"މި ވާލްޑް ކަޕް ކާމިޔާބުވުމުން، އަހަރެން އެކަމަކަށް މިހާރު ބޭނުންވެފައިވާ ކަން ހާސިލުކުރުމަށް ބޮޑު އެހީއެއް މިލިބުނީ. އެއީ ކެންސަރު ހޮސްޕިޓަލެއް ބިނާކުރުން." ޕާކިސްތާނުގެ ކްރިކެޓް ޓީމުގެ ކެޕްޓަންގެ ގޮތުގައި 1992 ވަނަ އަހަރު ވާލްޑް ކަޕް އުފުއްލަވާލެއްވުމަށް ފަހު ދެއްކެވި ކުރު ވާހަކަކޮޅުގައި އިމްރާން ޚާން ވިދާޅުވިއެވެ.
އޭގެ ދެ އަހަރު ފަހުން 29 ޑިސެންބަރު 1994 ގައި ޝައުކަތު ޚާނަމް މެމޯރިއަލް ކެންސަރ ހޮސްޕިޓަލް އެންޑް ރިސާޗް ސެންޓަރު (ޝައުކަތު ޚާނަމަކި އިމްރާން ޚާންގެ މަންމައެވެ.) ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޕާކިސްތާނު ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން ޒަހީރު އައްބާސް ބުނެފައި ވެއެެވެ. "އޭނާ (އިމްރާން) ކަމެއް ކުރަން ބޭނުން ވެއްޖެއްޔާ އޭނާ އެކަން ކުރާނެ. އިމްރާން އެއްވެސް މަސައްކަތެއް ފުރިހަމަނުކޮށް ދޫކޮށްނުލާނެ."
އަނެއްކާވެސް އިމްރާން ޚާން ވާލްޑް ކަޕް އުފުއްލަވާލެއްވި ދުވަހުގެ ވާހަކައެކެވެ. ބޮލީވުޑްގެ ތަރި އަޔުޝްމާން ކުރާނާގެ ބައްޕަ އެދުވަހު ޓީވީ ބަލަން އިނދެފައި ބުންޏެވެ. "މީނާ ހަމަގައިމުވެސް ކޮންމެވެސް އެއްދުވަހަކުން ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރާނެ" އެވެ.
އޭގެ 26 އަހަރު ފަހުން މިއަދު އިމްރާން ޚާން އެވަނީ ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ ހުވައި ކުރައްވައި މަގާމާ ހަވާލުވެވަޑައިގެންފައެވެ. ކުރާނާގެ ބައްޕަ އެދުވަހު ބުނި ވާހަކަ މިއަދު މިވަނީ ހަގީގަތަކަށް ވެފައެވެ. ކެންސަރު ހޮސްޕިޓަލް ހުޅުވި ދުވަހު ޒަހީރު އައްބާސް ބުނިފަދައިން ކިތަންމެ ގިނަ ދުވަހަކުން ނަމަވެސް އިމްރާން އެވަނީ އޭނާގެ ލަނޑުދަނޑި ހާސިލްކުރައްވާފައެވެ.
ޕާކިސްތާނުގެ 22 ވަނަ ބޮޑުވަޒީރުގެ ގޮތުގައި އިމްރާން ޚާން މިއަދު ހުވައި ކުރެއްވީ ސިޔާސީ ޕާޓީއެއް އުފައްދަވައިގެން ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވިތާ 22 އަހަރު ފަހުންނެވެ.
1992 ވަނަ އަހަރު ކްރިކެޓް ވާލްޑް ކަަޕް ކާމިޔާބުކުރެއްވުމަށް ފަހު.
