(27 މާރިޗު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އަހަރެން މި ދައްކަނީއަކީ ފަރުޒާނާގެ ވާހަކައެއް ނޫން. ފަރުޒާނާއަށް ވިޔަސް އެހެން މީހަކަށް ވިޔަސް... އަހަރެން އެދެނީ ފަސް އަހަރު ދުވަސް ވާންދެން އަހަންނަށް އިންތިޒާރު ކުރަން. ދިމާވާ ގޮތަކުން އަހަރެމެން ދެމީހުން ވަކިވިޔަސް އަހަރެން ﷲ އަށް އިތުބާރު ކުރަން. ބާދްޝާގެ ވައުދަށް އަހަރެން ބޭނުން ވަނީ އެ އިތުބާރު އޮންނާތީ."
"އިއްޔެއެއްސުރެ ތިޔަ ރޮނީ އެކަމާ ދޯ؟ އެހެން ވެއްޖެއްޔާ އަތާއަތާ ޖަހައި އަހަރެން މި ވައުދު ވަނީ..." އޭނާ ރުޚްސާނާގެ އަތުގައި ހިފަހައްޓައިލިއެވެ. "މިއީ ފިރިހެނެއްގެ ބަސް. ފުރަތަމަ ކަމަކަށް އަހަރެން ރުޚްސާނާއާ ވަތްކެއް ނުވާނަން. ދިމާވާ އާދަޔާ ޚިލާފު ސަބަބަކާހުރެ ދެމީހުން ވަކި ވިޔަސް އަހަރެން ފަސް އަހަރު ދުވަހު އިންތިޒާރުގައި ހުންނާނަން. އަދި ރުޚްސާނާ ހޯދަން ގަދައަޅައި މަސައްކަތްވެސް ކުރާނަން. މިހާރު އުފާވެއްޖެތަ؟"
ރުޚްސާނާ އޭނާގެ ފައިގައި ހިފަހައްޓައިލިއެވެ. އެ ވައުދު ކުރުވީ ވަރަށް ބޮޑަށް ވިސްނައިފައެވެ. އޭނާގެ ހިތުގަައި އެ ވަގުތު އެނބުރޭން ފެށްޓީ އާދަޔާ ޚިލާފު ޚިޔާލެކެވެ. ހިތަށް އެރިއެވެ. ދީނުގެ ހުކުމަކާ އެއްގޮތަށް އޭނާގެ ކާވެނި ސައްހަ ނޫން ކަމަށް ކަނޑައެޅިއްޖެ ނަމަ ފަހުން ކާވެނި ކުރުމުގެ ހުއްދަ ލިބޭނޭކަން ޔަގީނެވެ. އެކަމަކު އޭގެ ކުރިން ފަރުޒާނާގެ މައްސަލަ ކުރިމަތިވާނެއެވެ. އެހައިތަނުން އޮންނާނީ ފަޅި މޫނަކާއި ފުރިހަމަ މޫނެއްގެ ދެމެދުގައި އޮންނަ މައްސަލައެކެވެ. އެ މައްސަލަ ހައްލުކުރުމުގައި ލިބޭ މުއްދަތު ފަސް އަހަރު ކަމުގައި އެއްބަސްވެވިއްޖެނަމަ އެ މުއްދަތުގެ ތެރޭގައި އަހަރެންގެ މޫނު ރަނގަޅު ކުރެވޭނޭ ކަމުގެ ކަށަވަރުކަން އެބައޮތެވެ. އެހެން ހެދީމާ ބާދްޝާގެ ކުރިމައްޗަށް އަންނާނީ ފުރިހަމަ ދެ މޫނެވެ. އެފަދަ ހާލަތެއްގައި ބާދްޝާ ބުރަވާނީ އަހަރެންގެ ކޮޅަށް ހެއްޔެވެ؟ ނުވަތަ ފަރުޒާނާގެ ކޮޅަށް ހެއްޔެވެ؟ ފަރުޒާނާއަކީ ރީތި ކުއްޖެކެވެ. އެކަމަކު އަހަރެންވެސް ވަކި ހުތުރެއް ނޫނެވެ. ފަރުޒާނާގެ ކިބައިގައި އޮތް ހަތިޔާރަކީ ލޯބި ކަމުގައި ވަނީނަމަ އަހަރެންގެ އަތުގައި ލޯބީގެ އިތުރަށް ދަރިއަކުވެސް އެބައޮތެވެ. ބާދްޝާ ވަކި ގޮތަކަށް ނިންމާނީ މި ހުރިހައި ކަމަކަށް ބަލައި ވިސްނުމަށް ފަހުގައެވެ.
