ފަޅިމޫނު - 59

(25 މާރިޗު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ނޫނޭ. އެއީ ޖާނީއަށް ލިބިފައިވާ ފުރިހަމަ ހައްގެއް."

"އަހަރެން އެހެން މި ބުނީވެސް ހައްގެއް ކަމަށް ބަލައިގެން. ރުޚްސާނާގެ މޫނު ރަނގަޅުވާންދެން އަހަންނަށް ކުރީގެ ފޮޓޯ ދައްކާ. އެކަމަކު ފޮޓޯ އަންދާލި ވާހަކަވެސް ބުނީމެއްނު؟"

"އާނ. އެއް ދުވަހަކު ކާވެނީގެ ވާހަކަ ދައްކާށާއި އަހަރެން ދެކޭން އަންހެނުންތަކެއް އައި. އެމީހުންނަށް އަހަރެންގެ ފޮޓޯ ވަރަށް ކަމުދިޔަ. އެކަމަކު އަހަރެންގެ މޫނު ފެނުނީމާ ވީ ފޫއްސެއްގެ ބޮޑުކަމުން އެނބުރި ހިނގައްޖެ. އެދުވަހު އައި ރުޅީގައި އަހަރެން ހުރިހައި ފޮޓޯއެއް އަންދައިލީ. މިހާރު އެކަމާ ދެރަވޭ. އެ ފޮޓޯތައް ހުރިނަމަ ޖާނީ އެ ފޮޓޯތައް ލޯބިން ގެންގުޅޭނެކަން އެނގޭ. ނޫންތަ؟"

"އާނ. ތިޔައީ ތެދެއް. މިހާރު އަހަރެމެން ވިސްނަންވީ ވީހައިވެސް އަވަހަކަށް ރުޚްސާނާގެ މޫނު ރަނގަޅު ކުރެވޭނޭ ގޮތަކާމެދު."

"ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް މަދުވެގެން ހަތަރު ވަރަކަށް އަހަރު ވާނެ. ފުރަތަމަ ކުރަންވީ ކަމަކީ މި ގޭގައި ކުލިނިކެއް ހުޅުވުން. އާމްދަނީ އިތުރު ވާނޭ ގޮތެއް ހެދުން. ފައިސާ ޖަމާކުރުން."

"އެހެން ވެއްޖެއްޔާ އަވަސްކުރޭ. ލަސްކުރަނީ ކީއްކުރަން؟ ކުލިނިކުގެ ހަތަރު ފާރު ރޭނުމުގެ މަސައްކަތް އަހަރެން މާދަމާ ފަށްޓާނަން. މަޑުމަޑުން މަސައްކަތް ކުރަމުން ގޮސް ނިންމައިލެވިދާނެ. އާމްދަނީ ލިބޭނޭ ގޮތް ހޯދޭނެ. ރަނގަޅެއްނު؟"

ރުޚްސާނާ އަނެއްކާވެސް އޭނާގެ ނިތްކުރީގައި އަތް ޖައްސައިލިއެވެ. "ޖާނީ. ހައްތަހާ ހުން ގަދަ ވަނީ. މަންމަ އިސާހިތަކު ބޭސް ހިފައިގެން އަތުވެދާނެ. ވާހަކަ ނުދައްކައި ލޯ މަރައިލައިގެން އޮވޭ."

ބާދްޝާ ލޯތްބާއެކު ރުޚްސާނާގެ މޫނަށް ބަލައިލިއެވެ. "ރުޚްސާނާއާ ދުރަށް ދާކަށް އަހަރެން ބޭނުމެއް ނޫން. ލޯ މަރައިލައިގެން ރުޚްސާނާ ނުފެންނަ ގޮތް ހަދާކަށްވެސް ބޭނުމެއް ނޫން. ތިޔައީ ވަރަށް ރަނގަޅު، ހެޔޮ އަނތްބެއް. ރުޚްސާނާ ވާހަކަ ދައްކާން ފެށްޓީމާ މުޅި ދުނިޔޭގެ މަތީން ހަނދާން ނެތިގެން ހިނގައިދޭ."

