(17 ނޮވެމްބަރު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އޭނާ ޖުމުލަ މުޅީން ފުރިހަމަ ނުކޮށް ދޫކޮށްލިއެވެ. އަދި އިންޒާރުގެ ނަޒަރަކުން ފަރުޒާނާއާ ދިމާއަށް ބަލައިލިއެވެ. އަހަންނާއެކު ނުދިޔައިއްޔާ އެތެރެއަށް ވަންނާނަމޭ ބުނާ ކަހަލައެވެ.
ފަރުޒާނާ ކުޑަ އިރުކޮޅަކު ވިސްނައިލުމަށް ފަހު ބުންޏެވެ. "އެންމެ ރަނގަޅު. މަޑުކޮށްލާ. އަހަރެން ބޭސް ފޮށި ހިފައިގެން މި ނުކުންނަނީ."
އޭނާ އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. އަރުޝަދު ފަހަތުން އެތެރެއަށް ވަދެ އަހައިލިއެވެ. "އަޅުގަނޑުވެސް ދަންތޯ؟"
ފަރުޒާނާ ބުންޏެވެ. "ނޫނޭ. ކުރީ ފަހަރު އަހަރެން ކަލޭ ގޮވައިގެން ދިޔައީ ރޭގަނޑު ދާން ޖެހުނީމާ. މިހާރު މި ދަނީ ދުވާލު. އެހެންވީމާ ދާނެ ކަމެއް ނެތް. ގެއަށް ދޭ."
ޖާނީ އަވަސްއަވަހަށް ގޮސް ކާރު ގެނެސް ކުލިނިކުގެ ދޮރުމައްޗަށް މަޑުކޮށްފިއެވެ. ފަރުޒާނާ ބޭރަށް ނުކުމެ ކުލިނިކުގެ ދޮރު ތަޅުލައިފިއެވެ. އަރުޝަދު އެއް ފަރާތުގައި ބަލަހައްޓައިގެން ހުއްޓެވެ. ފަރުޒާނާ ފަހަތަށް އަރައި އިށީނީމާ ބާދްޝާ ކާރު ދުއްވައިލިއެވެ.
ކާރު އެއް މަގުން ނުކުންނަމުން އަނެއް މަގަށް ވަންނަމުން އޮވެގެން ކުރިއަށް ދަނީއެވެ. ފަރުޒާނާ ހިމޭނުން އިނީއެވެ. އޯރަންގީގެ ސަރަހައްދު ފަހަނައަޅައި ދިޔައީމާ އޭނާ އަހައިލިއެވެ. "މިއީ ކޮންފަދަ ވިޔާނުދާ ކަމެއް؟ އަހަންނަށް މަޖުބޫރު ކުރަނީ ކީއްވެގެން؟"
ބާދްޝާ ބުންޏެވެ. "ދެކޮޅު ހެދިނަމަ."
"ދެކޮޅު ހެދި ނަމަ ޖާނީ އަހަންނަށް މާ ބޮޑަށް އުނދަގޫ ކުރީސް. މި ކުޅިގަނޑު ކުރިއަށް ގެންދާނީ ކިހައި ދުވަހެއް ވާންދެން؟ އަހަރެން ބާދްޝާއާ ދުރަށް ދުވަންވީ ކިހައި ދުވަހެއް ވާންދެން؟"
"ދުވުން ހުއްޓައިލާ. ހުރިހައި މައްސަލައެއް ހައްލު ވެދާނެ."
ބާދްޝާ މަގެއްގެ އެއް ފަރާތަށް ކާރު މަޑުކޮށްލިއެވެ. އަދި ފަހަތަށް އެނބުރި ބަލައިލާފައި ބުންޏެވެ. "ކުރިއަށް އާދޭ."
"މިތަން ރަނގަޅު."
"ގަދަ ނުހަދާ. ކައިރީގައި ހުރީމާ އަހަރެންގެ ހިތްހަމަ ޖެހޭ. ފަރުޒާނާގެ ހިތްވެސް ހަމަޖެހެއެއްނު؟"
"މިތަން ރަނގަޅޭ."
ޖާނީ ކުޑައިރުކޮޅަކު ވާހަކަ ދެއްކިއެވެ. ފަރުޒާނާ ކުރިއަށް ދާ ފިކުރު ނުކުރީމާ އަނެއްކާވެސް ކާރު ދުއްވައިލިއެވެ.
"މިއަދު ރުޚްސާނާ ފޯނު ކުރި."