ބާދްޝާގެ ފައިގައި އަތް ޖައްސައިލެވުނީމާ އޭނާގެ ހިތް ހަމަޖެހުނެވެ. މިހާރު އޭނާ އެވަނީ ބާދްޝާގެ ފައިގައި ފަސް އަހަރު ދުވަހުގެ ހިލިހިލައެއް ޖަހައިފައެވެ.
ހަވީރު ހަތަރެއް ޖެހި ތަނާ ގޭ ދޮށަށް ރެކިސާއެއް މަޑުކުރި އަޑު އިވިއްޖެއެވެ. އޭނާ ކުޑަދޮރު ހުޅުވައިލައި ބަލައިލިއިރު މަންމަ ރެކިސާއިން ފައިބަނީއެވެ. އޭނާ ދަރިފުޅު ބާދްޝާއާ ހަވާލުކޮށްފައި ބުންޏެވެ. "މިތާނގައި މަޑުކޮށްލާ. ބޭރަށް ނުނުކުންނާތި. ވައިގެ ތެރެއަށް ނުކުތީމާ އަނެއްކާވެސް ހުން ގަދަވެދާނެ. އަދިވެސް ކުޑަކޮށް ހުން އެބަހުރި. މަންމަ އަތުވެއްޖެ. އަހަރެން މަންމަޔާ ބައްދަލު ކޮށްފައި އެބައަންނަން."
މިހެން ބުނެފައި ބޭރަށް ނުކުންނާން ހިނގައިގަތީމާ ބާދްޝާ އަހައިލިއެވެ. "މަންމަ އެ އަންނަނީ މިތަނަކަށްނު؟ ރުޚްސާނާ ބޭރަށް ނުކުންނަނީ ކީއްކުރަން؟"
ދޮރާ ހަމައަށް ގޮސްފައި ރުޚްސާނާ ހުއްޓިފައި އެނބުރި ބަލައިލިއެވެ. "ޖާނީއަކަށް ނޭނގޭނެ. ޖާނީގެ ކުރިމަތީގައި މަންމައަށް ދައްކަން އުނދަގޫ ވާހަކަ ހުންނާނެ."
މިހެން ބުނެފައި ހިނިތުން ވެލުމަށް ފަހު، ދިޔަޔަސް އެންމެ ރަނގަޅުހެއްޔޭ އަހާ ކަހަލަ ހަރަކާތެއް ކޮށްލިއެވެ.
ބާދްޝާވެސް ހިނިތުންވެލިއެވެ.
ރުޚްސާނާ ބޭރަށް ނުކުމެއްޖެއެވެ. އެކަމަކު ތުންފަތްމައްޗަށް ވެރިވީ ހިނިތުންވުން ފުހެވިއްޖެއެވެ. އޭނާއަށް ނުކުމެވުނުއިރު މަންމަ އައިސް މައިދޮރާ އަރައި ހަމަ ވަނީއެވެ. އޭނާ ވައި އަޑުން އަހައިލިއެވެ. "މަންމާ. ކިހިނެއްވީ؟"
މަންމަ ދޯޕައްޓާއިން މޫނު ފޮހެލަމުން ބުންޏެވެ. ""ރަނގަޅު. ބިރުގަންނާނެ ކަމެއް ނެތް."
"ބިރު ގަންނަނީ މަންމައެއްނު؟ އަހަންނަށް އަޑު އަހަން ކެރޭނެ. އެ ހިތްވަރު ހުންނާނެ. އެއްވެސް ކަމެއް އަހަންނަށް ސިއްރު ނުކުރާތި. އަވަހަށް ބުނޭ."
"ދަރިފުޅާ. ހާސްނުވޭ. ދަންނަބޭކަލަކާ ސުވާލު ކުރީމާ ވަކި ޖަވާބެއް ނުދޭ. ބުނީ އެހެން ދަންނަބޭކަލުންނާ މަޝްވަރާކޮށްފައި ވަކި އެއްޗެކޭ ބުނާނަމޭ. ފަނަރަވަރަކަށް ދުވަސް ވާނެއޭ."
"އެކަމަކު މަންމަ ވާހަކަ ދެއްކި މީހާވެސް އޭނާއަށް ފެންނަ ގޮތެއް ބުނާނެއެއްނު؟"
"އޭނާ ބުނީ ވަރަށް ބޮޑު މައްސަލައެކޭ. ހަމައެކަނި އޭނާގެ ރައުޔުގެ މައްޗަކަށް އެއްވެސް ކަމެއް ނިންމާކަށް ނުކެރޭނެއޭ. އެހެން ހަދައިފިއްޔާ ކޮންމެވެސް ދަލީލެއް ނަގައިގެން އެހެން ދަންނަބޭކަލުން ފަހަރެއްގައި ދެކޮޅު ހަދައިފާނެއޭ. މައްސަލައިގެ ހައްލެއް ހޯދާން ޖެހޭނީ ދަންނަބޭކަލުންގެ ޖަމާއަތަކުންނޭ."
