(21 އޭޕްރީލް 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ބާދްޝާ ޖެހިލުންވެފައި ހުރެމެ އަހައިލިއެވެ. "ތިޔައީ ކާކު؟ ކޮން ނަމެއް ކިޔާ މީހެއް؟"
"އަހަރެންގެ ނަން އެ އޮތީ ބޭރުގައި ހުރި ބޯޑުގައި ލިޔެފައި. ކިޔަން ދަންނަމެއްނު؟ އަހަރެންގެ ނަމަކީ އެފް. ވާޞްޠީ. ފުރިހަމަ ނަމަކީ ފަރުޒާނާ ވާޞްޠީ."
މަންމަ ވާހަކަ ދައްކަމުން ދިޔައިރު ގެންދިޔައީ ބާދްޝާއާ ދިމާއަށް ބަލަމުންނެވެ، އޭނާގެ ހަށިގަނޑާއި މޫނަށް ބަލައިލީމާ ވަރަށް ބޮޑަށް ރުޅި އައިސްފައި ހުރިކަން އެނގެއެވެ. އަދި ރުޅިގަނޑު މައިތިރި ކުރާން މަސައްކަތް ކުރާކަންވެސް އެނގެއެވެ. އުޅި އައިސްފައި ހުރި ނަމަވެސް ލޮލުން ފާހަގަ ކުރެވެނީ ހިތާމައާއި އުދާސްކަމުގެ އަސަރެވެ. ރޯން ބޭނުން ވެފައިމެ ފިރިހެންވަންތަކަމަށް ބުރޫ އަރައިފާނެތީ ނުރޯން ވެގެން އުޅެނީހެންވެސް ހީވެއެވެ.
މަންމަ ބުންޏެވެ. "އެހެން ސުވާލެއް އެބައޮތްތަ؟ ދޮރުލައްޕަން އެބަ ޖެހޭ."
ބާދްޝާ ހިތާމަވެރި ގޮތަކަށް ބަލައިލާފައި ބުންޏެވެ. "ދައްތާ. ދައްތައަށް ބަލައިލީމާ ޅަ ކުއްޖެއް ނޫންކަން އެބަ އެނގޭ. އަހަރެންގެ މަންމަގެ އުމުރުގެ މީހެއްކަންވެސް އެނގޭ. އަހަރެންގެ ސުވާލަކަށް ޖަވާބު ދީބަލަ. މި ރަށުގައި ކިތައް ފަރުޒާނާ އުޅޭތަ؟ އަހަރެން ވަންނަ ކޮންމެ ތަނަކުން ފަރުޒާނާއެއް އެބަ ފެނޭ. އެކަމަކު ހޯދާން މި އުޅޭ ފަރުޒަނާއެއް އެއްގޮތަކަށްވެސް ނުފެނޭ."
އޭނާގެ ސުވާލުވެސް ފައުޅުވަނީ ހިތާމައިގެ އަސަރެވެ. ރާގުގައި ހުރީ އާދޭހުގެ އަސަރެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ ހުރިހައި ފަހަރަކު ރަނގަޅު މަންޒިލަކުން ބޭނުންވާ އެއްޗެއް ނުލިބެއެވެ. އަދި ރަނގަޅު މަގަކުން ބޭނުންވާ މަންޒިލަކަށްވެސް ނުދެވެއެވެ.
މަންމަ ބުންޏެވެ. "ކޮންމެވެސް ފަރުޒާނާއަކު ހޯދަން އުޅޭހެން އެބަ ހީވޭ. ކޮއިފުޅާ. ބައެއް ނަންނަން ވަރަށް އާއްމު ވާނެ. އެ ރަށެއްގައި އެއް ނަމެއް ކިޔާ އެތައް ހާސް ބަޔަކު އުޅޭ."
"މައްސަލައަކީ ތިޔައީ. ނަން އެބަ ފެނޭ. މީހާއެއް ނުފެނޭ."
"ތިޔަ ކަމުގައި ދައްތައަކަށް ކޮށްދެވޭނޭ ކަމެއް ނެތެއްނު؟ ދެން ދޭ."
