ދުނިޔޭގެ ބައެއް ޤައުމުގައި، ޚާއްޞަކޮށް 3 ވަނަ ދުނިޔޭގެ ޤައުމުތަކުގައި ރައްޔިތުންގެ މަޖިލިސް ނުވަތަ ޤާނޫނު ހަދާ މަޖިލިސްތެރޭ، ތަޅާ ފޮޅުމާއި އަރައިރުން އަދި ގަޔަށް އަތްލުމާއި އެކަކު އަނެކަކަށް އަނިޔާކުރުން، ދޮގުހެދުމާއި ލާދީނީ ޢަމަލު ހިންގުން އެއީ އެއްވެސް ކަމެއްނޫނެވެ. މިއީ، ޚާއްޞަކޮށް ޑިމޮކްރަސީގެ ޅަފަތުގައި، ވަލުދޮރޯށިން މަޖިލީހަށްވަދެ ތިބޭ ބައެއްމީހުންގެ ފަރާތުން ފެންނަ ޢަމަލެވެ. ޢިލްމީ ޤާބިލްކަމެއްނެތް، ޕާޓީލައިނުން ޖާގަހޯދައިގެން މަޖިލީހަށް ވަންނަ އަނގަގަދަ ބައެއް އެކްޓިވިސްޓުން، އެބައިމީހުންގެ މަޤްޞަދު ޙާޞިލްކުރުމަށްޓަކައި ކޮށްފަ ނުކުރާނެކަމެއް ނޯވެއެވެ. ދައްކާފަ ނުދައްކާނެ ވާހަކައެއް ނޯވެއެވެ. ވަކަރުގޭ ކުދިންނަށްވުރެ "ޢިއްޒަތްތެރިން" ގެ ޢަމަލާއި އަނގަ، ބައެއްފަހަރަށް ހުތުރުވެއެވެ.
ރާއްޖެއަކީވެސް މިކަމުގައި އިސްތިސްނާ ޤައުމެއްނޫނެވެ. ހުރިހާ ޤައުމުތަކުގެ ތެރެއިން އަރާހުރި ޤައުމެކެވެ. އެއީ އެކަކު އަނެކެއްގެ ގަޔަށް އަތްލައި، މައިންނާ އަޅުވައި ހަޑިހުތުރު އަވަގުރާނަ ގޮވައި، މޫނަށް ކުޅުޖަހައި ކޯދޮވެ، މޭޒުމައްޗަށް ކޮއްޅަށް އަރައި، ޙަޤީޤަތާ ޚިލާފު ދޮގުހަދައި އޮޅުވާލައިގެން އެތައް ވާހަކައެއް ދައްކާފައިވާ ތަނެކެވެ. ޚާއްޞަކޮށް، 2008 ގައި ވެރިކަމުގެ ނިޒާމް ބަދަލުވުމަށްފަހުގައެވެ. ޅަފަތުގައި އޮތް ޑިމޮކްރަސީގެ ނިވަލުގައި ތިބެ، މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައި، އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން މަޖިލީހަށް އައިސް، ޕާޓީތަކުގެ އެކްޓިވިސްޓުންގެ ޖަގަހަޔަކަށް އެތަން ހަދައިފިއެވެ. ޤާނޫނީ ޢިލްމު ކިޔަވައިގެންތިބެމެ، ތިމާމެންގެ ޕާޓީގެ އެތެރޭގެ ކޯޅުންތަކުގެ އަޑުއުފުލާތަނަކަށް އެތަން ހަދައިފިއެވެ. އެއްވެސް އަސާސެއްނެތި ދޮގުހަދައި އޮޅުވާލައި، ޚިޔާނާތުގެ އިލްޒާމު އަޅުވާ ހޮޅުއަށްޓަކަށް އެތަން ހަދައިފިއެވެ. ތިމާމެންގެ ވާދަވެރިންގެ އަބުރުކަތިލައި، މަޖިލީހަށް ވަދެތިބެ ރުޅި އިސްކޮށް ޗަރުކޭސްކުޅޭ ކާނިވަލަކަށް ހަދައިފިއެވެ. މަޖިލީހުގެ ރިޔާސަތުން މިފަދަ ޢަމަލު ހުއްޓުވެން ޖެހޭނެއެވެ. "ޢިއްޒަތްތެރި" މެންބަރުންނެއްކަމަކު، ޤާނޫނަށްވުރެ މައްޗަކު ނުތިބެވޭނެއެވެ.
