ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ތިލަދުންމަތީ އުތުރުބުރީ އުތީމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުތީމަށް ކުރެއްވި މި ޒިޔާރަތުގައި ޤައުމީ ދުވަހާ ގުޅޭ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަންނަވާފައިވެއެވެ. މިގޮތުން، ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި ހުޅުއްވައިދެއްވުމާއި، "ވާހަކަ ވައު" ހުޅުއްވައިދެއްވުމުގެ އިތުރުން ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފައިވެއެވެ. މީގެ އިތުރުން، މި ދަތުރުގައި ރައީސުލްޖުމްހޫރިއްޔާ، އުތީމު ކައުންސިލާއި، އ.ތ.މ ކޮމިޓީގެ މެންބަރުންނާއި މުއައްސަސާތަކުގެ އިސްވެރިން އަދި ދަރިވަރުންނާ ބައްދަލު ކުރައްވައިފައިވެއެވެ.
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ޝަރަފާއި އިނާމު ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ މަތީ ފަންތީގެ ވަފުދެއް، މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
