އިންފޮމޭޝަން ކޮމިޝަނަރ ކަމަށް ރައީސް ފޮނުއްވި ހަމައެކަނި އަންހެން ބޭފުޅާގެ ނަން ކޮމެޓީން ފާހެއްނުވި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަންކުރަން ރައީސް ފޮނުއްވި ހަތަރު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހަމައެކަނި އަންހެން ބޭފުޅާގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ކޮމެޓީން ފާހެއްނުވިއެވެ.

މިނިވަން މުޢައްސަސާތަކުގެ ކޮމެޓީން ތަޅުމަށް ފޮނުވުމަށް ނިންމައިފައިވަނީ އަނެއް ތިން ބޭފުޅުންގެ ނަމެވެ. އެއީ ޙުޞައިން ފިޔާޒް މޫސާ އާއި އަޙްމަދު ފަޔާޒް ޙަސަން އާއި އަޙްމަދު އާޙިދު ރަޝީދުގެ ނަމެވެ. ފާތުމަތު ސައުޝަންގެ ނަން ފާހެއް ނުވި އެވެ.

ރައީސް ނަން ފޮނުއްވި ހަތަރު ބޭފުޅުންނާ އިއްޔެ ކޮމެޓީން ވަނީ އިންޓަވިއުކޮށްފަ އެވެ. އެ އިންޓަވިއުތަކުގެ ތެރެއިން ސައުޝަންގެ އިންޓަވިއު ނޫން ހުރިހާ އިންޓަވިއުއެއް ވަނީ ލައިވް ކޮށްފައެވެ. ސައުޝަންގެ އިންޓަވިއުގެ ރެކޯރޑިން ފަހުން ވަނީ ފޮނުވައިފައެވެ.

ކޮމެޓީން މި ތިންނަން މަޖިލީހަށް ފޮނުވުމުން ތިންނަމަށްވެސް މަޖިލީހުގައި ވޯޓަށް އަހާނެއެވެ. ނަމަވެސް ފާސްވަނީ އެންމެ ގިނަ ވޯޓް ލިބޭ ބޭފުޅެއްގެ ނަމަވެ.

އިންފޮމޭޝަން ކޮމިޝަނަރގެ މަޤާމު ހުސްވެފައިވާތާ މިހާރުވަނީ ދެމަސްދުވަސް ވެފައެވެ. ޤާނޫނުގައި ވާގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމް ހުސްވާތާ ލަސްވެގެން 60 ދުވަހުގެ ތެރޭގައި އެ މަޤާމަށް މީހަކު އައްޔަން ކުރަންވާނެ އެވެ. އެހެން ކަމުން އެމުއައްސަސާ މިހާރުވަނީ ޤާނޫނީ ހުސްކަމެއްގެ ތެރޭގައެވެ. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުން ފުރަތަމަ ޢައްޔަންކުރެވުނު އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުގެ އެއް ދައުރުގެ މުއްދަތު 22 ޖުލައި 2019 ގައި ވަނީ ހަމަވެފައެވެ.

ކޮމެޓީން ފެއިލްކޮށްލައިފައިވާ ފާޠިމަތު ސައުޝަންއަކީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ލީގަލް ކޮމިޓީގެ މުޤައްރިރެއްގެ މަޤާމާއި ލީގަލް ޔުނިޓްގެ އިސްވެރިޔާގެ ހައިސިއްޔަތުން މަސައްކަތްކުރައްވާ ތަޖުރިބާކާރު ޤާނޫނީ ވަކީލެކެވެ. އަދި މިނިސްޓްރީ އޮފް ފިޝަރީޒްގެ ލީގަލް އޮފިސަރގެ މަޤާމުގައި ވެސް ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވާ ބޭފުޅެކެވެ. އޭގެ ކުރީން ސައުސަން ވަނީ އިނގިރޭސި ޓީޗަރެއްގެ ގޮތުން ކިޔަވައިދިނުމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.