ކޮވިޑް-19 ގެ ވެކްސިންގެ ފައިދާ އިތުރުކުރުމަށް 'ބޫސްޓާ ޑޯޒް' ގެ ގޮތުގައި ތިންވަނަ ޑޯޒެއް ޖެހުން އަންނަ ސެޕްޓެެންބަރު މަހާ ހަަމައަށް މަޑުޖައްސާލުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ގޮވާލި ގޮވާލުމަށް އެެމެރިކާއިން ދެކޮޅުހަދައިފިއެވެ.
"އަަހަރުމެންނަށް ޔަގީނުންވެސް ގަބޫލުކުރެވެނީ އެއީ ގޯސް ނިންމުމެއް ކަަމަށް. އަަހަރުމެންނަށް ދެކަން އެކުގައި ކުރެވިދާނެ. (އާއްމުކޮށް ޖަހާ ދެ ޑޯޒް ޖަހަމުން ބޫސްޓާ ޑޯޒް ޖެހިދާނެ.)" ނޫސްވެރިންނާ ވާހަކަދައްކަމުން ވައިޓްހައުސްގެ ތަރުޖަމާނު ޖެން ސާކީ ބުންޏެވެ. އޭނާ އިތުރަަށް ބުނި ގޮތުގައި އެމެރިކާގެ ރައްޔިތުންނަށް ބޭނުންވާ ވެކްސިން ޖަހަމުން، އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދެވޭ ވަރަށް އެމެރިކާގައި ވެކްސިން އެބަހުއްޓެވެ.
އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވަމުން ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރަޔޭސަސް މުއްސަނދި ގައުމުތަކާއި ވެކްސިން އުފައްދާ ކުންފުނިތަކަށް ގޮވާލައްވާފައި ވަނީ ކޮވިޑް-19 ވެކްސިންގެ ބޫސްޓާ ޑޯޒަށް އިސްކަން ދިނުމުގެ ބަދަލުގައި ފަގީރު ގައުމުތަކަށް ބޭނުންވާ ފޯރުކޮށްދީ ވެކްސިން ޖެހުމުގައި ހަަމަަހަމަކަން ގާއިމުކުރުމަށް އިސްކަންދިނުމަށެވެ.
"ޑެލްޓާ ވޭރިއަންޓުން ރައްޔިތުން ރައްކާތެރިކުރާމެދު ހުރިހާ ގައުމަކުންވެސް ފިކުރުކުރާނެކަން އަހަރެންނަށް ވިސްނޭ. އެހެނަސް، މިހާދު ދުނިޔޭން ލިބެންހުރި ވެކްސިންގެ ބޮޑުބައި ބޭނުންކޮށްފައިވާ ގައުމުތަކުން އިތުރަަށް ވެކްސިން ބޭނުންކުރުމަކީ އަހަރުމެންނަށް ގަބޫލުކުރެވޭނޭ ކަމެއް ނޫން." ގެބްރަޔޭސަސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ޑަބްލިޔުއެެޗްއޯއިން ބޭނުންވަނީ ދުނިޔޭގެ އާބާދީގެ %10 އަށް ވެކްސިން ޖަަހައި އަންނަ ސެޕްޓެންބަރު މަހުގެެ ތެެރޭގައި ނިމެންދެން ބޫސްޓާ ޑޯޒް ޖެހުން މަޑުޖައްސާލުމެވެ.
ގެބްރަޔޭސަސް ފާހަގަކުރެއްވި ގޮތުގައި، ވެކްސިންެގެ ހަމަކަން ގާއިމުކުމުގައި ޖީ-20 ގައުމުތަކުން އިސްނެގުން ވަރަށް މުހިއްމެވެ. އެ ގައުމުތަކަކީ އެންމެ ގިނައިން ވެކްސިން އުފައްދާ، ވެކްސިން ބޭނުންކުރާ، އަދި ވެކްސިން ހަދިޔާކުރާ ގައުމުތައް ކަމަށް ވާތީއެވެ.
އޭއެފްޕީން އެއްކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގައި މިހާތަނަށް ކޮވިޑް-19 ވެކްސިންގެ 4.25 ބިލިއަން ޑޯޒް ޖަހާފައި ވެެއެވެ.
ވާލްޑް ބޭންކުން އާމްދަނީ މަތި މުއްސަނދި ގައުމުތައް ކަނޑައަޅާފައިވާ ގައުމު ތަކުގައި އާބާދިގެ ކޮންމެ 100 މީހަކަށް ވެކްސިންގެ 101 ޑޯޒް ޖަހާފައި ވާއިރު، ފަގީރުކަމަށް ކަނޑައަޅާފައިވާ ގައުތަކުގެއި އާބާދީގެ ކޮންމެ 100 މީހަކަށް ޖެހިފައި ވަނީ ވެކްސިންގެ 1.7 ޑޯޒެވެ.