މިހެން ބުނެފައި ދޮރު ލައްޕައިލާން އުޅުނީމާ ބާދްޝާ ދޮރުފަތުގައި ހިފަހައްޓައިފިއެވެ. "ދައްތަ ރުޅި ނާންނަ ކަމަށް ވަންޏާ އަދި އެއް ސުވާލު ކޮށްލަން ބޭނުން. ތިޔައީ ހަމަ އަސްލު ފަރުޒާނާތަ؟"
މަންމަ ކުޑަކޮށް ބިރުގަތެވެ. އެކަމަކު އެކަން ނުދައްކައި ބުންޏެވެ. "ތިޔަ ކިޔަނީ ކީކޭ؟ އަހަރެން މިއީ ފަރުޒާނާއެއް ނޫންތަ؟"
"ތިޔައީ ފަރުޒާނާ ކަމުގައި ވެދާނެ. އެކަމަކު ފަރުޒާނާ ކަމުގައި ހެދިގެން އައި އެހެން މީހަކު ކަމުގައި ވެއްޖެއްޔާ އަހަރެންގެ ޒަޚަމްތައް އިތުރަށް ތާޒާވުން ނޫން ކަމެއް ނުވާނެ. އެހެން އަންހެނަކު އަހަންނާ ހަވާލުކުރެވުނީވެސް ފަރުޒާނާ ކުރިއަށް ނެރެގެން. ފަރުޒާނާގެ މޫނު އަހަންނަށް ދައްކައިގެން. އޭގެ ފަހުން މީހަކު އަހަރެންގެ ކުރިމައްޗަށް ނުކުމެ ތިމަން މިއީ ފަރުޒާނާއޭ ބުނީމާ އަހަންނަށް ޝައްކު ކުރެވޭ. ހީވަނީ އެމީހެއްގެ ފުރަގަހުގައި އަހަރެންގެ ފަރުޒާނާ ފިލައި އެބައޮތޭ."
"އަހަރެން ތިޔަ ބުނާ ފަރުޒާނާއަކު ފޮރުވައިގެން ގެންގުޅެނީ ކަމަށް ހީކުރަނީތަ؟"
"ނޫން. އަހަރެން މި ބުނަނީ..."
މަންމަ އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. "ތިޔަ ދައްކާ ވާހަކައަކާ އަހަންނަކާ އެއްވެސް ގުޅުމެއް ނެތް. ދެން ދޭ."
މަންމަ ދޮރުލައްޕައި އެތެރެއިން ތަޅުލައިފިއެވެ. އެކަމަކު ދޮރުދޮށަކުން ދުރަކަށް ނުދެއެވެ. ފައިތިލަ ބިންމަތީގައި ތަތްލައިފައި ހުރީ ކަހަލައެވެ. މި ވަގުތު ފަރުޒާނާގެ ކުރިމައްޗަށް ނުކުންނާކަށް އޭނާ ބޭނުމެއް ނުވެއެވެ. ދަރިފުޅުގެ ކުރިމައްޗަށް ނުކުމެއްޖެ ނަމަ މަންމައަށްވެސް ބާދްޝާގެ ހިތާމައިގެ އިހުސާސް ކުރެވިއްޖެކަން އެނގިދާނެތީ ބިރުންނެވެ. އޭނާ އިރުކޮޅެއް ވާންދެން ދޮރުދޮށުގައި އިނެވެ. އަނެއް ފަޅީގައި ހުރީ ބާދްޝާ ޖާނީއެވެ. ބާދްޝާގެ ފައިތިލަވެސް ހުރީ ތަތްލައިފައި ކަހަލައެވެ.