ރުޚްސާނާ އުފަލުން ފޮޅިއްޖެއެވެ. އޭނާއަށް ހީކުރެވުނު ގޮތުގައި މުޅި ދުނިޔޭގެ މަތީން ހަނދާން ނައްތައިލުމުގެ މާނައަކީ ފަރުޒާނާގެ މަތީންވެސް ހަނދާން ނައްތައިލުމެވެ. "ޖާނީ. ދިމާވާ ގޮތަކުން އަހަންނާ ވަކިވެ، އެހެން މީހަކާ އެކީގައި ދިރިއުޅޭން ތަގުދީރުން ނިންމަވައިފިއްޔާ ޖާނީ ހަދާނީ ކިހިނެއް؟"

"ތިޔަ ކަހަލަ ވިޔާނުދާ ވާހަކަ ދައްކަނީ ކީއްކުރަން؟ ތަގުދީރުން އެހެން ނިންމަވަންވީ ކީއްވެގެން؟ އަހަރެމެން ދެމީހުން ގުޅުވީވެސް ތަގުދީރުންނެއްނު؟"

"ނޫނޭ ޖާނީ. ޖާނީއަކީ ކާރު ދުއްވާ މީހެއް. އެހެންވީމާ ވަކި މަގަކުން ދިޔައީމާ ދެވޭނީ ކޮން ތަނަކަށްކަން އެނގޭނެ. ކިތަންމެ ދުރަކަށް ގޮސްފައިވެސް ތިމާގެ ޖަގަހައަށް އެނބުރި އަންނާންވެސް އެނގޭނެ. ނޫންތަ؟"

"އާނ. އެނގޭނެ."

"ތަގުދީރުން ބައެއް ފަހަރު އަހަރެމެން ހެއްވާނެ. އަނެއްބައި ފަހަރު ރޮއްވާނެ. އަހަރެމެން ދެމީހުން ގުޅުވީ ތަގުދީރުން. ހަމަ އެ ތަގުދީރުން އަހަރެމެން ދެ މީހުން ވަކި ކުރުވައިފިއްޔާ ހަދާނީ ކިހިނެއް؟"

ބާދްޝާ ކުޑައިރުކޮޅަކު ވިސްނައިލުމަށް ފަހު ބުންޏެވެ. "އަހަރެމެން ދެމީހުން ވަކި ވެދާނޭ ކަމަށް ރުޚްސާނާގެ ސިކުނޑިއަށް ވަދެގެން އުޅެނީ ކީއްވެގެން ކަމެއް އަހަންނަކަށް ނޭނގޭ. އެކަމަކު އަހަރެން ވާހަކައެއް ބުނަންތަ؟ ތަގުދީރު ކީއްކުރަން... ޚުދު ފަރުޒާނާ އައިސް ރުޚްސާނާ ދޫކޮށްލާށޭ ބުންޏަސް އަހަރެން އެކަމެއް ނުކުރާނަން. ﷲ ގަންދީ ހުވާ ކޮށްފައި މި ބުނަނީ ރުޚްސާނާ ދޫކޮށެއް ނުލާނަން."

ރުޚްސާނާ ވީ އުފަލެއްގެ ބޮޑުކަމުން ބާދްޝާގެ ގައިގައި އޮޅުލައިގެންފައި ރޯން ފަށައިފިއެވެ.

އެއީ ވިސްނައިލާން ޖެހޭ ކަހަލަ ވާހަކައެކެވެ. އެކަމަކު ވީ އުފަލެއްގެ ބޮޑުކަމުން ރުޚްސާނާއަކަށް ވިސްނައެއް ނުގަނެވުނެވެ. ބާދްޝާ ބުނީ ފަރުޒާނާ ބުނި ކަމުގައި ވިޔަސް ރުޚްސާނާ ދޫކޮށްނުލާނޭ ވާހަކައެވެ. ހުވާކުރީވެސް އެހެން ނުހަދާނޭ ކަމަށެވެ. އެކަމަކު ރުޚްސާނާ ބުނެފިއްޔާ ފަރުޒާނާ ދޫކޮށްލާނޭ ކަމަކަށް ފަހަރެއްގައިވެސް ނުބުނެއެވެ.

އެ ވަރުގެ ވާހަކައަކުންވެސް ރުޚްސާނާގެ ހިތްހަމަ ޖެހިދެއެވެ. މިއަދުވެސް ވީ އެހެންނެވެ. މުޅީން ހިތްހަމަ ޖެހިއްޖެއެވެ.

ފަތިހު ނަމާދަށް ތެދުވެގެން ބެލިއިރުވެސް ބާދްޝާގެ ހުން މަޑެއް ނުވެއެވެ. އެކަމަކު ރޭ އޮތީ ބޭސް ދީފައެވެ. އެހެންވީމާ ނަމާދުން އަވަދިވެގެން ރުޚްސާނާ ދުޢާ ކުރިއެވެ. އޭނާގެ ފިރިމީހާގެ ބަލި ފަސޭހަކޮށް ދެއްވާތޯ ﷲ ގެ ޙަޟުރަތުގައި ދެންނެވިއެވެ.

