(16 ނޮވެމްބަރު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ކުޑަ އިރުކޮޅަކަށް ހިމޭންކަން ވެރިވެފައި އޮތެވެ. އެޔަށް ފަހު ރުޚްސާނާ މަޑުމަޑުން ބުނެލިއެވެ. "އަހަރެން ޖަމްޝީދަށް މާފުކޮށްފިން. ޖަމްޝީދުވެސް އަހަންނަށް މާފުކުރޭ. އަހަރެން އޮތީ ޖަމްޝީދަށް ދޮގު ހަދާފައި. ޖަމްޝީދު ކުރިއަށް ފިޔަވަޅު އަޅަމުން ގެންދިޔައީ އަހަރެން ހެދި ދޮގުގެ ސަބަބުން."
"އެންމެ ރަނގަޅު ގޮތަކީ ހިނގި ކަންތައްތައް އަހަރެމެން ދެމީހުންވެސް ހަނދާން ނައްތައިލުން."
"އަހަރެން ހަނދާން ނައްތާލައިފިން."
"ރުޚްސާނާއަށް އެހީތެރިވާން އަހަރެން ބޭނުން. ކުރެވުނު ކުށުގެ ގެއްލުން ފޫބައްދައިދޭން ބޭނުން."
"ހަނދާން ނައްތައިލީމާ ދެން އޮންނާނީ ކޮން ކުށެއް؟ ފޫބައްދަން އޮންނާނީ ކޮން އެއްޗެއް؟"
"އެކަން ނިމިއްޖެ. އަހަރެން ބޭނުންވަނީ އަލުން ރުޚްސާނާއަށް އެހީތެރިވާން."
"ޝުކުރިއްޔާ. މިހާރު އަހަންނަކަށް އެއްވެސް ކަހަލަ އެހީއެއް ބޭނުމެއް ނޫން."
އިރުކޮޅަކު ހިމޭނުން ހުރުމަށް ފަހު ޖަމްޝީދު ބުންޏެވެ. "އަހަރެން މި އުޅެނީ ރަށަށް ދާން."
ރުޚްސާނާ ދިޔައީ ސިއްސައިގެންނެވެ. އޭނާގެ ހިތަށް ކުއްލިއަކަށް ވެރިވީ ފަރުޒާނާއާއި ބާދްޝާއެވެ. "ކޮން ދުވަހަކު؟"
"ފަހަރެއްގައި މި އަންނަ މަހު. ދުވަސްކޮޅަކު ރަށުގައި މަޑުކޮށްލާނަން."
ރުޚްސާނާ އަހައިލިއެވެ. "ފަރުޒާނާ ދަންނަމެއްނު؟"
"ކޮން ފަރުޒާނާއެއް؟ ރުޚްސާނާގެ އެކުވެރިޔާތަ؟"
"އާނ. އޭނާ ރީއްޗެއް ނޫންތަ؟"
"ރީތި."
"އޭނާޔާ އިންނާން ކެރޭނެތަ؟"
އޭނާ ސިހިފައި ރުޚްސާނާއާ ދިމާއަށް ބަލައިލިއެވެ. "އެއީ ރީތި ކުއްޖެއް. މިހާރު ޑަކްޓަރަކަށް ވެދާނެ. އަދި މީހަކާ ނީނދޭތަ؟"
"އާނ. އަދި ނީނދޭ. އޭނާޔާ އިނދެގެން އޭނާ ގޮވައިގެން މިރަށަށް އާދޭ. އޭނާ އިންނާން އެއްބަސް ނުވިއްޔާ އަހަންނަށްޓަކައި އޭނާއަށް މި ރަށުން ރަނގަޅު ވަޒީފާއެއް ހޯދައިދީ."
ޖަމްޝީދު ވިސްނާން ފަށައިފިއެވެ. އަދި ރުޚްސާނާޔާ ދިމާއަށް ބަލަހައްޓައިގެން ހުރެއްޖެއެވެ.
"އަހަންނާ ދިމާއަށް ތިޔަހެން ބަލަނީ ކީއްވެގެން؟"
"އަހަރެން ރުޚްސާނާއަށްޓަކައި ކޮންމެ ކަމެއްވެސް ކޮށްފާނަން. އެކަމަކު ފަރުޒާނާ އަހަންނާ ދެވާށާއި މިތަނަށް ގެންނާން އުޅެނީ ކީއްކުރަން؟"
"އަހަންނަށް އެހީތެރިވާން ބޭނުންވެއޭ ދެންމެ ބުނީމެއްނު؟"
"އާނ. ބުނިން. އަހަރެން އޭނާއަށް ވަޒީފާއެއް ހޯދައިދީފާނަން. އަދި އޭނާ ރުހެންޏާ އިނދެވެސްފާނަން. އެކަމަކު ވެގެން އުޅޭ ކަމެއް ނިކަން ބުނެބަލަ."
