މަޅުމަތި: ސަލާމަތް ވާނީ ވަކީލުކޮށްގެން ދުއާ ކުރީމާ

ކޮރޯނާ ވައިރަސް އަރައިފައިވާ ދެ މީހަކު ފެނިއްޖެއެވެ.
އެ ދެ މީހުން މިހާރު ވަކި ތަނަކަށް ގެންގޮސް ފަރުވާ ދެނީއެވެ.
ސަރުކާރުން ބުނާ ގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅީމާ މި ބަލި ނުޖެހި ސަލާމަތް ވާނެއެވެ.
ގިނަގިނައިން އަތް ދޮންނާންވީއެވެ.
ކޮންމެހެން ކުރާން ޖެހޭ ދަތުރުތައް ނޫން ދަތުރެއް ނުކުރާންވީއެވެ.
މީހުން ގިނަ ތަންތަނަށް ގޮސް ނޫޅެންވީއެވެ.

މާޖިދު ބުންޏެވެ.
ތިޔައީ ބޭކާރު ވާހަކައެވެ.
ބަލި ޖައްސަވަނީ ﷲ އެވެ.
ﷲ އަށް ވަކީލުކޮށްގެން ހުރެ ދުޢާ ކުރީމާ ނިމުނީއެވެ.
ބައްޔެއް ނުޖެހޭނެއެވެ.
އަހަރެން މިހިރީ ﷲ އަށް ވަކީލު ކޮށްގެންނެވެ.

މާޖިދު ބޭރަށް ނުކުމެއްޖެއެވެ.
ދެތިން ފިޔަވަޅު އެޅުނުތަނާ މީހަކު ދިއްކޮށްލީ ސެނިޓައިޒަރ ފުޅިއެކެވެ.
މާޖިދު ބުންޏެވެ.
ބޭނުމެއް ނޫނެވެ.
އަހަރެން މިހިރީ ﷲ އަށް ވަކީލު ކޮށްގެންނެވެ.

މާޖިދު ދިޔައީ މުޒާހަރާއަކަށެވެ.
އެތަނުން މީހަކު އޭނާއަށް މާސްކެއް ދިނެވެ.
އަވަހަށް މި އަޅާށެވެ.
މިތާނގައި ކެއްސާ މީހުން އެބައުޅެއެވެ.
ރޯގާ ޖެހިފައި ތިބި މީހުން އެބަތިއްބެވެ.
މާޖިދު ބުންޏެވެ.
ބޭނުމެއް ނޫނެވެ.
އަހަރެން މިހިރީ ﷲ އަށް ވަކީލު ކޮށްގެންނެވެ.

ދެން ދިޔައީ ވައިގެބަނދަރަށެވެ.
ބޭރަށް ފުރާށެވެ.
އެތަނުން ދިމާވީ މީހަކު ބުންޏެވެ.
ބޭބެއަށް ތިޔަހަރީ ރޯގާ ޖެހިފައެއް ނޫން ހެއްޔެވެ؟
އަވަހަށް ޑަކްޓަރަކަށް ދައްކާށެވެ.
ނޫނީ އެޗްޕީއޭއަށް ގުޅާާށެވެ.
މާޖިދު ބުންޏެވެ.
ބޭނުމެއް ނޫނެވެ.
އަހަރެން މިހިރީ ﷲ އަށް ވަކީލު ކޮށްގެންނެވެ.

އޭނާ ފުރައިގެން ދިޔައީ އިޓަލީއަށެވެ.
ވައިގެ ބަނދަރުން އޭނާ ގެންދިޔައީ އެކަހެރި ތަނަކަށެވެ.
ނިވައިވެގެން ތިބި ޑަކްޓަރުން ފަރުވާ ދޭން ފަށައިފިއެވެ.
އޭނާ ހާސް ވަނީއެވެ.
ކެއްސަނީއެވެ.
ގިފިއްޔަށް ދެވެނީއެވެ.

އެހެން އޮވެގެން ޝަކުވާ ކުރަނީއެވެ.
އަހަރެން މިއީ ދީނުގައި އޮތް ގޮތަށް އުޅުނު މީހަކީމެވެ.
ﷲ އަށް ވަކީލުކޮށްގެން ދުޢާ ކުރީމެވެ.
އެކަމަކު އަހަރެން ސަލާމަތެއް ނުކުރެއްވިއެވެ.

ގޮވައިލެވޭތީ އޭނާއަށް އިވުނެވެ.
ބަލަ ކަލޭ ﷲ އަށް ވަކީލުކޮށް ދުޢާ ކުރީތީ ކަލޭ ދިޔަ ކޮންމެ ތަނަކުން ސަލާމަތް ވާނޭ މަގު ދެއްކެވިއެވެ.
ކަލޭ އެއިން އެއްވެސް މަގެއް ޚިޔާރެއް ނުކުރިއެވެ.
ސަލާމަތް ކުރައްވަނީ ވަކީލުކޮށް ދުޢާ ކުރުމާއެކު ދައްކަވާ މަގުން ހިނގާ މީހާއެވެ.

1 ޚިޔާލު

  1. ޢައްސަރިބަހާއި ސާބަސް!ވަރަށް ގަޔާވާ އަދި ހާލަތާ ވަރަށް ގުޅޭ ލިޔުމެއް. ކައިރި މުސްތަޤްބަލެއްގައި އިތުރު ލިޔުމެއް ފެންނާނެ ކަމަށް އުންމީދު ކުރަން

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.