މަޖިލީހުގެ މަސައްކަތާއި ވާޖިބު އަދާނުކުރިޔަސް، މަޖިލީހަށް ޙާޟިރުނުވިޔަސް، ޤާނޫނީ ޙައްޤުން އަމިއްލަޔަށް ޤާނޫނު ހަދައި، ދިވެހިރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑެތި ޢަދަދުން މުސާރައާއި އެލަވަންސްނަގައި، ނުވިތާކަށް އަނބިދަރިންނަށް ދާނދެން ބޮޑެތިވެގެންވާ މެޑިކަލް ޕެކެޖްތައް ހަދައި، ވީއައިޕީ ލައުންޖުން އަނބިދަރިންނަށް ދާނދެން ޖާގަހޯދައިގެން ތިއްބަސް، ޤާނޫނާއި ދީނާޚިލާފު ވެއްޖެނަމަ، އަދަބުލިބެން ޖެހޭނެއެވެ.
ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ، އެތައްމާއްދާއެއްގައި، ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދީ، ޒިންމާއާއި ވާޖިބު ސާފުކޮށްދީފައި އެބައޮތެވެ. އެއްވެސްމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް ބަލައި ޙައްޤުތައް ލިބުމުގައި ތަފާތުކޮށްގެން ނުވާނެކަން، ޤާނޫނު އަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކޮށްދީފައި އެބައޮތެވެ. އެމީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ޙައްޤު ކޮންމެމީހަކަށްމެ ލިބިގެންވާކަން، 33 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައި އެބައޮތެވެ.
މަތީގައި ބަޔާންކުރެވިފައި އެވަނީ، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން، ޙައްޤުތައް ކަށަވަރުކޮށދީފައި އޮތް މިންވަރެވެ. ރައްޔިތުންގެ މަޖިލީހުން އަދާކުރަންޖެހޭނެކަމަށް ޤާނޫނު އަސާސީގައި ނުވަތަ ޤާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި ވާޖިބުތައް ރައްޔިތުންގެ މަޖިލީހުން އަދާކުރަން ވާނެއެވެ. އޭގެމާނަޔަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެކަމަށް މަސްއޫލުވާންޖެހޭނެ ވާހަކައެވެ. ޖަލްސާތަކަށް ޙާޟިރުނުވެ ބޮޑެތި ޢަދަދުން މުސާރަ ނެގޭނެ ވާހަކައެއް ނޫނެވެ. މުސާރަދެނީ މެންބަރުންކުރާ ހުވަޔަކަށްނޫނެވެ. މެންބަރުންކުރާ މަސައްކަތަށެވެ. މަސައްކަތެއް ނުކޮށް ޖަލްސާއަށް ޙާޟިރުނުވާނަމަ މުސާރަ ޙައްޤެއްނުވާނެއެވެ. އެކަމަކު، ކަން ހިނގަނީ އެއާ އިދިކޮޅަށެވެ. އެއްކަމެއްނުކޮށް ގޭގައިތިއްބަސް، ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑެތި ޢަދަދުން މުސާރަ ނަގައެވެ. އަނެއް ދެބާރަށް އިނގިލިދިއްކުރެވޭ ވަރަށްވުރެ މަޖިލީހުގެ ޙާލަތު މާގޯހެވެ.
ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު އެމީހެއްގެ ޒާތީ މަޞްލަޙަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުން ކޮށްގެން ނުވާނެއެވެ. ވެރިކަންކުރާ މައިޕާޓީގެ މެންބަރުންގެ މެދުގައި ބައިބައިވުން އުފެދި، މަޖިލީހުގައި، އެއްބަޔަކު އަނެއްބަޔަކަށް ހެއްދެވި ނުހެއްދެވިޔަށް ގޮވާ މަންޒަރު އެބަފެނެއެވެ. ވަގަށް ގޮވުމާއި ޚިޔާނާތުގެ ދޮގު ތުހުމަތު އެޅުވުންފަދަ ލާދީނީ ޢަމަލާއި ޤާނޫނު އަސާސީއާ ޚިލާފު އެތައްކަމެއް ތަކުރާރު ވަމުން އެބަދެއެވެ.
