އަހަރެން ބުނެފީމެވެ.
ބަޖެޓުގައި ޖަހާ ކަންކަން ނުވެދަނީ ކީއްވެގެން ހެއްޔެވެ؟
ޚަރަދު ކުޑަ ކުރުމުގެ ވާހަކަ ދެއްކިޔަސް ބަޖެޓުން ކުރަން ބޭނުންވާ ކޮންމެ ޚަރަދެއް ކުރެއެވެ.
އެހެންވީމާ ފާސްކުރާ ދުވަހު ޖަހާފައި ހުންނަ ކަންކަމަށް މާ ބޮޑު ސަމާލުކަމެއް ދޭން ވާނެއެއް ނޫން ހެއްޔެވެ؟
މެންބަރު ބުންޏެވެ.
ކަންކަން ނުވަނީ ކޯވިޑާ ހެދިއެވެ.
ކޯވިޑަކީ މުޅި ދުނިޔެއަށް ކުރިމަތިވީ އިގުތިސާދީ ވަބާއެކެވެ.
އެހެންވީމާ ކަންތައް ނުކުރެވި ދަނީއެވެ.
އަހަރެން އަހައިފީމެވެ.
ބަޖެޓު ހަދައި އޭގައި ކަންކަން ލިޔާއިރުވެސް ކޯވިޑް އޮވެއެއް ނޫން ހެއްޔެވެ؟
އެހެންވީމާ ނުވާނޭ ކަންތައްތައް ނުލިޔަންވީއެއް ނޫން ހެއްޔެވެ؟
މެންބަރު ބުންޏެވެ.
މި ސަރުކާރު އައީ ރައްޔިތުންނަށް ޚިދުމަތް ކުރާށެވެ.
އެހެންވީމާ ކަންތައްތައް ކުރެވޭތޯ ބަލަން ވާނެއެވެ.
ބަޖެޓުގައި ޖަހަނީ ކުރެވޭނޭ ކަމުގެ އުއްމީދުގައެވެ.
ދިރާސާކޮށް ބަލައި ހެދުމަށް ފަހުގައެވެ.
އަހަރެން ބުނެފީމެވެ.
އިގުތިސާދީ ކަންތައްތައް ދިރާސާކުރާ ވާހަކަ އަހަރެންވެސް އަހަމެވެ.
މެންބަރުންވެސް ދިރާސާ ކުރެޔޯލައެވެ.
ސަރުކާރުންވެސް ދިރާސާ ކުރަނީއެވެ.
ހުރިހައި ޕްރޮޖެކްޓެއް ރާވަނީ ދިރާސާ ކޮށްގެންނެވެ.
ދިރާސާ ކުރަނީ ޚަރަދު ކޮށްގެންނެވެ.
އެހެންވީމާ އެންމެން ވެގެން އަހަރެން ބުނާ ދިރާސާއެއް ނިކަން ކޮށްލަބަލާށެވެ.
އެޔަށް ފަހު އެ ދިރާސާގެ ނަތީޖާ ރައްޔިތުންނަށް އަންގައިދޭށެވެ.
މެންބަރު އަހައިފިއެވެ.
ކޮން ދިރާސާއެއް ހެއްޔެވެ؟
އަހަރެން ބުނީމެވެ.
ކޯވިޑްގެ ވަބާއިން ސަލާމަތްވެ ބަޖެޓުގައި ޖަހާ ކަންކަން ޖަހާ ގޮތަށް ބަހަނާ ނުދައްކައި ކުރެވޭނޭ ދުވަހެއްގެ ދިރާސާއެވެ.