ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި މިއަހަރު މަރުވީ 3700 މީހުން

ދާޚިލީ ހަނގުރާމައިގެ ސަަބަބުން ސުންނާފަތިވެފައިވާ ސީރިޔާގެ އިދްލިބުގެ މަންޒަރެއް

ސީރިޔާ (ސޫރިޔާ) ގައި ކުރިއަށްދާ ދާޚިލީ ހަނގުރާމައިގައި މިއަހަރު މަރުވެފައި ވަނީ 3746 މީހުން ކަމުގައި، އެ ހަނގުރާމައިގެ ކަންކަން ގާތުން ބަލަމުންދާ ސީރިޔަން އޮބްޒްވޭޓަރީ ފޯ ހިއުމަން ރައިޓްސް (އެސްއޯއެޗްއާރް) އިން ބުނެފިއެވެ. އެހެންކަމުން މިހިނގާ 2021 ވަނަ އަހަރު ވެގެންދާނީ ސީރިޔާގައި 2011 ވަނަ އަހަރު ދާޚިލީ ހަނގުރާމަ ފެށުނު ފަހުން ހަނގުރާމައިގައި އެންމެ މަދުން މީހުން މަރުވި އަހަރުކަމުގައެވެ.

އެސްއޯއެޗްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު މަރުވި މީހުންގެ ތެރޭން 1505 މީހުންނަކީ އާއްމުންނެވެ. އޭގެ ތެރޭގައި 360 ކުޑަކުދިން ހިމެނެއެވެ.

މިއަހަރު މީހުން މަރުވި އަދަދު ދަށްވެފައި ވާއިރު، މީގެ 10 އަހަރު ކުރިން ފެށުނު ދާޚިލާ ހަނގުރާމަގައި މަރުވާ މީހުން އަދަދު މިހާރު ދަނީ އަަހަރަކަށްވުރެ އަަަހަރެއް ދަށްވަމުންނެވެ. 2019 ވަނަ އަަހަރު 10 ހާސް މީހުން މަރުވިއިރު، ފާއިތުވި 2020 ވަނަ އަހަރު މަރުވެފައި ވަނީ 6800 މީހުންނެވެ.

އިނގިރޭސި ވިލާތުގައި މައި އޮފީސް ގާއިމުކޮށްފައި ހުރި ނަމަވެސް، ސީރިޔާގެ ހުރިހާ ހިސާބެއްގައި މައުލޫމާތު ލިިބިދޭ މަސްދަރުތައް ގާއިމުކޮށްފައިވާ، އަމިއްލަ ޖަމާއަތް އެސްއޯއެޗްއާރް އިން ހާމަކުރި ގޮތުގައި ލޭންޑްމައިންތަކާއި، ތަފާތު ގޮވާތަކެތީގެ ބާކީ ބައިތައް ގޮވައިގެން މިއަހަރު 297 މީހުން މަރުވެފައި ވެއެވެ.

ދުނިޔޭގައި ލޭންޑްމައިންތައް މަނާކުރުމަށް މަސައްކަތްކުރާ އިންޓަނޭޝަނަލް ކެމްޕޭން ޓު ބޭން ލޭންޑްމައިންސް އިން ނެރޭ ލޭންްޑްމަައިން މޮނިޓާއިން ބުނެފައިވާ ގޮތުގައި، ދުނިޔޭގައި ލޭންޑްމައިންތަކާއި، ތަފާތު ގޮވާތަކެތީގެ ބާކީ ބައިތައް ގޮވައިގެން އެެންމެ ގިނަ މީހުން މަރުވި ގައުމެއްގެ ގޮތުގައި ކުރިން އަފްޣާނިސްތާނު އޮތް ނަަމަވެސް، މިހާރު އެލިސްޓުގެ އެންމެ ކުރީގައި މިހާރު އޮތީ ސީރިޔާއެވެ.

ސީރިޔާގެ ރައީސު ކަމުގައި ހުންނެވި ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅަށް 2011  ވަނަ އަހަރު ފެށި ސުލްހަވެރި އިހުތިޖާޖުތައް އަނިޔާވެރިކަމާއި، ހަރުކަށިކަން ބޭނުންކޮށްގެން ހުއްޓުވަން މަސައްކަތްކުރުމުގެ ސަބަބުން ފެށުނު ދާޚިލީ ހަނގުރާމަ ހުއްޓުމެއް ނެތި ކުރިއަށް ދާއިރު، ފާއިތުވި 3 އަހަރު ހަނގުރާމަ ދަނީ މަޑުމަޑުން މައިތިރިވަމުންނެވެ.

ރަޝިޔާގެ އެހީތެރިކަމާއެކު ސީރިޔާގެ ވެރިކަމުގައި ދެމިއޮތް ސަރުކާރުގެ ސިފައިން އިދިކޮޅު ފަރާތްތަކުން ކޮންޓުރޯލުކުރާ ސަރަހައްދުތަކަށް ދޭތެރެ ދޭތެރޭން ދޭ ހަމަލާތަކާއި، އެއް އިރެއްގައި ސީރިޔާގެ ބޮޑު ބައެެއް ކޮންޓުރޯލުކުރި، އަދި މިހާރު ފިލައިގެން ތިބެ ހަމަލާދޭ އައިސިސްގެ ހަމަލާތަކުގައި އަދިވެސް މީހުން ދަނީ މަރުވަމުންނެވެ.

ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި މިހާތަނަށް ބައި މިލިއަނެއްހާ މީހުން މަރުވެފައިވާއިރު، އެ ހަނގުރާމައިގެ ސަބަބުން ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އެންމެ ގިނަ ބަޔަކު ރެފިއުޖީންނަށް ވެފައި ވަނީ އެ ހަނގުރާމައިގެ ސަބަބުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.