ޤާނޫނު އަސާސީއާ ޚިލާފު މިފަދަކަމެއް، ދާދިމިދާކަށްދުވަހުވެސް މަޖިލިސްތެރެއިން ފެނިގެން ހިނގައްޖެއެވެ. 9 މާރިޗް 2022 ވީ ބުދަދުވަހުއޮތް، 2022 ވަނައަހަރުގެ ފުރަތަމަ ދައުރުގެ 16 ވަނަ ޖަލްސާއަށް ބަލައިލިޔަސް މިފަދަ ކަންކަން އެބަފެނެއެވެ. އެޖަލްސާގެ ޔައުމިއްޔާގެ ގަނޑުތަކަށް ބަލާއިރު ރިޔާސީ ބަޔާނަށް، އިދިކޮޅުން މައިނޯރިޓީ ލީޑަރު ދީފައިވާ ޖަވާބަކީ، ޙަޤީޤަތް އޮޅޭފަދަގޮތަކަށް ފަރުމާކުރެވިގެން، ހުށަހެޅިފައިވާ ބަޔާނެކެވެ. ޔައުމިއްޔާގެ ގިނަގަނޑުތަކަށް ބަލާއިރު، ބޮޑަށް ސިފަވެގެންދަނީ، ކުޅުދުއްފުށީ އަތިރިމަތީގައި ހުންނަ ހޮޅުއަށްޓެއްގައި ދެބަޔަކު ޒުވާބުކުރާ މަންޒަރެވެ. ޤާނޫނު އަސާސީގައި އެބުނާ ރައްޔިތުންގެ މަޖިލީހެއް ސިފައެއް ނުވެއެވެ. އަމިއްލަ ފަޔަށް ފައިންއެރޭއިރުވެސް ހިލަމެއްނުވެއެވެ. މިހާހިސާބަށް ދިޔައިމަ ނުހޭން ހުންނަ މީހާއަށްވެސް، ފަޅައިގެންދާވަރަށް ހެވޭނެތާއެވެ ! ޒާތީ މަޞްލަޙަތު ކުރިއެރުވުމަށް، ޤާނޫނު އަސާސީއާ ޚިލާފަށް، މެންބަރުކަމުގެ މަޤާމުގެ ބޭނުން، ސަރުކާރު ހިންގާ މައިޕާޓީގެ ބައެއް މެންބަރުން ބޭނުންކުރާތަން ފެނުނީމައެވެ.
ޔައުމިއްޔާ ބަލަމުންގޮސް، 52 ވަނަ ޞަފުޙާއާ ހިސާބަށްދިޔައިރުވެސް، ވާހަކަދައްކަން ރިޔާސަތުން ފުރުޞަތު ހުޅުވާލާފައިއޮތް، ދިވެހި ސިވިލް ސާރވިސްގެ ޤާނޫނުގެ އިޞްލާޙަށް ވާހަކަ ދެއްކުމުގެ ބަދަލުގައި، ގިނަ މެންބަރުންނަށް ގޮވިފައިހުރީ ސަރުކާރާ ދިމާއަށް އެއްޗިއްސެވެ. 52 ވަނަ ޞަފުޙާއަށް ބަލައިލިއިރު، އެޞަފުޙާގައި މިއޮތީ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީގެ ވާހަކަ ދެއްކުމެވެ. ޤާނޫނީ ވަކީލެއްހެން ހީވާތީ ތަންކޮޅެއް ހަރުދަނާ ވާހަކަތަކެއް ދައްކާނެކަމަށް ބަލައިގެން ކިޔަންފެށިތަނާ، ޖެހުނީ ހަމަ އެއްތާކުއެވެ. އިމްތިޔާޒު ފަހުމީގެ ވާހަކަތަކުގެ 63 ފޮޅުވަތުގެ 13 ވަނަ ފޮޅުވަތާ ހަމަޔަށް ދިޔައިރު، ކަމަކުދާކަށް ނެތެވެ. ޙާލު އަދި ވަކިން ބޮޑެވެ. މަގުމަތީ އުޅޭ އެކްޓިވިސްޓުން ކޮންމެފަދަ ވާހަކައއެއްވެސް ދައްކަފާނެއެވެ. ޤާނޫނު ކިޔަވައިގެންހުރިމީހަކު ދައްކާ ވަރަށްވުރެ، އެވާހަކަތައް މާހުތުރެވެ. މުޅިން