މަޅުމަތި: ހައްހައްހާ!

ގްރޭޑް 5 ގެ ދިވެހި ފިލާވަޅުގެ ސުވާލެކެވެ.
ދަރިވަރަށް ޖެހެނީ ދިވެހި އަދީބަކާ ބެހޭ ގޮތުން ކުރު މައުލޫމާތުކޮޅެއް ފުރިހަމަ ކުރާށެވެ.
އަދީބުގެ ނަން ޖަހަން އޮތް ތާނގައި ދަރިވަރު ލިޔުނެވެ.
"އަދީބު"
އަދީބުގެ އުފަން ދުވަސް ޖަހަން އޮތް ތާނގައި ދަރިވަރު ލިޔުނެވެ.
"ނޭނގޭ"
އަދީބު މަޝްހޫރު ވެފައިވާ ދާއިރާ ޖަހަން އޮތް ތާނގައި ދަރިވަރު ލިޔުނެވެ.
"ވައްކަން ކުރުން"

* * *

ދަރިވަރުގެ ޖަވާބުގެ ކަރުދާސް ނުވަތަ ފޮތުގެ އެ ގަނޑުގެ ފޮޓޯ ނަގައިގެން މީސްމީޑިއާގައި ދައުރު ކުރާން ފަށައިފިއެވެ.
އެކި މީހުން އެކި ކަހަލަ ޚިޔާލު ފައުޅު ކުރާން ފަށައިފިއެވެ.
ގިނަ ބަޔަކަށް ވަރަށް މަޖާ ކަމަކަށް ވެއްޖެއެވެ.
އެކަކު ލިޔުނެވެ.
"އެ ކުދިންވެސް މިހާރު ހަގީގަތް ދަނެއެވެ."
އަނެކަކު ލިޔުނެވެ.
"ސާބަހެވެ."
އަނެކަކު ލިޔުނެވެ.
"ހައްހައްހާ..."

* * *

މީސްމީޑިއާގެ ޚިޔާލުތައް ކިޔަން އިން އިރު މާޖިދުގެ މޫނުމަތީން ފެންނަނީ ހިތާމައިގެ އަސަރެވެ.
ހިނިތުންވުމެއް ނެތެވެ.
އަހަރެން ސުވާލު ކުރީމެވެ.
"ބަލަ ކަލެއަށް ވެފައި ތިޔަހަރީ ކިޔެއް ހެއްޔެވެ؟"
މާޖިދު ބުންޏެވެ.
"މިއީ މަޖާ ކަމެއް ނޫނެވެ.
މިއީ އަހަރެމެންގެ ދަރިންގެ މިސްރާބު އޮޅެމުންދާ ކަމުގެ ސާފު ހެއްކެކެވެ.
ކުރިމަގު ބަނަވަމުންދާ ކަމުގެ ނިޝާނެކެވެ.
ސަމާލު ނުވެއްޖެ ނަމަ ހުރީ ގެއްލުމެވެ.
މިއީ ހައްހައްހާ ކަމެއް ނޫނެވެ.
މިއީ އަޑުންއަޑު ނަގައި ރޯން ޖެހޭ ކަމެކެވެ."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.