ދުޢާކޮށް ނިމިގެން ނުކުތްއިރު މަންމަ އިނީ ނިޒާމް އާބާދުގައި ހުންނަ ގެއަށް ދާން ތައްޔާރު ވެގެންނެވެ. އިންޖިނޭރުބޭބެ ބުނެފައި އޮތީ ނިޒާމާ އާބާދުގެ ގެއަށް ގޮސް މަންމަ ގޮވައިގެން ދަންނަބޭކަލެއްގެ ގާތަށް ދާނޭ ވާހަކައެވެ.

މަންމަ ދާން އުޅުނީމާ އޭނާގެ ހިތަށް ބާވަތެއްގެ އުނދަގުލެއް ވާން ފަށައިފިއެވެ. ހިތަށް އެރިއެވެ. މަންމަ އެ ދަނީ އަހަރެންގެ ކަށްވަޅު ކޮންނާށެވެ. މަޔަކަށް އެ މައިމީހާގެ ދަރިފުޅުގެ ކަށްވަޅު ކޮންނާން މަޖުބޫރު ކުރުވި މީހަކީ އިންޖިނޭރުބޭބެއެވެ.

ރޭ ބާދްޝާ ދެއްކި ވާހަކައިން ހިތަށް ހަމަޖެހުމެއް ލިބުނީތީ އޭނާ ހައިރާންވިއެވެ. މިހާރު ވިސްނައިލީމާ ހިތަށް އެރިއެވެ. އަހަންނާ ވަކިވުމަކީ ހަމައެކަނި ބާދްޝާގެ އިޚްތިޔާރުގައި އޮތް ކަމެއް ނޫނެވެ. ބާދްޝާއަކީ ގޮތް ދޫނުކުރާ މީހެކެވެ. އެހެންވީމާ ތަގުދީރުގެ ނިންމުމާ ދެކޮޅު ހަދައިފާނެއެވެ. ފަރުޒާނާގެ އެދުމަކާވެސް ދެކޮޅު ހަދައިފާނެއެވެ. އެކަމަކު ދީނީ ފަތުވާއަކާ އޭނާ ދެކޮޅު ހަދާނީ ކިހިނެއް ހެއްޔެވެ؟ ދީނީ ފަތުވާއެއްގެ ކުރިމަތީގައި ބާދްޝާގެ ގޮތް ދޫނުކުރުމަކަށް ހިފަހައްޓައެއް ނުލެވޭނެއެވެ. ރުޚްސާނާގެ ކަރުނައަކުން ކުރާނޭ އަސަރެއް ނޯންނާނެއެވެ. އަދި އެ ދެމަފިރިންގެ ދަރިފުޅުގެ މައުސޫމުކަމަކުންވެސް ކުރާނޭ ފައިދާއެއް ނޯންނާނެއެވެ. ދީނަކީ ދީނެވެ. ގާނޫނަކީ ގާނޫނެވެ. ދީނީ ހުކުމްތަކަށް އަމަލު ކުރުމަކީ ލާޒިމު ކަމެކެވެ. ނުބައި ކަމެއް ވާނީ ނުބައި ކަމަކަށެވެ. ފާފައެއް ވާނީ ފާފައަކަށެވެ. ފާފައެއް ހެޔޮ ކަމެއް ކަމުގައި ހަދާކަށް އެއްވެސް މީހަކަށް ކުރެވޭނޭ ކަމެއް ނޯންނާނެއެވެ.

ވިސްނަމުން ގޮސް އޭނާ ވަރުބަލި ވެއްޖެއެވެ. އިރުއިރުކޮޅާ ބޭރަށް ނަޒަރު ހިންގެއެވެ. ދީނީ ފަތުވާއާއިގެން މަންމަ އަންނާނީ ކޮން އިރަކު ބާވައޭ ހިތަށް އަރައެވެ. އެއް ފަހަރު އޭނާ އުޅެނީ ބާދްޝާއަށް ހޭހަން ކުރުމުގައެވެ. އަނެއް ފަހަރު އުޅެނީ ދަރިފުޅު އުރައިގެން ހުރެ ދުޢާ ކުރުމުގައެވެ. ހިތަކަށް ގަރާރުކަމެއް ނުލިބެއެވެ. އެއް ފަހަރު މަކަރު ހަދާފައި އޭގެ ފަހުން ތާއުމުރު ހެޔޮ ގޮތުގައި ދިރިއުޅުނު ކަމުގައި ވިޔަސް ހިތަކަށް ލިބޭނޭ ހަމަޖެހުމެއް ނޯންނާނެއެވެ. އެ މަކަރުވެރިކަމުގެ ހިޔަނި މުޅި ދިރިއުޅުމަށް އޮންނަނީ އެޅިފައެވެ. ދިރިއުޅުމުގެ ކޮންމެވެސް މަރުހަލާއެއްގައި ކުރިމައްޗަށް އައިސް ހުއްޓިދެއެވެ.