ޙަޤީޤަތާ ޚިލާފު ދޮގުވާހަކައާއި، ވަކިމީހެއްގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައިގެންނެވެ. އެކަކު އަނެކަކަށް ވަގަށް ގޮވުމަކީ މަޖިލީހުގައި ޢާންމު ކަމެކެވެ. އެކަމަކު، ޤާނޫނީ ވަކީލެކޭ ކިޔައިގެން އުޅޭމީހަކު، ޤާނޫނު އަސާސީއާ ޚިލާފަށް އެފަދަ ކަމެއްކުރީމަ އެއީ ދެން ތަންފުކެއް ބޮޑުވަރެކެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑުމުސާރަ ނަގައިގެންތިބެ، ތިމާމެންނަށް މިވެވެނީ ކިހާބޮޑު ޚިޔާނާތެއްކަން ނޭނގޭ ވަރަށްވުރެ މެންބަރުން ގަމާރުވެގެންނެއް ނުވާނެއެވެ. މެންބަރުންގެ ޤާނޫނީ ވާޖިބާއި ވަޒީފާގެ މަސްއޫލިއްޔަތާ އަދި އަމިއްލަ އެދުން ވަކިވާވަރަށް މެންބަރުންގެ ތަންދޮރުފިލަން އެބަޖެހެއެވެ. ތަނެއް ދޮރެއް ނޭނގުނީމަ ވާނެހައެތި، މަޖިލީހުން މިހާރު އެހެރަ ދަނީ ފެންނަމުންނެވެ. އެއީ ރައްޔިތުންގެ ފައިސާއެވެ. މިއަށްވުރެ ބޮޑު ޚިޔާނާތެއް އޮންނާނެތޯއެވެ؟
2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 16 ވަނަ ޖަލްސާ (9 މާރޗް 2022)
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހު މީގެ ވާހަކަތަކުން ނަގާފައި :
އިއްޒަތްތެރި ރައީސް ؛ އިކޮނޮމިކް މިނިސްޓްރީގެ ތެރޭގައި ހަދަމުންދިޔަ ރިސޯޓެއް ކަމަށް ބުނެ، އެއް ހާހަށްވުރެ ގިނަ ކޯޓާ ހޯދުމަށް ހުށަހެޅި. އޭގެތެރެއިން ނުވަސަތޭކައެއްހާ ކޯޓާ އެޕްރޫވްކޮށްފައި، ދުއިސައްތައެއްހާ މީހުން ވަގަށް އެތެރެވެފައިވޭ. މިހާރު 3 އަހަރު ގާތްގަނޑަކަށް މިއޮތްދަނީ. އެ މައްސަލަ ބެލުމުގެ ޝައުޤުވެރިކަމެއް ނެތް. ތިބޭނެ، މިނިސްޓްރީގެ ތެރޭގައި ތިބޭނެ މިކަމުގައި ބައިވެރިވިމީހުން. މި ޚިޔާނާތުގައި ބައިވެރިވިމީހުން ތިބޭނެ. މައްސަލަ ބެލުމުގެ ޝައުޤު ވެރިކަމެއް ނެތް. އިމިގްރޭޝަނުން އެމައްސަލަ، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާފައިވަނީ. އެ ތަނުގެ ތެރޭގައިވެސް އެކަންވަނީ ހުއްޓުވާފަ. 2 އަހަރަށްވުރެ ގިނަދުވަސް ވެއްޖެ. މިނިސްޓްރީގެ ތެރޭގައިތިބޭނެ، މި ބާވަތުގެ ކަންތައްތައް ހިންގާއިރުގައި ވަމުންދާ ގޮތް ރަނގަޅަށް އެނގޭ. ބޮޑު ޚިޔާނާތެއް. މިލިއަންމިލިއަންގެ ޚިޔާނާތެއް.
