ޔުކްރޭންގެ ރޭލްވޭ ސްޓޭޝަނަކަށް ރަޝިޔާއިން ދިން ހަމަލާއެއްގައި 39 މީހުން މަރުވެއްޖެ

ކްރަމަޓޮރްސްކްގެ ރޭލްވޭ ސްޓޭޝަނަށް ރަޝިޔާއިން ދިން ހަމަލާގައި އަނިޔާވި ބައެއް މީހުން

އިރުމަތީ ޔުކްރޭންގެ ރަށެއް ކަމުގައިވާ ކްރަމަޓޮރްސްކް ގެ ސަރުކާރުން ހާމަކުރި ގޮތުގައި ރެފިއުޖީންގެ ގިިނަ ބަޔަކާއި، އެ ރަށު މީހުންގެ ގިނަ ބަޔަކު ތިބި ރޭލްވޭ ސްޓޭޝަނަކަށް ރަޝިޔާއިން ވަނީ މިއަދު (ހުކުރު ދުވަހު) މެންދުރުފަހުގެ ވަގުތެއްގައި ރޮކެޓް ހަމަލާއެއް ދީފައެވެ.

ޔުކްރޭން ސަރުކާރުގެ ރޭލްވޭ ކުންފުނި، ޔުކްރޭނިއަން ރޭލްވޭޒް، އިން ބުނި ގޮތުގައި ކްރަމަޓޮރްސްކްގެ ރޭލްވޭ ސްޓޭޝަނަށް ދިން ހަަމަލާގައި 39 މީހުން މަރުވެ 87 މީހުން ވަނީ ޒަޚަމްވެފައެވެ. ޑޮނެޓްސްކްގެ ގަވަރުނަރު ޕާވްލޯ ކްރިލެންކޯ ވިދާޅުވިގޮތުގައި ޒަޚަމްވި މީހުންގެ ތެރޭން ގިނަބައެެއްގެ ހާލު ދެރައެވެ.

ހަމަލާ އަމާޒުވި ރޭލްވޭ ސްޓޭޝަން ބޭނުންކުރަމުން ދިޔައީ ރަޝިޔާ ހަމަލާދެމުންދާ ސަރަހައްދުތައް ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދާ އާއްމުން ފުރުުވުމަށެވެ. ކްރަމަޓޮރްސްކްގެ މޭޔަރު އޮލެކްސާޑަރް ހޮންޗަރެންކޯ ވިދާޅުވި ގޮތުގައި އެ ސްޓޭޝަނަށް ރަޝިޔާގެ ރޮކެޓް ހަަމަލާ އަމާޒުވި އިރު އެތަނުގައި 4000 އެއްހާ މީހުން ތިއްބެެވެ. އަދި އެމީހުންގެ ތެރޭގައި ގިނައީ އަންހެނުންނާ ކުޑަކުދިންނެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ވަނީ ރޭލްވޭ ސްޓޭޝަނަށް ހަމަލާ ނުދޭކަމަށް ބުނެފައެވެ.

" ކްރަމަޓޮރްސްކްގެ ރޭލްވޭ ސްޓޭޝަނަށް އެޕްރީލް 8 ގައި ރަޝިޔާ 'ހަމަލާދިން' ކަމަށް ބުނެ ކިޔީވްގައި އޮތް ވަޠަނީ ސަރުކާރުގެ މަންދޫބުން ދައްކާ ވާހަކަތަކަކީ މަސްރަހު ހޫނުކުރުމަށް ދައްކާ ވާހަކަތަކެއް. އަދި އެއީ މުޅިން ހަގީގަތާ ޚިލާފު ވާހަކަތަކެއް." ޑިފެންސް މިނިސްޓްރީގެ ބަޔާނެއްގައި ވެއެވެ.

ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ރޭލްވޭ ސްޓޭޝަނަށް ދިން ހަމަލާގައި ބޭނުންކޮށްފައި ވަނީ ޔުކްރޭން ސިފައިން ބޭނުންކުރާ ވައްތަރުގެ މިސައިލެކެވެ. އަދި މާރިޗު މަހުގެ 14 ވަނަ ދުވަހު ޑޮންޓްސް ސިޓީއަަށް ދިން ހަމަލާގައިވެސް ބޭނުންކޮށްފައި ވަނީ އެ ވައްތަަރުގެ މިސައިލެކެވެ. އެ ހަަމަލާގައި 14 މީހަކު މަރުވެފައި ވެއެވެ.

އެހެންނަމަވެސް، ޔުކްރޭންގެ ރައީސު ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވިގޮތުގައި ކްރަމަޓޮރްސްކްގެ ރޭލްވޭ ސްޓޭޝަނަށް ދިން ހަމަލާގައި ބޭނުންކޮށްފައި ވަނީ ރަޝިޔާގެ ޓޮޗްކާ-ޔޫ މަރުކާގެ ބެލިސްޓިކް މިސައިލެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.