އިންޑިޔާގެ އުއްތަރު ޕްރަދޭޝްގައި ހިންދޫ ފަޅިއަކާ އިންވެގެން އަޅާފައި ހުރި އެތައް ގަރުނެއް ވެފައިވާ މިސްކިތެއްގެ މައްސަލައިގައި އެ ސްޓޭޭޓުގެ ކޯޓަކުން އަމުރުނެެެރެފިއެވެ.
ވަނާރްސީގެ ސިވިލް ކޯޓުން އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިޔާ (އޭއަސްއައި) ގެ މައްޗަަށް އަމުރުކޮށްފައި ވަނީ އެރަށުގައި ހުންނަ ކާޝީ ވިޝްވަނާތު ފައްޅިއާއި އިންވެގެން ގިޔާންވާޕީ މިސްކިތް އިމާރާތްކޮށްފައި ހުރީ ކައީރީގައިހުރި ފައްޅިން ބައެއް މިސްކިތަށް ވަންނަ ގޮތަށްތޯ ބެލުމަަށެވެ،
ކޯޓަށް ޕެޓިޝަން ހުށަހެޅި ހަރުކަށި ހިންދޫން ދައުވާކުރަނީ އެ މިސްކިތް ބިނާކޮށްފައި ވަނީ ފައްޅީގެ ބިމުގައި ކަމަށެވެ. އެެހެންނަމަވެސް ގިޔާންވާޕީ މިސްކިތުގެ ކަންކަން ބަލަހައްޓާ ކޮމިޓީ، އަންޖުމަން އިންތިޒާމިއްޔާއެ މަސްޖިދުއިން އެކަން ދޮގުކުރެއެވެ.
ގިޔާންވާޕީ މިސްކިތަކީ މީލާދީން 1669 ވަނަ އަހަރު މުޣަލް ރަސްގެފާނު އައުރަންގް ޒޭބް ބިނާކުރެއްވި މިސްކިތެކެވެ. ހިންދޫން ދައުވާކުރާ ގޮތުގައި އޭރު މިސްކިތް ބިނާކުރިއިރު ފައްޅީގެ ބައެެއް ތަޅާލައި މިސްކިތުގެ ތެރޭގައި ހިމަނާފައި ވާކަމުގެ ހެކި ފެންނާން އެބަހުއްޓެވެ.
ކޯޓުން ވަނީ ދެ ހިންދޫންނާއި، ދެ މުސްުލިމުންނާއި، އާކިއޮލޮޖިސްޓަކު ހިމެނޭ ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައި އެ ކޮމިޓީގެ ބެލުުމުގެ ދަށުން މިސްކިތް ހުރި ތަނުގެ "ފުރިހަމަ ސާވޭއެއް" ކުރުމަށް ފަހު އަންނަ މޭ މަހުގެ 31ވަނަ ދުވަހުގެ ކުރިން ރިޕޯޓު ހުށަހެޅުމަށް އަމުރުކޮށްފައެވެ.
ވަނާރްސީގައި ހުރި މި އާސާރީ މިސްކިތުގެ މައްސަލަ 1991 ވަނަ އަހަރުވެސް ކޯޓަށް ވެއްދިއެވެ. ނަމަވެެސް އެ މައްސަލައިގައި ކޯޓުން އަމުރެއް ނެރެފައި ނުވެއެވެ.
ވަނާރްސީއާ 280 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ އަޔޯދިޔާގައި ހުރި ބާބްރީ މިސްކިތް ތަޅާލުމަށް ފަހު ހަރުކަށި ހިންދޫން ގިޔާންވާޕީ މިސްކިތް ވެސް ތަޅާލަން މަސައްކަތްކުރިއެވެ. އެެހެންނަމަވެސް، އޭރުގެ ސަރުކާރުން ވަނީ އެއްހާސް ފުލުހުން އެސަހަރައްދުގައި ބައިތިއްބައިގެން މިސްކިތް ހިމާޔަތްކޮށްފައެވެ.
ބައެއް ގާނޫނީ ތަޖުރިބާކާރުން ދެކޭގޮތުގައި އިއްޔެ ވަނާރްސީ ސިވިލް ކޯޓުން ނެރުނު އަމުރަކީ 1991 ވަނަ އަހަރު ފާސްކޮށްފައިވާ އަޅުކަންކުރާ ތަންތަނާ ބެހޭ ގާނޫނާ ޚިލާފު އަމުރެކެވެ. އެ ގާނޫނުގައި ވާގޮތުން އިންޑިޔާގައި ހުރި އަޅުކަންކުރާ އާސާރީ ތަންތަނަށް އެއްވެސް ބަދަލެއް ނުގެނެސް 15 އޮގަސްޓް 1947 ގައި އިނގިރޭސިންގެ އަތްދަށުން އިންޑިޔާ މިނިވަންވިއިރު އެ ތަންތަން ހުރި ގޮތަށް ބަހައްޓަން ޖެހެއެވެ.