އިއްޒަތްތެރި ރައީސް. ހަދަމުންދިޔަ ރިސޯޓެއް ކަމަށް ބުނެ އޮޅުވައިލައިގެން މިހާ ގިނައަދަދެއްގެ މީހުންނަށް ވަގުކޯޓާ ދޫކޮށް ނިންމާލިއިރުގައި މިކަން އެނގޭނެ ބައިވެރިންތިބޭނެ.
އިއްޒަތްތެރި ރައީސް ؛ އަޅުގަނޑު ކަންބޮޑުވޭ އަޅުގަނޑުމެންގެ ޕާޓީގެ ވެރިކަމެއްގައި މިގޮތަށް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ޚިޔާނާތްތެރިވަމުން، އަޅުގަނޑުމެންގެ ޕާޓީ އުފެދުނު އުސޫލުތަކާއި ހަމަތަކާ ދިމާއިދިކޮޅަށް މި ޕާޓީ ގެންދިޔުމަށް މިކުރާ މަސައްކަތް އަޅުގަނޑު ކުށްވެރިކުރަން. އިރާދަކުރެއްވިއްޔާ އެކަން އެހެންވިޔަކަވެސް ނުދޭނަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.
އިމްތިޔާޒު ފަހުމީގެ ވާހަކަތަކުން، އެންމެ ފުރަތަމަ، ބަހުގެ ހަމަތަކަށް ބަލާއިރު،ފެށުނުއިރުވެސް ބުނަންއުޅުނު އެއްޗެއް އެއޮތީ ރައްޔިތުންނަށް އޮޅުވައިލާފައިކަން ފާހަގަ ވެއެވެ. އިކޮނޮމިކް މިނިސްޓްރީ ތެރޭގައި ރިސޯޓެއް ނުހަދާނެ އެވެ. ދެން އޮތީ ދޮގާއި އޮޅުވައިލުމާއި ޤާނޫނު އަސާސީން އަނެކުންނަށް ލިބިދީފައި އޮތް ޙައްޤަށް އަރައިގަތުމެވެ. އަދި އިމްތިޔާޒު ފަހުމީ، ﷲ ގަންދީ ކޮށްގެންހުރި މެންބަރުކަމުގެ ހުވަޔާ ޚިލާފުވުމާއި ޤާނޫނު އަސާސީއާ ޚިލާފުވުމެވެ. މިނިސްޓްރީގެ ތެރޭގައި އެކަމުގައި ބައިވެރިވި އެއްވެސް މުއައްޒަފަކު ނެތެވެ. އެއީ މިނިސްޓްރީއެއްގެ ތެރޭގައި ހިނގާފައިވާ ޚިޔާނާތެއް ނޫނެވެ. އޭގައި ބައިވެރިވި ބަޔަކުވެސް އިކޮނޮމިކް މިނިސްޓްރީއަކު ނެތެވެ. އެއީ އަމިއްލަ ބަޔަކު އޮޅުވައިލައިގެން ވަގު ލިޔުން ހުށަހަޅައިގެން ހިންގި ކަމެކެވެ. އެއީ ކޮށްގެންހުރި ހުވަޔާ ޚިލާފަށް، އިމްތިޔާޒް ފަހުމީ ހަދާފައިވާ ރޯ ބުހުތާން ދޮގެކެވެ. މިކަމަށް ބާރުދޭ ހެއްކަކީ، އޮންލައިން ނޫހެއްކަމުގައިވާ " ޢަދަދު " ގައި ޝާއިޢުކޮށްފައިވާ ބަޔާނެވެ. މިބަޔާނަކީ، އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޒު އިސްމާޢީލު، މިކަމާބެހޭގޮތުން އެނޫހަށް ދެއްވާފައިވާ އިންޓަރވިއުއެކެވެ. އިމިގްރޭޝަނުން ދޫކުރަމުން އައި ކޯޓާ އިކޮނޮމިކް މިނިސްޓްރީން ދޫކުރާގޮތަށް ޤާނޫނަކުން ބަދަލުކުރީ "ކަމެއް" ވެގެންކަން ހަނދާން ނެތުމަކީ، މީހަކު ބުނާހާ އެއްޗެއް، އެކަމުގެ ޙަޤީޤަތްނުބަލާ ޤަބޫލުކުރަންޖެހޭ ކަމެއްނޫނެވެ. ކަމެއް ކުރަންޏާ 2012 އިން 2017 އަށް ވިއްކާފައިހުރީ ކިތައްހާސް ކޯޓާތޯއާ، ބިދޭސީންގެ ޑިޕޮޒިޓް ފައިސާއިން ކިތައް މިލިއަން ރުފިޔާތޯ "ގެއްލިފައި" ހުރީ އަޅެ ނިކަން ބަލައިލަ ބަލާށެވެ. އެފައިސާއަށް ބަރޯސާވެގެން، "އެތުދަތުން ފުޅަށްއަޅައިގެން މަޑުތަންމަތީ ނިދަނީ" ކޮންބައެއްކަން މެންބަރަށް ސާފުވާނެއެވެ.