"އެހައި ބޮޑު މައްސަލައަކަށް ވާން ޖެހޭ ސަބަބެއް އަހަންނަކަށް ނުވިސްނޭ. ސާފުކޮށް ފެންނާން އޮތް ކަމެއް. ކާވެނި ކުރުމުގެ ކުރިން އަހަރެމެން ޖާނީއަށް ދޮގު ހެދީ. އެ ނޫން ކަމެއް ނެތް."
"ދަރިފުޅާ. މިއީ ތިޔަ ހީކުރާހައި ކުޑަ ކަމެއް ނޫން. އެއްކަމަކުން އަނެއް ކަމެއް ނުކުންނަ ކަހަލަ މައްސަލައެއް. ހަމަޖެހިލައިގެން ކިޔައިދޭނަން. މިތާ ކޮޅަށް ހުރެގެންތަ ވާހަކަ ދައްކަންވީ؟"
ރުޚްސާނާ ކޮޓަރިއާ ދިމާއަށް ބަލައިލާފައި އަނެއްކާވެސް ވައިއަޑުން ބުނެލިއެވެ. "އެތެރޭގައި ޖާނީ އެބައިން. އޭނާގެ ކުރިމަތީގައި ވާހަކަ ނުދެއްކޭނެއެއްނު؟ އިރުކޮޅަކުން އަހަންނަށް ގޮވާނެ. އެހެންވީމާ ކުރުކޮށް ކިޔައިދީ."
މަންމަ ބުންޏެވެ. "އަހަރެންގެ ކަރު ހިއްކައިގެންފި. ތިޔަ ވާހަކައިން ހައްތަހާ ހާސްކަން ބޮޑު ވަނީ. ފެންފޮދެއް ބޮއިގެން ނޫނީ ވާހަކައެއް ނުދެއްކޭނެ."
ދެމައިން އެކީގައި ގޭތެރެއަށް ވަދެއްޖެއެވެ. ކޮޓަރި ހުރަސްކުރި އިރު ބާދްޝާ ފެނުނީމާ ރުޚްސާނާ ބުންޏެވެ. "މަންމައަށް ފެން ދީފައި އެބަ އަންނަން."
ބާދްޝާ ހައިރާން ވެފައި އޭނާގެ މައިދައިތަޔާ ދިމާއަށް ބަލައިލިއެވެ. ކޮަޓަރި ހުރަސްކޮށް ދިޔައީމާ ބާރަށް ބުނެލިއެވެ. "ފެން ދިނުމުގެ ކުރިން އުމުރު އަހައިލާތި. ބުއްފުޅި ޖައްސަންވެސް ޖެހިދާނެ. ހައިރާން ވެއްޖައިން. މުސްކުޅި ދައިތަ މިހާރު އަހަރެންގެ ދަރިފުޅަށްވުރެވެސް ޅަ ވެއްޖެ. އަމިއްލައަށް ފެންފޮދެއްވެސް ނުއެއް ބޮވޭ."
ދެމައިން ގޮސް ބަދިގެއަށް ވަދެއްޖެއެވެ. ބާދްޝާ ދެއްކި ވާހަކައިގެ އަޑު އިވުނީމާ މަންމަ ބުނެލިއެވެ. "ނިކަން އަޑު އަހާބަލަ. އެ ސޮރު އަހަންނާ އެވަރަކުން އަޅައިގަނެގެން އުޅެނީ ކީއްވެގެން؟"
"މަންމާ. އެ ވާހަކަ ބާއްވާ. އަވަހަށް ފެން ބޮއިގެން ކަންތައް ވީގޮތް ކިޔައިދީބަލަ."
ތަށްޓަށް ފެން އަޅަމުން މަންމަ ބުނެލިއެވެ. "އޭނާ ބުނީ އެއްގޮތަކުން ބަލާއިރު ކާވެނި ސައްހަ ވާނެއޭ."
ރުޚްސާނާ ވަރަށް ބޮޑަށް އުފާވެފައި އަހައިލިއެވެ. "ހަމަ ތެދެއްތަ؟"
"އާނ. އެކަމަކު އަނެއް ގޮތަކުން ބަލާއިރު ކާވެނީގައި މައްސަލަތަކެއް އެބަހުއްޓޭ ބުނި. މާނައަކީ ސައްހައެއް ނުވާނެއޭ."
ރުޚްސާނާ މާޔޫސީގެ ރާގަކަށް ބުނެލިއެވެ. "ސައްހައެއް ނުވާނެއޭ؟ އެއީ ކީއްވެގެން؟ އޭނާ ދެއްކި ވާހަކަ ރަނގަޅަށް ކިޔައިދީބަލަ."
