(6 ޖަނަވަރީ 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ކޮޓަރި ތެރެެއިން އިވުނީ ރުޚްސާނާގެ މަންމަގެ އަޑެވެ. އޭނާ ދިޔައީ ކާމްރާނަށް ގޮވަމުންނެވެ.
ފަރީދު އަޙްމަދު ބުންޏެވެ. "އޭނާ އިސާހިތަކު މޮޔަވެދާނެ. މާމަދަރި ނުފެނިއްޖެއްޔާ މަރުވެދާނެ."
ފަރުޒާނާ ފިނި ގޮތަކަށް ބުނެލިއެވެ. "ބައެއް މީހުން މަރުވަނީ ހަޅޭއް ލެވުމުގެ ތެރޭގައި. އަނެއް ބަޔަކު މަރުވަނީ އަނގައިން އަޑެއްވެސް އިއްވާނުލައި ތިބެގެން ހިމޭންކަމާއެކު."
ފަރީދު އަޙްމަދު ލަދުން އިސްޖަހައިލިއެވެ. "ތިޔަ ދައްކާ ވާހަކައިގެން މާނަ ބޭބެއަށް އެބަ ވިސްނޭ."
ރުޚްސާނާގެ މަންމަ ކޮންމެވެސް އެއްޗެކޭ ކިޔަމުން ކޮޓަރިން ނުކުމެގެން އަތުވެއްޖެއެވެ.
"ކާމީއެއް ނެތް. ކޮއިފުޅު ސަމާސައެއް ކުރީތަ؟"
"ދައްތާ. ސަމާސާ ތިޔަ ކުރަނީ ދައްތަ. ކާމީ މި ގޭގައި އޮވެދާނެ ކަމަށް ދައްތަ ގަބޫލުކުރީ އަހަންނާ އެ ކުއްޖާޔާ ކޮން ގުޅުމެއް އޮވެގެންތަ؟ އެކަހަލަ ކަމެއް ކޮށްފައި އަހަރެން ތަންގަނޑު މީހުންނަށް ދައްކާނީ ކޮން މޫނެއް؟"
ރުޚްސާނާގެ މަންމަ އޭނާގެ ފިރިމީހާޔާ ދިމާއަށް ބަލައިލިއެވެ. "އަހަރެން ހުއްޓވިނަމަ. މި އައީ އެއްވެސް ކަމަކާ ނުލައި މުޅި ގެ ބަލައި ފާސްކޮށްފައި."
"ދައްތަ ހުއްޓުވުން ރަނގަޅު ކަމަކަށް ނުވީސް. އެންމެ ފުރަތަމަ ދައްތަ މި ގެއަށް އައީ ދަރިފުޅު ރުޚްސާނާ މި ގޭގައި އުޅޭތޯ ބަލަން. އެ ދުވަހުވެސް ހަމަ ތިޔަ ގޮތަށް މުޅި ގެ ބަލައި ފާސްކުރި. ދައްތަމެންގެ ގޮތް އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ. އަހަރެން ދައްކާ ވާހަކައެއް ދައްތަ ގަބޫލެއް ނުކުރާނެ. ފާސްކުރިޔަ ދިނީ އެހެން ވެގެން. މިހާރު ހިތްހަމަ ޖެހިއްޖެނު؟"
"ބޭނުން ވަރަކަށް މަލާމާތް ކުރޭ. އަހަރެން އަޑު އަހާނަން. އަހަރެމެންގެ ދަނބިދަރިއަކީ އަހަރެމެންގެ ދަރިފުޅުހައި ތައުލީމީ މީހަކު ނަމަ މިހާރު މި ދެކޭ ދުވަސް ދެކޭކަށް ނުޖެހުނީސް."
ފަރުޒާނާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. "ދައްތާ. އަހަރެން ހަމަ އަޖައިބު ވެއްޖައިން. އަދިވެސް ދައްތަމެނަކަށް އަމިއްލަ ކުށުގެ އިހުސާސެއް ނުކުރެވޭތަ؟ ތިޔަ ގެންދަނީ ކެނޑިނޭޅި ޖާނީގެ ބޮލުގައި އެކި ކަހަލަ އިލްޒާމު އަޅުވަމުން. އޭނާ ކުރީ ކީއްތަ؟ އޭނާ ދައްތަމެނަށް މަކަރެއް ހެދިތަ؟ އޮޅުވައިލިތަ؟ ދައްތަމެންގެ ދަރިފުޅު ދޫކޮށްލާފައި ގޮސް އެހެން މީހަކާ އިންނާން އުޅެނީތަ؟ ދައްތަމެންގެ ދަރިފުޅު ގެންގޮސް ދޮން އަމައެއްގެ އުނގަށް ލީތަ؟ އޭނާ ކުރީ ކީއްކަމާއި ދައްތަމެން އޭނާޔާމެދު ކަންތައް ކުރި ގޮތާ މެދު ނިކަން ވިސްނައިލަބަލަ."
