ކޮމަންވެލްތް ޕާލަމަންޓްރީ އެސޯސިއޭޝަންގައި ރައްޔިތުންގެ މަޖިލީހުން އަލުން ބައިވެރިވަނީ

ކޮމަންވެލްތް ޕާލަމަންޓްރީ އެސޯސިއޭޝަން (ސީޕީއޭ) ގައި ރައްޔިތުންގެ މަޖިލީހުން އަލުން ބައިވެރިވުމާމެދު މަޖިލީހުން މިއަދު ގޮތެއް ނިންމާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މިއަހަރު ކުރެވުނު ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ކުރިއަށް ގެންދެވީ ރައްޔިތުންގެ މަޖިލީސް ސީޕީއޭގައި ބައިވެރިވުމާ މެދު މަޖިލީހުން ގޮތެއް ނިންމުމަށް، އެކަމުގެ ބަހުސެވެ.

ސީޕީއޭގައި ބައިވެރިވުމުގެ ބަހުސްގައި ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރު ފިޔަވައި ވާހަކަ ދެއްކެވީ މުޅިންވެސް އެމްޑީޕީގެ މެމްބަރުންނެވެ. ހުރިހާ މެމްބަރުންވެސް ވަނީ ސީޕީއޭގައި ބައިވެރިވުމަށް ތާއީދުކުރައްވައިއެވެ. ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރު ވިދާޅުވީ ހާލުގައި ޖެހުމުން އެހީވާ ބަޔަކީ ވަރަށް މުހިންމު ބައެއް ކަމަށެވެ. އެހެންކަމުން ކޮމަންވެލްތްގައި ރާއްޖެއިން އަލުން ބައިވެރިވުމުން އެކަން ފާހަގަ ކުރައްވާ ސީޕީއޭގައި ބައިވެރިވުމަށް ވެސް

ސީޕީއޭގައި ބައިވެރިވުމުގެ ބަހުސްގައި ވާހަކަ ދެއްކެވި އެމްޑީޕީގެ މެމްބަރުން ވަނީ ކުރީގެ ސަރުކާރުން ކޮމަންވެލްތުން ވަކިވުމަށް ނިންމެވި ނިންމުން އެމްޑީޕީގެ މެމްބަރުން ވަނީ ވަރަށްބޮޑަށް ކުށްވެރި ކުރައްވައިފައެވެ. އަދި އެނިންމުން ނިންމި ފަރާތްތަކުގެ މައްސަލަ ބެލެން ޖެހޭނެކަށް ވެސް ބައެއް މެމްބަރުން ވިދާޅުވިއެވެ.  

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ޙަޞަން ލަޠީފް ވިދާޅުވީ ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ކުރީ ސަރުކާރުން ނިންމެވީ ރައީސް ޔާމީންގެ ޚުދު މުޙުތާރު ވެރިކަން ދެމެހެއްޓުމަށް ކަމަށެވެ. އޭރު ކޮންމަން ވެލްތުން ގޮވާލަމުން ގެންދެވީ ރާއްޖޭގެ ކަންކަން އިޞްލާޙު ކުރަންކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭރުގެ ސަރުކާރުން އެކަންކަން އިޞްލާޙު ކުރުމަށް ބޭނުންނުވެ ކޮމަންވެލްތުން ވަކިވީކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވުމުން ރާއްޖެއަށް މުހިންމު ގިނަ ފުރުޞަތުތަކެއް ގެއްލިގެން ގޮސްފައިވާކަން މެމްބަރުން ފާހަގަ ކުރެއްވިއެވެ. ޚާއްޞަ ގޮތެއްގައި ގުޑްގަވަރަނަންސާއި ތަޢުލީމާއި ކުޅިވަރާއި އަންހެނުން ބާރުވެރިކުރުމުގެ ގޮތުން ލިބެންހުރި ގިނަ ފުރުޞަތުތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

ސީޕީއޭގެ މެމްބަރަކަށް ރައްޔިތުންގެ މަޖިލީސް ވުމާ ގުޅޭ ގޮތުން އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕުގެ ލީޑަރ މެދުހެންވޭރު ދާއިރާގެ މެމްބަރ ޢަލީ ޢާޒިމް ވަނީ މަޖިލީހަށް ޤަރާރެއް ހުށަހަޅައިފައެވެ. އެ ޤަރާރަށް މެމްބަރުންގެ ތާއީދުވެސް ވަނީ ލިބިފައެވެ.

މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ކުރީގެ ސަރުކާރުން ނިންމީ ކޮމަންވެލްތުން ރާއްޖެ ވަކިކުރުމުގެ ފިޔަވަޅުއެޅުމަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށްކަމަށެވެ. ކޮމަންވެލްތުން ވަކިވުމުން އޭރުގެ ސަރުކާރަށް ހީވެފައި އޮތީ ޚުދުމުޚުތާރު ގޮތުގައި ވެރިކަން ކުރެވޭނެކަމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އެގޮތަށް އެކަން ވެގެން ނުދިޔަކަން ފާހަގަ ކުރެއްވިއެވެ. މާގިނަ ދުވަސްތަކެއް ނުވެ އެނގިރޭސި ޚާރިޖީ ވަޒީރު ރާއްޖެއަށް ވަޑައިގެން ކޮމަންވެލްތުން، އިޞްލާޙު ކުރުމަށް ސަރުކާރަށް ހުށަހެޅި ކަންކަން ރަނގަޅު ކުރުމަށް އެދި ވަޑައިގެންނެވިކަމަށެވެ. އެހެން އެކަން ނުކޮށްފިނަމަ ރާއްޖެއަށް ދަތިތަކެއް ކުރިމަތިވެދާނެކަމަށް ވިދާޅުވެފައިވާކަން މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.