ފަޅިމޫނު - 142

(22 ޑިސެމްބަރު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޖަމްޝީދު ހަންފޮށި ހިފައިގެން އައިސް ވަދެއްޖެއެވެ. "މީގެ ތިން މަސް ދުވަސް ކުރިން އަޅުގަނޑު އަންނާން އުޅުނިން. އެކަމަކު މަސައްކަތުގައި އަވަދިނެތި އުޅެން ހަދައިގެން ނާދެވުނީ. ދަރިފުޅު ފޮނުވި ތަކެއްޗާ ހަވާލުވެލައްވާ. މި އޮތީ ސިޓީވެސް."

ސިޓީ އަތުލާން ވެގެން ދެ ފިޔަވަޅެއް އެޅުމާއެކު މައިދައިތަގެ އަރުތެރެއިން ހަޅޭކެއްގެ އަޑު ނުކުތެވެ. އޭނާއަށް ފެނުނީ ބާދްޝާ ޖާނީ ކޮޓަރިން ނުކުމެގެން އައިސް ބޮޑު ކޮޓަރިތެރެއަށް ވަން ތަނެވެ. ފަރީދު އަޙްމަދަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. ސުވާލުގެ ނަޒަރަކުން ބާދްޝާއާ ދިމާއަށް ބަލާން ފަށައިފިއެވެ. އޭނާ ގޭތެރެއަށް ވަނީ ކިހިނެއްކަން ވިސްނައިގަނެވުނީ ހިނދުކޮޅަކަށް ފަހުގައެވެ. "ބޭރު ދޮރު ހުރީ ހުޅުވައިފައިތަ؟"

ބާދްޝާ ފަރީދާ ދިމާއަށް ކަޅި އަޅައިލުމަށް ފަހު މައިދައިތައާ ދިމާއަށް ރުޅިވެރިކަމާއެކު ބަލާން ފަށައިފިއެވެ. އައިސްފައި ހުރި ގަދަ ރުޅިއެއްގެ ސަބަބުން އޭނާގެ ހަށިގަނޑު އެކީގައި ކުޑަކޮށް ތުރުތުރު އަޅާން ފަށައިފިއެވެ. ޖަމްޝީދު އޭނާޔާ ދިމާއަށް ބަލައިލިއެވެ. "މިސްޓަރ. ތިޔައީ ދެންމެ އަހަންނަށް މިގެ ދެއްކި މީހާ ދޯ؟ ތިޔައީ ކާކު؟ މި މީހުން އެހައި ވަރަކަށް ސިހުނީ ކީއްވެގެން؟"

ބާދްޝާ ރުޅިވެރިކަމާއެކު ބުނެލިއެވެ. "ދޮގު އަބަދުވެސް ހުންނާނީ ސިހިސިހި. ބޭޒާރުވުމާއެކު ދޮގު މަރުވެދާނެ. މި ދެމީހުންގެ ކުރިމަތީގައި މިހާރު މިހިރީ މަރުގެ މަލާއިކަތާ."

ޖަމްޝީދު އޭނާޔާ ދިމާއަށް ފުންކޮށް ބަލައިލިއެވެ. "އަހަރެންގެ ވިސްނުން ކޮށި ކަމުގައި ނުވާނަމަ ތިޔައީ މިސްޓަރ ބާދްޝާ ޖާނީ."

"އަހަރެން މިއީ މިސްޓަރެއް ނޫން. ހަމައެކަނި ބާދްޝާ ޖާނީ. އަހަންނަށް ގޮވަން ޖެހޭ ގޮތަށް ގޮވާ. ކުލީކާރު ދުއްވާ ކަލޭގެ... މަޑުކުރޭ… ގަމާރު ކަލޭގެ ތިޔަދަނީ ކޮން ދިމާއަކަށް… އެ ގޯޅި އަޅާ… މިއީ އަހަންނާ ވާހަކަދައްކަން ޖެހޭ ގޮތް. އަހަރެން މިއީ ކާރަށް އަރާ ފަސިންޖަރުން އެކި ތަންތަނަށް އުފުލާ ޖަނަވާރެއް. އަހަރެން ވަރުގެ ނިކަމެއްޗަކާ ދިމާއަށް މިސްޓަރޭ ކިޔަން ހެޔޮވާނީ ކިހިނެއް؟ އަހަރެން މިއީ މިސްޓަރެއް ކަމަކަށް އަހަރެންގެ އަންހެނުންވެސް ގަބޫލެއް ނުކުރޭ."