ފަރީދު އަޙްމަދު ބުންޏެވެ. "ކޮއިފުޅު ކިތަންމެ ވަރަކަށް ވާހަކަ ދެއްކިޔަސް މީނާއަކަށް ނުވިސްނޭނެ. ބުއްދީގައި އެޅުވިފައި ހުންނަ ތަޅަކީ ތަގުދީރުގެ އެތިފަހަރަކުންވެސް ހުޅުވޭ އެއްޗެއް ނޫން. އެ ތަޅު ހުޅުއްވޭނީ ހަމަ އެކަނި ﷲ ތަޢާލާއަށް."
ދެން ފަރީދު ވާހަކަދެއްކީ އޭނާގެ އަނބިމީހާޔާއެވެ. "އަނގަ މަޑުން ލައިގެން އިންނައްޗޭ އަހަރެން އެތައް ފަހަރަކު ކަލޭ ގާތު ބުނިން. އެތައް ފަހަރަކު ވިސްނައިދިނިން. އަމިއްލަ އެދުމެއް ހާސިލު ކުރަން އުޅޭ މީހަކުނަމަ ވާހަކަދައްކަން ޖެހޭނީ މަޑުމައިތިރިކަމާއެކު. ޖާނީގެ ބޮލުގައި އިލްޒާމު އަޅުވައިގެން ކުރާނޭ ފައިދާއެއް ނޯންނާނެ. މިހާރު މި ވިސްނައިދެނީ ފަރުޒާނާގެ ކުރިމަތީގައި."
އޭނާ ކުއްލިއަކަށް މަޑު އަލަފަތްގަނޑެއްހެން ވެއްޖެއެވެ. ހިނިތުންވެލައިފައި ފަރުޒާނާގެ އަތުގައި ހިފައިލިއެވެ. "އަހަރެންގެ ބުއްދި ހުންނަނީ ރޯނާވެފައި. ވާނޭ ގޮތަކާ މެދު ވިސްނާނުލައި ހިތަށް އެރި އެއެްޗެއް ބުނެލުމަކީ އަހަރެންގެ އުނި ކަމެއް. މި މުސްކުޅި ދައްތައަކީ މޮޔައެއް ކަމަށް ބަލާފައި މާފުކޮށްލާ. މާމަދަރި ގެއްލުނީމާ އަހަރެންގެ ހަމަބުއްދި ފިލައިފި."
"އަމިއްލަ ބުއްދި ގެއްލުނީމާ އެހެން މީހުންގެ މަޝްވަރާ ގަބޫލު ކުރަން ދަސްކުރޭ. ބާދްޝާ ޖާނީއާ މެދު ކަންތައް ކުރި ދެރަ ނިކަމެތި ގޮތުގެ ބަދަލު އޭނާއަށް ދީ. އެކަމާ ދެރަވޭ. އެ ދެރަވުން ޖާނީއަށް ބަހާއި އަމަލުން ދައްކާ. އެއީ ވަރަށް ހިތްހެޔޮ މީހެއް. އޭނާގެ ކުރިމަތީގައި މާފަށް އެދި އިސްލާހުވުމާއެކު އަނެއްކާވެސް ލޯތްބާއެކު އުޅެން ފަށައިފާނެ."
"ފަރުޒާނާ ބުނި ކޮންމެ ގޮތަކަށް ދައްތަ ހަދާނަން. އަހަރެމެންނާއެކު ޖާނީ ގާތަށް ހިނގާ. އަހަރެމެންގެ ފަރާތުން އޭނާޔާ ވާހަކަދައްކައިދީ. އަހަރެން ފަރުޒާނާގެ ކުރިމަތީގައި އޭނާގެ ކިބައިން މާފަށް އެދޭނަން. ރުޚްސާނާ އޭނާއަށް މަކަރު ނުހަދާ ވާހަކައާއި ކުރި ކަމެއް ކުރީ އަހަރެންކަންވެސް އަންގައިދޭނަން."
