
އަހަރަކަށްވުރެ ގިނަ ދުވަހުގެ މުއްދަތަށް އިންޑިޔާގެ އެތައް ހާސް ދަނޑުވެރިންނެއް އެ ގާނޫނުތަކަކާ ދެކޮޅަށް އިހުތިޖާޖުކުރަމުން ދިޔަ ދަނޑުވެރިކަމާ ބެހޭ ތިން ގާނޫނު އުވާލަން އިންޑިޔާ ސަރުކާރުން ނިންމައިފިއެވެ.
މިއަދު ޓީވީން ވަގުތުން ދެއްކި ތަގުރީރެއްގައި މިކަން އިއުލާންކުރެއްވީ ބޮޑުވަޒީރު ނަރެންދްރަ މޯދީއެެވެ. އޭނާ ވިދާޅުވިގޮތުގައި އަންނަ ޑިސެންބަރު މަހު އިންޑިޔާގެ ގާނޫނު ހަދާމަޖިލީހުގެ ފިނި މޫސުމުގެ ދައުރު ފެށުމުން މި ގާނޫނުތައް އުވާލުމުގެ ގާނޫނީ މަސައްކަތް ސަރުކާރުން ފަށްޓާނެއެވެ.
"ގަނޑުވެރިކަމާ ބެހޭ ތިން ގާނޫނުވެސް އުވާލަން އަހަރުމެން ނިންމައިފިން. ތިން ގާނޫނު އުވާލުމުގެ ގާނޫނީ މަސައްކަތް ގާނޫނުހަދާ މަޖިލީހުގެ ފިނި މޫސުމުގެ ސެޝަން ފެށުމާއެކު ކުރިއަށް ދާނެ." ގައުމާ މުޚާޠަބުކުރައްވަމުން މޯދީ ވިދާޅުވިއެވެ. "އިހުތިޖާޖު ހުއްޓާލައި ގެއަށް، ލޯބިވާ އަނބިދަރިން ގާތަށް، އާއިލާގެ ގާތަށް އަދި ދަނޑުތަކަށް އެނބުރި ދިއުމަށް އިހުތިޖާޖުގައި ބައިވެރިވާ ހުރިހާ ދަނޑުވެރިންނަށް އަހަރެން އިލްތިމާސްކުރަން." އޭނާ އިތުރަށް ވިދާޅުވިއެވެ.
މޯދީ މިކަން އިއުލާންކުރައްވާފައި މިވަނީ ސިކް ދީނުގެ ބާނީ ގުރޫ ނާނަކްގެ އުފަން ދުވަސް ފާހަގަކުރުމަށް ސިކުން 'ގުރޫ ޕޫރަބް' ފާހަގަކުރަމުންދާ ދުވަހުގައިި ކަމާއިި، އުއްތަރް ޕްރަދޭޝްއާއި ސިކުން އެންމެ ގިނަ ޕަންޖާބުގައި މުހިއްމު އިންތިޚާބުތަކެއް ބާއްވަން ވަރަށް ކައިރިވެފައި ވަނިކޮށްކަން ފާހަގަކޮށްލަން ޖެހެއެވެ. ތިން ގާނޫނާ ދެކޮޅަށް އިހުތިޖާޖަށް ނުކުން ދަނޑުވެރިންގެ ތެރޭގައި އެންމެ ގިނައީ ސިކް ދަނޑުވެރިންނެެވެ.
އިންޑިޔާގައި މިހާރު ވެރިކަންކުރާ ހިންދޫ ވަޠަނީ ޕާޓީ، ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ސަަރުކާރުން ފާއިތުވި އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި މި ތިން ގާނޫނު ފާސްކުރީ އެއީ އިންޑިޔާގެ ދަނޑުވެރިކަން ޒަމާނީކޮށް، އަމިއްލަ ވިޔަފާރިވެރިން އެ ދާއިރާގައި އިންވެސްޓުކުރުން އިތުރުކުރުމަށް މުހިއްމު ތިން ގާނޫނުކަމަށް ބުނެއެވެ. އެެހެންނަމަވެސް، އެ ތިން ގާނޫނަކީ އެމީހުންގެ ދަނޑުވެރިކަން ހަލާކުކޮށްލާނޭ ތިން ގާނޫނުކަމަށް ބުނެ އެތައް ހާސް ދަނޑުވެރިންނެެއް ވަނީ އިހުތިޖާޖަށް ނުކުމެފައެވެ.
އިންޑިޔާގެ އިދިކޮޅު ޕާޓީތަކުން ވަނީ ދަނޑުވެރިންގެ އެދުންތަކަށް ބޯލަނބައި، ދަނޑުވެރިކަމާ ބެހޭ އާ ގާނުނުތައް އުވާލަން ސަރުކާރަށް މަޖުބޫރުވުމަކީ ޑިމޮކްރަސީއަށާއި، ދަނޑުވެރިންގެ ސުލްހަވެރި އިހުތިޖާޖަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އިދިކޮޅު މައި ޕާޓީ، ކޮންރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ކުރެއްވި ޓުވީޓެއްގައި އޭނާ ވަނީ ބޯހަރު ސަރުކާރު ބޯލަނބަން މަޖުބޫރުކޮށް ގާނޫނު އުވާލަން ޖެއްސީތީ ދަނޑުވެރިންނަށް މަރުހަބާ ވިދާޅުވެފައެވެ.