"ފަހުން ބުނާނަން."
"ރުޚްސާނާ. އަހަރެން ރަށަށް ގޮސް ކޮންމެވެސް ގޮތަކުން މައުލޫމާތު ހޯދައިފާނަން. އެކަމަކު އެންމެ ރަނގަޅު ގޮތަކީ ރުޚްސާނާ އަމިއްލައަށް އަހަރެން ގާތު ބުނުން."
ރުޚްސާނާ ވިސްނައިލިއެވެ. ޖަމްޝީދު ރަށަށް ދިޔައީމާ ފަރުޒާނާއާއި ބާދްޝާގެ ލޯބި ފޮރުވިފައެއް ނޯންނާނެއެވެ. އޭނާ ފުން ނޭވައެއް ލިއެވެ. "އަހަރެންގެ މޫނު އެނދިކަން ޖަމްޝީދަށް އެނގޭނެތާ. އަހަރެންގެ ކާވެނި ކުރެވުނީ ކިހިނެއްކަން އެނގޭތަ؟"
ޖަމްޝީދު ބޯ ހޫރައިލިއެވެ. "ނޭނގޭ. އަހަރެން ގާތު ނުއެއް ބުނަމެއްނު؟ އަހަރެން މި ހުންނަނީ ރުޚްސާނާގެ ފިރިމީހާއަކީ ކާކުތޯވެސް އަހައިލާން ބޭނުން ވެފައި."
ރުޚްސާނާ އޭނާގެ ދާސްތާން ކިޔައިދޭން ފަށައިފިއެވެ. ޖަމްޝީދު ފަރުވާތެރިކަމާއެކު އަޑު އަހަމުން ގެންދިޔައެވެ. މޫނުމަތީން ސީރިއަސްކަން ފެނުނު ކަމުގައި ވިޔަސް ހިތާހިތުން ގެންދިޔައީ އުފާ ކުރަމުންނެވެ. ހިތާހިތާ ކިޔަމުން ދިޔައެވެ. "ރުޚްސާނާ އެންމެ ފަހުން އިނީ ކުލީކާރު ދުއްވާ މީހަކާތާއެވެ. ފަރުޒާނާވެސް އެ މީހަކު ދެކެ ލޯބިވާކަން ވަރަށް ރަނގަޅެވެ. އެއީ ވަރަށް ނަސީބުވެރި މީހެކެވެ. ދެމީހުންވެސް އޭނާ ދެކެ އެބަ ލޯބިވެއެވެ. ދެ ބަތަލާއިންނާއި އެންމެ ބަތަލެކެވެ. އެންމެ ރަނގަޅެވެ. އަހަރެން ރަށަށް ދާނަމެވެ. ކުރެވެން އޮތީ ކޮން ކަމެއްތޯ ބަލާނަމެވެ. ކުރެވޭން އޮތް ކޮންމެ ކަމެއް ކުރާނަމެވެ. ކޮންމެ ކަމެއް ކުރިޔަސް ކުރާނީ ރުޚްސާނާއަށްޓަކައެވެ. ފަރުޒާނާ ކިތަންމެ ރީއްޗަސް އަހަރެން ބޭނުންވާ މީހަކީ އެޔެއް ނޫނެވެ. އަހަރެން މި އުޅެނީ ރީތިކަން ބޭނުން ވެގެންނެއް ނޫނެވެ. ޒުވާންކަން ބޭނުން ވެގެންނެއްވެސް ނޫނެވެ. އަހަރެން ބޭނުންވަނީ ރުޚްސާނާއެވެ. ރުޚްސާނާއަކީ މިހާރު އަހަރެންގެ މަވެތިކަމަށް ޖެހެވިފައިވާ ގޮމެކެވެ. ރުޚްސާނާ ނުލިބެނީހެއް އަހަންނަކަށް އެކުވެރިންގެ ތެރެއަށް ނުކުމެ އުޅޭކަށް ނުކެރޭނެއެވެ. ކުލީކާރު ދުއްވާ މީހަކަށްޓަކައި އަހަރެންގެ އެދުންތަކުގައި ކޮޅުފައިން ޖެހުމަކީ އަހަރެންގެ އަގު ވައްޓައިލުމެވެ. އެންމެ ރަނގަޅެވެ. އަހަރެން ރަށަށް ދާނަމެވެ. ދާނީ ރުޚްސާނާއަށްޓަކައެވެ."