ގެޔާއި ކުލިނިކު ގުޅިފައި ހުންނަ ފާރު ބުޑުގައި ފަރުޒާނާ އިނެވެ. އޭނާއަށް ބާދްޝާއާއި މަންމަ ދެއްކި ވާހަކަ އިވުނެވެ. މީހަކު ނުފެނުނަސް އަޑުގެ އިހުސާސް ހުރި ގޮތް އޭނާއަށް ވަރަށް ރަނގަޅަށް ފާހަގަ ކުރެވުނެވެ. އެއީ ކޮން ކަހަލަ މޮޔައެއް ހެއްޔެވެ؟ އަހަރެންގެ ފަހަތުން މިހައި ދުވަސް ވާންދެން ދުވުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ކާރުގައި ހުރި މަލުގެ ފިޔަތައް ފެނުނީމާ އޭނާ ހޯދަން ބާދްޝާ ދުއްވައިގަންނާނޭކަން އޭނާއަށް އެނގެއެވެ. އެކަމަކު ގެޔާ ހަމައަށް އަތުވެދާނޭ ކަމަކަށް ހިއެއް ނުކުރެއެވެ. އެކަމަކު އެ އައީތާއެވެ.
ބާދްޝާ އޭނާ ހޯދުމަށްޓަކައި ކުރާ ބުރަ މަސައްކަތް ދެކެ އޭނާއަށް ލޯބި ވެވިއްޖެއެވެ. މަގުމައްޗަށް ނުކުމެ އޭނާގެ ކުރިމަތީގައި މަރުވެގެންފާނަމޭ ހިތަށް އެރިއެވެ. އެކަމަކު އޭނާގެ އެހެރަ މޮޔަކަން ދެކެ ބިރުވެސް ގަނެއެވެ. ބިރުގަތީމާ ހިތަށް އަރަނީ އެއްވެސް މީހަކަށް ނުފެންނަ ތަނަކަށް ވަދެ ފިލައި އޮންނާށެވެ. އެކަމަކު އެވަރުންވެސް ސަލާމަތް ވާނޭ ކަމުގެ އުއްމީދެއް ނެތެވެ. އޭނާގެ ހަނދާނަށް އައީ ވަރަށް ގިނައިން ފެންނަ ފޮޓޯއެކެވެ. އެ ފޮޓޯގައި ވަނީ ސިންގާއެއް ބަކަރި ކައިލާ މަންޒަރެވެ. ފެންނަނީ އަނިޔާވެރި މަންޒަރެކެވެ. އެއީ މީހުންނަށް ވަރަށް ކަމުދާ މަންޒަރެއްކަން ޔަގީނެވެ. އަނިޔާވެރިކަމަކީ ގިނަ މީހުން ދެކޭ ހިތްވާ ކަމެކެވެ. އެހެން ނޫން ނަމަ އެ ފޮޓޯ އެހައި ގިނައިން މީހުން ބޭނުމެއް ނުކުރީހެވެ.
އޭނާ ސިއްސައިގެން ދިޔައީ މަންމަ އައިސް ވަނީމައެވެ. މަންމަ ކަރުނައިގެ އަޑަކުން ބުންޏެވެ. "އޭނާ މިހާރު ހިނގައިދާނެ."
އޭނާ ދިޔަކަމަށް ފަރުޒާނާއަކަށް ގަބޫލެއް ނުކުރެވުނެވެ. މޮޔައިންނަކީ އެހައި ފަސޭހައިން ފިލާ ބައެއް ނޫނެވެ. މައިދާން ދޫކޮށް ދާ ބައެއް ނޫނެވެ. އޭނާ ކުލިނިކަށް ވަދެ ކުޑަދޮރު ކުޑަކޮށް ހުޅުވައިލިއެވެ. އެ ކުޑަދޮރަކީ ތޭރިލައްވައި ފޮތިގަނޑެއް ދަމައިފައި ހުންނަ ކުޑަދޮރެކެވެ. އޭނާ ފޮތިގަނޑު ކުޑަކޮށް ފޭކޮށްލުމަށް ފަހު ބޭރު ބަލައިލިއެވެ. ބޭރުން ފެންނަނީ ދުއްވާ އެއްޗިއްސާއި ކޮޅުކޮޅުމައްޗަށް ހިނގާ މީހުންނެވެ. ބާދްޝާއެއް ނުފެނެއެވެ. ދޮރުބުޑުގައި ހުރިއްޔާ ނުވެސް ފެންނާނެއެވެ.
