އިންޑިޔާގެ ކަރްނާޓަކާ ސްޓޭޓުގެ ސަރުކާރު ކޮލެޖަކަށް މުސްލިމް އަންހެން ދަރިވަރުން ބުރުގާ އަޅައިގެން ވަނުން މަނާކުރުމާ ގުޅިގެން ފެނުނު އިހުތިޖާޖުތައް އެ ސްޓޭޓުގެ ކަންކޮޅުތަކަށް ފެތުރި، ހަމަނުޖެހުންތަކަށް ބަދަލުވުމާގުޅިގެން ކަރްނަޓާ ސްޓޭޓުގެ ހުރިހާ ހައިސްކޫލެއް ތިން ދުވަހަށް ބަންދުކުރުމަށް އެ ސްޓޭޓުގެ ސަރުކާރުން ނިންމައިފިއެވެ.
"ގާނޫނުގެ ބާރާއި، ހަމަޖެހުމާއި، އަމާންކަމާއި، މުޖްތަމައުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި (ހައި) ސްކޫލްތަކާއި ކޮލެޖްތައް ތިން ދުވަހަށް ބަންދުކުރުމަށް އަހަރެން އަމުރުކޮށްފިން." އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ހުންނަވައިގެން ނެރުއްވި ބަޔާނެއްގައި ކަރްނާޓަކާގެ ޗީފް މިނިސްޓަރު ބަސަވަރާޖް ބޮއްމައި ވިދާޅުވިއެވެ.
"ސުލްހަވެރިކަމާއި، އަމާންކަން ދެމެހެއްޓުމަށް ސްކޫލްތަކާއި، ކޮލެޖްތަކުގެ ދަރިވަރުންނަށާއި، މުދައްރިސުންނަށާއި، ހިންގުންތެރިންނަށް އަހަރެން އިލްތިމާސްކުރަން." ޗީފް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
ހަރުކަށި ހިންދޫ ވަޠަނީ ފިކުރުގެ ޕާޓީ، ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ވެރިކަމުގައި އިންޑިޔާގައި ބައިމަދު ނަސްލުތަކާއި، ދީންތަކުގެ މީހުންނާ ދެކޮޅަށް އާއްމުވަމުންދާ ނުބައި ތަސައްވުރު ކަރްނާޓަކާގައި ފެށިފައިވާ ދަރިވަރުންގެ ހަމަނުޖެހުމުން ވަނީ ފެނިގެން ގޮސްފައެވެ.
ބުރުގާގެ މައްސަލަ ފުރަތަމަ ފެށުނު ކޮލެޖް، އުޑުޕި އަވަށުގައި ހުންނަ މަހާތަމާ ގާންދީ މެމޯރިއަލް ކޮލެޖް (އެމްޖީއެމް) ކޮލެޖުގެ ބޭރުގައި ބުރުގާ އަޅައިގެން ތިބި މުސްލިން އަންހެން ދަރިވަރުންނާއި، އޮރެންޖު ކުލައިގެ ފަގުޑި އަޅައި، ކަރުގައި ކަރުގައި އެކުލައިގެ ފޮތުގަނޑު އޮޅައިގެން ތިބި ހިންދޫ ދަރިވަރުންނާ ދެމެދު ހިއްޔެ ވަނީ ކުރިމަތިލުމެއް ހިނގާފައެވެ. މި ހަމަނުޖެހުން ހުއްޓުވާފައި ވަނީ ފުލުހުން ކަރުނަ ގޭސް ބޭނުންކޮށްގެންނެވެ.
މުސްލިމް ދަރިވަރު އެދެމުން ދިޔައީ ބުރުގާ އަޅައިގެން ކޮލެޖަށް ވަނުމުގެ ހުއްދަ ދިނުމަށެވެ. ހިންދޫ ދަރިވަރުން ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލާފައެވެ.
އެމްޖީއެމް ކޮލެޖް ކުރިމަތީގައި ފެށުނު އިހްތިޖާޖުތައް އެ ސަރަހައްދުގެ އެހެން އަވަށްތަކަށް ފެތުރިފައި ވާއިރު، ފުލުހުން ގެންދަނީ އެ ސަރަހައްދުގެ ކޮލެޖުތަކާއި، ހައި ސްކޫލުތަކުގެ ކުރިމަތީގައި ފޯރިމަރަމުންނެވެ.
ފާއިތުވި ޖަނަވަރީ މަހު އެމްޖީއެމް ކޮލެޖުން އެ ކޮލެޖުގެ މުސްލިމް އަންހެން ދަރިވަރުން ބުރުގާ އަޅައިގެން ކޮލެޖަށް އައުން މަނާކުރުމާ ގުޅިގެން ކަރްނާޓަކާގެ އެހެން ބައެއް ކޮލެޖުތަކުން ވެސް ވަނީ އެގޮތަށް އަމަލުކުރަން ފަށާފައެވެ.
ކޮލެޖްތަކުގެ ކެމްޕަސްތަކުގެ ތެރޭގައި މުސްލިމް ދަރިވަރުން އެމީހުންގެ ބުރުގާ އެޅުމުގެ ހައްގު ހޯދަން އަޑުއުފުލަން ފެށުމުން، އެ ކޭމްޕަސްތަކުގައި ތިބި ހިންދޫ ދަރިވަރުން ވަނީ އެމީހުންނާ ދެކޮޅަށް ނުކުމެފައެވެ.
"ހަމަ ކުއްލިއަކަށް އެމީހުން މިބުނަނީ ކަލޭމެން ބުރުގާ އަޅައިގެން ނުވާނެޔޭ. އެމީހުން އެވާހަކަ މިހާރު މިދައްކަން ފެށީ ކީއްވެ؟
އެމްޖީއެމް ކޮލެޖުގައި ކިޔަވަމުންދާ މުސްލިމް ދަރިވަރެއް ކަމުގައިވާ ޢާއިޝާ ބުންޏެވެ.
ޢާއިޝާ ބުނި ގޮތުގައި އޭނާ ބުރުގާ އަޅައިގެން ދިއުމުން މުދައްރިސު ވަނީ ކެމިސްޓްރީ އިމްތިހާނުން އޭނާ ބޭރުކޮށްލާފައެވެ.
"އަހަރުމެން އެއްވެސް ދީނަކާ ދެކޮޅަށް ނެތިން. އަހަރުމެން އެއްވެސް ބަޔަކާ ދެކޮޅަށް އިހުތިޖާޖެއް ނުކުރަން. އަހަރުމެން މަސައްކަތްކުރަނީ އަހަރުމެންގެ ހައްގު ހޯދަން." ޢާއިޝާ ބުންޏެވެ.