ދަނޑުވެރިކަމާ ބެހޭ ތިން ގާނޫނަށް އަމަލުކުރުން އިންޑިޔާގެ ސުޕްރީމް ކޯޓުން ހުއްޓުވައިފި

އިންޑިޔާގެ ދަނޑުވެރިން އެ ގާނޫނުތަކާ ދެކޮޅަށް އިހުތިޖާޖުކުރަމުން ދާތާ ގިނަ ދުވަސްވެފައިވާ ދަނޑުވެރިކަމާ ބެހޭ ތިން ގާނޫނަށް އަމަލުކުރުން މަޑުޖައްސާލުމަށް އިންޑިޔާ ސަރުކާރުގެ މައްޗަށް އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު އަމުރެއް ނެެރެފިއެެވެ.

އިދިިކޮޅު ޕާޓީތަކާ، ދަނޑުވެރިންގެ ގިނަ ޖަމްއިއްޔާތަކަށް، ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޕާޓީ، ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އާ ގުޅިފައިވާ ބައެެއް ޕާާޓީތަކުންވެސް ދެކޮޅުހަދަމުން ދަނިކޮށް، އިންޑިޔާގެ ގާނޫނުހަދާ މަޖިލީހުން ފާއިތުވި ތިން ގާނޫނަށް އަމަލުކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަމުރެއް ނެރުމަކީ ދަނޑުވެރިންނާ ކުރިމަތިލުމުގައި ބޮޑު ވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވި ބަލިވުމެކެވެ.

އިންޑިޔާގެ ޗީފް ޖަސްޓިސް ޝަރަދް އޭ. ބޮބްޑޭގެ ރިޔާސަތުގައި މައްސަލަ ބެެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުންވަނީ ދެމަހުއްސުރެ މެދުނުކެނޑި އިހުތިޖާޖުކުރަމުންދާ އެތައް ހާސް ދަނޑުވެރިންނާ އިންޑިިޔާ ސަރުކާރާ މަަޝްވަރާކޮށް މި މައްސަލައަށް ހައްލެއް ހޯދުމަށް ޕެނަލެއް އެކުލުވާލުމަށްވެސް ނިންމާފައެވެ. ފަނޑިޔާރުންެ ވިދާޅުވެފައި ވަނީ އަންނަ ހޯމަދުވަހު މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދަަވާނެ ކަމުގައެވެ.

މިހާރު އެއްވެސް ކުރިއެރުމެއް ނުލިބި، އޮތް ހިސާބުގައި މަޑުޖެހިފައިވާ ދަނޑުވެރިނާ ސަރުކާރާ ދެމުދު ޖެހިފައި އޮތް މިމައްސަލައަށް ހައްލެއް ހޯދުމަށް މަގުފަހިކުރުމަށް ނެރުނު މިއަމުރު އައިސްފައި މިވަނީ "ސަރުކާރުން މިމައްސަލައިގަައި އަމަލުކުރި ގޮތާމެދު ވަަރަށް ބޮޑަށް ހިތްހަމަނުޖެހޭ" ކަން ޖަސްޓިސް ބޮބްޑޭ ހާމަކުރެއްވިތާ އެއް ދުވަސް ފަހުންނެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން އިތުރު ވަގުތަށް އެދުނުނަމަވެސް ކޯޓުން ވަނީ އެކަމާ ދެކޮޅުހަދާފައެވެ. އަދި ކޯޓޫން އިސްނަަގައިގެން މިމައްސަލައިގައި ދެފަރާތާ މަޝްވަރާކުރުމަށް ޕެނަލެއް އެކުލަވާލައި، އެ ޕެނަލްގެ ފުރަތަމަ ބައްދަލުމުވަށް ދެމަސް ވުމުގެ ކުރިން ރިޕޯޓު ހުށަހެޅުމަށް އަންގާފައެވެ. ފުރަތަމަ ބައްދަލުވުން ބާއްވަން ހަމަޖެހިފައި ވަނީ 10 ދުވަސް ފަހުންނެވެ.

ގަދަަ ފިނީގައި ދަނޑުވެރިން ކުރަމުންދާ އިހުޖާޖު ދިގުލައިގެން ގޮސް، މި އިހުތިޖާޖުގެ ތެރޭގައި ދަނޑުވެރިންގެ 60 މީހުން މަރުވެފައި ވާއިރުވެސް ދަނޑުވެރިން ތިބީ އިހުތިޖާޖު ކުރިއަށް ގެންދަން ތައްޔާރަށެެވެ.

މިއަދު އަމުރު ނެރެފައި ވަނީ ސަރުކާރާ ދެކޮޅަށް ނަމަވެސް، ދަނޑުވެރިން ތިބީ ސުޕްރީމް ކޯޓުގެ އަމުރާމެދު ހިތްހަމަޖެހިފައެއް ނޫނެެވެ. ދަނޑުވެރިން ބޭނުންވަނީ އެ ގާނޫނުތައް މުޅިން އުވާލަންކަމަށް ވާތީއެވެ. އެހެންކަމުން ދަނޑުވެރިން ނިންމާފައި ވަނީ އެމީހުންގެ އިހުތިޖާޖު ކުރިއަށް ގެންދިއުމަށެވެ.

ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކުމާ ބެހޭ ގާނޫނާއި، ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ އަގު ކަނޑައެޅުމާ ބެހޭ ގާނޫނާ، ދަނޑުވެރިކަމުގެ ޒަރޫރީ އުފެއްދުންތަކުގެ ގާނޫނުގެ ސަބަބުން ދަނޑުވެރިންގެ އާމްދަނީ ދަށްވެ، ބޮޑެތި ކުންފުނިތަކަށް ފައިދާކުރާނެ ގާނޫނުތަކެއް ކަމަށް ދަނޑުވެރިން ބުނެއެވެ. މި ގާނޫނުތަކުގެ ސަބަބުން ދަނޑުތައް އެމީހުން އަތުން ބީވެ، ބޮޑެތި ކުންފުނިތަކުގެ 'އަޅުންނަށް' އެމީހުން ވެދާނެ ކަަމަށްވެެސް އެމީހުން ބުނެއެވެ. އެހެންކަމުން، ދަނޑުވެރިން ބޭނުންވަނީ މި ތިން ގާނޫނުވެސް އުވާލުމެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.