ސީރިޔާގެ ދާޚިލީ ހަނގުރާމައަށް ދިހަ އަހަރު

ސީރިޔާގެ ޙަލަބު: އެރަށުގެ ބޮޑުބައި ވަނީ މުޅިން ސުންނާފަތި ވެފައި

ސީރިޔާ (ސޫރިޔާ) ގެ ރައީސު ބައްޝާރު އަލްއަސަދުގެ ސަރުކާރާ ދެކޮަޅަށް 2011 ވަނަ އަހަރުގެ މާރިޗު މަހުގެ 15 ވަނަ ދުވަހު ދިރްޢާގައި ބަޔަކު ނުކުމެ އިހުތިޖާޖުކުރުމުން އެ އިހުތިޖާުޖު ރޫޅާލަން ބަޑި ޖަހައި ބަަޔަކު މަރާލުމާއެކު ފެށުނު ދާޚިލީ ހަނގުރާމައަށް އިއްޔެ ދިހަ އަަހަރު ފުރުނީއެވެ.

ދިހަ އަހަރަށް ފަހު ވެސް ނިމުމުގެ ކޮޅުމަތި ފެނިފައިނުވާ މި ހަނގުރާމައި ސީރިޔާގެ ރައްޔިތުން ވަނީ ބިކަވެފައެވެ. ދިހަ އަަހަރުގެ ތެރޭގައި ބައި މިލިއަނަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ސީރިޔާގެ އާބާދީގައި ހިމެނޭ 23 މިލިއަން މީހުންގެ ދެބައިކުޅަ އެއްބައި ވަނީ އެމީހުންގެ ވަޒަން ދޫކޮށް އެހެން ތަންތަނަށް ހިޖުރަކޮށްފައެވެ.

ތުރުކީގައި ސީރިޔާގެ 3 މިލިއަނަށްވުރެ ގިނަ ރެފިއުޖީން ދިރިއުޅެމުން ދާއިރު، ލެބެނާން (ލުބްނާން) ގައި 8 ލައްކައަށްވުރެ ގިނަ ރެފިއުުޖީން އެބައުޅެއެވެ. މީގެ އިތުރުން ޖޯޑަން (އުރްދުން) ގައި 6 ލައްކަައަށްވުރެ ގިނަ، އިރާގުގައި 2 ލައްކައަށްވުރެ ގިނަ އަދި މިސްރުގައި ލައްކައަކަށްވުރެ ގިނަ ސީރިޔާ ރެފިއުޖީން އެބައުޅެއެވެ.

އިންސާނީ ގެއްލުމުގެ މިންވަރު އެހާ ބޮޑު އިރު އުމްރާނީ ގޮތުން ބަލާއިރު ވެސް މި ހަނގުރާމައިގައި ސީރިޔާ ވަނީ ސުންނާފަތިވެފައެވެ.

ސީރިގެ ބޮޑެތި ރަށްތައް ކަމުގައިވާ ހަލަބު، ހުމްސް، ރައްޤާ، ހަމާ އަދި ދޭރައްޒޫގެ ގިނަ އިމާރާތްތަކެެއް ވަނީ ފުނޑުފުނޑުވެފައެވެ. މިރަށްތަކުގެ 1 ލައްކަ 11 ހާހަށްވުރެ ގިނަ އިމާރާތް ހަލާކުވެފައި ވާއިރު، 31 ހާހަށްވުރެ ގިނަ އިމާރާތްވަނީ މުޅިން ފުނޑުފުނޑުވެފައެވެ .

އދ.ގެ ކުޑަކުދިންނާ ބެހޭ ޖަމްއިއްޔާ (ޔުނސެފް) ގެ އަންދާޒާތަކުން ދައްކާ ގޮތުގައި ސީރިޔާގެ މަދަރުސާއަށްދާ އުމުރުގެ 3 މިލިއަނަށްވުރެ ގިނަ ކުދިން ވަނީ ކިިޔެވުމުން މަހުރޫމުވެފައެވެ. މީގެ ތެރޭން  7 ލައްކައަށްވުރެ ގިނަ ކުދިން ދިރިއުޅެމުން ދަނީ ރެފިއުޖީންގެ ގޮތުގައި ގައުމުން ބޭރުގައެވެ.

ހަނގުރާފެށީ ބައްޝާރު ވެރިކަމުުން ވައްޓާލަން ކަމަށްވާއިރު، ދިހަ އަަަހަރުވެގެން ދިޔައިިރުވެސް، ބައްޝާރުގެ ބާރު ސީރިޔާގައި ކުޑަ ނުވެއެވެ. ހަނގުރާމައިގެ ކުރީކޮޅު ސީރިޔާގެ ބޮޑު ބައެެއް އިދިކޮޅު ފަރާތްތަކުގެ ދަށަށް ދިޔަނަމަވެސް، ރަޝިޔާއާއި އީރާނުގެ އެހީގައި ބައްޝާރު ވަނީ ގިނަ ތަންތަން އަނބުރާ ހޯދާފައެވެ. މިހާރު އިދްލިބް ޕްރޮވިންސު ފިޔަވައި ސީރިޔާގެ ހުރިހާ ސަރަހައްދެއް އޮތީ ބައްޝާރުގެ ސަރުކާރުގެ ކޮންޓުރޯލުގެ ދަށުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.