އިންޑިޔާގައި ހައިކޯޓުގެ އަމުރާ ޚިލާފަށް މިސްކިތެއް ބިމާ ހަމަކޮށްލައިފި

ތަޅާލާފައިވާ މިސްކިތް ހުރިތަން

އިންޑިޔާގެ އުއްތަރު ޕްރަދޭޝް ސްޓޭޓުގެ ހައިކޯޓުން މިސްކިތެއް ތަޅާނުލަން އަމުރު ނެރެފައި ވަނިކޮށް އެއަމުރާ ޚިލާފަށް އެ ސްޓޭޓުގެ އަވަށަކުން މިސްކިތެއް ބިމާ ހަމަކޮށްލައިފިއެެވެ.

ހަރުކަށި ހިންދޫން ނުކުމެ އަޔޯދިޔާގައި ހުރި ބާބްރީ މިސްކިތް 1992 ވަނަ އަހަރު ތަޅާލި ފަހުން މުސްލިމުންނާ ދެކޮޅަށް ހިންގި ނަފުރަތުގެ އެންމެ ބޮޑު އަަމަލު ކަމުގައި ބެލެވޭ މި އަމަލު ހިންގާފައި ވަނީ ބާރާބަންކީ ޑިސްޓްރިކްޓްގެ ސަރުކާރުންނެވެ. މިއީ އަޔޯދިޔާ ޑިސްޓްރިކްޓާއި އެއް އިންވެގެން އޮންނަ ޑިސްޓްރިކްޓެކެވެ.

ހޯމަ ދުވަހުގެ ވަގުތެއްގައި ފުލުުހުންނާއި ސަލާމަތީ ބާރުތަކުން ވަދެ މީހުން ހުސްކުރުމަށް ފަހު ބުލްޑޯޒަރު ވައްދައި ބިމާއި ހަމަކޮށްލާފައި ވަނީ މަސްޖިދު ޣަރީބު ނަވާޒު ޢަލީ މައުރޫފު މިސްކިތެެވެ. މި މިސްކިތަކީ އިންޑިޔާގައި އިނގިރޭސިން ވެރިކަން ކުރި ޒަމާނުއްސުރެ އެތަނުގައި ހުރި މިސްކިތެކެވެ.

އުއްތަރު ޕްރަދޭޝްގައި އޮތީ އިންޑިޔާގެ މައި ސަރުކާރުން ހިންގާ ހިންދޫ ވަޠަނީ ޕާޓީ، ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ސަރުކާރެކެވެ. އަދި ޗީފް މިނިސްޓަރަކަށް ހުރީ ހަރުކަށި ހިންދޫ ހާމުދުރެއް ކަމުގައިވާ ޔޯގީ އަދިޔަނާތުއެވެ. އޭނާއަކީ މުސްލިމުންނަށް ނަފުރަތުކުރުމުގައި ހައްދު ފަހަނައަޅާފައިވާ މީހެކެވެ.

ސަރުކާރުން މިސްކިތް ތަޅާލަން އުޅޭތީ މިސްކިތް ބަލަހައްޓާ ކޮމިޓީން އިލާހްއާބާދު ހައިކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން 24 އެޕްރީލުގައި ނެރުނު ހުކުމުގައި ވަނީ "2021/05/31 ގެ ކުރިން (އެތަނުން) ބަޔަކު ބޭރުކުރުން، މިލްކުވެރިކަން ނިގުޅައިގަތުން އަދި ތަޅާލުން ފަދަ އެެއްވެސް ކަމެއް ކުރުން މަޑުޖައްސާލަން" އަންގާފައެވެ

ކޯޓު އަމުރު މިހެން އޮތް ނަމަވެސް، ބާރާބަންކީ ޑިސްޓްރިކްޓްގެ މެޖިސްޓްރޭޓް އާދަރްޝް ސިންގް ވަނީ އެތަނުގައި މިސްކިތެއް ހުރިކަން ގަބޫލުކުރަންވެސް ދެކޮޅު ހަދާފައެެވެ.

"އަަހަރެން ނުދެނަހުރިން އެތަނުގައި މިސްކިތެއް ހުރި ކަމެއް. އެތަނުގައި ހުރީ ގާނޫނާ ޚިލާފަށް ހަދާފައި ހުރި ތަނެއް." އޭނާ ބުންޏެެވެ.

މިސްކިތު ކޮމިޓީގެ ފަރާތުން ވާހަކަދެއްކެވި އިމާމު، މައުލާނާ ޢަބްދުލް މުސްޠަފާ ވިދާޅުވި ގޮތުގައި، އެ މިސްކިތަށް ފަސް ވަގުތު އެތައް ހާސް ބަޔަކު ނަމާދަށް ދިޔަނަމަވެސް، ފުލުހުންނާއި ސަލާމަތީ ބާރުތަކާއި ކުރިމަތި ލައިިފިނަމަ ލިބިދާނެ ގެއްލުމެއްގެ ބޮޑުކަމުން އެއްވެސް ބަޔަކަށް މިސްކިތް ތަޅާލުމާ ދެކޮޅަށް ނުކުންނަން ނުކެރުނެވެ. އަދި އެކަމާ ދެކޮޅަށް އިހުތިޖާޖުކުރާކަށް ވެސް ނުކެރުނެވެ. މުސްލިމުން އިޚުތިޔާރުކުރީ  ގޭގައި ތިބުމަށެވެ.

އުއްތަރު ޕްރަދޭޝްގައި ޔޯގީ އަދިޔަނާތު އިސްވެހުރެ ހިންގާ ސަރުކާރަކީ އިންޑިޔާ ދުށް އެންމެ ހައްދު ފަހަނައަޅާފައިވާ އެއް ސަރުކާރެެވެ. އޭނާ ދަނީ އިންޑިޔާގެ ގާނޫނުތަކަށްވެސް ބެލުމެއް ނެތި މުސްލިމުންނާ ދެެކޮޅަށް އަނިޔާވެރި އެތައް އަމަލެއް ހިންގަމުންނެވެ. އަދި މިކަންކަމަށް ހިތްވަރު ދެނީ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ މައި ސަރުކާރުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.