ބާދްޝާ ލައްޕާފައި ހުރި ދޮރާ ދިމާއަށް މާޔޫސީއާއެކު ބަލަހައްޓައިގެން ކުޑައިރުކޮޅަކު ހުރުމަށް ފަހު ބަރު ހިތަކާއެކު އެނބުރި ހިނގައިގެންފިއެވެ. ކުޑަ ތަންކޮޅަކަށް ގޮސްފައި ހުއްޓިއްޖެއެވެ. އެ ވަގުތު ފަރުޒާނާގެ ހިތް ފުންމައިގެން އަރުތެރެއަށް އައި ކަހަލައެވެ. ބާދްޝާ އެނބުރި ބަލައިލީ ކުލިނިކުގެ ނަންބޯޑާ ދިމާއަށެވެ.
ދާން ބޭނުން ވިޔަސް މަކަރާއި ހީލަތުގެ ޚިޔާލު ކުރެވޭން ފެށީމާ ހިނގައިގަންނާން އުނދަގޫ ވެއެވެ. އޭނާއަށް ފެންނަ ކޮންމެ މީހެއްގެ ފުރަގަހުގައި ފިލައި އޮންނަނީ ފަރުޒާނާއޭ ހީކުރެވޭ ގޮތް ވެއެވެ. ކުރާނީ ކީއްހެއްޔެވެ؟ ތަގުދީރުން ވަނީ އޭނާގެ ކަރުގައި ލޯބީގެ މަޅިއެއް އަޅުވައިފިއެވެ. އެ މަޅިގަނޑުގައި ހިފައިގެން ލޯބިވެރިޔާ އޭނާ ދަމައިފައި ގެންދަނީއެވެ.
ބާދްޝާ އަނެއްކާވެސް ކުރިއަށް ދެތިން ފިޔަވަޅު އެޅުމަށް ފަހު އަނެއްކާވެސް ހުއްޓިއްޖެއެވެ. ނަން ބޯޑާ ދިމާއަށް ދެވަނަ ފަހަރު ބަލައިލާފައި ހިނގައިގެންފިއެވެ.
ފަރުޒާނާގެ ލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ. މަންޒަރު ފުސް ވާން ފަށައިފިއެވެ. އޭނާ ލޯ ފޮހެލިއެވެ. އެކަމަކު ކަރުނަ ހުއްޓޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން ގިސްލައި ރޮވޭން ފަށައިފިއެވެ. އެ ވަގުތު މުޅި ތަނަށް އަނދިރިކަން ވެރިވެއްޖެއެވެ.
ކުޑައިރުކޮޅެއް ފަހުން މީހަކު އޭނާގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. އޭނާ ލޯ ފޮހެއްލުމަށް ފަހު އެނބުރި ބަލައިލިއެވެ. އަދި މަންމަގެ ގައިގައި އޮޅުލައިގެންފިއެވެ. މަންމަ އަނގަޔަކުން ނުބުނެއެވެ. މަޑުމަޑުން އޭނާގެ ބުރަކަށިގައި ފިރުމައިލިއެވެ.
އިރުކޮޅަކަށް ފަހު އޭނާ އަހައިލިއެވެ. "މަންމާ. މިހައި އަނދިރިވެފައި އޮތީ ކީއްވެގެން؟"
"ދަރިފުޅާ. ދަރިފުޅު ކުޑަދޮރު ކައިރީގައި އިނީމާ މަންމަ ބޮކި ނިއްވައިލީ. އޭނާއަށް ފެނިދާނެތީ. މިހާރު ހިނގައްޖެ ދޯ؟"
އޭނާގެ އަނގައިން ނުކުތީ ފިނި އާހެކެވެ. ޖަވާބެއް ނުދެވުނެވެ. މަންމަ ކުޑަދޮރު ލައްޕައިލުމަށް ފަހު ފޮތިގަނޑު ދަމައިލިއެވެ. އަދި ބޮކި ދިއްލައިލުމަށް ފަހު އަހައިލިއެވެ. "ރުޚްސާނާގެ ސިޓީ ގެނައިންތަ؟"
(ނުނިމޭ)