އެމައްސަލަ، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާފައިވަނީ އިމިގްރޭޝަނަކުންނޫނެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންނެވެ. އެމައްސަލަ ޕޮލިހަށް ހުށަހެޅީ އިމިގްރޭޝަނުންނޭ ބުނެ، ޤާނޫނު އަސާސީއާ ޚިލާފަށް އިމްތިޔާޒް ފަހުމީ ހަދާފައިވަނީ ރޯ ބުހުތާން ދޮގެކެވެ. ޕޮލިސްއަށް ހުށަހެޅޭ މައްސަލަތައް ޤަވާޢިދުން ކުރިޔަށް ގެންދިއުމަކީ ޕޮލިސްގެ ކަމެކެވެ. އެކަމުގެ އިލްޒާމް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުށެއްނެތް މުއައްޒަފުންތަކެއްގެ ބޮލުގައި ނާޅުވައި، ޕޮލިހާ ސުއާލުކޮށްލިނަމަ މާރީތިކޮށް ސާފުވީހެވެ. ކުށެއްނެތް ބައެއްގެ ބޮލުގައި ވަގުބަދުނާމު އަޅުވައި ވަގަށް ގޮވައި، އެއްވެސް އަސާސެއްނެތި ޚިޔާނާތުގެ ކުށަކަށް ބަޔަކު ފެއްތުމަކީ، ޤާނޫނު އަސާސީއާ ޚިލާފަށް އިމްތިޔާޒު ފަހުމީ ކުރި ކުށެކެވެ. ދޮގު މަޢުލޫމާތުދީ، ފިތުނަ ފަސާދަ އުފައްދަން މަސައްކަތްކުރާ ބައެއްގެ ބަހަށް ނުހެއްލި، ކަންއޮތްގޮތް ރަނގަޅަށް ހޯދާ ބަލައިގެން މަޖިލީހުގައި ވާހަކަ ދެއްކުމަކީ، މަޖިލިސް މެންބަރުންގެ ވާޖިބެކެވެ. މިފަދަ ކަންކަން އެމަގުން ހިނގާނަމަ، ރިޔާސަތުން އެކަން ހުއްޓުވުމަކީ، ޤާނޫނު އަސާސީގެ ރޫޙަށް ތަބާވުމުގެ ގޮތުން ޢަމަލުކުރަންޖެހޭ ރީތި ސިފައެކެވެ.
ރައްޔިތުންނަށް ޚިޔާނާތްތެރިވަނީ، ޤާނޫނު އަސާސީއާއި ކޮށްގެންތިބި ހުވަޔާ ޚިލާފަށް ދޮގު ހަދައި، މީހުންގެ އަބުރުކަތިލަމުންދާ ބައެއްމީހުންނެވެ. ރައްޔިތުންނަށް ޚިޔާނާތްތެރިވަނީ، އަމިއްލަ އެދުން އިސްކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ރައްޔިތުންގެ ޙައްޤުތައް ދެމެހެއްޓުމަށް، މާތް ﷲ ގަންދީ ހުވާކޮށްގެން ތިބެ އެހުވަޔާ ޚިލާފުވާ މީހުންނެވެ.
