ސީރިޔާގެ 2.5 މިލިއަން ކުޑަކުދިން ވަނީ ތައުލީމުން މަހުރޫމުވެފަ: އދ.

ޙަލަބުގެ ރެފިއުޖީ ކޭމްޕެއް ކައިރީގައި ސީރިޔާގެ ކުޑަކުދިންތަކެއް

ސީރިޔާ (ސޫރިޔާ) ގެ މަދަރުސާތަކުގެ ތިންބައިކުޅަ އެއްބައި ހަލާކުވެފައި ނުވަތަ އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުވެފައި ވާއިރު، އެގައުމުގައި ކިޔަވާ އުމުރުގެ އާބާދީގެ ދެބައިކުޅައެ އެއްބައި ތައުލީމުން މަހުރޫމުވެފައި ވާކަަމަށް އދ. ކުޑަކުދިންނާ ބެހޭ ޖަމްއިއްޔާ ޔުނިސެފުން ބުނެފިއެވެ.

މިއީ ކުރިން އދ.ން އަންދާޒާކޮށްފައިވާ ވަރަށްވުރެ މާ ބޮޑު އަދަދެކެވެ. ޔުނިސެފުން ކުރިން ބުނެފައި ވަނީ އެ ގައުމުގައި ތައުލީމުން މަހުރޫމުވެފައި ތިބީ މަދަރުސާއަށްދާ އުމުރުގެ ކުދިންގެ ތިންބައިކުޅަ އެއްބައި ކަމުގައެވެ.

"ގާތްގަނޑަކަށް ދިހަ އަހަރަށް ދެމިގެން ގޮސްފައިވާ ހަނގުރާމައަކަށް ފަހު، ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ކުޑަކުދިން ވަނީ ތައުލީމުން މަހުރޫމުވެފައި." ޔުނިސެފުން ބުނެފައި ވެއެވެ. އެ ޖަމްއިއްޔާއިން އަންދާޒާކުރާ ގޮތުގައި އެއީ ގާތްގަނޑަކަށް 2.5 މިލިއަން ކުޑަކުދިންނެވެ.

"މިއަދަދު 2020 ވަނަ އަހަރު އިތުރުވެގެން ގޮސްްފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ކަމަށް ބެލެވެނީ. ތައުލީމަށް އެޅިފައި އޮތް ހުރަސް އެ ބަލިމަޑުކަމުގެ ސަބަބުން ވަނީ ބޮޑުވެގެން ގޮސްފައި." ޔުނިސެފްގެ މެދުއިރުމަތި އަދި އެފްރިކާ ސަަރައްދުގެ ވެރިޔާ ޓެޑް ޗައިބާންއާއި، ސީރިޔާގެ ކަަންކަމާ ހަވާލުވެ ހުންނެވި މުހައްނަދު ހާދީ ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި ވެއެވެ.

"ސީރިޔާ ތައުލީމީ ނިޒާމުގައި ކިޔަވަންތިބި ދަރިވަރުންނަށް ޚިދުމަތް ދެވޭނެ ވަސީލަތްތަކެއް ނެތް. ތައުލީމަށް އެކަށީގެންވާ ވަރަށް ޚަރަދުނުކުރެވޭ. ނިޒާމު ވަނީ ވިއްސިވިހާލިވެފައި. އަދި ތައުލީމީ ނިިޒާމު ވަނީ އެތައް މިލިއަން ކުޑަކުދިންނަށް ރައްކާތެރި، ދެމެހެއްޓެނިވި، ހަމަހަމަ ގޮތުގައި ތައުލީމު ދިނުމަށް ނުކުޅެދިފައި." ބަޔާނުގައި ވެއެވެ.

ސީރިޔާގައި 2011 ވަނަ އަހަރު ދާޚިލީ ހަގުރާމަ ފެށުނު ފަހުން 3 ލައްކަ 80 ހާހަށްވުރެ ގިނަ މީހުން މަރުވެފައި ވާއިރު، ހަނގުރާމައިގެ ކުރިން އެގައުމުގައި އޮތް އާބާދީ ކަމުގައިވާ 20 މިލިއަން މީހުންގެ ދެެބައިކުޅަ އެއްބައި މީހުން ވަނީ ގެދޮރު ދޫކޮށް ހިޖުރަކޮށްފައެވެ.

"ސީރިޔަގައި ހުރި ކޮންމެ ތިން މަދަރުސާއަކުން އެއް މަދަރުސާ މިހާރު ބޭނުން ނުުކުރެވޭ. އެތަންތަންވަނީ ހަލާކުވެފަައި، ނުވަތަ ބޭނުންކުރެވެމުން ދަނީ އަސްކަރީ ބޭނުންތަކަށް." ބަޔާނުގައި ވެއެވެ.

ޔުނިސެފުން ބުނެފައިވާ ގޮތުގައި ބޭނުންކުރެވެމުންދާ މަދަރުސާތައްވެސް ގިނަ ފަހަރު ހުންނަނީ ތޮއްޖެހިފައެވެ. އެހެންނޫނީ އެ މަދަރުސާތަކުގައި ފެނާއި، ފާޚާނާއާއި، ކަރަންޓުގެ ވަސީލަތައްތައް ރަނގަޅަށް ލިބެން ނުހުރެއެެވެ.

އެ ޖަމްއިއްޔާއިން އިތުރަށް ފާހަގަކުރި ގޮތުގައި، ފާއިތުވި އަހަރު 52 މަދަރުސާއަކަށް ހަމަލާ އަރާފައިވިއެވެ. އެހެންކަމުން، ސީރިޔާގެ ހަނގުރާމައިގައި މިފަދައިން ހަމަލާ އަމާޒުވި މަދަރުސާތަކުގެ އަދަދު މިހާރު ވަނީ 700 އަށް އަރާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.