* * *
ކުލިނިކާ ހަމައަށް ދެވުމާއެކު ބާދްޝާ އުފަލުން ފޮޅުނެވެ. ދޮރު ހުރީ ހުޅުވައިފައެވެ. އޭނާ ކާރު މަގުގެ އަނެއް ފަރާތުގައި ބާއްވާފައި އައިސް ކުލިނިކުގެ ދޮރުމައްޗަށް ހުއްޓިއްޖެއެވެ. ބަލިމީހުން އެހައި ގިނައެއް ނޫނެވެ. ފަރުޒާނާ މާ ގިނަ ދުވަހު އެތަން ބަންދުކޮށްފައި ބެހެއްޓީމާ ވީ ގޮތެއް ކަމުގައިވެސް ވެދާނެއެވެ. އޭނާ ނެތިއްޔާ އެހެން ޑަކްޓަރަކަށް ދައްކަން މީހުން ދާނެތާއެވެ.
ބާދްޝާ އެއް ފަރާތަކަށް ޖެހިލުމަށް ފަހު ފާރަށް ލެނގިލިއެވެ. އަދި ސިގިރޭޓެއް ރޯކޮށްލުމަށް ފަހު އިންތިޒާރު ކުރާން ފަށައިފިއެވެ.
އަންހެނަކު ކުޑަ ކުއްޖަކު ގޮވައިގެން ކުލިނިކުން ނުކުމެއްޖެއެވެ. އެތެރެއިން އިވުނީ ފަރުޒާނާގެ އަޑެވެ. "އަރުޝަދު. އެހެން މީހަކު އިނިއްޔާ ވައްދާ."
"ދައްތާ. އެހެން މީހަކު މި ވަގުތަކު ނެތް. މާގިނަ ދުވަހު ބަންދުކޮށްފައި ހުރީމާ ތަންކޮޅެއް މީހުން މަދީ. ވޭތުވެ ދިޔަ ދުވަސްކޮޅުގެ ތެރޭގައި ބައެއް މީހުން އައިސް މައުލޫމާތު އޮޅުންފިލުވި. އެމީސްމީހުން ގާތަށް ގޮސް ކުލިނިކު ހުޅުވި ވާހަކަ ބުނާނަން."
"އެހެން ވެއްޖެއްޔާ ދެން ގެއަށް ދޭ."
އަރުޝަދު ވަގުތުން ނުކުމެގެންނެއް ނުދިޔައެވެ. ކުލިނިކު ކުނި ކަހާލައި ސާފުކޮށްލަން މަޑުކޮށްލީއެވެ. އަނެއްކާވެސް ކުޑައިރުކޮޅަކު އިންތިޒާރު ކުރަން ޖެހުނީއެވެ. އޭނާ ދެވަނަ ސިގިރޭޓު ރޯކޮށްލައިފިއެވެ. އެ ސިގިރޭޓު ހުސްވާން އުޅެނިކޮށް އަރުޝަދުގެ އަޑު އިވިއްޖެއެވެ. "ދައްތާ. ދެން ދަނީ. އައްސަލާމް ޢަލައިކުމް."
ފަރުޒާނާގެ އަޑު އިވުނީ ބޭރު ދޮރު ކައިރިންނެވެ. "ވަޢަލައިކުމުއްސަލާމް."
ބާދްޝާ ކުއްލިއަކަށް ދޮރުމައްޗަށް އަރައިފިއެވެ. "އަޅުގަނޑުވެސް މި އައީ ސަލާން ގޮވައިލާން."
ފަރުޒާނާ އެނބުރި ވަންނާން އުޅެފައި ހުއްޓިއްޖެއެވެ. އެކަމަކު ހައިރާންވީ ހެންނެއް ހިއެއް ނުވެއެވެ. އޭނާ އެނބުރި އައުމާއެކު ބާދްޝާ އަންނާނޭކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ބާދްޝާ ފެނުނީމާ އަރުޝަދުވެސް މަޑުކޮށްފިއެވެ.
ބާދްޝާ ބުންޏެވެ. "އަޅުގަނޑުގެ އަންހެނުން ވަރަށް ބަލި. އަޅުގަނޑުމެން އުޅެނީ މުޖާހިދުއާބާދުގައި. ކާރު އެބައޮތް. އަންހެނުން ބައްލަވައިލައްވާން ހިންގަވާ. އެނބުރި އައިސް މިތަނަށް ބާލައިދޭނަން. ފީއަށް ދައްކަން ޖެހޭ ވަރެއް އަޅުގަނޑު ދައްކާނަން."
ފަރުޒާނާ ފުރަތަމަ ބަލައިލީ އަރުޝަދާ ދިމާއަށެވެ. އެޔަށް ފަހު ބުނެލިއެވެ. "އަހަރެން ގޭގެއަށް ގޮސް ބަލި މީހުން ނުބަލަން."
"ތިޔަހެން ނުހައްދަވާ. މަޖުބޫރުވީމާ ގޭގެއަށްވެސް ވަޑައިގަންނަވަން ވާނެއެއް ނޫންތޯ؟ ވަޑައިނުގަތިއްޔާ..."
(ނުނިމޭ)
އާބަޔަށް ވވވ. ޝުކުރު ވވވ.ރީތި