
ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ އެދިވަަޑައިގަތުމަކަށް އެގައުމުގެ ގާނޫނުުހަދާ މަޖިލިސް، ނޭޝަނަލް އެސެމްބްލީ، އުވާލަން ރައީސު ޢާރިފް ޢަލްވީ ނިންމެވި ނިންމެވުން ޕާކިސްތާނު ސުޕްރީމް ކޯޓުން ބާޠިލުކޮށްފިއެވެ. އެ ކޯޓުން ވަނީ ބޮޑުވަޒީރު ޢިމްރާން ޚާންގެ އިތުބާރުނެެތްކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ހުށަހެޅި މައްސަަލަ މަޖިލީހުން ބޭރުކޮށްލަން ޑެޕިއުޓީ ސްޕީކާ ޤާސިމް ޚާން ސޫރީ ނިންމެވި ނިންމެވުންވެސް ބާޠިލުކޮށްފައެވެ.
ގާނޫނުހަދާ މަޖިލިސް އުވާލި މައްސަލަ ސޫމޯޓޫ މައްސަލައެއްގެ ގޮތުގައި ބެލުމަށް އެކުލަވާލި 5 ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ނިންމާފައި ވަނީ އިތުބާރުނެތްކަމުގެ މައްސަލަ ބޭރުކޮށްލުމާއި، ގާނޫނުހަދާ މަޖިިލިސް އުވާލުމަކީ ޣައިރުގާނޫނީ ދެ އަަމަލުކަމުގައެެވެ.
އުއްތަމަ ފަނޑިޔާރު ޢުމަރު ޢަޠާ ބަންދިޔާލް ރިޔާސަތު ބެލެހެއްޓެވި ބެންޗުން ނެރުނު އަމުރުގައި ވަނީ ގާނޫނުހަދާ މަޖިލީހުގެ ޖަލްސާއެއް ހޮނިހިރު ދުވަހުގެެ 10:30 ބޭއްވުމަށް ސްޕީކާގެ މައްޗަށް އަމުރުކޮށްފައެވެ. އަދި ބޮޑުވަޒީރު ޢިމްރާން ޚާންގެ އިތުބާރުގެ މައްސަލައާމެދު ގޮތެއް ނިންމާފައި މެނުވީ ޖަލްސާ ނިންމާލައިގެން ނުވާނެ ކަމަށްވެސް ވަނީ އަންގާފައެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވާގޮތުން ގާނޫނުހަދާ މަޖިލީހުގެ އެއްވެެެސް މެންބަރަކު އެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ހުރަސްއެޅުމަކީ ސަރުކާރަށް ކުރެވޭނޭ ކަމެއް ނޫނެވެ.
342 މެންބަރުން ހިމެނޭ ގާނޫނުހަދާ މަޖިލީހުގައި ގުޅިފައިވާ އިދިކޮޅު ޕާޓީތަކަށް 177 މެންބަރުންގެ ތާއީދު އެބައޮތެވެ. އަދި ވެރިކަންކުރާ ޕާކިސްތާނު ތަހްރީކޭ އިންސާފް (ޕީޓީއައި) ގެ 12 މެންބަރަކު ވަނީ އިތުބާރުނެތްކަމުގެ ވޯޓުގައި އިދިކޮޅާ ގުޅޭނެކަން ހާމަކުރައްވާފައެވެ. އެހެންކަމުން، އިތުބާރުނެތްކަމުގެ ވޯޓުނަގައިފިއެްޔާ ޢިމްރާން ޚާނަށް ބޮޑުވަޒީރުކަމުގެ މަގާމު ގެއްލޭނެއެވެ. މިކަމުން ރެކިވަޑައިގަތުމަށް ޢިމްރާން ޚާން ކުރެއްވި މަސައްކަތްޕުޅަށް ޕާކިސްތާނުގެ ސުޕްރީން ކޯޓުން މިވަނީ ހުރަސްއަޅާފައެވެ.