ދޮގު މަޢުލޫމާތަކީ، އެމީހަކު ބޭނުންވާ މަޤްޞަދެއް ޙާޞިލްކުރުމަށްޓަކައި، ރައްޔިތުންގެ ވިސްނުމާއި ފިކުރު ވަކިގޮތަކަށް އަނބުރައިލުމަށްޓަކައި ބޭނުންކުރާ އުކުޅެކެވެ. ކަމެއް އޮންނަގޮތް އޮޅުވައިލުމަށް، އެކަން ސާފުކޮށްދޭމީހާ ބޭނުންވާ ގޮތަކަށް ބަށްޓަންކޮށްގެން ތެދު، ދޮގަށް ބަދަލުކޮށްލާނެއެވެ. އެ މަންޒަރުބަލަން، އަދި އަޑުއަހަންތިބޭމީހުން، ދޮގުހަދާމީހާއަށް އިޙްތިރާމްކުރުމަށް ކޮޅަށްތެދުވެ، ހިނިއައިސްތިބެ، އަތަށް ތަދުވާވަރަށް، އަތްތިލަބަޑިޖަހައި ސަނާކިޔާވަރަށް އޮމާންކަންމަތީ ދޮގުހަދަމުން ގެންދާނެއެވެ. އިމްތިޔާޒް ފަހުމީއަށްވެސް އެކުރެވުނީ އެފަދަ ކަމެކެވެ.
ކީރިތި ޤުރުއާނުގެ މޫރިތި ސޫރަތްތަކުގެ ތެރެއިން، އަލްޙުޖުރާތު ސޫރަތުގެ ހަވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައި ވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް ފާސިޤަކު، ޚަބަރަކައިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، ޙަޤީޤަތް ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް، ބަޔަކަށް ގެއްލުން ދެވިދާނެތީއެވެ. ފަހެ، އެހެން ވެއްޖެނަމަ، ތިޔަބައިމީހުންކުރި ކަންތަކުގެ މައްޗަށް، ހިތާމަކުރާބަޔަކު ކަމުގައި ތިޔަބައިމީހުން ވެދާނެތެވެ."
ކީރިތި ޤުރުއާނުގެ އައްނަޙުލު ސޫރަތުގެ މޫރިތި އާޔަތްތަކުން، 105 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވެއެވެ. "ދޮގުހަދާކަން ކަށަވަރީ، ﷲ ގެ އާޔަތްތަކަށް އީމާންނުވާ މީހުންނެވެ. އަދި އެއުރެންނީ ހަމަ، ދޮގުވެރިންނެވެ." ނަޙުލު ސޫރަތުގެ 105 ވަނަ އާޔަތުގައި، ﷲ އަންގަވާފައި އެވަނީ، ދޮގުހަދާކަން ކަށަވަރީ، އެކަލާނގެ އަންގަވާފައިވާ ގޮތްތަކަށް އީމާންނުވާ އަދި ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންނުވާ މީހުންކަމުގައެވެ. އެއަމުރުފުޅުތަކަށް ކިޔަމަންނުވާ މީހުންނަށް ﷲ ގެ ކޯފާ ޙައްޤުވެގެން ވެއެވެ. ކިތަންމެ "ހިޔާބޮޑު" ގަހެއްގައި ލެނގިގެން ހުއްޓަސް، ﷲ ގެ ކޯފާޔަކުން ސަލާމަތެއް ނުވެވޭނެއެވެ. ތިމާމެން ދައްކާ ދޮގުވާހަކަ އާއި ކުރާ ލާދީނީޢަމަލުތައް ލިޔުއްވާ މަލާއިކަތުން ކޮނޑުގައި ތިއްބަވާކަން ޤަބޫލުކުރަން ޖެހެއެވެ. އަދި، އިންސާނާ ކުރާ ޢަމަލުތަކުގެ ހިސާބުބައްލަވާ ދުވަހެއް އަންނާނެކަން ދެނެ ބިރުވެތިވާން ޖެހެއެވެ. ކިތަންމެ ހިޔާބޮޑު ގަހެއްގެ ނިވަލުގައި ހުއްޓަސް، ކިތަންމެ ބޮޑު ސިޔާސީމީހެއްގެ ފަސްބައިގާ އެލިގެން އޮތަސް، ﷲ މިންވަރުކުރައްވާ ކޯފާޔަކުން ސަލާމަތްކަމެއް ނުލިބޭނެއެވެ. ކޮންމެކަމެއްވެސް ހިނގާނީ އެކަލާނގެ މިންވަރުކުރައްވާ ގޮތެއްގެ މަތިންނެވެ.