ބޮޑުވަޒީރު ޢިމްރާން ޚާންގެ އިތުބާރުނެތްކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ގާނޫނުހަދާ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމަކީ ގާނޫނާ ޚިލާފު އަމަލެއް ކަަމަށް ކަނޑައަޅައި، އެ މައްސަލަ މަޖިލީހުންގައި ކުރިއަށް ގެންދިއުމަށް ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ކުރި އަމުރު ގަބޫލުފުޅުކުރައްވާ ކަމުގައި އޭނާ ވިދާޅުވެއްޖެއެވެ. އެހެންނަމަވެސް، އޭނާ ވިދާޅުވީ ބޭރުން އެތެރެކޮށްފައިވާ ސަރުކާރެއް ޕާކިސްތާނުގައި އެކުލަވާލިޔަ ނުދޭން މަސައްކަތް ކުރައްވާނެކަމަށެވެ.
ރޭ ޓީވީ މެދުވެރިކުރައްވައި ގައުމާ މުޚާޠަބުކުރައްވަމުން އިމްރާން ޚާން ވަނީ އެމެރިކާއިން އޭނާގެ ސަރުކާރު ވައްޓާލަން ރާވާމުންދާ ކަމުގެ ތުހުމަތުކުރައްވާފައެެވެ. އަދި އިތުބާރުނެތްކަމުގެ ވޯޓު ނަގާދުވަހުގެ ފަހު ދުވަހު (އާދީއްތަ ދުވަހު) މިކަމާ ދެކޮޅަށް އިހުތިޖާޖަށް ނުކުުތުމަށް އާއްމުންނަށް ގޮަވައިލައްވާފައެވެ.
އޭނާ ވަނީ ސުޕްރީމްކޯޓުން އިތުބާރު ނެތްކަމުގެ މައްސަަލައާ މެދު ގޮތެއް ނިންމެވި އިރު، ބޭރު ގައުމަކުން ޕާކިސްތާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށްވަދެ ސަރުކާރު ބަދަލުކުރަން މަސައްްކަތް ކުރި މައްސަލައަށް ނުބަލައި ނިންމާފައި ވާތީ އެކަމާމެދު ހިތާކުރައްވާކަން ހާމަކުރައްވާފައެވެ.
"ބޭރުން އެތެރެކުރުވޭ މި ސަރުކާރު އަހަރެން ބަލައިނުގަންނާނަން. އަހަރެން މަގުމައްޗަށް ނުކުންނާނަން.... އަހަރެން ވެރިކަމަށް ގެނެވޭނީ އާއްމުންނަށް. އާއްމުންގެ އެހީއާއެކު އަހަރެން އެނބުރި އަންނާނަން." އާދީއްތަ ދުވަހު އެކުލަަވާލާނެ ކަމަށް ބެލެވޭ އާ ސަަރުކާރު ވެރިކަމަށް އައުމާއެކު ސަރުކާރާ ދެކޮޅަށް މަގުމައްޗަށް ނުކުތުުމަށް އާއްމުންނަށް ގޮވައިލައްވަމުން އިމްރާން ޚާން ވިދާޅުވިއެވެ.
އޭނާ ވަނީ އަވަސް އިންތިޚާބެއް ބާއްވައި އާންމުންގެ ނިންމުމާ ކުރިމަތިލުމަށް އިދިކޮޅު ޕާޓީތަކަށް ގޮވައިލައްވާފައެވެ.
"ގާނޫނުހަދާ މަޖިލިސް އުވާލަން އަހަރެން ނިންމީ އެހެންވެ. އަހަރެން ބޭނުން ވަނީ އާއްމުން އާ ސަރުކާރެއް އެކުލަވާލުމަށް." އޭނާ ވިދާޅުވިއެވެ.
މިއަދު އޮންނަ ގާނޫނުހަދާ މަޖިލީހުގެ ޖަލްސާގައި އިތުބާރުނެތްކަމުގައި ވޯޓު ނަގައި އިމްރާން ޚާން ބޮޑުވަޒީރުކަމުން ދުރުކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. އަދި މިހާރުގެ އިދިކޮޅުން ސަރުކާރު އެކުލަވާލާނަމަ ބޮޑުވަޒީރަކަށް ވާނީ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ ކޮއްކޯފުޅު ޝެހެބާޒް ޝަރީފުކަަމަށް ވަނީ ބެލެވިފައެެވެ.
އިދިކޮޅު ޕާޓީތަކުންވެސް ބުނެފައި ވަނީ އަވަސް އިންތިޚާބެއް ބާއްވަން ބޭނުންކަމުގައެވެ. އެހެންނަަމެވެސް، އެކަން ކުރާނީ ޢިމްރާން ޚާން ވެރިކަމުން ދުރުކުށް، އެމީހުން ސަރުކާރެއް އެކުލަވާލުމަށް ފަހުގައެވެ.
ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އެންމެ އަވަހަށްވެސް އިންތިޚާބެެއް ބޭައްްވޭނީ އަންނަ އޮކްޓޯބަރު މަހުގައި ކަމުގައެވެ.