"އަހަރެން މިއީ ޖާނީއަށް ކަމެއް ވިސްނައިދޭ ކަހަލަ ގުޅުމެއް އޮތް މީހަކީމެއް ނޫން. އެކަމަކު އަހަރެންގެ ބަދުނާމުގެ ލައްގަނޑު ފިލުވައިލާން ބޭނުން ވާތީ ދާނަން. މަޑުކޮށްލާ. އަހަރެން އެބަ އަންނަން ހެދުން ބަދަލު ކޮށްގެން."
ފަރުޒާނާ ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އަލަމާރި ހުޅުވައިލުމަށް ފަހު ހެދުންތައް ހާވަން ފަށައިފިއެވެ. ބާދްޝާ ޖާނީއަށް ރިތީވާ ކަހަލަ ހެދުމެއް ލާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެން ވެއްޖެނަމަ މި މީހުން އަނެއްކާވެސް ކުދި ކިޔަން ފަށާނެއެވެ. އެކަމަކު އަލަމާރީގައި ހުރި ހުރިހައި ހެދުމަކީވެސް އޭނާއަށް ރީތި ހެދުމެވެ. އޭނާ ހުތުރު ކުރާނޭ ކަހަލަ އާދައިގެ އެންމެ ހެދުމެއްވެސް ނެތެވެ.
ގެއިން ނުކުތުމުގެ ކުރިން މޯނު ދޮވެލައި ފުށް ޖަހައިލުމަކީވެސް ކުރަން ޖެހޭ ކަމެކެވެ. އެކަމަކު އެއީވެސް އޭނާ ރީތި ވެދާނޭ ކަމެކެވެ. އެހެންވީމާ އެކަންވެސް ނުކުރަން ކަނޑައެޅިއެވެ. މިހާރު ހުރި ގޮތް އެންމެ ރަނގަޅެވެ.
އޭނާ ލޯގަނޑުގެ ކުރިމައްޗަށް ހުއްޓި އަމިއްލަ ސޫރައަށް ބަލައިލިއެވެ. ރޫބޮނޑިއެއްހެން އޮތް ހެދުމެކެވެ. ބޯ ހުރީ ހޭވިފައެވެ. ލޯ ހުރީ ވަޅުވަދެފައެވެ. މޫނުމަތި ހުރީ މިލައިފައެވެ. މޫނުމަތީން ފެންނަނީ މަހުރޫމީގެ އަސަރެވެ.
އޭނާ ކަންބޮޑުވެފައި ވިސްނައިލިއެވެ. ކިހައި ދެރަ ކަމެއް ހެއްޔެވެ؟ މިހާރު މިހިރަ ގޮތަށް ހުއްޓައި ޖާނީއަށް ފެނިއްޖެއްޔާ ހީކުރާނީ ލޯބިން މަހުރޫމުވީމާ މުޅި މީހާ ހަލާކުވެފައި ހުރީ ކަމުގައެވެ.
އޭނާއަށް އެއް ފަހަރު ބެލެނީ އަލަމާރިއާ ދިމާއަށެވެ. އަނެއް ފަހަރު ބެލެނީ ލޯގަނޑަށެވެ. ހަދަންވީ ގޮތެއް ނުވިސްނުނެވެ. ހުރިހައި ދިމާއަކުންވެސް ފެންނަނީ މައްސަލައެވެ. އެންމެ ފަހުން އޭނާގެ ހިތަށް އެރިއެވެ. ވާ އެއްޗެއް ވެދާނެއެވެ. ދުނިޔެ ދެކެ ބިރުގެންފިއްޔާ ހައްތަހާ ބިރު ގަންނަވާނީއެވެ. ހިތް ސާފިއްޔާ ބިރު ގަންނާންވީ ކާކު ދެކެ ހެއްޔެވެ؟ އަހަރެން އެއްވެސް މީހަކު ދެކެ ބިރެއް ނުގަންނާނަމެވެ.
އޭނާ އަނެއްކާވެސް އަލަމާރި ހުޅުވައިލިއެވެ. ރީތި ހެދުމެއް ނަގައިގެން ގޮސް ފާޚާނާއަށް ވަދެއްޖެއެވެ.