"އޭނާގެ ހާލު ކިހިނެއް؟ ސާޖަރީ ހަދައިފިތަ؟"
"ސާޖަރީގެ ވާހަކައެއް އޭނާ ނުދައްކާ. ވަރަށް ބޮޑު އިޝްތިހާރު ކުންފުންޏަކާ އެކީ އެއްބަސްވުމެއް ހަދާ ވާހަކަ ބުނި. ވަރަށް ބޮޑު އުޖޫރައެއް ލިބެޔޯ. އެ ފައިސާއިން އެކޮޅުގެ ހުރިހައި ޚަރަދެއް ހަމަޖެއްސޭނެއޭވެސް ބުނި."
"އޭނާގެ މޫނުގެ އެއްފަޅި ހުރީ އަނދައިފައެއްނު؟ ކުންފުނިން އޭނާއަށް ދެނީ ކޮން ކަމެއްގެ އުޖޫރައެއް؟"
"އަހަރެން ތިޔަ ސުވާލެއް ނުކުރަން."
"ޖާނީ ތިޔައީ ކޮން ކަހަލަ ފިރިއެއް؟ އަނބިމީހާ އެހައި ދުރަށް ފޮނުވައިލާފައި އޭނާގެ ޚަރަދުބަރަދުގެ ކަންތައްވެސް ހަމަޖައްސައެއް ނުދޭ. އޭނާއަށް އެ ޖެހެނީ ކުންފުންޏަކާ އެކީ މަސައްކަތް ކޮށްގެން ޚަރަދުގެ ކަންތައް ހަމަޖައްސަން. އެ ބުނާ އެއްބަސްވުމަކީ ކޮބައިތޯވެސް އެންމެ ކުޑަމިނުން އަހައެއް ނުލާ. އިޝްތިހާރު ކުންފުނިތަކުން އެއްބަސްވުން ހަދަނީ އާދަޔާ ޚިލާފަށް ރީތި ކުދިންނާއެކީ. އެކުދިންގެ ފޮޓޯ ނަގައިގެންނާއި ފިލްމު ހަދައިގެން އިޝްތިހާރު ކުރަނީ."
"އެހެން ވެއްޖެއްޔާ ރަނގަޅެއްނު؟ އެމީހުން ރުޚްސާނާގެ ފޮޓޯ ނަގާނީ އެ ހަދާ އެއްޗެއް ހަދައިގެން އޭނާގެ މޫނު ރީތިވީމާ."
މޫނަށް ވާނޭ ގޮތެއް އަދި ނޭގެއެއްނު؟ ސާޖަރީ ހަދައި ނިމުނީމާ އާދަޔާ ޚިލާފަށް ރުޚްސާނާ ރީތި ވާނޭކަން ކުންފުނީގެ މީހުންނަށް އެނގެނީ ކިހިނެއް؟ އާދައިގެ ވަރެއްގެ ރީތި ކުއްޖަކަށްވެސް ވެދާނެއެއްނު؟"
"ތިޔަ ހުރިހައި ކަމެއް އަހަންނަކަށް ނޭނގޭ. ފޯނުން އެ ހުރިހައި ވާހަކައެއް ނުދެއްކޭނެއެއްނު؟ އަހަރެމެން ދެއްކީ އެހެން ވާހަކައެއް."
"ކޮން ވާހަކައެއް؟ އަހަރެން ގާތު ބުނެވޭވަރުގެ ވާހަކައެއްތަ؟"
"އެއީ ވަރަށް ޗާލާކު އަންހެނެއް. ވާހަކަ ދައްކަމުން ގޮސް އަހަރެން ފަރުޒާނާއާ ބައްދަލުކުރި ވާހަކަ ދެނެގެންފި. އަހަރެން ލައްވައި އެއްބަސް ކުރުވައިފި."
ފަރުޒާނާ ސީދާ ވެލިއެވެ. "ޖާނީ ތިޔައީ ކޮން ކަހަލަ މީހެއް؟ އަހަރެންގެ ވާހަކަ އޭނާޔާ ދެއްކީ ކީއްކުރަން؟"
"އަހަރެން އެއްވެސް މީހަކު ދެކެ ބިރެއް ނުގަނޭ."