މައިދައިތަ ބިރުން ހުރެ ފަހަތަށް ޖެހިލިއެވެ. "އަހަރެންގެ ދަރިފުޅާ ދެކޮޅަށް ކަލެއަށް ހުތްލައިދެނީ ފަރުޒާނާކަން ޔަގީން."

ބާދްޝާ ގޮށްމުށް ކަވައިލުމަށް ފަހު ކުރިއަށް ޖެހިލިއެވެ. "މުސްކުޅި ޑައިނު. އަނގަނުތަޅާ ހިމޭނުން ހުރޭ. އެހެންނޫނީ ކަރުގައި ހިފައި މަރައިލާނަން. ކަލޭމެންގެ ދަރިއަށްޓަކައި އެތައް ގުރުބާނީއެއްވީ މީހެއްގެ ބޮލުގައި ހުތުރު އިލްޒާމު އަޅުވާކަށް ލަދެއް ނުގަނޭތަ؟ އަހަރެން ކޮޓަރިތެރޭގައި ހުރެގެން ކަލޭމެން ދެއްކި ހުރިހައި ވާހަކައެއް އަޑުއަހައިފިން. މި ވާހަކަ ދައްކަނީއަކީ މީހަކު ބުނި ޔޯލަ ވާހަކައެއް އަޑުއަހައިގެންނެއް ނޫން. އެނގުނު އެއްޗެއް އެނގުނީ… ވިސްނުނު އެއްޗެއް ވިސްނުނީ ކަލޭމެން ދެންމެ ދެއްކި ވާހަކައިން."

ޖަމްޝީދު އެ ދެމީހުންގެ ދެމެދަށް ވަދެއްޖެއެވެ. "މިސްޓަރ. ހަމަބުއްދި އިސްކުރޭ. ތިޔަވަރަށް ރުޅި އަންނަ ސަބަބެއް އަހަންނަށްވެސް ނިކަން އޮޅުންފިލުވައިދީބަލަ."

ބާދްޝާ ފަރީދު އަޙްމަދާ ދިމާއަށް ބަލައިލިއެވެ. "އަނބިދަށުވެފައި ހުންނަ ކަލޭގެ. މީނާއަށް ކިޔައިދީބަލަ."

ފަރީދު އަޙްމަދު ޖެހިލުންވެފައި ހުރެގެން ބުންޏެވެ. "ދަރިފުޅާ. ގަދަރުވެރިކަމާއެކު ވާހަކަދައްކާ. މެހުމާނަކު އެހައި ދުރުން އައިސްހުއްޓައި އޭނާގެ ކުރިމަތީގައި…"

"ގަދަރުވެރިކަމޭ ކިޔައިގެން އަނގަތަޅާކަށް ލަދެއް ނުގަނޭތަ؟ ކަލޭމެން އަހަންނާމެދު ކަންތައް ކުރީ ކިހިނެއް؟ ކިތައް ފަހަރު އަހަންނަށް މަކަރުހަދައިފިން؟ ކިތައް ދޮގު ހަދައިފިން؟ ކަލޭމެންގެ ދަރި އަހަންނާ މެދު ކަންތައް ކުރީ ކިހިނެއް؟ މުދަލާއި ގެދޮރު ކަލޭގެ ދަރިއަކަށް އަހަރެން ނުދެންތަ؟ އަހަރެންގެ ހުރިހައި އެއްޗެއް އޭނާގެ ނަމަކަށް ބަދަލެއް ނުކުރަންތަ؟ އަހަރެންގެ ލޯތްބެއް ނުދެންތަ؟"

މައިދައިތަ ބުންޏެވެ. "ދޮގު ނުހަދާ. ކަލޭ ދުވަނީ އެ ފަރުޒާނާއެއްގެ ފަހަތުން."

