ރަޝިޔާގެ މަގުސަދަކީ ޔުކްރޭން 'ކުޑަކަކޫ މައްޗަށް ތިރިކޮށްލުން'

ރަޝިޔާގެ އަސްކަރީ އުޅަނދުތަކެއް ޔުކްރޭންގައި

ރަޝިޔާއިން އެގައުމުގެ އަވަށްޓެރި ޔުކްރޭނާ ދެކޮޅަށް އެއްގަމާއި، ވަޔާއި، ކަނޑުން ދޭން ފަށާފައިވާ ވަރުގަދަ އަސްކަރީ ހަމަލާގެ މަގުސަދަކީ ޔުކްރޭން ހިފުން ނޫން ކަމަށާއި، އެ ގައުމު 'ކުޑަކަކޫ މައްޗަށް ތިރިކޮށް' ރަޝިޔާއަށް ބޯލަނބައި، ރަޝިޔާގެ ޝަރުޠުތައް ގަބޫލުރުކުމަށް މަޖުބޫރުކުރުން ކަމުގައި ހަމަލާ ދިރާސާކުރާ ބައެެއް ފަރާތްތަކުން ބުނެފިއެވެ. އެ ފަރާތްތަކުން މިހެން ބުނެފައި ވަނީ ރަޝިޔާގެ ހަމަލާކުރިއަށްދާ ގޮތާއި، ހަމަލާގެ ކުރިން ރަޝިޔާގެ ބަސްމަގު ހުރިިގޮތަަށް ބަލައިފައެވެ.  

މި ހަމަލާގައި، ރަޝިޔާއިން ވަަނީ ބެލިސްޓިކް މިސައިލްގެ ހަމަލާތަކުން ޔުކްރޭންގެ އަސްކަރިއްޔާގެ މުހިއްމު މަރުކަޒުތައް ހަލާކުކޮށް، ރަޝިޔާއަށް އެގައުމުގެ ފަރާތުން ނުރައްކަލެއް ނެތްކަން ޔަގީންވާވަރު ކޮށްލާފައެވެ. މީގެ އިތުރަށް، ވެރިރަށް ކިޔީވްއާއި، ޗެރްނޯބީލް ސަރަހައްދަށް ކޮމާންޑޯޒް ބާލާފައިވާ ކަމުގެ ޚަބަރުތައް ވެސް ދަނީ ލިބެމުންނެވެ. ބެލެވޭ ގޮތުގައި މިކަމުގެ ބޭނުމަކީ މުހިއްމު ތަންތަނުގެ ކޮންޓުރޯލު އަތުލުމެވެ.

ޔުކްރޭނާ ދެކޮޅަށް ދެމުންދާ ހަަމަލާތަކުގައި އަވަށްޓެރި ބެލާރޫސްގެ ސަރަހައްދުވެސް ރަޝިޔާއިން ދަނީ ބޭނުންކުރަމުންނެވެ. ބެލާރޫސްއިން އުދުއްސާލި މިސައިލްތައް ވަނީ ޔުކްރޭންގެ ހުޅަނގުގެ މުހިއްމު ތަންތަނަށް އަމާޒުކޮށްފައެވެ. އަދި ހުޅަނގު ދެކުނުގައިވާ އަސްކަރީ މަރުތަކަށާއި، ހަތިޔާރު އުފައްދާ ކާރުޚާނާތަކަށްވެސް އަމާޒުކޮށްފައެވެ. ހަމަނުޖެހުން ބޮޑުވެފައިވާ، އިރުމަތީގެ ސަރަހައްދުތަކަށް އެ މިސައިލްތަކުން ހަމަލާދީފައި ނުވެއެވެ. ޔުކްރޭންގެ ސިފައިންގެ ކޮމާންޑަރ އިން ޗީފް ވެލެރީ ޒަލޮޖީނީ ވަނީ މިކަމަށް އެއްބަސްވެވަޑައިގެންފައެވެ.

2008 ވަނަ އަަހަރު ރަޝިޔާ ސިފައިން ޖޯޖިޔާއަށް ދިން ހަމަލާގައްޔާއި، 2014 ވަނަ އަހަރު ޔުކްރޭންގެ ކްރައިމިޔާއަށް ހަމަލާދީ އެތަން އަތުލިއިރުވެސް ރަޝިޔާ ސިފައިން އަމަލުކޮށްފައި ވަނީ މިފަދައިންނެވެ. ބޭނުމަކީ ވަރުގަދަ ރައްދެއް ދިނުމުގެ ބާރު ކަނޑުވާލައި ރަޝިޔާ ބޭނުންގޮތަަށް އެއްބަސްވުމަށް މަޖުބޫރުކުރުމެވެ.

މިއަދު ރަޝިޔާއިން ފެށި ވަރުގަދަ ހަމަލާއަށް ފަހު ޔުކްރޭންގެ ލަޝްކަރު 'ވިއްސިވިހާލިވެފައިވާ' ކަމުގެ ޚަބަރުތައްވެސް ދަނީ ލިބެމުންނެވެ. ޔުކްރޭންގެ ވައިގެ އަސްކަރިއްޔާއާއި، ވައިގެ ދިފާއީ ނިޒާމުގެ ބާރު ވަނީ މުޅިން ކެނޑިފައިކަމަށް ވެެއެވެ. އެހެންކަމުން، އެ ގައުމުގެ އެއްގަމު ސިފައިން މިހާރު ވާނީ ހިމާޔަތުގެ އައްޑަނައިން މަހުރޫމުވެފައެވެ.

ވެރިރަށް ކިޔީވް ކައިރިން އަސްކަރީ 14 މީހުންނާއިގެން މަތިންދާބޯޓެއް ވައްޓާލާފައިވާ ކަމަށް ޔުކްރޭންއިން ބުނެފައިވާއިރު، ކިޔީވްގެ ސަރަހައްދުތަކަށް ރަޝިޔާ ސްޕެޝަލް ފޯސަސް ފައިބާފައިވާ ކަމުގެ ބިރުވެސް އެބައޮތެވެ. އަދި ކިޔީވްގެ އެއާޕޯޓު ކައިރިއަށް ރަޝިޔާގެ ކޮމާންޑޯޒް ފައިބާފައިވާ ކަމަށް ޚަބަރުތައް ބުނާއިރު، ޔުކްރޭންގެ ދާޚިލީ ވުޒާރާއިން ވަނީ ވެރިރަށް ކިޔީވް ކައިރީގައި ހަމަލާތަކެއް ބަދަލުކޮށްފައިވާކަން ޔަގީންކޮށްދީފައެވެ.

ރައީސު ޕުޓިން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް، ރަޝިޔާ ޑިފެންސް މިނިސްޓްރީގެ މަގުސަދަކީ އިރުމަތީ ޔޫރަޕްގެ އެހެން ގައުމުތަކުންވެސް ހުޅަނގު ކޮޅަށް މާބޮޑަށް ޖެހި ރަޝިޔާއަށް ނުރައްކާކުރަން ޖެހިލުންވާ ފަދަ ފިލާވަޅެއް ޔުކްރޭންއަށް ދިނުންކަމަށް މިހާރު ބެލެވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.