައޮތް."
"ދޮގު."
ދަރިފުޅު އެނދުގައި ބާއްވާފައި ރުޚްސާނާ ތެދުވެގެން ގޮސް މޭޒުމަތީގައި އޮތް ނޫސް ނަގައި ބާދްޝާއާ ދިމާއަށް ދިއްކޮށްލިއެވެ. "އަހަރެން މިއޮތީ ނޫސް އެއްލާނުލައި ބާއްވާފައި. އަހަންނަށް އެނގޭ މި ވާހަކަ ދެއްކީމާ ބާދްޝާ ދެކޮޅު ހަދާނެކަން."
ނޫހުގައި ޚަބަރު ޖަހައިފައި އޮތް ތަން އޭނާ ދައްކައިލިއެވެ. ބާދްޝާ ނޫސް އަތުލައިގެން ޚަބަރު ކިޔާން ފަށައިފިއެވެ. ކިޔައި ނިންމުމަށް ފަހު ދަރިފުޅުގެ ކައިރީގައި، އެނދުގައި އޮށޯވެއްޖެއެވެ. ރުޚްސާނާ މަގަތުން އިށީނދެ އޭނާގެ ބޮލުގައި ފިރުމައިލިއެވެ. "އެހެން ހަދަނީ ކީއްވެގެން؟ ބުނާ ގޮތަށް ހަދާނޭ ކަމަށް އަހަރެން ގާތު ވައުދުވީމެއްނު؟"
ބާދްޝާ އަނގަޔަކުން ނުބުނެއެވެ. ވާހަކަ ދައްކާން ބޭނުމެވެ. އެކަމަކު ބުނާނީ ކީކޭ ކަމެއް ނޭނގުނެވެ. ރުޚްސާނާ މަނާ ކުރިޔަސް، އިންޖިނޭރުބޭބެ މަނާ ކުރިޔަސް، މުޅި ދުނިޔެ ހުރަސް އެޅިޔަސް އެކަން ހުއްޓޭނީ ކިހިނެއް ހެއްޔެވެ؟ އޭނާ ހޯދުން ނިމުމަކަށް އަންނާނޭ ހެއްޔެވެ؟ އެދުމުގެ ނޭވާ ހުސްވާނޭ ހެއްޔެވެ؟ ހަރުކަށި ވުމާއި ހުރަސް އެޅުން ބޮޑުވީ ވަރަކަށް އޭނާގެ ޝައުގުވެރިކަން ދާނީ ބޮޑު ވަމުންނެވެ. ދީވާނާއިންގެ ކަމަކީ އާވާރާ ވެގެން ސަހަރާގެ ތެރޭގައި ހިނގުމެވެ. އަހަރެން ބުނާނީވެސް ފަހެ ކީކޭ ހެއްޔެވެ؟ އޭނާ ހޯދުން ހުއްޓުމަކީ އަހަރެން ބޭނުން ވިޔަސް ހުއްޓޭނޭ ކަމެއް ނޫނޭ ބުނާނީ ކިހިނެއް ހެއްޔެވެ؟ މަނާ ކުރީމާ ކުރެވޭނޭ ކަމަކީ ކުރިމަތީގައި ހިމޭނުން ހުރުމެވެ. އެކަމަކު އެތެރޭގައި ހިނގާ ހައިޖާނު މައިތިރި ކުރާނީ ކިހިނެއް ހެއްޔެވެ؟
ރުޚްސާނާ ލޯތްބާއެކު އަހައިލިއެވެ. "އަހަރެންގެ ސުވާލަކަށް ޖަވާބެއް ނުދޭނަންތަ؟"
"ދޭނީ ކޮން ޖަވާބެއް؟ ދައްކާނޭ ވަރަށް ގިނަ ވާހަކަ އެބަހުރި. އެކަމަކު ބުއްދިވެރިންނަކީ ނުބުންޏަސް ވިސްނައިގަންނަ މީހުން. އަހަންނާ ސުވާލު ނުކުރޭ. އަހަރެންވެސް ލަދުގަނޭ. ރުޚްސާނާއަކީ އަހަރެންގެ ހަލާލު އަނބިމީހާ ކަމާއި އަނބިމީހާގެ ކުރިމަތީގައި އެހެން އަންހެނެއްގެ ވާހަކަ ދައްކައިގެން ނުވާނެކަން އަހަންނަށް އެނގޭ. އަހަރެން ނުވެސް ދައްކާނަން. ތިޔަ ބުނީ ތެދެއް. އަހަރެން އޭނާ ހޯދަން މިހާރުވެސް އެބަ މަސައްކަތް ކުރަން. ހޯދުން ހުއްޓޭނީ ފެނުނީމާ ކަމަށްވެސް ވެދާނެ. ފެނުނީމާ އަބަދަށްޓަކައި އަހަންނަށް އޭނާގެ މަތީން ހަނދާން ނައްތައިލެވުމަކީ އެކަށީގެންވާ ކަމެއް. އޭނާއަށް ނަފުރަތު ކުރަން ފެށުމަކީވެސް އެކަށީގެންވާ ކަމެއް. އެކަމަކު އޭނާ އަހަރެންގެ ކުރިމައްޗަށް ނާންނަނީހެއް ހަދާނޭ ގޮތެއް ބުނާކަށް ނޭނގޭ. ރުޚްސާނާ. އަހަރެން މި ބުނަނީ ސީދާ ތެދަށް. އޭނާ ހޯދަން އުޅޭ ސަބަބަކީ ކޮބައި ކަމެއް ބައެއް ފަހަރު އަހަންނަކަށްވެސް ބުނާކަށް ނޭނގޭ."
ރުޚްސާނާ ލޯތްބާއި ހަމްދަރުދީއާއެކު އޭނާޔާ ދިމާއަށް ބަލައިލިއެވެ. ބާދްޝާ މިހާރު އެ އުޅެނީ ސިކުނޑީގެ ހައިޖާނެއްގެ ތެރޭގައިކަން އޭނާއަށް އެނގެއެވެ. އޭނާއަށް މަކަރު ހެދިމީހާ ނުހޯދެނީހެއް އޭނާގެ ހިތަކަށް ގަރާރުކަމެއް ނާންނާނެއެވެ. ފަރުޒާނާޔާ ދިމާވެއްޖެއްޔާ އޭނާ ހަދާނީ ކިހިނެއް ބާވައެވެ؟ ބަދަލު ހިފާނީ ހެއްޔެވެ؟ ރުޅި އަންނާނީ ހެއްޔެވެ؟ ނުވަތަ އޭނާގެ ލޯބީގައި ބަލިކަށިވެ ހަތިޔާރު ބަހައްޓާނީ ހެއްޔެވެ؟ އެއީ މި ވަގުތު އެނގޭނޭ ކަމެއް ނޫނެވެ. އެފަދަ ނުރައްކާތެރި ހާލަތެއްގެ ތެރެއަށް ވެއްޓިގަންނާކަށް ރުޚްސާނާ ބޭނުމެއް ނުވެއެވެ. ފަރުޒާނާއާ ދިމާވީމާ ބަދަލު ހިފުން ހަނދާން ނައްތާލާފައި ލޯބީގެ ދަލުގައި ޖެހޭ މަންޒަރު ބަލަން ހުރުމަކީ އޭނާއަކަށް ކުޅަދާނަ ކަމަކަށް ނުވާނެއެވެ.
(ނުނިމޭ)
Thiyahaabodah revethi veema then ithuru ah comment nukurun rangalhu vaany komme dhuvahaku aa baeh genesdhee
vvv.reetrhi v.shukur