ކްރިކެޓް ވާލްޑް ކަޕާއިގެން ގައުމަށް އެނބުރި ވަޑައިގަތުމަށް ފަހު އިމްރާން ޚާން މަސައްކަތްކުރެއްވީ އޭނާގެ އޭރުގެ ލަނޑުދަނޑި ހާސިލުކުރެއްވުމަށެވެ. އެއީ ކެންސަރު ބަލީގައި ދުނިޔެ ދޫކުރެއްވި އެނާގެ މަންމާފުޅު ޝައުކަތު ޚާނަމްގެ ހަނދާނުގައި ކެންސަރު ހޮސްޕިޓަލެއް ބިނާކުރެއްވުމެވެ. ހޮސްޕިޓަލް ފަންޑަށް އެންމެ ފުރަތަމަ ހަދިޔާކުރެއްވީ އޭނާއަށް ވާލްޑް ކަޕުން ލިބުނު 90 ހާސް ޕައުންޑެވެ. (އޭރުގެ ރޭޓަށް ބަލާއިރު ގާތްގަނޑަކަށް 7 މިލިއަން ޕާކިސްތާނު ރުޕީސް އެވެ.) ހޮސްޕިޓަލް އަޅަން ބޭނުންވާ 700 މިލިއަން ރުޕީސްގެ ތެރެއިން 10 މިލިއަން ރުޕީސް އޭނާއަށް އެއްކުރެއްވުނީ އެއް އަހަރު ދުވަހުންނެވެ. އެހެންނަމަވެސް، ހިތްވަރު ދޫނުކުރައްވައި ޕާކިސްތާނާއި ބޭރުގައި އޭނާކުރެއްވި މަސައްކަތުން 1994 ވަނަ އަހަރު ނިމުމުގެ ކުރިން ހޮސްޕިޓަލް ބިނާކުރައްވައި އިފްތިތާހު ކުރެއްވިއެވެ.
ހޮސްޕިޓަލް ހުޅުވުމަށްފަހު ދެން އޭނާ ނުކުންނެވީ މާ ބޮޑު ލަނޑުދަނޑިއެއް ހާސިލުކުރައްވާށެވެ. އެއީ ޕާކިސްތާނުން ކޮރަޕްޝަން ފޮހެލައި "އައު ޕާކިސްތާން" އެއް ބިނާކުރުމެވެ. އެކަމަށްޓަކައި ޕާކިސްތާނު ތަހްރީކޭ އިންސާފް (ޕީޓީއައި) ގެ ނަމުގައި 25 އެޕްރީލް 1996 ގައި ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކުރައްވައިގެން ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތެެވެ.
އުމުރުފުޅުން އެންމެ 23 އަހަރުގައި 1975 ވަނަ އަހަރު އޮކްސްފަޑް ޔުނިވަސިޓީގެ ކެބްލް ކޮލެޖުން ފިލޯސަފީ، ޕޮލިޓިކްސް އެންޑް އެކޮނޮމިކްސް އިން ބެޗެލާސް ޑިގްރީ ވިތު އޮނާސް ނަންގަވާފައިވާ އިމްރާން ޚާނަށް ސިޔާސީ މަސައްކަތް އެއީ އައުކަމަކަށް ނުވިޔަސް އޭނާ އެ މައިދާނަށް ނުކުންނެވުމުން ފުރަތަމަ ކުރިމަތިލައްވަން ޖެހިވަޑައިގަތީ މަލާމާތާ ފުރައްސާރައާއެވެ. ބާރުގަދަ ސިޔާސީ އާއިލާތަކަކުން ވެރިކަންކުރަމުން އައި ޕާކިސްތާނުގައި ބާރާއި ނުފޫޒު އޮތީ ބާރުގަދަ މުއްސަނދި އާއިލާތަކަށެވެ. އެފަދަ ތަނެއްގައި ކޮރަޕްޝަން ނައްތާލަން ނުކުންނާނީ މޮޔައެއް ކަމަށް ގިނަ ބަޔަކު ބުންޏެވެ.
1976 އިން 1992 އަށް އިމްރާން ޚާން ޕާކިސްތާނުގެ ކްރިކެޓް ޓީމަށް ކުޅުއްވި އިރު އޭނާއަކީ އެދުވަސްވަރުގެ އެންމެ މޮޅު އޯލްރައުންޑަރެވެ. އަދި މިހާތަނަށްވެސް އޭނާއަކީ ގެރީ ސޮބާސްއަށްފަހު ދުނިޔޭގެ އެންމެ މޮޅު އޯލްރައުންޑަރު ކަމުގައި ބެލެވެއެވެ. އޭނާގެ ކްރިކެޓް ހަޔާތް ނިންމަވައިލެއްވީ ކެޕްޓަނެއްގެ ގޮތުގައި ޕާކިސްތާނަށް ކްރިކެޓް ވާލްޑް ކަޕް ހޯއްދަވައިދެއްވާފައެވެ.