"މާ ބިރުކުޑަ ވެގެން ނޫޅޭ. އަހަރެން މި ދައްކަނީ ބިރުގެ ވާހަކައެއްވެސް ނޫން. އޭނާ އެހެރީ އެތައް ހާސް މޭލެއްގެ ދުރުގައި. އޭނާ ކަންބޮޑުވާ ކަހަލަ ވާހަކަ ދައްކައިގެން ނުވާނެ. މިހާރު އޭނާއަށް ހިތްހަމަ ޖައްސާލައިގެން އުޅެވޭނެތަ؟ އެވަރުގެ ބުއްދިއެއްވެސް ޖާނީގެ ނެތީތަ؟"
ބާދްޝާ ކަންބޮޑުވެފައި ބުންޏެވެ. "ތިޔައީ އަހަރެން ވިސްނާފައިވެސް ނެތް ކަމެއް."
"އެއްވެސް ކަމަކާ ވިސްނަން ޖާނީ ދަންނަންތަ؟ އަރައިރުންވުން ނޫން ކަމެއް ދަންނަންތަ؟"
"އަހަރެން އޭނާ ކަންބޮޑުވެގެން އުޅުނުކަ ނުދޭނަން."
"ދެން ހަދާނީ ކިހިނެއް؟"
"މިއަދު އަހަރެން ސިޓީއެއް ލިޔާނަން. ފަރުޒާނާ ކުލިނިކު ބަންދުކޮށްފައި ގެ ވިއްކާލަފައި ކޮންމެވެސް ތަނަކަށް ހިނގައްޖެއޭ، މިހާރު އުޅޭ ތަނެއް އަހަރެން ނުދަންނަމޭ ލިޔާނަން. އޭރުން އޭނާގެ ހިތްހަމަ ޖެހިދާނެ."
"ޖާނީ ކަންތައް ކުރީއަކީ ރަނގަޅަކަށް ނޫން. ފޯނުން އަހަރެންގެ ވާހަކަ ދައްކައިގެން ނުވާނެ."
"އަހަރެމެން ދެމީހުން ބައްދަލުކުރާކަން ކޮންމެވެސް އެއް ދުވަހަކުން އެނގޭނެއެއްނު؟"
"ދެމީހުން ބައްދަލު ކުރަމޭ ނުކިޔާ. ޖާނީ އަހަންނާ ބައްދަލު ކުރަނީނު؟"
"ކޮންމެ ގޮތަކަށް ބުންޏަސް ބުނެވެނީ އެއް ވާހަކައެއް. އަހަރެން ބައްދަލު ކުރިޔަސް ފަރުޒާނާ ބައްދަލު ކުރިޔަސް ދެމީހުން ބައްދަލު ކުރަނީ."
"އަހަރެން ޖާނީއަކާ ބައްދަލެއް ނުކުރަން. އަހަރެންގެ ބޮލުގައި ދޮގު އިލްޒާމު ނާޅުވާ."
"އަހަރެން ދެކެ ލޯތްބެއް ނުވޭތަ؟"
"ނުވޭ."
"ދޮގު ނުހަދާ."
"އަހަރެން މި ބުނަނީ ތެދަށް. އަހަންނަށް ދުއްތުރާ ނުކޮށް އަހަރެން ދޫކޮށްލާ."
"އަހަރެން ދުއްތުރާލެއް ނުކުރާނަން. އަހަރެން ދެކެ ލޯބިވެއޭ ބުނޭ."
ފަރުޒާނާ އަނގަޔަކުން ނުބުންޏެވެ.
"އަހަރެން ފަރުޒާނާގެ ފަހަތަކުން ނުވެސް ދުވާނަން. އެހެން ބުނެލާ."
"ބުނަންވާ އެއްޗެއް އަހަރެން ބުނެފިން."
"އެންމެ ރަނގަޅު. ވާހަކައެއް ބުނަންތަ؟ އަހަރެން ދަންނަބޭކަލަކާ ބައްދަލުކުރިން. އޭނާޔާ ވަރަށް ގިނަ ސުވާލު ކުރިން."
ފަރުޒާނާ ހައިރާން ވެފައި އަހައިލިއެވެ. "ރުޚްސާނާ ދެކެ ޖާނީ ލޯބިވޭ. އެއީ ވަފާތެރި އަނތްބެއް. ދެން ތިޔަ ހުރިހައި ސަކަރާތެއް ޖެހުމުގެ ބޭނުމަކީ ކޮބާ؟"
"ތެދާއި ހައްގު ގޮތް އޮޅުން ފިލުވަން އުޅޭކަށް ނުވާނެތަ؟"
"ތިޔަ ބަހުސު ކުރާކަށް އަހަރެން ބޭނުމެއް ނޫން. ތިޔަ ބުނާ ދަންނަބޭކަލަކު ބުނީ ކީކޭ؟"
(ނުނިމޭ)
vvv.reethi