ދަނޑުވެރިންނަށް އިހްތިޖާޖުކުރުމުގެ ހައްގު ލިބިގެންވޭ: އިންޑިޔާގެ ސުޕްރީމް ކޯޓު

އިންޑިޔާގެ ސުޕްރީމް ކޯޓު

ދަނޑުވެރިންނަށް ސުލްހަވެރި ގޮތުގައި އިހްތިޖާޖުކުރުމުގެ ހައްގު ލިބިގެންވާ ކަމުގައި އިންޑިޔާގެ ސުޕްރީމް ކޯޓުން ބުނެފިއެވެ. އެހެންނަމަވެސް، މިއަދު ކޯޓުން ބުނީ ދަނޑުވެރިކަމާ ގުޅޭގޮތުން އަލަށް ފާސްކުރި ތިން ގާނުނެއް އުވާލުމަށް ގޮވާލައި ދަނޑުވެރިން އިހުތިޖާޖުކުރާ މައްސަލައިގައި ސަރުކާރާއެކު އެއްބަސްވުމަކަށް ނާދެވި ދިގުލަމުން ދާތީ، ކޯޓުގެ ފަރާތުން މައްސަލަ ހައްލު ކުރުމަށް ދަނޑުވެރިކަމާ ބެހޭ މިނިވަން ތަޖުރިބާކާރުންނާއި، ދަނޑުވެރިންގެ ޖަމްއިއްޔާތަކުގެ ޕެނަލެއް އެކުލަވާލަން ކޯޓުމް ގަސްތުކުރާ ކަމުގައެވެ.

ޗީފް ޖަސްޓިސް އެސް.އޭ. ބޮބްޑޭ ރިޔާސަތު ބެލެހެއްޓެވި ބެންޗުން ބުނީ ތަޖިރިބާކާރުންނާއި، ސަރުކާރުގެ މަންދޫބުން އަދި ދަނޑުވެރިންގެ ޖަމްއިއްޔާތައް ހިމެނޭ ކޮމިޓިގެ ބޭނުމަކީ މަޝްވަރާކޮށްގެން މައްސަލައިގައި ކުރިއަށް ދެވޭނެ ގޮތެއް ހޯދުން ކަމުގައެވެ.

"ދަނޑުވެރިންނަށް އިހުތިޖާޖުކުރުމުގެ ހައްގު ލިބިގެންވާކަން އަހަރުމެން ގަބޫލުކުރަން. އެކަމަކު އެއިހުތިޖާޖު ވާންޖެހޭނީ ސުލްހަވެރި އިހްތިޖާކަށް." ޗީފް ޖަސްޓިސްގެ އިތުރަށް ޖަސްޓިސް އޭ.އެސް. ބޯޕާންނާ އަދި ޖަސްޓިސް ރާމަސުބަރްމާނިއަން ހިމެނިވަޑައިގެންނެވި ބެންޗުން ބުންޏެވެ.

ސުޕްރީމް ކޯޓުގެ މިއަދުގެ އަޑު އެހުމަކީ އިންޑިޔާގެ ވެރިރަށް ނިއުދިއްލީއަށް ވަންނަ މަގުތައް ބަންދުކޮށްގެން އިހުތިޖާޖުކުރުމުންދާ ދަނޑުވެރިން އެއްފަރާތްކޮށް މަގުތައް ހުޅުވުގެ އަމުރަކަށް އެދި ސަރުކާރުން ހުށަހަޅާފައިވާ ޕެޓިޝަނަކާ ގުޅޭ އަޑުއެހުމެކެވެ.

އަނެއްކޮޅުން، ދަނޑުވެރިކަމުގެ ތިން ގާނޫނާ ގުޅުން ހުރި އެހެން ހާދިސާއެއްގައި ދިއްލީގެ ގާނޫނުހަދާ މަޖިލީހުން ވަނީ އެ ތިން ގާނޫނު ގަބޫލުކުރާ ކަމަށް ނިންމާފައެވެ. އަދި ޗީފް މިނިސްޓަރު އަރްވިންދް ކެޖިރްވާލް ވަނީ ގާނޫނުހަދާ މަޖިލީހުގައި އެ ތިން ގާނޫނު އިރާލައްވާފައެވެ.

"މި ވަބާގެ ތެރޭގައި އަވަސް އަރައިގެން  ދަނޑުވެރިކަމާ ބެހޭ ގާނުނުތައް ޕާލަމެންޓުން ފާސްކުރުމުގެ ބޭނުމަކީ ކޮބާ؟ ފުރަތަމަ ފަހަރަށް ރާޖިޔާ ސަބާ (ގާނޫނުހަދާ މަޖިލީހުގެ މަތީގެ) ގައި ވޯޓު ނުލައި، މިތިން ގާނޫނު މިވަނީ ފާސްކޮށްފަ. އެހެންކަމުން، އަހަރެން މި މަޖިލީހުގައި ދަނޑުވެރިކަމާ ބެހޭ ގާނޫނުތައް އިރާލަން. އަދި އިނގިރޭސިން އިސްތިއުމާރަށް ވުރެ ނުބައި ނުވުމަށް މަރުކަޒީ ސަރުކާރަށް ގޮވާލަން." ކެޖްރިވާލް ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.