ސިޔާސީ ހަޔާތްޕުޅުގެ ކުރީކޮޅު އޭނާއަށް ކުރިމަތިލައްވަން ޖެހިވަޑައިގަތީ މުޅިންވެސް ނާކާމިޔާބީއާއެވެ. ޕީޓީއައި އުފެދުމަށް ފަހު އެޕާޓިން ވާދަކުރި ފުރަތަމަ އާއްމު އިންތިޚާބުގައި 1997 ވަނަ އަހަރު އެޕާޓީއަށް ގާނޫނުހަދާ މަޖިލީހުގެ އެންމެ ގޮނޑިއެއްވެސް ނުލިބުނެވެ. ދެން 2002 ވަނަ އަހަރު ބޭއްވުނު އާއްމު އިންތިޚާބުގައި އެޕާޓީއަށް ކާމިޔާބު ކުރެވުނީ އިމްރާން ޚާން އަމިއްލަފުޅަށް ވާދަކުރައްވައިގެން ކާމިޔާބުކުރެއްވުނު ގޮނޑި އެކަންޏެވެ. 2008 ވަނަ އަހަރު އަސްކަރީ ވެރިޔާ ޕަރްވޭޒު މުޝައްރަފުގެ ވެރިކަމުގައި ބޭއްވުނު އާއްމު އިންތިޚާބުގައި ޕީޓީއައިން ބައިވެރި ނުވެއެވެ. ދެން އިންތިޚާބު ބޭއްވުނީ 2013 ވަނަ އަހަރުއެވެ. އެފަހަރު އިމްރާން ޚާންގެ ޕާޓީއަށް ކާމިޔާބު ކުރެވުނީ 35 ގޮނޑިއެވެ.
ކްރިކެޓް ކުޅުއްވި ޒުވާން ދުވަސްވަރު 'ޕްލޭބޯއި' އެއްގެ ގޮތުގައި މަޝްހޫރުވެވަޑަގަތް ނަމަވެސް ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތުމާއެކު އޭނާ ވަނީ ދީނީ ކަންކަމަށް އިސްކަންދެއްވާ ބޭފުޅަކަށް ވެވަޑައިގެންފައެވެ. ދީނީ ކަންކަމަށް އިސްކަންދެއްވުގެ އިތުރަށް ގައުމުގައި ހިނގާ ޚިޔާނާތާއި ކޮރަޕްޝަނާއި ދެކޮޅަށް އަޑުއުފުއްލެވުން ހުއްޓަވާ ނުލައްވައި ކުރިއަށް ގެންދެވުމުގެ ސަބަބުން އޭނާގެ މަގްބޫލުކަން އިތުރުވާން ފެށިއެވެ. ޔުނިވަސިޓީތަކުން ތައުލީމު ހާސިލުކޮށްފައި، ކުރިން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެފައި ނުވާ، އެތައްލައްކަ ޒުވާނުންނެއް އޭނާ ވަނީ މައިދާނަށް ނެރުއްވާފައެވެ.
ސިޔާސީ ހަރަކާތްތަކުގައި އުޅުއްވަމުން ވެސް އޭނާ ވަނީ ތައުލީމީ ދާއިރާއަށް ޚިދުމަތްކުރައްވާފައެވެ. މިގޮތުން އޭނާ ވަނީ 2005 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރަށް އިނގިރޭސި ވިލާތުގެ މަޝްހޫރު ބްރެޑްފަޑް ޔުނިވަސިޓީގެ ޗާންސެލަރުކަން ކުރައްވާފައެވެ. ބްރެޑްފަޑް ޔުނިވަސިޓީ އަކީ ދިވެހި ޕްރޮފެސަރ ޙަސަން ޢުޤައިލު މަސައްކަތްކުރައްވާ ޔުނިވަސިޓީއެވެ.
ޕީޓީއައި އަކީ އަޅާނުލާ ދޫކޮށްލެވޭވަރަށް ވުރެ ވަރުގަދަ ސިޔާސީ ހަރަކާތެއްކަން ޕާކިސްތާނުގައި ޒަމާނުއްސުރެ ހަރަކާތްތެރިވަމުން އައި ސިޔާސީ ޕާޓީތަކަށް އެނގުނީ 23 މާރިޗު 2013 ގައި މީނާރޭ ޕާކިސްތާނު މައިދާނަށް އެއްކޮށްލި ޒުވާނުން ފެނިފައެވެ. 'ޕާކިސްތާނުގެ ކޮރަޕްޓް ސިޔާސީ މީހުން ސުނާމީއެއްގައި ޣަރަޤުކޮށްލާނެ' ކަމަށް ބުނެ އެދުވަހު އެތަނަށް އެއްވި އެތައްލައްކަ ޒުވާނުން ވަނީ ޕީޓީއައިގެ ބާރު ދައްކާލާފައެވެ.