"ކަލޭމެންގެ ދަރި ގާތު އަހާބަލަ. ފަރުޒާނާގެ ފަހަތުން ދުވުނަސް އަހަރެން ގުރުބާން ވަނީ ކާކަށްޓަކައިތޯ ނިކަން އަހައިލަބަލަ. ރެޔާއި ދުވާލު ބުރަކޮށް މި މަސައްކަތް ކުރަނީ ކާކަށްޓަކައި؟ ކަލޭމެންގެ ދަރިއަށްޓަކައި. ކަލޭމެންގެ މަކަރާއި ބޮޑެތި ދޮގަށް މާފުކުރީ ކަލޭމެންގެ ދަރިއަށްޓަކައި. އެކަމަކު ދެނެއް ނުކުރާނަން. އޭނާ ވަރިކޮށްލާނަން."

ފަރީދު އަޙްމަދު ބުންޏެވެ. "ނޫނޭ ދަރިފުޅާ. ތިޔަހެން ނުބުނޭ. އަބުރުވެރި މީސްމީހުން ތިޔަކަހަލަ ވާހަކައެއް ނުދައްކާނެ."

ބާދްޝާ އަނގައިންވެސް ނުބުނެ އެ ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ފަރީދު އަޙްމަދާއި އޭނާގެ އަނބިމީހާޔާ ދެމީހުން ކަންބޮޑުވެފައި އެ ކޮޓަރިއާ ދިމާއަށް ބަލާން ފަށައިފިއެވެ.

ބާދްޝާ ކޮޓަރިން ނުކުތީ އޭނާގެ ދަރިފުޅު އުރާލައިގެންނެވެ. "މިއަދުން ފެށިގެން އަހަންނަކާވެސް އަހަރެންގެ ދަރިފުޅަކާވެސް ކަލޭމެންނަކާ އެއްވެސް ގުޅުމެއް ނޯންނާނެ. ދަރިފުޅު ގޮވައިގެން އަހަރެން މި ދަނީ."

މައިދައިތަ އައިސް އޭނާގެ ގައިގައި އޮޅުލައިގެންފިއެވެ. "އަހަރެންގެ ތުއްތު ދަރިފުޅު ގޮވައިގެން ގޮސްގެން ނުވާނެ. ތިޔައީ އަހަރެންގެ ދަރިފުޅުގެ ހައްގެއް. ވަކި ގޮތެއް ނިންމަން ދަރިފުޅު އަންނަންދެން މަޑުކުރޭ."

ބާދްޝާ އޭނާ ފޮޅުވައިލުމަށް ފަހު ބުންޏެވެ. "އަނގަނުތަޅާ. މިއީ އަހަރެންގެ ދަރިއެއް. ގޮސް ފުލުހަށް ރިޕޯޓުކުރޭ. ކޯޓަށް ދޭ. އަހަރެންވެސް ކޮންމެވެސް ވަރަކަށް ގާނޫނު ދަންނަން. ދަރިފުޅު ލިބޭނީ ބައްޕައަށް."

އޭނާ ހިނގައިގެންފިއެވެ. ފަރީދު އަޙްމަދު އައިސް އޮޅުލައިގެންފައި އާދޭހުގެ ރާގަކަށް ބުންޏެވެ. "ދަރިފުޅާ. ތިޔަހެން ގުޅުން ކަނޑައިނުލާ. ކެތްކުރޭ. ރުޚްސާނާ އަންނާންދެން މަޑުކޮށްލާ. ބައްޕަ ހުވައި ކޮށްފައި މި ބުނަނީ… ރުޚްސާނާގެ އެއްވެސް ކުށެއް ނެތް. އޭނާ ގަސްތުގައި އެއްވެސް މަކަރެއް ނުހަދާ. ކުރި ހުރިހައި ކަމެއް ކުރީ މިހިރަ އަންހެންމީހާގެ ބަހަށް ހެއްލިގެން. އޭނާ ދަރިފުޅު ދެކެ ނުލާހިކު ބޮޑަށް ލޯބިވޭ. ﷲ ތަޢާލާ ހުއްދަ ކުރައްވާނަމަ ދަރިފުޅަށް ސަޖިދަ ޖެހުމަކީވެސް އޭނާ ކުރާނެ ކަމެއް."