މެންދުރު ވެއްޖެއެވެ. މަންމައެއް ނާދެއެވެ. ބާދްޝާއަށް ކާންދީ ނިމިގެން ބޭސް ދީފައި ބުންޏެވެ. "އިރު އޮއްސެން ވާއިރަށް ހުން ވިހެނުލައިފިއްޔާ ގެއަށް ޑަކްޓަރަކު ގެންނާނީ."

ބާދްޝާ ބުންޏެވެ. "ކީއްކުރަން ގެންނަ ޑަކްޓަރެއް؟ ގޭގައި ޑަކްޓަރަކު އެބައިނެއްނު؟ އަހަރެންގެ ހާލު ރަނގަޅޭ. އިރުއޮއްސޭއިރު އުނދަގުލެއް ހުރިއްޔާ އަހަރެން ކާރުގައި ޑަކްޓަރަކަށް ދައްކާން ހިނގައިދާނަން."

"ތިޔަ ހާލުގައި ހުރެގެން ކާރު ދުއްވޭނެތަ؟"

"އާނ. ދުއްވޭނެ. ދޮރުފަތުގެ ބިއްލޫރިގަނޑު މައްޗަށް ނަގާފައި ބެހެއްޓީމާ އެތެރެއަށް ވައެއް ނުވަންނާނެ. ރުޚްސާނާ ކައިރީގައި ހުރިއްޔާ ހުރިހައި ބައްޔަކުން ފަސޭހަ ވެދާނެ. އެކަމާ އެވަރަށް ނުވިސްނާ."

ބާދްޝާގެ ވާހަކަ އިވުނީމާ ރުޚްސާނާއަށް ވަނީ ވަރަށް އާދަޔާ ޚިލާފު ގޮތެކެވެ. ކޮންމެ ފަހަރަކުވެސް ހީވަނީ ވެއްޓެން އުޅެފައިމެ ނުވެއްޓި ސަލާމަތް ވެވޭ ހެންނެވެ. އޭނާ ހިނިތުންވެލިއެވެ. "ޖާނީ. އަހަރެން ބުނާ ގޮތެއް ހަދާން ވައުދުވެދާނަންތަ؟"

"އެންމެ ވައުދެއްތަ؟ އެއްހާސް ވައުދުވެސް ވެދާނަން. ރުޚްސާނާއާއި އަހަރެމެންގެ ދަރިފުޅުގެ ހެވަށްޓަކައި ކޮންމެފަދަ ވައުދެއްވެސް އަހަރެން ވެދާނަން."

"އަހަރެން ބޭނުންވާ ވައުދަކީވެސް އަހަންނާއި ދަރިފުޅުގެ ހެވަށްޓަކައި ބޭނުންވާ ވައުދެއް."

"ބުނޭ. ކޮން ވައުދެއް؟"

"ޖާނީ. އަހަރެން މި ހުންނަނީ ވަރަށް ބޮޑަށް ހިތްބިރުގެންފައި. ނުފެންނަ ކޮންމެވެސް ބާރަކުން އަހަރެމެން ދެމީހުން ވަކިކޮށްލާން އުޅެނީއޭ ހިތަށް އަރާފައި ވަރަށް ބޮޑަށް އެބަ ބިރުގަނޭ."

"ތިޔައީ ވަހުމެއް ރުޚްސާނާ. އިއްޔެއެއްސުރެ ދައްކަނީ ތިޔަ ކަހަލަ ވާހަކަ. ބިރުން ތިޔަ އުޅެނީ ކޮންކަމަކާ؟"

"ބިރުގެ ވާހަކަ އިހަށް ބާއްވާ. އަހަރެންގެ ވާހަކަ އަޑު އަހާފައި ވައުދުވޭ. އަހަރެން ބޭނުން ވަނީ ދިމާވާ ގޮތަކުން ދެމީހުން ވަކިވާން ޖެހުނަސް ބާދްޝާ މީހަކާ ނީނދެ މަދުވެގެން ފަސް އަހަރު ދުވަސް ވާންދެން ހުރުން. އެހެން އެއްވެސް މީހަކާ އިނދެގެން ނުވާނެ. އަހަރެން ބޭނުންވާ ވައުދަކީ އެއީ."

"ސާފުކޮށް ބުނޭ. ތިޔަ ބުނަން އުޅެނީ ދެމީހުން ވަކި ވިޔަސް ފަރުޒާނާއާ އިނދެގެން ނުވާނެއޭ ދޯ؟"

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.