ފަރީދު އަޙްމަދުގެ ދެމަފިރިން ތިބީ ކުލިނިކު ތެރޭގައެވެ. ރުޚްސާނާގެ މަންމަ ކެތްތެރިކަމެއް ނެތް ގޮތެއްގައި އިންތިޒާރު ކުރަނީއެވެ. އިރުއިރުކޮޅާ ދޮރާ ދިމާއަށް ބަލައިލައެވެ. ބައެއް ފަހަރު ތެދުވެ ދެކޮޅަށް ކުރުކާލި ކަނޑައެވެ. އެހެން އުޅެއުޅެފައި ފަރީދާ ދިމާއަށް ބުނެލިއެވެ. "ބަލަން ހުންނާތި. ދާން މި އުޅެނީ ޖާނީ ގާތަކަށްނު؟ މި މަންޖެ ދާނީ ވަރުގެ ކޮޅަށް ނަލަ ހެދިގެންކަން ޔަގީން."
ފަރީދު އަޙްމަދު ނުރުހުންވެފައި ބުންޏެވެ. "ހެޔޮ ނުވާނެ އިރުކޮޅަކަށް ނަމަވެސް އަނގަ މަޑުކޮށްގެން އިނދެބަލަ."
"އިރުއިރުކޮޅާ އަހަރެންގެ އަނގަ މަޑުކުރާށޭ ބުނަނީ ކީއްކުރަން؟ ދޫ ބުރިކޮށްފައި އެއްލާލަންވީތަ؟ ދައްކަން ޖެހޭ ވާހަކަވެސް ނުދައްކަންވީތަ؟ ބަލަން ހުރޭ. އިރުކޮޅަކުން އޭނާ އަންނާނެ."
ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. ފަރުޒާނާ ނުކުމެއްޖެއެވެ. އޭނާ ލައިގެން ހުރީ މަޑު ފިޔާތޮށި ކުލައިގެ ހެދުމެކެވެ. އޭނާގެ ދޮން ހަށިގަނޑު ހީވަނީ ފަރިވެ ފޮޅިފައިވާ ފިނިފެންމަލެއް ހެންނެވެ. އޭނާ ހުރީ ސީރިއަސް މޫޑެއްގައި ކަމުގައި ވިޔަސް މަތިހަދާފައިވާ މޫނުމަތީން ހިނިތުންވުމެއް ފާޅުވާ ކަހަލައެވެ.
ރުޚްސާނާގެ މަންމަގެ ހިތް ގެނބުނުހެން ހީވިއެވެ. އެ ވަގުތު އިވުނީ މީހަކު ދޮރުގައި ޓަކި ޖެހި އަޑެވެ. ފަރުޒާނާ ގޮސް ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ހުރީ ރީތި ޒުވާން ފިރިހެނެކެވެ. އޭނާ އެ ޒުވާނާއާ ދިމާއަށް ފުންކޮށް ބަލައިލިއެވެ. މޫނުމަތީގައި ވަނީ ހައިރާންކަމުގެ އަސަރެވެ. އިރުކޮޅެއް ވާންދެން ބަލަން ހުރުމަށް ފަހު އޭނާ އަހައިލިއެވެ.
"ތިޔައީ ޖަމްޝީދުތަ؟"
ޒުވާނާ ހިނިތުންވެލިއެވެ. "ހާދަހާ މޮޅޭ. އެނގިއްޖެ ދޯ؟ އަހަރެން ހީކުރީ ފަރުޒާނާ އަހަރެން ނައްތާލައިފި ކަމަށް. އަހަރެން މި އައީ ލަންޑަނުން ސީދާ ފަރުޒާނާއާ ބައްދަލު ކޮށްލަން. ފަރުޒާނާގެ އެޑުރެސް ދިނީ ރުޚްސާނާ. އެކަމަކުވެސް ގެ ނުފެނިގެން ހިނގާތާ ކިތަންމެ އިރެއް. އެކި މީހުން އަހަންނަށް ދެއްކީ އެކި ތަންތަން. އެންމެ ފަހުން މިހިރީ އާދެވިފައި. އެތެރެއަށް ނުވައްދާނަންތަ؟"
އޭނާ އެއް ފަރާތަށް ޖެހިލާފައި ބުންޏެވެ. "ވަދޭ. އެތެރޭގައި ރުޚްސާނާގެ މައިންބަފައިންވެސް އެބަތިބި."
(ނުނިމޭ)