"ތިޔަބުނާ ކަހަލަ މަކަރުން ފުރިފައިވާ ސަޖިދަ ޖަހާ އެތައް ބަޔަކު އަހަރެން ދެކެފިން. މީހުން އެތިބަގެން ﷲއަށްވެސް މަކަރު ހަދަނީ. އަހަރެން މިއީ އާދައިގެ އިންސާނެއް."

އޭނާ ޖެހި ލަތްކަކާއެކު ފަރީދު އަޙްމަދު ވިއްސައިގެން ގޮސް ޖެހުނީ ގޮނޑިއެއްގެ ބުޑަށެވެ. އޭނާ ދިގު ފިޔަވަޅުތަކެއް އަޅަމުން ގޮސް ގެއިން ނުކުމެއްޖެއެވެ. މައިދައިތަ އާދޭސްކުރަމުން ފަހަތުން ހިނގައިގަތެވެ. އެކަމަކު ޖަމްޝީދު ހުރަސް އަޅައިފިއެވެ. "ދައްތާ. ކެތްކުރޭ. ދަރިފުޅު ގޮވައިގެން އެ ދިޔައީ އެ ކުއްޖާފުޅުގެ ބައްޕަ. ދުޝްމިނެއް ނޫން. އޭނާ އެހެރީ ވަރަށް ބޮޑަށް ރުޅި އައިސްފައި. މި ވަގުތު ދޫކޮށްލާ. ފަހުން އޭނާއަށް ވިސްނައިދެވިދާނެ."

މައިދައިތަ ބާދްޝާއާ ދިމާއަށް އެއްޗެހި ކިޔުން ހުއްޓައެއް ނުލައެވެ.

ފަރީދު އަޙްމަދު ނުރުހުންވެފައި ބުންޏެވެ. "މިހާރު ތިޔަ ފަތިވަރު އަމުނާނެ ކަމެއް ނެތް. މި ފެންނަނީ ކަލޭގެ އަމަލުތަކުގެ ނަތީޖާ. ދަރިފުޅަށް ނަގައިދިން ވިޔާނުދާ ފިލާވަޅުގެ ނަތީޖާ ކޮންމެވެސް އެއް ދުވަހަކުން ފެންނާނެތާ. މިއަދު މިއޮތީ ފެނިފައި."

އަނބިމީހާ ރުޅި އައިސްފައި ބުންޏެވެ. "އަހަރެންގެ ދަރިފުޅު އެ ވިޔާނުދާ ކަލޭގެޔާ ދެވި ދުވަހު އަހަރެންގެ ނަސީބުގެ ތަރި އޮއްސިއްޖެ. ފަރީދު ވަރުގެ ފިނޑި މީހަކު އަހަރެން ދުވަހަކުވެސް ނުދެކެން. އަހަރެމެންގެ ދަރިފުޅު ގޮވައިގެން ދިޔައީމާވެސް ކުރެވުނު ކަމެއް ނެތް."

"އަހަރެން ކުރަންވީ ކީއް؟ އަވަށު މީހުންގެ ކުރިމަތީގައި ބޮޑު ސަކަރާތްގަނޑެއް ޖަހަންވީތަ؟ އޭނާ އެހެރީއަކީ ހަމަހެޔަކު ނޫން. އޭނާ އަހަރެމެންނަކަށް އެއްވެސް ގަދަރެއް ނުކުރާނެ. އަމިއްލަ އަގު ވެއްޓިދާނެތީ ފިކުރެއްވެސް ނުކުރާނެ. އަހަރެމެން މަކަރު ހެދި ވާހަކަ އެންމެންގެ ތެރޭގައި ގޮވައިލާނެ. އަހަރެމެން މި ގެންދަނީ ހުއްޓާނުލައި އޭނާއަށް މަކަރު ހަދަމުން. އޮޅުވައިލަމުން. މީސްމީހުނަށް ހަގީގަތް އެނގުނީމާ އަހަރެމެންގެ މޫނަށް ކުޅު ޖަހާނެ."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.