އެ ދުވަހުން ފެށިގެން އިމްރާން ޚާންގެ ތަހްރީކޭ އިންސާފު ފަސް އެނބުރި ބަލާފައި ނުވެއެވެ. 2018 ވަނަ އަހަރުގެ އާއްމު އިންތިޚާބާ ހަމައަށް އައިއިރު ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފު ވަނީ ކޮރަޕްޝަނުގެ މައްސަލައިގައި ޖަލަށް ލާފައެވެ. ޕާކިސްތާން ޕީޕަލްސް ޕާޓީ ވަނީ މައްސަލަތަކެއްގެ ތެރޭގައެވެ. އެ ޕާޓީގެ ކޯ ޗެއަރ ކުރީގެ ރައީސު އާސިފު އަލީ ޒަރްދާރީ ހައްޔަރުކުރުމަށް މިހާރު ވަނީ ކޯޓު އަމުރެއް ނެރެފައެވެ.
އެހެންކަމުން އިމްރާން ޚާންގެ ޕާޓީ މިވަނީ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަށް ވެފައެވެ. އެޕާޓީން ވަނީ 149 ގޮނޑި ކާމިޔާބުކޮށްފައެވެ. ދެވަނަ ލިބުނު ޕާކިސްތާން މުސްލިމް ލީގް-ނަވާޒަށް 82 ގޮނޑި ކާމިޔާބުކުރެވުނު އިރު، ތިންވަނަ ލިބުނު ޕާކިސްތާން ޕީޕަލަސް ޕާޓީއަށް ލިބުނީ 54 ގޮނޑިއެވެ. ކުދި ޕާޓީތަކާ މިނިވަން މެންބަރުންގެ ތާއިދާއެކު ޕީޓީއައިން ވަނީ މަޖިލީހުގެ އަޣުލަބިއްޔަތު ކަމަށްވާ 172 ގޮނޑިއަށް ވުރެ ގިނަ ގޮނޑި ކަށަވަރުކޮށްފައެވެ.
އިމްރާން އަހްމަދު ޚާން ނިޔާޒީ އުފަންވެވަޑައިގަތީ 5 އޮކްޓޯބަރު 1952 ގައި ޕާކިސްތާނުގެ ލާހޯރުގެ މަތީ މެދު ފަންތީގެ އާއިލާއަކަށެވެ. އޭނާ ތައުލީމު ހާސިލުކުރައްވާފައިވަނީ ލާހޯރުގެ އެއިޗްސަން ކޮލެޖުންނާއި، އިނގިރޭސިވިލާތުގެ ވޮސްޓަރގެ ރޮޔަލް ގްރޭމާ ސްކޫލުންނާއި، އޮކްސްފަޑް ޔުނިވަސިޓީގެ ކެބަލް ކޮލެޖުންނެވެ. އިމްރާން ޚާން ތިން ކައިވެންޏެއް ކުރައްވާފައި ވެއެވެ. ފުރަަތަމަ ކައިވެނިކުރެއްވީ 1995 ގަައި މަޝްހޫރު އިނގިރޭސި މަހުޖަނު ސަރ ޖޭމްސް ގޯލްޑްސްމިތުގެ ދަރިކަނބަލުން ޖެމައިމާ ގޯލްޑް ސްމިތާއެވެ. އެކައިވެނިން އޭނާއަށް ދެދަރިކަލުން ލިބިވަޑައިގަތެެވެ. އެއީ ސުލައިމާން ޚާން އަދި ޤާސިމް ޚާނެވެ. 2004 ވަނަ އަހަރު އެކައިވެނި ރޫޅުނެވެ. ދެވަނައަށް ކައިވެނި ބައްލަވައިގަތީ ޓީވީ ޕްރެޒެންޓަރެއް ކަމުގައިވާ ރޭހާމް ޚާންއާއެވެ. 2014 ވަނަ އަހަރު ކުރެވުނު މިކައިވެނި ވަނީ 2015 ވަނަ އަަހަރު ރޫޅިފަައެވެ. އިމްރާން ޚާންގެ އެންމެ ފަހު ކައިވެންޏަކީ މިއަހަރުގެ ކުރީކޮޅު ބުޝްރާ މަނިކާއާ ކުރެއްވި ކައިވެންޏެވެ. އެއީ އޭނާގެ މިހާރުގެ އަނބިކަނބަލުންނެވެ.