ކޮވިޑް-19 ގެ އާ ވޭރިއެންޓް 'އޮމިކްރޯން' އަކީ ކަންބޮޑުވާން ޖެހޭ ވޭރިއެންޓެއް ކަމަށް ޑަބްލިޔުއެޗްއޯ އިން ނިންމައިފި

ކޮވިޑް-19 ގެ ވައިރަހުގެ އަލަށް ފެނުނު ބީ.1.1.529 ވޭރިއެންޓަކީ "ވޭރިއެންޓް އޮފް ކޮންސާން" (އެއާމެދު ކަންބޮޑުވާންޖެހޭ ވޭރިއެންޓެއް) ގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ގިންތިކޮށްފިއެވެ.

ޑަބްލިޔުއެޗްއޯގެ އެޑްވައިޒަރީ ޕެނަލަކުން އިއްޔެ ބުނީ ފުރަތަމަ ހޯދުންތަކުން ފެންނަ ގޮތުގައި، އެ ޕެނަލުން 'އޮމިކްރޯން' ގެ ނަންދީފައިވާ އާ ވޭރިއެންޓަކީ ކުރިން ބާރަށް ފެތުރެން ފެށި ވޭރިއަންޓްތަކާ އެއްގޮތަށް ގިނަ ބަަޔަކަށް ބަލި ޖައްސާނެ ވައިރަހެއް ކަމަށް ފެންނަ ކަމުގައެވެ.

ވައިރަހުގެ އާ ވޭރިއެންޓް ފެނިފައި ވަނީ ދެކުނު އެފްރިކާއިންނެވެ.

މި ގިންތިކުރުމާއެކު އޮމިކްރޯން ހިމެނިގެންދާނީ ކޮވިޑް-19 ވައިރަހުގެ އެންމެ ނުރައްކާ ބޮޑު ވޭރިއެންޓްތަކުގެ ތެެރޭގައެވެ. މި ގިންތީގައި، ދުނިޔޭގައި އެންމެ ހަލުވިކޮށް ފެތުރެމުން ދިޔަ ޑެލްޓާ ވޭރިއެންޓާއި، އެއަށްވުރެ ނުރައްކާތެރިކަން ކުޑަ އަލްފާ، ބީޓާ އަދި ގާމާ ވޭރިއަންޓްތައް ހިމެެނެއެވެ.

ފުރަތަމަ ދެކުނު އެފްރިކާއިން ފެނުނު އޮމިކްރޯން ވޭރިއެންޓް ފެތުރެން ފެށުމާއެކު ދުނިޔޭގެ ގިނަ ގައުމުތަކަކުން ފިޔަވަޅުއަޅަން ފަށާފައި ފިޔަސް މި ވޭރިއެންޓް މިހާރު ވަނީ ބެލްޖިއަމް، އިސްރާއީލު، ބޮޓްސުވާނާ އަދި ހޮންކޮންގުން ފެނިފައެވެ.

ކޮވިޑް-19 ގެ އާ  ވޭރިއަންޓުން ދިފާއުވުމުގެ ގޮތުން ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ގައުމުތައް، އިނގިރޭސިވިލާތް، އެމެރިކާ، ކެނެޑާ، ރަޝިޔާ، ސައޫދީ އަރަބިއްޔާ އަދި އެހެން ބައެއް ގައުމުތަކުން ވަނީ އެފްރިކާގެ ދެކުނު ބިތުގެ ހަތް ގައުމެއް ކަމަށްވާ ދެކުނު އެފްރިކާ، ނެމީބިޔާ، ބޮޓްސުވާނާ، ޒިމްބާބްވޭ، މޮޒަމްބީކް، ލެސޯތޯ އަދި އެސްވަޓީނީން އެގައުތަކަށް މީހުން އެތެރެވުން މަނާކޮށްފައެވެ.

އާ ވޭރިއެންޓާއެކު ދުނިޔޭގެ އިގްތިސާދަށްވެސް ވަނީ ލޮޅުން އަރާފައެވެ. ތެލުގެ އަގުވަނީ ވެއްޓިފައެވެ. އެމެރިކާގެ ސާފުނުކުރާ ތެޔޮ ފީފާއެެއްގެ އަގު %6.7 ދަށްވެ 73.22 ޑޮަލަރަށް ތިރިވެފައި ވާއިރު، ބްރެންޓް ސާފުނުކުރާ ތެޔޮ ފީފާއެއްެެގެ %5.6 ދަށްވެ 77.64 ޑޮަލަރަށް ވަނީ ތިރިވެފައެވެ.

ދުނިޔޭގެ ބައެެއް ބޮޑެތި އެއާލައިންތަކުގެ ހިއްސާއަށް ބަލާއިރު، ޖަރުމަނުގެ ލުފްތަންސާގެ ހިއްސާ %12.4، އިނގިރޭސިިވިލާތުގެ ބްރިޓިޝް އެއާވޭޒްގެ ހިއްސާ %14.4، އެއާފްރާސް-ކޭއެލްއެމްގެ ހިއްސާ %8.9 އަދި އީޒީޖެޓްގެ ހިއްސާ %10.9 ދަށްވެފައި ވެއެވެ.

އަ ވޭރިއެންޓަކީ ނުރައްކާތެރި ވައްތަރަކަށް ވީނަަމަވެސް، ގޮތް ކަނޑައެޅުމަށް މާ އަވަސްވެނުގަތުމަށް ޑަބްލިޔުއެޗްއޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.