މަންމަ ފެންބޯން ފެށްޓީމާ ރުޚްސާނާ އެކަން ހުއްޓުވައިފިއެވެ. އަތުގައި ހިފަހައްޓައިފިއެވެ. "މަންމާ. މުޅި އުމުރަށް ބޭނުންވާ ފެން އެއްފަހަރާ ބޮއިލާނީތަ؟"
މަންމަ ނުރުހުންވެފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. "މަންޖޭ. ތިޔައީ ޔަޒީދުގެ އާއިލާގެ ކުއްޖެއްތަ؟ ފެންފޮދެއްވެސް ބުޔަ ނުދޭނީތަ؟"
"ނޫނޭ މަންމާ. މަންމަ ބޭރުން އައިސް ގެއަށް ތިޔަ ވަނީ ދެންމެ. އެހެންވީމާ ފެން ބޯން ވާނީ ލަސްލަހުން، ބަލައިގެން. ފުރަތަމަ ނޭވާ ހަށްޓަށް ފައްތައި، ހަމަޖެހިލާ. ވާހަކަދައްކާ. ފެންވެސް ބޮވިދާނެ. އޭނާ ބުނީ ކީކޭތަ؟"
"އޭނާ ބުނީ އަންހެން ކުއްޖާގެ ވަލްދިއްޔަތު ސާފުކޮށް ބަޔާން ކުރެވުނީމާ ކާވެނި ކުރެވޭނެއޭ. މާނައަކީ ކާކުގެ ދަރި ކާކުކަން ސާފުކޮށް އެނގުނީމާ ނިމުނީއޭ. ދަރިފުޅުގެ ވަލްދިއްޔަތު ވަރަށް ރަނގަޅަށް ސާފުކޮށް ހާާމަކުރެވުނު. ބާދްޝާ ޖާނީ ދަރިފުޅާ އިނީ އެ ނަން ގަބޫލުކޮށްގެން ހިތުން ރުހުމުން. ދެން އޮތީ މަކަރުގެ ވާހަކަ. ކާވެނީގެ ކުރިން މަކަރު ހެދި މީހުންގެ މައްސަލަ ބަލަންް ޖެހޭނެ. ބާދްޝާއާ ސުވާލު ކުރަން ވާނެ. ރުޚްސާނާއޭ ނަމަކަށް ކިޔާ އަންހެނަކާ އޭނާ ކުރި ކާވެންޏަށް އިއުތިރާޒު ކުރަންތޯ އޭނާކުރެން އަހަންވާނެ. އިއުތިރާޒު ކުރާ ކަމަށް ވަންޏާ އޭނާއަށް ގާނޫނީ އެހީތެރިކަން ނުވަތަ ދަންނަބޭކަލުންގެ އެހީތެރިކަން ހޯދޭނެ. އެއީ އޭނާއަށް އޮތް ހައްގެއް."
ރުޚްސާނާ ފުރިހަމަ އިތުބާރާއެކު ބުނެލިއެވެ. "އަހަންނާ ދެކޮޅަށް ޖާނީ އެއްވެސް ފިޔަވަޅެއް ނާޅާނެކަން އަހަންނަށް ޔަގީން. އެ އިތުބާރު އެބައޮތް."
"ދަރިފުޅާ. އެ ސޮރުގެ ވާހަކަ ނުދައްކާ. އެއީ ބައިމޮޔައެއް. މައްސަލަ ބެލުމުގެ ގޮތުން ދަންނަބޭކަލުން ބާދްޝާ ޖާނީއާ ސުވާލު ކުރާނެ. އަންހެންކުއްޖާ ބަދަލު ކޮށްފައި ވަނިކޮށް، ފަހުން އެއީ ރަނގަޅު ކުއްޖާ ނޫންކަން އެނގުނީމާ އެކަމާ ވިދިގެން އެއްވެސް ފިޔަވަޅެއް ނާޅައި މިހައި ދުވަސްވީ ކީއްވެގެންތޯ އެމީހުން އަހާނެ. ދެކޮޅު ނުހެދީ ކީއްވެގެންތޯ ސުވާލު ކުރާނެ."
ކުއްލިއަކަށް އިވުނީ ބާދްޝާގެ އަޑެވެ. "ރުޚްސާނާ. މަންމަ ގާތު ބުނޭ މި ރަށުގައި ފެން ވަރަށް ތަދޭ. ފެން ތަށްޓެއް ބޮވެނީ ކިތައް ގަޑިއިރުންތަ؟"
(ނުނިމޭ)
vvv.reethi haadhakurukoh